މިނިވަންވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި 21 ވަނަ ގަރުނުގެ ގޮންޖެހުންތައް



ދިވެހި ރާއްޖޭގެ މިނިވަންކަމަށް 55 އަހަރުފުރޭ އުފާވެރި މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހާނީ އަރިސްކުރަނީ އުފަލާއެކެއެވެ. 
ދިވެހި ތާރީޚްގެ ސަފުޙާތައް ނިއުޅާލާއިރު، މިދީބުގެ މިނިވަންކަން ނެތިދިޔަ އެތަކެއް ހިތި ހަނދާންތަކެއްވެއެވެ. ހަމައެހެންމެ، ދިވެހިބިމަށް އުފަން ދިވެހި އެތަކެއްދަރިން ޖާނާއި މާލާއި ފުރާނައިން ޤުރުބާންވެ، މިފަޚުރުވެރި ވަޠަނުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު، އެއިން ކޮންމެ ފަހަރަކުމެ އަލުން ހޯއްދަވައިދެއްވި ކަމީ، މޭމަތީ އަތްޖަހާލާ، ފަޚުރުވެރިވެވޭ ފަދަ ތާރީޚީ، ހަޤީގަތެކެވެ. 


މިއަދު އަޅުގަނޑުމެންނަށް، މިނިވަން ދުވަހުގައި، މިވަޠަނަށް ކޮށްދެވޭނެ އެންމެ މުހިއްމު އެއްކަމަކީ، މިނަވަންކަމާއި މެދު ވިސްނާ ފިކުރުކުރުމެވެ. އަންނާންއޮތް ޖީލުތަކަށް މި އަގުހުރި އަމާނާތުގެ ވާހަކަ ކިޔައިދީ، އެދަރެސްތައް ކުދިންނަށް ދިނުމެވެ. އެހެން ކަމުން މިއަދު އަޅުގަނޑު ބަލާލާހިތް އޮތީ، 21 ވަނަ ޤަރުނުގައި މިނިވަންކަމާއި އިސްތިޤްލާލަށް އޮތް ބައެއް ގޮންޖެހުންތަކަށެވެ. މިފަދަ ވަގުތަކީ އެކަންކަމާއި މެދު ވިސްނާ ފިކުރުކުރަން އެންމެ މުނާސަބު ވަގުތަށް ވީތިއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯއީސީޑީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ޑޮނަލްޑް ޖޯންސްޓަން ވިދާޅުވެފައިވެއެވެ. "21 ވަނަ ޤަރުނުގެ ތަފާތު އަދި ދަތިކަންގިނަ ގޮންޖެހުންތަކަށް ތައްޔާރުވެ ރައްކާތެރިވެތިބުމަކީ، ޤައުމުތަކުގެ ސަރުކާރުތަކާއި ޢާންމު ފަރުދުންނަށް އެންމެ އުނދަގޫ އެއްކަމެވެ. އެހެނަސް އެއީ ކޮންމެހެންވެސް އަވަހަށް ވާންޖެހޭ ތައްޔާރީއެކެވެ." 

މިގޮތުން އަޅުގަނޑަށް ފާހަގަކޮށްލެވޭ ބައެއް ގޮންޖެހުންތަކަށް އަލި އަޅުވާލާނަމެވެ. 

