ޔޯގާ ގެވާހަކަ

މިއަދު މުޅި ރާއްޖޭގައި ދެކެވޭ ވާހަކައަކީ ޔޯގާގެ ވާހަކައެވެ. ބައިނަލް އަޤްވާމީގޮތުން ފާހަގަ ކުރާ ދުނިޔޭގެ ޔޯގާ ދުވަހަކީ، 21 ޖޫން އެވެ. 

ޔޯގާ ދުވަހުގެ ލޯގޯ
މިދުވަސް ފާހަގަ ކުރަން ފެށީ، އދ ގެ އާއްމު މަޖިލިސްގެ 69 ވަނަ ސެޝަންގެ 124 ވަނަ އެޖެންޑާ އިން 177 މެމްބަރު ގައުމުގެ ތާއިދާއެކު، 11 ޑިސެމްބަރު 2014 ގައި، ކޮންމެ އަހަރެއްގެ 21 ޖޫން އަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ޔޯގާ ދުވަހުގެ ގޮތުގައި ކަނޑައެޅުމުންނެވެ. އދ ގައި ބައިވެރި ވެފައިވާ އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ 55 ޤައުމުގެ ތެރެއިން ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން މިހުށަހެޅުން ބަލައިގަތް އިރު، ހުށަހެޅުމަށް ތާއިދުނުކުރި 16  ގައުމުގެ ތެރޭ 9 މުސްލިމް ގައުމު ހިމެނުނަސް، އެއްވެސް ގައުމަކުން ހުށަހެޅުމަށް ދެކޮޅު ހަދާފައިނުވެއެވެ. ޔޯގާ ދުވަސް ފާހަގަ ކުރުމަށް ހުށަހެޅުމުން އެކަމުގައި ބައިވެރިނުވި މުސްލިމު ޤައުމުތަކުތެރޭގައި ސައުދީ އަރަބިއްޔާ، ޕާކިސްތާން، ބުރުނާއި، މެލޭޝިޔާ އަދި ލީބިޔާ ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ގޮތުގައި އޭރުވެސް ހުންނެވީ މިހާރުގެވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މޯދީ އދ ގެ އާއްމު މަޖިލިސް އަށް ހުށަހެޅި މި ހުށަހެޅުން ވެގެންދިޔައީ އދ ގެ އާއްމު މަޖްލިސްގެ ތާރީހުގައި މިފަދަ ހުށަހެޅުމަކަށް އެންމެ ބޮޑު އައުލަބިއްޔަތު ލިބުނު ހުށަހެޅުމަށެވެ.


މިއަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތުގައި ބޮޑުވަޒީރު މޯދީ

 

މޯދީ ޔޯގާ ދުވަސް ހުށަހަޅުއްވަމުން އާއްމު މަޖިލިސްގައި ކުރެއްވި ތަގުރީރުގައި ވިދާޅުވެފައިވެއެވެ.

"ޔޯގާ އަކީ، އިންޑިއާގެ ޒަމާންވީ ސަގާފަތުގެ ތެރެއިން އައިސްފައިވާ އަގުނުކުރެވޭވަރުގެ ހަދިޔާއެއް. އޭގައި އެކުލެވިގެން ވަނީ ޖިސްމާއި ހަމަބުއްދި އެކުވެލުމާއި، ފިކުރާއި އަމަލު އެކުވެލުމާއި، ނަފުސު ހިފަހެއްޓުމާއި ހިތުގެ ހަމަޖެހުން، އިންސާނާއާއި ތަބީއަތުގެ މަސަލަސްވުން، އަދި ވަށާޖެހޭ ދުޅަހެޔު ސިއްހަތު"

ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަގަ ކުރާ އިރު "ޔޯގާ" މިބަހުގެ އަސްލު ކަމަށްވަނީ ސާންސްކްރިތު ބަހުން ގުޅުން ނުވަތަ އެކުވެރިވުމަށެވެ. އާދެ، ހަށިގަނޑާއި ބުއްދީގެ ގުޅުންތެރިކަމެވެ. ޔޯގާ އުފެދިގެން އައިސްފައިވަނީ، އަދި 20 ވަނަ ޤަރުނާ ހަމައަށް ޔޯގާގެ ހަރަކާތް ހިންގާފައިވަނީ ހިންދޫދީނުގެ އަހުލުވެރިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި އަވައްޓެރި އިންޑިއާ ބައްރުގައެވެ. ހުޅަނގުގެ ޤައުމުތަކަށް ޔޯގާ ތައާރަފު ކުރެއްވީ އިންޑިއާގެ މަޝްހޫރު ފާދިރީއެއް އަދި ލިޔުންތެރިއެއްގެ އިތުރުން ފަލްސަފާވެރިއެއްކަމަށްވާ، ސްވާމީ ވިވެކަންޑަނާ (1863 އިން 1902އަށް)، ހިންދޫ ދީނުގެ ޒަމާނީ "މަޒުހަބަކާއި އަމަލެއް" ގެ ގޮތުގައެވެ. އެހެން ނަމަވެސް އދ އަށް މިދެންނެވި ދުވަސް ފާހަގަ ކުރަން ހުށެހަޅާފައިވަނީ، ދުޅަހެޔޮ ސިއްހަތާއި، ނަފުސުގެ ހަމަޖެހުން ގެނުވާ ކަސްރަތެއް ނުވަތަ ހަރަކާތެއްގެ ގޮތުގައެވެ. އދ އިން މިދެންނެވި ދުވަސް ފާހަގަކުރަން ކުރި ކޭމްޕޭނުގައި ބޮޑުވަޒީރު މޯދީ ޔޯގާ ސިފަކުރެއްވީ، harmony between man and nature"" ނުވަތަ އިންސާނާއާއި ގުދުރަތު ނުވަތަ ތަބީއަތު ގުޅުވާލަދިނުމެއްގެ ގޮތުގައެވެ.

21 ޖޫން ދުނިޔޭގެ ޔޯގާ ދުވަސް ކަމުގައި ކަނޑައެޅުނީ ކީއްވެތޯއެވެ؟ ސަބަބަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، އެއީ "ދުނިޔޭގެ އުތުރު ބައްރަށް އަހަރުތެރޭ އަންނަ އެންމެ ދިގު ދުވަސް (Summer solstice)ކަމަށާއި، އަދިވެސް އެތައް ބަޔަކަށް މުހިއްމުވާ ދުވަހެއް" ކަމަށެވެ. އެހެން ނަމަވެސް އޭރުވެސް އިންޑިއާގައި ހާއްސަކޮށް އިންޑިއާގެ މުސްލިމުންތެރޭގައި އެއީ އަސްލު ސަބަބު ނޫންކަމަށް ވާހަކަދެކެވި، މިހާރުވެސް އެވާހަކަ ދެކެވެއެވެ. އަސްލު ސަބަބަކަމަށް އެމީހުން ދެކެނީ، "އިއްތިފާގަކުން" މިދެންނެވި 21 ޖޫން އަކީ،  ހިންދޫދީނުގެ ގިނަ ގޮފިތަކެއްގެ ތާކީދު ނުވަތަ ގަބޫލުކުރުމުގައި ވާގޮތުން، "ޔޯގާ ގެ އިލްމު  ބާވައިލެއްވުނު ދުވަސް" ކަމަށް ވާތީކަމަށެވެ. ހުޅަނގުގައި އެދުވަސް "މިޑް ސަމާ" އަދި "ސަމާ ބިގިނިންގް" ގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. މިކަމަށް ބާރު ލިބޭގޮތަށް، 1980 ގެ ކުރީކޮޅުން ފެށިގެން ޔޯގާ ގެ އިލްމު ފަތުރަން މަސައްކަތްކުރާ، ހިންދޫ ދީނުގެ ޖަގްދީޝް ވަސުދޭވް ނުވަތަ މަޝްހޫރު ނަމުން ނަމަ، ސަދްގުރޫ، ޔޯގާގެ އަސްލު ކިޔާދީފައިވަނީވެސް އެބީދައިންނެވެ.

ޔޯގާގައި ދިވެހިންނެކޭ އެއްގޮތަށް އިސްލާމީ ޤައުމުތައްވެސް ފެންނަނީ ހިޔާލު ކަފިވެފައިވާތަނެވެ. މިސާލަކަށް މެލޭޝިއާގެ އިލްމުވެރިން ޔޯގާ ހަރާމްވާނެކަމަށް އިއުލާންކުރުމުން އެކަމަށް އެންމެ ފުރަތަމަ ދެކޮޅު ހެދި އެއްބަޔަކީ އެކުވެރި އަރަބި އިމާރާތުގެ އިލްމުވެރިންތަކެކެވެ. މިއަދު ރާއްޖޭގައި މި ބަހުސް ކުރެވޭއިރު، ސައުދީ އަރަބިއްޔާ އިން ވަނީ އެގައުމުގައި ޔޯގާގެ ހަރަކާތް ހިންގުން ރަސްމީކޮށް ހުއްދަކޮށްފައެވެ. މެލޭޝިއާ އަދި އިންޑޮނޭޝިއާ ފިޔަވައި އިތުރު މުސްލިމު ޤައުމުތަކުން ޔޯގާ އާއި މެދު ފިޔަވަޅުތަކެއްއަޅާ، މާނާ ނުކުރެއެވެ. ރަޝިއާއިން ދޭތެރެއަކުން އެއީ 2016-2015ހިސާބުގައި ދީނީ ހަރުކަށި ފިކުރެއް ކަމަށް ފެންނާތީ ޔޯގާ އަށް ހުރަސް އަޅާފައިވެއެވެ. ފިކުރުގެ ގޮތުން މުސްލިމުންގެ ތެރޭ ޔޯގާ ގެ މައިގަނޑު ދެ ކަފިވުމެއް އެބަފެނެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެއްވެސް ހާލަތެއްގައި ޔޯގާ ހުއްދަނުވާނެއެވެ. އަނެއް ބަޔަކު ގަބޫލުކުރަނީ ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުން ކުރެވޭނެކަމަށާއި، އޭގައި ދީނުގެ ހުދޫދުން ބޭރުވަނީ އޭގެ ކިޔެވެލިތައް ހިމަނައިގެން އަޅުކަމެއްގެ ސިފައިގައި ކުރުމުންކަމަށެވެ. މިއީ ފަރުދީ ފެންވަރަކަށް ވުރެ، ޤައުމުތަކުގެ ލެވެލްގައިވެސް އޮތް ކަފިވުމެއްކަން އިނގެނީ މެލޭޝިއާގެ އިލްމުވެރިންތަކެއް އިސްވެދެންނެވި ބީދައިން އެކަން މަނާކުރުމާއި، ހަމަ އެފަދަ އިލްމުވެރިންތަކެއް ފަހުން ދެންނެވި ތަރަހައިން އެކަން ހުއްދަކުރުމުންނެވެ.

