15 އަހަރު ފާއިތުވިއިރު، އަޑިގަނޑާއި އުސްގަނޑުތައް ކަޑައްތުކުރެވުނެވެ.
ލިޔާ ކޮންމެ ލިޔުމަކީ، ކިޔާ ކޮންމެ
މީހަކަށް އެންމެގަޔާވާ، ލިޔުމަކަށް ނުވެދާނެއެވެ. އަދި މަޢުލޫލާތު އޭގެ އެންމެ
ފުރިހަމަ ގޮތުގައި ހުރި ލިޔުމަކަށްވެސް ނުވެހިނގައިދާނެއެވެ. އެހެނަސް، އެއްކަމެއް
ކުރެވޭތޯބޭލީމެވެ. ކޮންމެ ލިޔުމެއްގައިވެސް ހުށަހަޅާލެވޭތޯބެލީ އެކަމެއްގަ އަޅުގަނޑަށް ފެންނަގޮތެވެ. ޤަބޫލުކުރެވޭ އުސޫލެވެ. އާދެ، އަބަދުވެސް ޤަލަން
ދަތުރުކުރަނީ އިންސާފަށް ލޯބިކުރާ ހާލުގައިތޯ ހިއްވަރުކުރީމެވެ. މިމަސައްކަތް
ފެށިއިރު، ރާއްޖޭގައިވެސް ބްލޮގަރުން ގިނައެވެ. އަދި އެއީ އޭރުގެ ޓްރެންޑެއްމެވެ.
މިއަދު ފެޝަން ބަދަލުވެ، ބްލޮގަރުން ކިތައްމެ މަދަސް، ދޭތެރެއަކުން، މި
ކޮށާރަށްވަދެ، ކޮންމެވެސް ހާސަރެއް އަމުނާލަނީ، ދެބޭނުމެއްގައެވެ. 15 ވަރަކަށް
އަހަރު ލިޔެވުނު 140 ވަރަކަށް ލިޔުންކޮޅު ގެއްލެން ބޭނުންނުވާތީއެވެ. އަނެއް
ސަބަބަކީ، ޤަބޫލުކުރެވޭ ހަމަތަކާއި އެއްގޮތަށް، އަޅުގަނޑު ކަންތަކާއި މެދު ދެކޭގޮތް
ހިއްސާކޮށްލަން އަދިވެސް ބޮލޮގް ކަމުދާތީއެވެ.
ފާއިތުވި ތަނުގައި ލިޔެލެވުނު ލިޔުންތަކުން އެންމެ ގިނަ ބަޔަކު އެންމެކުޑަ ވަގުތުކޮޅެއްގައި ކިޔާފައިވަނީ، ޖޫން 2019 ގައި ސްޕެސިފިޓީ ރޫލް ގެ ނަމުގައި ލިޔެލި ލިޔުމެކެވެ. އެލިޔުންކޮޅު 3900 އެއްހާ ފަހަރު ކިޔާފައިވާއިރު 2377 ފަހަރު ކިޔައިގެން ދެން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރީ، އައްޑޫ ގެ ތައުލީމާބެހޭގޮތުން ކެޗްމަންޓް އޭރިއާގެ ނަމުގައި ލިޔުނު ލިޔުމަށެވެ.
ހަމަ އެކަނި މޮޅު ވާހަކަ އެއްނޫނެވެ. ކިޔާލަން އެންމެ ކަމުނުދިޔަ ކަމަށް ފެންނަނީ ޕާޓީ ސިސްޓަމްތޯ ޒާތީ ސިސްޓަމްތޯ ކުރި ސުވާލެވެ. ކިޔާލީ ޖުމްލަ 91 މީހުންނެވެ. ތެދުތެދަށް ދަންނަވާނަމަ، ލިޔުމެއް ލިޔެ ނިމުމަށްފަހުވެސް، އެއާއިމެދު ހިތްހަމަނުޖެހޭނަމަ ޝާއިޢު ނުކޮށް ދޫކޮށްލާފަހަރު ގިނައެވެ. އެހެންކަމުން ޕަބްލިޝްކުރި ކޮންމެ ލިޔުމަކީ އެއާއިމެދު ހިތްހަމަ ޖެހޭ ލިޔުމެކޭ ދެންނެވިދާނެއެވެ. އޭގެ ތެރެއިންވެސް އެންމެ ހިތްހަމަ ޖެހުނު ލިޔުމަކީ، 2020 ވަނަ އަަހަރުގެ މިނިވަންދުވަހާއި ގުޅިގެން ލިޔުނު، މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި 21 ވަނަ ގަރުނުގެ ގޮންޖެހުންތައް، މި ލިޔުމެވެ.
ފުރަތަމަ ބްލޮގް ކުރަން ފެށީ އިނގިރޭސިން
ކަމަށްވިޔަސް، އޭރުވެސް ދިވެހިން އެކަން ކުރެވޭނެގޮތެއް ވޭތޯ މަސައްކަތް ކުރީމެވެ.
އޭރު އެކަމުގައި އިރުޝާދުދިން ބްލޮގަރ އަދި މިހާރު އަޅުގަނޑުމެންނާއި ވަކިވެފައިވާ
ރިލްވާންގެ ހަނދާންއާވެއެވެ. މާތް ﷲ ރިލުވާންގެ ފާފަ ފުއްސަވައި ރަޙުމަތް ލައްވާށިއެވެ.
މިއަދު ބްލޮގުގައި ފަސޭހައިން ތާނަ ބޭނުންކުރެވޭތީ ބޮޑަށް ވިސްނުން ހުރީ ދެން ދިވެހިން ލިޔުންތައް ގެންސްދިނުމަށެވެ. އިންޝާﷲ އަދިވެސް ދޭތެރެ ދޭތެރެއިން މި ކޮށާރަށްވަދެ، ކޮންމެވެސް ހާސަރުތަކެއް އަމުނާލެވޭތޯ ބަލާނަމެވެ.
ފެށުނީއްސުރެ ގެންގުޅު އިނގިރޭސި ސްލޯގަން އެގޮތުގައި ގެންގުޅެން ކަމަށެވެ.
We show the facts. You know the rest
އަޅުގަނޑުގެ ލިޔުން ކިޔާލުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރުވެރިވަމެވެ. އުއްމީދަކީ، މި ބްލޮގްއަކީ، ކޮންމެވެސް ބަޔަކަށް، ކިޔާލަން ކަމުދާނެ ލިޔުންތަކެއް ގެނެސްދެވުނު، އަދި ގެނެސްދެވޭނެ ބްލޮގަކަށް ވުމެވެ.