1- ކާބޯތަކެތީގެ ރައްކާތެރިކަން
 ޤައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން އޮތްކަމަށް ބެލެވެނީ މައިގަނޑު 3 ބަހާއެއް ފުރިހަމަވުމުންނެވެ. އެއީ އެކަށޭނެ ރަނގަޅު ކާބޯތަކެތި ޤައުމުގައި އުފެއްދުމާއި، އެ އުފެއްދުން ތެރިކަން ދެމެހެއްޓެނިވި ގޮތަށް ކުރިއަށް ގެންދެވޭ މިންވަރާއި ޤައުމުގައި އުފައްދާ ކާބޯތަކެތި އެ އެންމެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ޤާބިލުކަމަށެވެ. މިކަމަކީ، ޤައުމީ ފެންވަރުގައި ހިންގަންޖެހޭ ކަމެކެވެ. ކޯވިޑް19 އާއި އެކު މިވާހަކަތައް ދެކެވެން ފެށިނަމަވެސް މިއަދު ހަނދާން ނެތިއްޖެއޭ ހީވެއެވެ. ގްލޯބަލް ހާރވެސްޓް އިނީޝިއޭޓިވް ގެ 2019 ވަނަ އަހަރުގެ ރިޕޯޓުގައި ވާގޮތުން، 2050 ވަނަ އަހަރު ދުނިޔޭގެ އާބާދީ 9 ބިލިއަނަށް އަރާއިރު، މިއަދު ދަނޑުވެރިކަން މިކުރާ ބީދައިން ކޮށްފިނަމަ، ކާބޯތަކެތީގެ ރައްކާތިރިކަން ނެތިދާނެއެވެ. އެ ޖަމްޢީއްޔާގެ ޑިރެކްޓާރ ޖެނެރަލް މާރގްރެޓް ޒިގްލާރ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ. "ދަނޑުވެރިކަމަށް ޤައުމުތަކުން އަހަންމިއްޔަތުދޭ މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރަން އެބަޖެހެއެވެ. މިއަދު އެކަން ނުފަށައިފި ނަމަ، 2030 އާއި ބައްދަލުވާއިރު ދަތިކަމާއި ކުރިމަތި ލާންޖެހިދާނެއެވެ." ސުވާލަކީ އަޅުގަނޑަށް ތިކަމުގައި ކޮށްދެވޭނީ ކޮން ކަމެއްތޯއެވެ؟ ޖަވާބު އެހާމެ ސާދާ ސީދާއެވެ. ތިގޯތީގައި ވެވުނު މިންވަރަކުން ކާބޯތަކެތި ހައްދަންވީއެވެ. ޤައުމެކޭ މިކިޔަނީ ތިކަހަލަ ބައިވަރު ގެތަކާއި އެކު އުފެދޭ މުޖުތަމަޢަކަށެވެ. 

2- ހަރުދަނާ ޙާރިޖީ ސިޔާސަތު
އަދަކު ދުނިޔޭގައި އެކަހެރި ވެގެން، ވަކިވެގަނެގެން އުޅެވޭކަށް ނެތެވެ. ބަދަލުވަމުން ބަވަނަވަމުން އަންނަ ދުނިޔޭގެ އޮޔާއި ވައި އަޅުގަނޑުމެންގެ ހަފޮޅުން އެތެރެނުވާނެކަމަށް ބެލުމަކީ މޮޔަކަމެވެ. އެހެނަސް މިއަކީ މިހެން ލިޔެލާ ލިޔުމަކުން ގޮތް ކަނޑައެޅޭވަރަށްވުރެ ބޮޑު ކަމެކެވެ. އެހެންކަމުން މިކަމުގައި ހާލަތު ބަދަލުވަމުންދާ ގޮތަށް އަލިއަޅުުވާލުމުން ފުދޭނެކަމަށް ދެކެމެވެ. ރާއްޖެއަކީ ދުނިޔޭގެ  މައި ދެ ބައްރު ގުޅުވައިދޭ މަގުގައި އޮތް މުހިއްމު  ބިމެއްކަން ތާރީޚް ހެކިދެއެވެ. ދުނިޔޭގެ ބާރުތަކުން ރާއްޖޭއަށް ލޯއަމާޒުވާ އެއްމެ ބޮޑު ސަބަބަކީ، އެތަކެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ހިނގާ މަގުގެމެދުގައި ރާއްޖެވީތީއެވެ. މިނިވަންކަން ލިބުމުން ފެށިގެން ދާދި ފަހަކާޖެހެންދެން، ރާއްޖެއިން ގެންގުޅެފައިވަނީ، ހަމަހަމަކޮށް ވަކި ކޮޅަކަށް ބުރަނުވާ އުސޫލެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް މި ކުރު މާޒީގައި އެކި ކޮޅު ކޮޅަށް އަޅުގަނޑުމެން ސޮއްސާލިތަން ފެނިގެން އެބަދެއެވެ. ސީނު ކަރައާއި އުތުރު ކަރައިގެ ގަދަ ހިފުމުގައި އެބަ ފިތެޔޭ ހީވެއެވެ. އަސްކަރީ ފައިތަކެއް މި ފަސްގަނޑުގައި އެކި ނަންނަމުގައި އެޅެން އުޅޭކަމުގެ ބިރުވެރި ރަނގަބީލު އަޅާހެން ހީވެއެވެ. ހަސަދަވެރި ލޯތަކެއްގެ ވިހައިގެ ދިލަކަމާއި އުދާސްކަން  އިހުސާސްވާހެން އެބަހީވެއެވެ. "މީގެ ކުރިން ގެންގުޅުނު ފަދަ ވަކި ކޮޅަކަށް ނުޖެހޭ އުސޫލެއް ގެންގުޅެން މިހާރު ދަތިވާނެ، ސަބަބަކީ ކުރިއާއި ތަފާތުކޮށް މިހާރު ކައިރީގައި ވާދަވެރި ދެބާރު އޮތުން. އެހެން ނަމަވެސް މިއަދު އަޅުގނަޑުމެންގެ ސިޔާދަތާއި، ޤައުމުގެ ރުކުންތަކަށް ލޮޅުން އަރާފާނެ ކަންތަކެއް އެބަ ފެންނަކަމަށް ދެކެން." ރާއްޖޭގެ ހާރިޖީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކުވިދާޅުވިއެވެ.  އަޅުގަނޑު ދިވެހި ދަރިއަކަށްވީތީ، ހިތުގައި އުފެދޭ ޝުޢޫރެއް ދެންނެވުމަކީ ގޯހެއްކަމުގައި ނުދެކެމެވެ. މިޤައުމުގައި އެއްވެސް ނަމެއްގައި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ބަޔަކު، އުޅަނދެއް، އަދި ހަރަކާތެއްވެސް ހިނގުމަކީ، މިޤައުމުގެ ސިޔާދަތާއި އިސްތިޤްލާލަށް ލޮޅުންއަރާފާނެ ކަމެއްކަމަށް އަޅުގނަޑުގެ ހިތް ބުނެއެވެ. މާތް ﷲ އެފަދަ ދުވަހެއް ނުދައްކަވާށި. އެކަކުންޏެއް ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ބުނާ ބީދައިން، ދިވެހިން ދުނިޔޭގެ "ޖިއޯ ޕޮލިޓިކްސްގެ" ބާނި ތަކުގައި ނުޖެހި އުޅެލަން އެބަޖެހެއެވެ. ކަށަވަރުވާކަމަކީ، އެއަށްވުރެ ޤައުމަށް މުހިއްމު ކަން އެބަހުރިކަމެވެ. 

3 ތަރައްޤީގެ އިސްތިރާޖީ ސިޔާސަތު