އަޅުގަނޑަކީ ދީނީ ޢިލްމު އުނގެނިގެން ހުރި މީހެއްނޫނެވެ. އަޅުގަނޑަކަށް ހުކުމެއް ނުކުރެވޭނެއެވެ. އަދި  ދަންނަވަންތޯއެވެ؟ އަޅުގަނޑަކީ، ކަމެއް ފެންނައިރަށް ހަރާމްކުރަމުން، ލާދީނީކުރަމުން، ކުފުރުކުރަމުން، އަދި ލޭހުއްދަ ކުރަމުންދާ "ދީނީ އޮއިވަރު"ގެ ބިރު މިގައުމަށް އިންތިހާއަށް އޮތް ކަމަށް ގަބޫލުކުރާމީހެކެވެ. ދީނީ ކަންކަމުގެ ހުކުމް ކަނޑައެޅުން، ހާއްސަކޮށް ޔޯގާފަދަ ފަހުންއަންނަ ކަންކަމުގެ ހަލާލު ހަރާމް ބުނެދިނުން، އާއްމު އެއްވުން ތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ޓީވީ ރޭޑިއޯ އިން ފޮނުވާ ޝޯތަކުން ކަނޑައަޅާ އުސޫލު ހުއްޓެންއޮތް ގޮތަކަށް ހުއްޓުވާ، ދިވެހި ބިމުގައި ދިވެހިންގެ މައްޗަށް ދީނީ ކަންކަމުގެ ރައުޔުނެރޭ އަދި ނެރެވޭނެތަނަކީ، އިސްލާމީ އިލްމުވެރިންގެ ފިގުހު ކޮމެޓީ އާއި ރަސްމީ އިލްމުވެރިންގެ މަޖިލިސްތައް ކަމުގައި ގާނޫނުން ކަނޑައެޅި އެކަން ތަންފީޒުވާތަން ދެކެން ބޭނުންމީހެކެވެ. އެނޫންނަމަ، މިގައުމު ނުކިއްސަރު ދިމާލަކަށް ސޮއްސައިގެންދާތަން އެބަފެނެޔޭ ހީވާތީއެވެ.

މިއަދު އަޅުގަނޑު ޔޯގާ ހަރާމްވެގެން އެކަން ހުއްޓުވަން ގޮސް ވަދެގަތީ ހުދުކުލައިގެ ދިދަ ހިފައިގެންނަމަ، މާދަމާ، އަނެއްކަމެއް ހަރާންކުރަން އަޅުގަނޑު ދުއްވައިގަންނާނީ މިޔަތޫނު ހަންޖަރެއް ހިފައިގެން ނޫންކަމަށް ޤަބޫލުކުރުމަކީ ކޮސްކަމެކެވެ. ދަންނަވަންތޯއެވެ؟ ޤައުމެއްގެ ގޮތުގައި އުޅެން އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ. ނުރުހޭ، ގަޔާނުވާ، ފިކުރާނުވާ ކޮންމެ ފަހަރަކު ޖަޒުބާތުގައިޖެހި، ހަމައާއި އުސޫލާއި، ގާނޫނު މުގުރާލާ، ތިމަތިމާމެންގެ އަތްމައްޗަށް ގާނޫނުނަގައިގެން މަގުތަކައް ނިކުންނަން ވެއްޖެ ނަމަ، މިޤައުމުގެ މުސްތަގުބަލު ވަރަށް ބަނައެވެ. ދަރިންނަށް އެދެވެނީ ވަރަށް ނުބައި އެހާމެ ނުރައްކާތެރި ފިލާވަޅެކެވެ. ކަންކަން ކުރަންޖެހޭނީ ކެތްތެރިކަމާ ހިކުމަތްތެރިކަމާއެކުއެވެ. ގަދަބަދަވި ކަމުން، ރަމަތަ ކުރެވުނު، އަދި އިސްލާހުކުރެވުނު ގައުމެއް، އަދި އިންސާނީ ތާރީހުގައި ފެންނަންނެތެވެ. ގޯސް ރަނގަޅުވާނީ އޭގެ މައްޗަށް ގޯސް އިސްކުރުމުންނޫނެވެ. ހަމަ ބުއްދިއާއި ހިކުމަތްތެރިކަމާއި ކެތްތެރިކަމުންނެވެ.

https://www.un.org/en/observances/yoga-day

https://documents-dds-ny.un.org/doc/UNDOC/GEN/N14/689/61/PDF/N1468961.pdf?OpenElement

 https://www.youtube.com/watch?v=Pzaai8azbqA

https://www.muis.gov.sg/officeofthemufti/Irsyad/Advisory-on-Yoga-Practicެެެe