އުތުރުކަރަ- ރާއްޖެ ކޯޅުންގަނޑު، ދަސްކުރަންވީ ފިލާވަޅު

 

އިންޑިއާގެ ލަކްޝަދީޕްގެ ރަށެއް


ދިވެހިންނާއި އަވައްޓެރި އިންޑިއާ މީހުން، މީސްމިޑިއާގައި ވާދަވެރި ކޯޅުމެއްގައި އުޅޭތާ ހަފުތާއެއްވަނީއެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ ފެނުނީ، ދިވެހި ނޫހެއްގައި، އިންޑިއާ ބޮޑުވަޒީރު ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅު ކޭމްޕޭނެއް ފެއްޓެވި ކަމަށް އޮތް ހަބަރެކެވެ. ކިޔާލިއިރު، އެއީ އިންޑިއާގެ ސަރަހައްދެއްކަމަށްވާ ލަކްޝަދީޕް ގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރެއްވުމަށް އެޤައުމުގެ ބޮޑުވަޒީ ކުރެއްވި މަސައްކަތެއްގެ ހަބަރެކެވެ. ދިވެހި ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުކޮށް ޕްރޮފެޝަނަލް ކުރަންޖެހޭ މިންވަރު ހިތަށްއެރިއެވެ. އަޅާނުލާ ދެންހުރި ހަބަރުތަކަށް ދިޔައީއެވެ. ވާނީވެސް އެހެންތާއެވެ. އޭގެ ދެ ދުވަސް ފަހުން ބިޔަކޯޅުމަކަށް އަންނާނެއޭ ހިތަށްވެސް ނާރައެވެ.

މިލިޔުމުގައި ބަލާލާނީ މިކޯޅުންގަނޑުން ދިވެހިން ލިބިގަންނަންވީ ބައެއް ފިލާވަޅުތަކަށެވެ.

ލަނޑާގިރާވަރު ރިސޯޓް

1-      ވަޠަން ދެކެ ލޯބިވާށެވެ. - ކޮންމެ ޤައުމެއްގައި ވެސް އެގައުމުގެ އަހުލުވެރިން ނުރުހޭ އެތައް ކަމެއްހުރެއެވެ. އަމުދުން މިޒަމާނުގައި ކޮންމެ ގައުމެއްގެ ސަރުކާރަށް ނުރުހޭ މީހުންއިތިހާއަށްގިނައެވެ. އިންޑިއާއަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. ދީނީ، ބަހަވީ، ސަގާފީ، ތަފާތުގެ އިތުރުން، ތައުލީމީ އަދި މާލީ ފަރަގު ބޮޑު ޤައުމެކެވެ. އެހެނަސް، ޤައުމު އެދި ގޮވާލުމުން، އެތަފާތަށްވުރެ،އެމީހުންކުރިމަތީ ޤައުމުބޮޑެވެ. އިންޑިއާގެ ބޮޑުވަޒީރަށް ނުރުހޭމީހުން އެތައް މިލިއަނުން އެޤައުމުގައިތިއްބަސް، އެމީހުންގެ ބޮޑުވަޒީރުގެ އަބުރަށް ކަރާމަތައް އެހެންބަޔަކު އަރައިގަންނަން އެމީހުން ނަފުރަތު ކުރިއެވެ. އެހާލަތުގައި އެމީހުން ލޯބިވަނީ މީހާދެކެނޫނެވެ. އޭނަގެ ހައިސިއްޔަތަށެވެ. ބޮޑުވަޒީރަށެވެ. ވެރިކަމުގެކަރާމަތަށެވެ. މިއީ ދިވެހިން ލިބިގަންނަންވީ ފިލާވަޅެކެވެ. ވިސްނަންވާ ކަމެކެވެ.

 

2-      އަހަރެމެން އެކަންޏެއް ނޫނެވެ. - ދުނިޔޭގައި ފަތުރުވެރިކަން ކުރަންޖެހޭނީ ހަމައެކަނި ދިވެހިންނޫނެވެ. އިންޑިއާއަށް ގުދުރަތީ ޗާލު ރަށްތަކެއްއޮތް އިރު އެމީހުންވެސް އެކަން ކުރާނެއެވެ. މިއަދު އެކަން ފެށީ ކީއްވެތޯ ސުވާލުކުރަން ނުޖެހެއެވެ. ދިވެހިން ފަތުރުވެރިކަން ފެށުމުން ތިކަންފެށީ ކީއްވެތޯކިޔާ އެހެންބަޔަކުވެސް ނޫޅޭތާއެވެ. ދުނިޔޭގެ އާބާދީގެ 8 ބައިކުޅަ އެއްބައި ހިއްސާކުރާ ބަޔަކާ ޖެހިގަންނަންޖެހޭ ސަބަބެއްނެތެވެ. ދިވެހިން ކުރަންވީކަމަކީ އަވަށްޓެރި އިންޑިއާއަށް ފުރައްސާރަކުރުމާއި ޖެއްސުން ކުރުމުގެ ބަދަލުގައި ދިވެހިންގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މަސައްކަތް ކުރަންވީއެވެ. އެމީހުންގެ ތެރެއިން މީހަކު ލަކްޝަދީޕް ގެނަމުގައި ރާއްޖޭގެ ފޮޓޯއެއްލުމުން، އޭނައަށް ގަމާރަށް ގޮވާފައި، ފަހަތުން އިންޑިއާގެ ތަންތަނުގެ ފޮޓޯ ރާއްޖެއޭ ބުނެ މީސްމީޑިއަށް އަށް ލުމަކީ އެމީހުންނަށް އެކުރި ފުރައްސާރަ އަމިއްލައަށް ލިބިގަތުމެވެ. މިއީ ދިވެހިން ލިބިގަންނަންވީ ފިލާވަޅެކެވެ. ވިސްނަންވާ ކަމެކެވެ.