ޤައުމުގެ ވެރިކަން ބަދަލު ވާ ކޮންމެ ވަގުތަކީ، ވުޒާރާއަކަށް އާ ވަޒީރަކު ވަޑައިގަންނަވާ ކޮންމެ ދުވަހަކީ އާ މިސްރާބަކަށް ޤައުމާއި ޤައުމުގެ ތަރައްޤީގެ ސިޔާސަތު ދަތުރު ފަށާދުވަހެއްނަމަ، މަންޒިލު ހާސިލުވުން ދުރުވާނެއެވެ. އިޤްތިސާދީ މާހިރެއްކަމުގައިވާ ޑރ. ލުއިސް ކާލޯސް ބެރެސާރ 2008 ވަނަ އަހަރު ލިޔުއްވި ދިރާސާކަރުދާހެއްގައި ވެއެވެ. "ޤައުމެއްގެ ތަރައްޤީގެ އިސްތިރާޖީ ސިޔާސަތެއް އޮވެ އެއީ އެ ޤައުމުގައި ބަލައިގަންނަ އެއްޗަކަށް ވުމަކީ، އެ ޤައުމެއްގައި ބާރުވެރިކަމާއި ދިރުން ހުރިކަމުގެ ހެއްކެކެވެ." މިއަދު މިނިވަންކަމުގެ ފުންނޭވާއެއްލަމުން، ވިސްނާލުމުން ފެންނަނީ މިމަންޒަރުބާއޭ ހިތައް އަރައެެވެ. ތަރައްޤީ ކުރާނީ މާލެ އާއި މާލެ ކައިރިތޯއެވެ؟ 200 ރަށް ވެސް ތަރައްޤީ ކުރާނީތޯއެވެ؟ އެކި ސަރަހައްދު ތަކަށް ބަހާލެވި ރަނގަޅު ފެންވަރު ގެ ސިޓީތަކެއް  ތަރައްޤީކުރުންތޯއެވެ؟ އަޅާނީ ދާލަންތޯ، ގުޅާނީ ފެރީ ނިޒާމުންތޯ ނުވަތަ ވައިގެ ދަތުރުންތޯ އިނގެންޖެހެއެވެ.  ތެދުތެދަށް ދަންނަވާނަމަ، އަދި އަޅުގަނޑުމެންގެ ބައި ޤަރުނުގެ މިނިވަންކަން ފަހަނައަޅާ ދާއިރުވެސް މިކަމުގައި ފުރިހަމަ މަންޒަރެއް، ދާނެ ރާސްތާއެއް، ތަރައްޤީއޭ ބުނެ ހާސިލު ކުރަން އުޅޭ މަންޒިލް މަޤްސަދެއް ސާފުކޮށް ކުރަހާލެވިފައިނެތެވެ. މިއީ ޤައުމެއްގެ ގޮތުގައި ފިކުރު ކުރަންވެއްޖެ ކަމެކެވެ. މަތީ ތަޢުލީމީ ހިޔާވަހިތަކުގައި މި މައުޝޫޢުގެ ބަހުސް ކުރެވެން އެބަޖެހެއެވެ. ދިރާސާ ކުރެވެން އެބަޖެހެއެވެ. އެންމެ ހެޔޮ ބަހެއް އަންނާނީ ޢިލްމުވެރި ދުލަކުން ކަމުގައި ދެކޭތީއެވެ. 

4- ހަރުދަނާ ތަޢުލީމީ ނިޒާމެއް
ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ކާމިޔާބު އަދި ކުރިއަރަމުން އަންނަ ނިޒާމެއްކަމާމެދު ޝައްކެއް ނުކުރަމެވެ. 40 ވަރަކަށް އަހަރު ކުރިން އަސާސީ ތަޢުލީމުން ފެށި މި ކުޑަ ޤައުމު މިއަދު ވަނީ ޢިލްމީ އެތަކެއް އަރުތަ ހާސިލު ކޮށްފައެވެ. މަތީ ޘާނަވީ ޢާންމު ކުރެވިފައެވެ. ކޮލެޖްތައް ޤާއިމުވެ ރަށުގައި ތިބެގެން ކިޔެވޭނެ، އަދި ދުނިޔޭގެ ތަޢުލީމީ މަރުކަޒުތަކުން ޖާގެ ހޯދޭނެ ގޮތް ވަނީ ހޯދިފއެވެ. މިއަދު ކުރަންޖެހިފައިވަނީ އެހެން ސުވާލެކެވެ. 