ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.

 


އިއްޔެ އެރި އިރާއެކު ފެނުނީ ހިތްދަތި ހަބަރެކެވެ. ކުޑަކުއްޖަކަށް ކުރެވުނު ލާއިންސާނީ އަނިޔާގެ ވީޑިއޯއެވެ. އިރު އޮއްސިގެން ދިޔައިރު ލިބުނީ، ކުށަށް ޒިއްމާވާ އުމުރު 15 އިން 12 އަހަރަށް ތިރި ކުރާވާހަކައެވެ.

އިބްތިހާލު މަތިން ހާނދާންއާވިއެވެ. އެދުވަހު ފެންކަޅި ނުވި ލޮލެއް މިފަސްގަނޑުގައި ނެތެވެ. އަންހެން ކުއްޖަކު "ކޮށާލި" ދުވަސް ވެސް އެފަދައެވެ. މިއަދުވެސް އެހާލަތެވެ. ދެރަވެ ހިތްދަތިވެއެވެ.  ބަދަލުނުވި ކަމަކީ، ނުހަނު ޖަޒުބާތުގައި 2 ތިން ފިޔަވަޅު އަޅާލެވޭތޯ ބެލުމަށްފަހު، އަލުން "އާއްމު ދިރިއުޅުމަށް" ދެވުމެވެ. މީގެ 2 ހަފުތާ ފަހުން އިއްޔެ އެކުއްޖާ ތަހައްމަލުކުރި ކަންތައް ހަނދާންހުންނާނީ، އަދި އެކަމާ ތުރާވާނީ ކިތައްމީހުންބާއެވެ؟

 

ދަންނަވަންތޯއެވެ؟ ކުދިންތަކެއް މިސްކިތުގައި މީހެއްގެ ތުއްތު ކުއްޖެއް "ރޯނާކޮށްލީ" އަކީ، ކުއްލިއަކަށް މި ރާއްޖޭގައި ހިނގި ކަމެއްނޫންނެވެ. އެއީ ރާއްޖޭގައި ބަދަލުވެފައިވާ އަދި ބަދަލުވަމުންދާ އިޖުތިމާއީ ހާލަތަށް އިތުރުވި ބޮޅެކެވެ.  ބޮޑު އެކްސިޑެންޓެއް ވުމުން ކުއްލިއަކަށް ހިންގާ ޓްރެފިކް އޮޕަރޭޝަންސް ފަދަ ރިއެކްޓީވް ޑިސިޝަންތަކަކަށްވުރެ، ޕްރޯ އެކްޓިވް ނިންމުތަކެއް ނިންމެން އެބަޖެހެއެވެ.  މިވަޠަނާއި މިބިމަށް ކުޑަވެސް ލޯތްބެއްވާނަމަ، ތަނެއްގައި ހަމަޖެހިގެން އިށިންދެތިބެ މިވާގޮތް ބަލަން އެބަޖެހެއެވެ.

ބުލީ ކުރުމާއި އެފަދަ އަނިޔާ މިޤައުމުގައި އަށަގެންފިއެވެ. މިކަން ހުއްޓޭނީ އެކަން ކުރި ކުއްޖާގެ މައިންބަފައިން ބުލީ ކުރަން އަޅުގަނޑުމެން ނިކުމުގެންނޫނެވެ. އަދި އެކުއްޖާ ބުލީކޮށްގެނެއްނޫނެވެ. ތެދެކެވެ. ކުއްޖާއަށް އަދަބުލިބެންޖެހެއެވެ. އެކަމަކު، މިއީ އެއަށްވުރެ ބޮޑު ކަމެކެވެ. މާފުޅާވެފައިވާ، މާބޮޑަށް ފިކުރުކޮށް މުޅި މުޖުތަމައުގެ ހުރިހާ ދިމާލަކުން ހައްލުބޭނުންވާ ބައްޔެކެވެ. 

އަޅުގަނޑަކީ، އިޖުތިމާއީ އިލްމުގެ މީހެއްނޫނެވެ. އެހެނަސް ތަރުބަވީ މައިދާނުގައި ހޭކިލެވޭމީހެއްކަމުން ހިތައްފެންނަ ބައެއްކަންކަން އަމުނާލުމުން ބޮޑުކަމެއްނުވިޔަސް އަމިއްލަ ހިތައް ތަސައްލީއެއްލިބިދާނެތާއެވެ.

އަދުލު އިންސާފުގެ ނިޒާމާއި ޝަރީއަތަކީ އަޅުގަނޑު ދަނެފަރިތަކަމެއްނޫނެވެ. އެކަމަކު ޔަގީންވާ ކަމަކީ، އުމުރެކޭ ބުނެ، ކޮންމެ ފަދަ ޖަރީމާއެއް ހިނގިޔަސް އެއީ މައުސޫމު އަދި "އަތް ނުލެވޭ" ފަދަ ބަޔަކަށް މުޖުތަމައުގައި ވަކި ބަޔަކު ހެދުމުން އެކަން ކާމިޔާބު ނުވިކަމެވެ. މިޒަމާނުގެ ކުދިން ބުނާހެން މިހިރަ ބެކްފަޔާކުރަނީއެވެ. އަތަށް ގޮވަނީއެވެ. މިއަދުގެ ހާލަތަކީ، އެފަދަ މަގުން ކައްސާފައިވާ ކުދިންތަކެއް، ފާޅުގައި، ތިމަންނާމެންށަށް އެއްކަމެއްވެސް ނުކުރެވޭނެއޭ، އަދި އުމުރުންވީ އެވެނި އަހަރެކޭ ބުނާކަމެވެ. ކުށަށް ޒިއްމާވާ އުމުރު ދަށްކުރުމަކީ، މިވަގުތަކަށް ހައްލެކެވެ. އެހެނަސް ދާއިމީ ހައްލެއްނޫނެވެ. ބޮޑެތިކުށްކުރުމަށްފަހު، އުމުރުގެ ފުރޭނުން ފޭދިގެން ރެކެވޭނެހެން އަދުލު އިންސާފު އޮތުމަކީ ގޯހެކެވެ. މީގެ އިތުރުންވެސް ހުރި ކަންތައް ބަލާ، ދިރާސާކޮށް ހައްލުކުރަންޖެހެއެވެ. ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.

 

ރަސްމީ ގޭންގު ތަކެކޭ އަދު ނުކިޔާނެ ކަމެއްނެތެވެ. ސަރުކާރު ރަސްމީ އިދާރާއެކޭ އެއްބީދައިން އެމީހުންގެ ނަމާއި ވެރިންނާއި، ހައިރާކީއާއި، ފައިނޭންސް އަދި މަގުސަދާއި މެމްބަރުންނަށްދާންދެން ހުރިކަން ނުދަންނަ މުއައްސަސާއެއް އަދަކުނެތެވެ. ރުހުނަސް ނުރުހުނަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ކުދިން ކުށުގެމާހައުލަށް ވެއްދުމަކީ މިގޭންގެ ތަކުގެ މުސްތަގުބަލަށް އެމީހުންކުރާކަމެކެވެ. އަމުދުން އަދުލު އިންސާފުގެ އަތް ނުފޯރާ އުމުރުފުރާއަކީ އެފަދަ ގޭންގް ތަކަށް ލިބޭ ޖަވާހިރުތާއެވެ. ރާއްޖޭގެ ގޭންގްތަކުގެ ގޮތުގައި ދިވެހިން ސަލާމަތީ ބާރުތަކުން އިއުލާން ކުރާ ނަންތައް، 3-4 އަހަރު ފަހުން ޖަމްއިއްޔާތަކާއި، ކްލަބްތަކާއި ތަފާތު ކުޅިވަރުގެ އެކަޑަމީތަކަށް ބްރޭންޑް ކުރެވި، އެއްކަލަ ޅަކުދިން އޮންބޯޑު ކުރެވޭ ރަނގަޅު ޕްލެޓްފޯމަކަށް ހަދާކަމީ ބޮޑުސިއްރެވެ. އަފިހުން ގަސް ހައްދާނެ ދަނޑާއި ގަސްކާނާއާއި ދިނުމަށްފަހު، އެކަން ނުކުރާށޭ ހޯހޯ ކަމެކޭ ކިޔަންތިބެންވީތާއެެވެ! ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.

 

ވަރުގަދަ ނޫސްވެރިކަމުގެ މިނިވަންކަން މިއީ މިއަދު ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މުޖުތަމައުގެ ފޭރާން ހާލާކުވާ އެއް ސަބަބެވެ. ތިމާގެ އަތުގައި ގަލަމެއް އޮތަތީ، ހަގީގަތެއްނެތް ވާހަކަތަކުން ކަތިލެވެނީ ކިތައް މީހުންގެ އަބުރުތޯއެވެ. އެމީހުންނަށް ދިފާއުވާނެ ފުރުސަތެއްވެސް ނޯވެއެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ދުވަސްކޮޅަކަށް އަލަށް އުފެދިންގެން އަންނަ ބެލެނިވެރިއެއް ޒިއްމާވާނެމީހެއް ނެތގް "ކަޅު ނޫސްވެރިކަމެވެ." އަޅުގަނޑުމެން ސޯޝަލް މީޑިއާގައި ވައިރަލް ކޮށްލަން ހަމަ ފައްކާވާނެއެވެ. "މަޖާ" ކަމެކެވެ. ދިވެހި ނޫސް ވެރިކަމާއި، ސޯޝަލް މީޑީއާއަކީ މީހުންގެ އަބުރު ކަތިލުމާއި، ދޮގު އިލްޒާމު އެޅުވުމާއި، ނުހައްގުން މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަށް އަރައިގަންނަ އަދި އެފަދަ ހަބަރުތައް "ބްރޭކިން ނިއުސް" އަށްވާ މަންސަތަކެއް ނަމަ، ބުލީ ނުހުއްޓޭނެއެވެ. ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.

 

ސިޔާސީ ވެރިންނަކީ މިގައުމުގައި މިއަދު އެންމެ ގިނައިން މީހުންނަށް އިލްޒާމު އެޅުވުމާއި، ބަދުނާމުކުރުމާއި ލިބިފައިވާ އޯޑިއަންސްގެ ބާރުގެ ބޭނުން ނަހަމަކޮށް ކުރާ މީހުންނޭ ބުނުމުން އަޅުގަނޑުގޯސްވިޔަސް އެބުނެވުނު ބަސް ގޯސް ނުވާނެޔޭ ހާދަހީވެއެވެ. ދަރިން ބަލާނީ ބޮޑެތި މީހުން އުޅޭގޮތަށެވެ. ބޮޑު ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން ފިސާރީ ޓާއި އަކާއެކު ޕޯޑިއަމަށް ދެވުމުން، ތިމާގެ ވާދަވެރިންނައި އެވެރިންގެ އައުލާދުންނާއި، ކައްވަޅުގައި ތިބި ކާބަފައިންނަށް ދާންދެން ނޮޅާ ކުދިކޮށް ނެއްގާނީ ވަނަމުން މުހާތަބުކޮށް މުޅި ދުނިޔެއަށް ފަލީހަތްކުރުމަށްފަހު، މާދަމާ އެހެން ނޫޅޭށޭ ކުދިން ކާރީ ބުނެގެން ބުލީ ނުހުއްޓޭނެއެވެ. ސައިބާރ ބުލީން ގެ ގާނޫނުގަނޑެއްވެސް މިއުޅެނީ 2024 ވިއިރުވެސް މިންވަރުނުކުރައްވައިގެންތާއެވެ.  ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.


ތަރުބަވީ އަތްތައް ބަނދެވިފައޭ ކިޔައެވެ. ކުއްޖަކު ކޮންމެ ކުށެއްކުރިޔަސް އަދަބު ނުދެވޭ ވާހަކައެވެ. ނޫނެވެ. ޒަމާނާއި އެއްގޮތަށް ކުއްޖާއަށް ވިސްނަދީގެން އިސްލާހުކުރުމެވެ. މިއީ އަސްލުވެސް އެކަން ވާންވީ ގޮތެވެ. އަދަބު ދިނުމަކީ އެކަކުވެސް އެދޭނެކަމެއް ނޫންތާއެވެ. އެކަކަމަކުތޯއެވެ. އަދަބާއި އަނިޔާއާއި ފަރަގުވާން އެބަޖެހެއެވެ. މިދަންނަވަނީ އަކީ ދަރިން ތަޅާވާހަކައެއް، މަދިރި ފިލާގައި ބަހައްޓާ ވާހަކައެއް އަދި އަނދަގޮނޑި ޖަހާވާހަކައެއްނޫނެވެ. ކަށަވަރުންވެސް ވާންޖެހޭ ކަމަކީ، ކުރާ ކުށަށް އޭނާ ފުރުހަމަ ގޮތުގައި ޒިއްމާ އުފުލޭނެ ގޮތެކެވެ. ހިތް ނުރުހުނަސް ގަބޫލުކުރަންވީ ހަގީގަތަކީ ފާއިތުވި 20-30 ވަރަކަށް އަހަރަށް ބަލާނަމަ ތަރުބަވީ އަތްތަކުގެ ތެރެއިން ފޭދިގެން އެބުނާ ބުލީއާއި ބޮޑެތި ކުއްވެރިން އަންނަނީ ކޮންމެވެސް ހިސާބަކުން ގޯސްހެދޭތީކަކެވެ. ސަކޫލް މަދަރުސާތަކުގައި ބުލީއާއި އަނިޔާއައި، ގޭންގެ ހަރަކާތް އޮތީ ކިހާވަރަކަށްތޯ ބަލާ ހަރުދަނާ ފިޔަވަޅު އެޅިއްޖެނަމަ އެއީ ވެސް އެއްދިމާލުގައި ހުރި ބާގަނޑެއް ބެދުނީއެވެ. ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.