 

3-       ތަފާސްހިސާބުތަކަށް ވިސްނާލާށެވެ.  2023  ވަނަ އަހަރު ރާއްޖެއައީ 1.87 މިލިއަން ފަތުރުވެރިންނެވެ. މިމުއްދަތުގައި އިންޑިއާއަށް ދިޔަ ފަތުރުވެރިންގެ އަދަދަކީ 7.24 މިލިއަނެވެ. އަވައްޓެރި ލަންކާގައި 1.48 މިލިއަން އޮތް އިރު ތައިލެންޑަށް 24.5 މިލިއަން އަދި ދުބާއީ އަށް 15.73މިލިއަން ފަތުރުވެރިންނެވެ.2023 ވަނަ އަހަރު ފުރަތަމަ 9 މަސްދުވަހު ދުނިޔޭގައި 975 މިލިއަން މީހުން އެމީހުންގެ ގައުމު ނޫންތަންތަނަށް ފަތުރުވެރިންގެ ގޮތުގައި ދިޔައެވެ. އަޅުގަނޑުމެން މަތިހަށިނަގާ އެހެން މީހުންނަށް ފުރައްސާރަކުރާވަރަށްވުރެ ތަސައްރަފަފުދެންޖެހެއެވެ. ޤަބޫލުކުރަންޖެހޭ ހިތިހަގީގަތަކީ، އެއް އިރެއްގައި ދިވެހި ޝިޕިން އަކީ ދުނިޔޭގެ އެއްވަނަ ކަމާއި މިއަދު އެކަން ބީވެގޮސްފިކަމެވެ. ރިވެތި ގޮތުގައި ހިނގޭނެ މަގު އޮތްއިރު ޒާތީވެ ބަޔަކު މީހުންނަށް ދިވެހިންގެ "ބިތުފަންގިނަގަން" މަޖުބޫރުކުރަނީ ކީއްކުރަންތޯއެވެ؟ 21 ވަނަ ގަރުނުގައި 18 ވަނަ ގަރުނުގެ ޒީލަގަނޑު ކަމަކުނުދާނެއެވެ. މިއީ ދިވެހިން ލިބިގަންނަންވީ ފިލާވަޅެކެވެ. ވިސްނަންވާ ކަމެކެވެ.

 

4-      އިގްތިސާދު ފުޅާކުރާށެވެ. އަވަށްޓެރިއަކު ނުރުހޭ ކޮންމެ ފަހަރަކު، ބައިނަލް އަޤްވާމީ ދުނިޔޭގައި ތަޅާފޮޅުންފެށޭ ކޮންމެ ހިނދެއްގައި، އަޅުގަނޑުމެން ދެންވާނީ ކިހިނެއްތޯ ހާސްވެ ކަންބޮޑުވާންޖެހެއެވެ. ސަބަބެއް ނެތިނޫނެވެ. ދިވެހިން އެމީހުންގެ އިގްތިސާދުގެ ހަމައެކަނި ނާރެހަކީ ފަތުރުވެރިކަން ކަމަށްދެކޭހާ ހިނދަކު އެކަން އޮންނާނީ އެހެންނެވެ. މާތް ﷲގެ ހެޔޮ މިންވަރުން ލިބުނު 1100 އެތަކެއް ރަށާއި، ފަޅާއި ގިރިތަކާއި، ކަނޑުގެ މުއްސަނދިކަމާއި، ބިމުގެ ގޮތުންނާއި އިސްތިރާޖީ ގޮތުން ރާއްޖެ އޮތް ތަނުގެ ސަބަބުން ލިބޭ މަންފާހޯދޭނެ މަގު ކޮށަންޖެހެއެވެ. ދިވެހި ޒުވާނުން ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދޯޅުވެފައިވާ މިޒަމާނުގައި، އެކުދިންނަށް މި ޤައުމުގެ، ވަރުގަދަ ޓެކްނޮލޮޖީގެ "ބައްރެއް" ގާއިމުކޮށް ފުޅާކުރުންޖެހެއެވެ. 20 އަތޮޅުން 40 ވަރަކަށް ރަށް ކާބޯތަކެތި އުފެއްދުމަށް ޚާއްސަ ނުކުރާންވީ ސަބަބެއްނެތެވެ. އެންމެ ކަމަކަށް ބަރޯސާވެގެން ތިބޭވަރަށްވުރެ ދިވެހި އިޤްތިސާދު އަދު ފުޅާވެއްޖެއެވެ. މިއީ ދިވެހިން ލިބިގަންނަންވީ ފިލާވަޅެކެވެ. ވިސްނަންވާ ކަމެކެވެ.

 

 

5-      ހަނު ހުންނަންޖެހޭ ތަނުގައި ހަނުހުންނާށެވެ. ވަރަށް ކުޑަމިސާލެކެވެ. ދިވެހިންގެ މި ކޯޅުންގަނޑު އިންތިހާއަށް ދާއިރުވެސް، ރާއްޖޭގެ ޚިދުމަތްކުރާ އެއްވެސް އިންޑިއާ ބަޔަކު އެކަމަކަށް ނުވަދެއެވެ. އެއީ އެކަން ވާންޖެހޭ ގޮތެވެ. މިކަމުން ދަސްކުރަންވީ ބަސްބުނަންޖެހޭ ހާލަތާއި ވަގުތާއި އެނގިތިބުމުގެ މުހިއްމުކަމެވެ. ކަށަވަރުވާކަމަކީ، ޤައުމެއްގެ މަތިފަޑީގައިތިމާހުރެ، ތިމާކުރާ ނޭއްގާނީކަމަކުން މުޅިޤައުމު ބަދުނާމުވާހިސާބަށް ދިއުމަކީ ދެރަކަމެކެވެ. މިޤައުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޤައުމެވެ. މިދީބަށް ލިބޭ ހިތިކަމާއި ކެކުޅުން ތަހައްމަލު ކުރާނީ އެންމެންނެވެ. މިއީ ދިވެހިން ލިބިގަންނަންވީ ފިލާވަޅެކެވެ. ވިސްނަންވާ ކަމެކެވެ.

 

6-      ޚާރިޖީ ކަންތައް އެކަމުގެ އަހުލުވެރިންނަށް ދޫކޮށްލާށެވެ. – ދޭދޭޤައުމުތަކުގެ ގުޅުމާއި، އެގުޅުން ގެންގުޅޭނެ މިންވަރުފަދަ ކަންކަން، ރަށްރަށުގެ ހޮޅުއަށިތަކުން ނުނިންމޭނެއެވެ. އެއީ ވިސްނުމާއި ފިކުރާއި، ޢިލްމުގެ އިތުރުން، އެކަމުގެ ވަށައިގެން ހިނގާ ހުރިހާ އޮއިވަރުތަކަށްބަލާ، ވަރަށް ވިސްނުންތެރިކަމާއެކު ނިންމާ، ނާޒުކު ނިންމުންތަކެވެ. މިދާއިރާގައި ހެދޭ ކުޑަކުޑަ ގޯހަކުން ޤައުމުތަށް ހަނގުރާމައިގެ ހާލަތަށްވެސް ވެއްޓިދާކަމެކެވެ. ދިވެހިންނަކީ އަލަށް ލިބުނު ޑިމޮކްރަސީއާއެކު ޚިޔާލު ފާޅުކުރުން އޭގެ އިންތިހާއަށް ބޭނުންކުރާ ބެއެކެވެ. ސަރުކާރުގެ މަތިފަޑީގައި ހުންނެވި ބޭފުޅަކު، ކިތައްމެ އިހުލާސްތެރި ތެދުވެރިއަކަސް، އަޅުގަނޑުމެންގެ ފާޑުކިއުމާއި، ކުދިގަލުން ސަލާމަށް ނުވެއެވެ. ސަހަރޯއެވެ. އެކަންކުރާނީ  ޤައުމުގެ ހަފޮޅުން އެތެރޭގައެވެ. މިއީ ދިވެހިން ލިބިގަންނަންވީ ފިލާވަޅެކެވެ. ވިސްނަންވާ ކަމެކެވެ.

 

މައުލޫމާތު:

https://www.unwto.org/news/international-tourism-to-end-2023-close-to-90-of-pre-pandemic-levels

https://www.dreambigtravelfarblog.com/blog/india-travel-tourism-statistics

https://www.dubaitourism.gov.ae/en/research-and-insights/tourism-performance-report-nov-2023

https://www.hindustantimes.com/india-news/indians-dominated-maldives-tourist-arrival-figures-in-2023-data-shows-101704609975077.html

https://www.cnbc.com/2024/01/10/india-boycott-of-maldives-may-cost-country-millions-in-tourism-dollars.html

ފޮޓޯ:

https://www.tourmyindia.com/beaches/Lakshadweep.html

https://www.mymaldives.com/resort-guide/four-seasons-resort-maldives-at-landaa-giraavaru/