އިންފެލޭޝަން


ގައުމުގެ އިގްތިސާދީ ކަންކަމުގެ ވާހަކަ ދައްކާއިރު އެންމެ ގިނައިން އިވޭ އެއް ބަހަކީ އިންފެލޭޝަނެވެ. އެސަރުކާރުގައި އެވެނި ވަރަކަށް އޮތް އިންފްލޭޝަން މި ސަރުކާރުގައި މިވެނިވަރެއްގައި އޮތް ވާހަކައެވެ. 

އިންފެލޭޝަނަކީ ކޮބާ؟ 

އިންފްލޭޝަނަކީ އިގްތިސާދެއްގެ ތެރޭ، ކަނޑައެޅޭ މުއްދަތެއްގައި އާއްމު މުދަލުގެ އަގު ބޮޑުވާ މިންވަރެވެ. އިއްޔެ ރަށު ހޮޓަލުން 3 ރުފިޔާއަށް ލިބުނު ބަޖިޔާ މިއަދު 4 ރުފިޔާއަށް ލިބުމަކުން އެއީ އިންފްލޭޝަން ކަމަށް ކަނޑަނޭޅޭނެއެވެ. އެއީ މުދަލެއްގެ އަގު ބޮޑު ވުމެވެ. އިންފްލޭޝަނަކީ އެއަށްވުރެ ފުޅާދާއިރާއެއްގައި އާއްމު ކޮށް ބޭނުންކުރާ ގިނަ މުދާތަކެއްގެ އަގަށް އަންނަ ބަދަލެކެވެ. މުދަލާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލު ވަޒަން ކުރުމުގައި ރާއްޖޭގައި ބޭނުން ކުރާއެއް މިންގަނޑަކީ (CPI)ސީޕީއާއި ނުވަތަ ކޮންސިއުމާރ ޕްރައިސް އިންޑެކްސް އެވެ. 

ސީޕީއައި އަކީ ކޮބާ؟

ސީޕީއައި އަކީ، މީހުން އާއްމުކޮށް ބޭނުންކުރާ މުދަލާއި ޚިދުމަތުގެ އަގު ބެލުމަށްފަހު، އެ އަގުތަކަށް އަންނަ ބަދަލަށް ބަލާ ބާޒަރުގެ އާއްމު އަގުގެ ބަދަލު ވަޒަން ކުރުމެވެ. މިގޮތުން ކަނޑައެޅޭ، ތަކެތީގެ ޓުކުރިއެއް އެކަށައަޅަނީއެވެ. އެއީ އާއްމު އުސޫލުން ރައްޔިތުން އެމީހުންގެ ދިރިއުޅުމުގައި ބޭނުންކުރާނެ ތަކެތީގެ ލިސްޓެކެވެ. ރާއްޖޭގައި މިގޮތަށް 307 ބާވަތް ހިމެނޭ ޓުކުރިއެއް ބޭނުންކުރެއެވެ. ޓުކުރީގައި ހުންނަ ހުރިހާ އެއްޗަކީ، ގޭބިސީތަކުގައި އެކި މިންވަރަށް ހޭދަކުރަންޖެހޭ ތަކެތިއެވެ. އެހެންކަމުން، އެ ޓުކުރީގެ ހުންނަ ތަކެއްޗަށް ބުރަދަންދެނީ ގޭބިސީތަކުގެ އާމްދަނީއާއި ހަރަދުތަކުގެ ސާވޭއަށް ނުވަތަ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާރ  ސާވޭއަށް (HIES) ބަލައިގެންނެވެ. މިސާލަކަށް ރާއްޖޭގެ ޓުކުރިން ހިކިކިރަކީ ގާތްގަނޑަކަށް ހުރިހާ ގޭބިސީތަކެއްގައި ބޭނުންކުރާ އެއްޗަކަށްވާތީ އެއަށް ދެވޭ ބުރަދަން ބޮޑުވިޔަސް އެޓުކުރީގައި ހިމެނޭ ކަޕް ނޫޑުލް އަކީ އެވަރު ބުރަދަނެއް ލިބޭނެ އެއްޗަކަށް ނުވެދާނެއެވެ. ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުގެ ސާވޭ ކުރަންޖެހޭ އެއްސަބަބަކީ މި ޓުކުރީގެ ތަކެއްޗަށް ދެވޭ ބުރަދަނަކީ ވީހާވެސް ހަގިގަތާއި ގާތް ބުރަދަނަކަށް ހެދުމަށެވެ. އިންފެލޭޝަން ހޯދަނީ ޓުކުރީގައި ހުރި ތަކެތިގެ އަގަށް އަންނަ ބަދަލަށް ބަލާފައެވެ.

މިސާލަކަށް ޓުކުރީގައި ހުރި ތަކެތީގެ ޖުމްލަ އަގަކީ 3800 ރުފިޔާއެވެ. އެހާލަތުގައި 3800 ނެގި ތާރީހަކީ ބޭސް ޕީރިއަޑްކަމަށް ކިޔައެވެ. މިއަގު ގެ ރަމްޒަކަށް ދެނީ %100 އެވެ. ދެން ކަނޑައެޅޭ މުއްދަތެއް ފަހުން އަގު ބަލާއިރު ޖުމްލަ އަގަކީ 3950 ރުފިޔާއެވެ. 3950 އަކީ 3800ރުފިޔާއަށް ވުރެ 150ރުފިޔާ އިތުރުވުމެކެވެ. ދެން ބަލަނީ 150 އަކީ 3800 ގެ ކިތައް އިންސައްތައިގެ އިތުރުވުމެއްތޯއެވެ. މިހާލަތުގައި އެއީ %3.95 ގެ ކުރިއެރުމެކެވެ. އެއީ ކުރިންދިން ރަމްޒީ %100 އަށް ބަލާނަމަ 103.95% އެވެ. ނުވަތަ އަގުބޮޑުވުމެކެވެ.


 މުހިއްމު ބައެއް ކަންތައް

ފާހަގަ ކުރަންޖެހޭކަމަކީ، ކުރިން ބުނެވުނުހެން، އެއަދަދަކީ ޖުމްލަ އަގަށްއައި ބަދަލުގެ އަންދާޒާއެއްކަމުން މީގެ މާނައަކީ އެ ޓުކުރީގައި ހުރި ހުރިހާ މުދަލެއްގެ އަގު %3.95 މައްޗަށް ދިއުމެއް ނޫނެވެ. އެއީ އެވްރެޖް ރޭޓެކެވެ.

އިންފެލޭޝަނަކީ އަގު ބޮޑުވާ މިންވަރެވެ. އެހެންކަމުން އިންފެލޭޝަން ދަށް ވުމުގެ މާނައަކީ އަގު ތިރިވުމެއްނޫނެވެ. އޭގެ މާނައަކީ އަގުބޮޑުވާ މިންވަރު ދަށްވުމެވެ. މިސާލަކަށް ގަހެއް އަހަރަކު ބޮޑުވަމުން ދިޔައީ 3 އިންޗިއަށެވެ. އެކަމަކު މިއަހަރު ބޮޑުވީ 2 އިންޗިއަށެއެވެ. މިހާލަތުގައި ގަސް ބޮޑުނުވަނީއެއްނޫނެވެ. ބޮޑުވާ މިންވަރު ލަސްވީއެވެ. އިންފެލޭޝަން ހޯދާއިރު އަގު ތިރިވާނަމަ އެއަށް ކިޔާއުޅެނީ ނެގެޓިވް އިންފްލޭޝަން ނުވަތަ ޑީފްލޭޝަނެވެ. ފުއްޕާހަމަކަށް ވައި އެޅޭހާ ހިނދަކު އޭތި އިންފްލޭޓްވާނީއެވެ. ބޮޑުވާނީއެވެ. ވައި މަދުވާނަމަ އެވާނީ ޑީފްލޭޓެވެ. ކުޑައެވެ. އަގުވެސް ހަމަ މިބީދައެވެ.

މިއީ އިންފެލްޝަންގެ އެންމެ ތަފްސީލީ ބުނެދިނުމަކަށް ނުވާނެއެވެ. އެހެން ނަމަވެސް ނޫސްތަކާއި ހަބަރުތަކުން އަދި ސިޔާސީ ޕޯޑިއަމްތަކުން މިލަފުޒުބޭނުން ކުރާއިރު، އެބުނާނީ ކީކޭކަން ތަންފުކެއް ރަނގަޅަށް ފަހުމުވުމަށް މިމިންވަރު ފުދޭނެކަމަށްފެނެއެވެ. ރާއްޖޭގެ ސީޕީއައި ގެއެންމެ ފަހުުންނެރުނު ތަފާސް ހިސާބު މި ލިންކުން ފެންނާނެއެވެ.



 https://statisticsmaldives.gov.mv/nbs/wp-content/uploads/2023/03/A-guide-to-The-Consumer-Price-Index-of-Maldives-2022.pdf 

https://statisticsmaldives.gov.mv/mbs/wp-content/uploads/2024/02/CPI-Jan-2024.pdf