ބެލެނިވެރިކަން އޭގެ ފުރިހަމަ ގޮތުގައި އޮތުމަކީ  ދަރިން މަގުން ކައްސާނުލާނެ ސަބަބެކެވެ. ކޮންމެވެސް މިންވަރަކަށް ތަރުބަވީ މައިދާނުގެ ކަންތައް ފެންނާތީ، އިވޭ އަޑެކެވެ. "މަކީއް ކުރާނީ؟ މަބުނާ ގޮތަކަށް ނަހަދާ! ބުނިނަމަ ބުނިހާ އެއްޗެއް ހޯދަދެން". އުފެދޭ ސުވާލަކީ، އުމުރުން 10-15 އަހަރުގެ ދަރި، މައިންބަފައިންނަށް ވުރެ ގަދަވުމުން، ދެން ހަމަ އެމައިންބަފައިންގެ ޒިއްމާ ނިމުނީތޯއެވެ؟ ތަރުބިއްޔަތު ކުރުމުގައި އިހުމާލުވާ ނަމަ އެކަންވެސް ބެލެންޖެހެއެވެ. އޮންލައިން ކުލާސްތަކާއެކު މައިންބަފައިންނަށް ދަރިންނަށް އިންތަނެޓް ދޭންޖެހެއެވެ. ދަރިންނަށް ދެވޭ އިންތްނެޓަކީ އެކުދިން ވަލު ދޮރޯށިން އެހެން ދިމާލަކަށް ގެންދާތަނަކަށް ނުވާނެ ގޮތް ހޯދަންޖެހެއެވެ. ޗައިލްޑް ސޭފް އިންޓަނެޓް އާއްމުކޮށް އަގުހެޔޮކުރުން ނުވަތަ ހަރުދަނާ މޮނިޓަރިން މެކޭނިޒަމަކުން ކުދިންނަށް އެވަސީލަތް ދިނުމަކީ ދުރުގައި ބަލަންތިބި ބާޒުތަކުން ދަރިން މިންޖުކުރެވޭނެކަމެކެވެ. ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.

 

 

ސަރުކާރުތަކުން މިގައުމުގައި ތަރައްޤީގެ ކިތައްމެ ބިޔަ މަޝްރޫޢުތަކެއް ހިންގެވިޔަސް، ޔަގީންވާކަމަކީ، މިއަދު މިވަތަނަކު، ޒުވާން ޖީލުތައް ހަމަމަގަށް އެޅުވުމަށްވުރެ މުހިއްމު މެގަ ޕްރޮޖެކްޓެއް ނެތްކަމެވެ.  މިއީ ޤައުމީ މައްސަލައެކެވެ. މިފަދަ ކޮންމެ ހާދިސާއަކަށްފަހު އިސްބޭބޭފުޅުން އަޅުއްވާ ވަރުގަދަ ކުލަގަދަ ސުރުހީތަކަށްވުރެ މައުނަވީ ފިޔަވަޅުތަކަށް ބޭނުންވެއެވެ. ދިވެހި ރާއްޖޭގެ ޓީޗަރުންގެ ދާއިރާގެ ޤައުމީ ބޮޑު ދިރާސާއެއް ކުރެވި އޭގެއިން ހޯދުނު ކަންކަމަށް ބަލާ ހަރުދާނާ ފިޔަވަޅު އެޅުނުތަން ފެނުނުއިރު، ދަރިވަރުންގެ އަހުލާގާއި، ސުލޫކާއި ހުރި މައްސަލަ ތަކުގެ މައްޗަށް ގައުމީ ބޮޑު ދިރާސާއެއް ނުކުރާންވީ ކަމެއްނެތެވެ. މިއަދު ފެނުނީ ވީޑިއޯއަކުންނެވެ. މާދަމާ ކަފުނަކުން ފެނުމުގެ ކުރިންނެވެ. ބޭނުންވަނީ ވަށާޖެހޭ ހައްލެކެވެ.