21 ވަަނަ ޤަރުނަށް ބޭނުންވާ ހުަނަރު ހުރި ދަރިންތަކެއް އެބަ ނެރެވޭތޯ މިއަދު ވިސްނަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތަޢުލީމީ ތައްގަނޑުތަކުން ނިކުންނައިރު، ކިއްސަރާއި ބައްޓަމާއި ފަންވަރު ހުރީ، ދިވެހި ޤައުމުގެ  މިނިވަންކަމާއި، ޤައުމިއްޔަތާއި އާދަކާދަތަކަށް ފެތޭ ބައްޓަމަކަށްތޯ ސުވާލު ކުރަން އެބަޖެހެއެވެ. ޔަޤީން ވާކަމަކީ، ގޯޅި ތަކުންނާއި، މީސް މީޑީއާއިން ފެންނަ ބައެއް މަންޒަރުތަކުން ޤައުމިއްޔަތުގެ، ދިވެހި ވަންތަކަމުގެ ފޭރާމުގައި ބާގަނޑުތައް ހެދިއްޖެ ކަމުގެ ގިލަންވެރިކަން އިހުސާސްވާކަމެވެ. ޙަލާ އަހްމަދު އަދި ޑރ ޕެޓްރިކް މެކްގުއާރ، 2015 ގައި ލިޔުއްވި ދިރާސާ އެއްގައި ވެއެވެ.  "އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލް ދެން ބިނާވާނީ އިމްތިހާނަށް ކިޔަވައިދިނުމަށްވުރެ، ތަފާތު ގިނަ މަޢުލޫމާތު ހުރި އަދި ބަދަލުތަކަށް ހޭނެން އިގޭ ކުދިންތަކެއް އުފެއްދުމުގެ މައްޗަށެވެ." މިނިވަން ކަމުގެ އުފަލާއެކު، އެވާހަކަ ދައްކާއިރު ހިތާމައާއި އެކު ފާހަގަކޮށްލަން ޖެހެނީ، މަތީ ތަޢުލީމު ދިނުމުގައި ރާއްޖޭގައި ދުވަހަކުވެސް ނެތް ވަރުގެ "ވިޔަފާރި މާހައުލެއް" އުފެދި އޭގެ ނަހަމަ ބޭނުން ކުރެވެމުންދާކަމެވެ.  މިކަމުގެ ނުބައި އަސަރާއި ވޭން ލިބޭނީ 15-20 އަހަރު ފަހުން ކަމަށްވާއިރު، މަތީ ޘާނަވީއާއި ހަމަޔަށް ބެލެހެއްޓޭނެ ނިޒާމެއް އޮތް ފަދައިން މަތީ ތަޢުލީމުގެ ކަންކަން ގާތުންބަލާނެ ނިޒާމެއްގެ ބޭނުން ބޮޑު ކަމަށް ދެކެމެވެ. އުވިގޮސްފައިވާ އާޓްސް ސްޓްރީމް އަލުން ފެންމަތިކުރަން އެބަޖެހެއެވެ. ފަހަރެއްގައިވެސް ބައެއްގެ ވިޔަފާރިއަށް ހިޔަނި އެޅުމުގެ މަޤްސަދެެއްނެތެވެ. ޤައުމަށްޓަކާ، ރަނގަޅު ޢީލްމީ ޖީލްތަކެއްގެ މުހިއްމުކަމުން ދަންނަވާލެވުނީއެވެ. 


މިނިވަންކަމުގެ ވާހަކަ އަކީ ދިގު ވާހަކައެކެވެ. ރާއްޖޭގެ ތާރީޚަކީ ދިގު ތާރީޚެކެވެ. އަޅުގަނޑު މިވާހަކަތައް މިލެޔެލީ، ފަހަރުގައި މީހާ ކިތައްމެ ހަގަސް، ޤައުމަށްޓަކާ ބަހެއް ބުނެލުމުގެ ޙައްޤެއް އޮތޭ ހީވާތީއެވެ. އެންމެ ފުރިހަމަ ގޮތުގައި ނޫނަސް މައުޟޫޢަށް އިންސާފު ބަހެއް ބުނެވިއްޖެ ކަމަށް ދެކެމުންނެވެ.  21 ވަނަ ޤަރުނުގައި ދިވެހި ޤައުމު، ފަޚުރުވެރިކަމާއެކު އިސްކޮޅަށް ތެދުވެލެވޭ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތުމަށްއެދޭތީއެވެ. މިމިނިވަންކަމާއި ދިވެހިވަންތަކަމާއި އިސްތިޤުލާލު އަންނާން އޮތް ޖީލުތަކަށް ރައްދުކުރުމުގައި އަޅުގނަޑުގެ ކޮނޑުވެސް ވިއްދަންޖެހޭނެ ކަމަށް ދެކޭތީއެވެ. މާތްﷲ މި ދީބު މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން.