ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަސް

އަދަކީ ތާރީހީ ދުވަހެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ހިތި ތަޖުރިބާއަށްފަހު، ދުނިޔޭގެ ގައުމުތަކުން މަސަލަސްކަމާއެކު އުޅެން ކުރި މަސައްކަތުގެ ތެރެއިން، ބައިނަލް އަޤްވާމީގޮތުން އެންމެން ބަލައިގަންނަ އިންސާނީ ހައްޤުތަކާބެހޭ ޤަރާރެއް އެކުލަވާލައި އެމުއާހަދާ ބަލައިގަތީ 10 ޑިސެމްބަރ 1948 ގައެވެ. އަދަކީ މި މުއާހަދާއަށް 75 އަހަރު ފުރޭ ދުވަހެވެ.



އިންސާނީ ހައްޤުތަކުގެ މުއާހަދާ ކަށަވަރުކޮށްދެނީ އިންސާނަކަށްވާތީ ލިބޭ އަސާސީ ހައްގުތަކެއްވާކަމާއި، އެހައްޤުތަކަކީ، މީހާގެ ނަސްލަކުން، ކުލައަކުން، ދީނަކުން، ޖިންސަކުން، ވާހަކަދައްކާ ބަހަކުން، ނިސްބަތްވާ ސިޔާސީ ނުވަތަ އެހެންވެސް ފިކުރަކުން، އޭނަ އުފަންވާ ތަނަކުން،އޭނަގެ މުދަކަލުން އަދި އިޖުތިމާއީ ނިސްބަތްވުމަކުން ފަރަގު ނުކުރެވޭނެ އަދި އުނިވެސް ނުކުރެވޭނެ ހައްޤުތަކެއްކަމެވެ.

އިންސާީ ހައްޤުތަކުގެ މުއާހަދާ އަކީ، އޭގެއިން ގިނަބަޔަކަށް މަންފާކުރި މުއާހަދާއެކެވެ. އަސާސީ ހައްޤުތައް މުޅިދުނިޔޭގައި ބަލައިގަންނަ އެއަށް އެންމެންމެ ތަބާވާންޖެހޭ އަސާސީ މިންވަރު މިނެދިން ނާޅިއެކެވެ.އެހެނަސް،  މިއަދު މިމުއާހަދާއަށް 75 އަހަރު ފުރޭއިރު، ފަލަސްތީނުގެ ޢައްޒާގައި ހިނގަމުންދާ ގަތުލުއާންމުތަކުން ވަނީ މި މުއަހަދާއަށް ހިޔަނި އެޅިފައެވެ. މުއާހަދާވަނީ މުސްކުޅިވޭ ގައިބާރުދޫވެ ނިކަމެތިވެފައިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުގެ ނަޒަރު ދެތިން ދިމާލަކަށް އެބަދެއެވެ. ފަލަސްތީނުގެ ހާލަތެވެ. އަޅުގަނޑުމެންނާއެކު ތިބި ބިދޭސީ މަސައްކަތްތެރިންނަށެވެ. އަދި މާދަމާގެ ދިވެހި ޖީލާމެދުއެވެ.

މާދަމާގެ ދިވެހި ޖީލު

އަޅުގަނޑުމެން މިއަދު މިވަނީ ޑިމޮކްރަސީއަށް އަލިވިލިފައެވެ. މިއަދު މިފެންނަނީ ހައްގުތަކުގެ ޒަމާނެކެވެ. އެއާއި އެކު، އިންސާނީ ހައްގުތަކުގެ ވާހަކައާއި ހޭލުންތެރިކަންވެސް ދަނީ އިތުރުވަމުންނެވެ. 21 ވަނަ ގަރުނަށް ލޯހުޅުވުފައިވާ ޖީލެއް އުފެދިންގެން އަންނައިރު، އެކުދިންކިބައިގައި ހަރުލައްވަންޖެހޭ އެއްސިފައަކީ، ހައްގުގެ ސިފައެވެ. ހައްގަކީ ތިމާގެ އެކަނި އެއްޗެއްނޫންކަމާއި ތިމާގެ ހައްގުވާފަދައިން އަނެކާގެ ހައްގު ވާކަމެވެ. ސޯޝަލް މީޑިއާއަށް ވިސްނުމެއްނެތި ދޫކޮށްލާ ބަހަކުން، ފޮޓޯއާކުން،އިލްޒާމަކުން، އަނެކާގެ އަބުރާއި ކަރާމަތާއި އިއްޒަތުން ނަފުސައް އަރައިގަތުމަކީ ހައްގެއްނޫންކަމެވެ.

މިއަދުގެ ހަގީގަތަކީ، މިދެންނެވި ކަންތަކަކީ ބޮޑުވަމުން އަންނަ ޖީލުތަކަށް ރަގަޅަށް ހޭލުންތެރި ނުކުރެވިއްޖެ ނަމަ މުޖުތަމައަށް އޭގެ ގެއްލުން އިންތިހާއަށް ކުރާނެކަމެއްކަމެވެ. ސަބަބަކީ، އިންޓަނެޓާއި މީސްމީޑިއާ އަށްވުރެ ފަހުން އައި ޖީލެއްކަމުން އެއަށް އަހުލުވެރިވެ ދޯޅަވާމިންވަރު ބޮޑުކަމެވެ. އެހެންކަމުން، މިއަދު އިންޓަނެޓާއި މީސްމީޑިއާ ވެފައިމިވަނީ "މިޒަމާނުގެ އަސާސީ ހައްގު" ކަމަށެވެ. އެހެނަސް އެއީ ނަހަމަ ގޮތުގައި ބޭނުންކުރެވޭނަމަ، މުޖުތަމައެއްގެ ހަަލާކެވެ. ސެކޭމް ކޯލްތަކާއި، ބްލެކްމޭލް ކުރުމާއިި، މަގުމަތިން ކަޓަރު އަޅާ ކަތިލަމުންދާ ކުދިންނާއި، މިފަދަ ކަންކަމުގެ އަޑު މުޖުތަމައުން އިވެނީ، ތިމާގެ ހައްގާއި އަނެކާގެ ހައްގު ކަށަވަރުކުރުމުގައި އަޅުގަނޑުމެން ފޭލިވުމުުންވެ. މިއީ މިފަދަ ދުވަހެއްގައި ބޮޑެތިވަމުން އަންނަޖީލުތަކުން ވިސްނާލަން ރަނގަޅު ކަމެކެެވެ.

ބިދޭސީ މަސައްކަތްތެރިންގެ ވާހަކަ

މިއީ އިންސާނީ ހައްގުތަކުގެ ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ ކަމެކެވެ. ދިވެހި ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ ލައްކައަކާއި ހަމަކޮށްފައިވާއިރު، އެމީހުންގެ ތެރެއިން ހާއްސަކޮށް ބަންގާޅުން ގެނެސްފައިވާ ވަރަށް ގިނަ މީހުންނާއި މެދު އެކަށީގެން ނުވާގޮތަށް އަމަލުކުރެވޭކަމީ، އެންމެން ދަންނަ، ސިއްރެވެ. ބައެއް މީހުން އެތަކެއް މަސްދުވަހު މަސައްކަތް ކުރުވާ މުސާރަ ނުދީ ތިބުމާއި، އަނެއްބަޔަކު، އޭނަގެ "ބޮސް" އަށް މަހުން މަހަށް ވަކި އަދަދަކަށް ފައިސާދޭ ގޮތަށް ރަށުތެރެއަށް ދޫކުށްލުމާއި، ޕާސްޕޯޓު ހިފަހެއްޓުންފަދަ އެތަކެއް ކަމެއް ހިނގައެވެ. މީގެ އިތުރުން، ކޮވިޑް19 ގެތެރޭ އެންމެންގެ ލޯތަަކަށް ފެނިގެންދިޔަ، ބިދޭސީން އުޅޭތަންތަނުގެ ހާލަތު ރަނގަޅުކޮށް އެކަށޭނެ ފިޔަވަޅު އެޅުމުގެ ވާހަކަ ދެކެވުނަސް، އެކަން މިއަދު ހަނދާންނެތިވެ، އެމީހުން ހަމަ އެކޮށިތަކުގައި އެހެރަ ދުވަސްތައް ހޭދަކުރަނީއެވެ. މިހުރިހާކަމެއްގެ ތެރެއިން އިޖްތިމާއީ މައްސަލަތަކާއި، ގަވާއިދާއި ހިލާފު ވިޔަފާިތައްްފަދަ އެތަކެއް މައްސަލަ އިތުރުވެ، ފުޅާވަމުންދެއެވެ. ބިދޭސީ މަސައްކަތްތެރިންނާއިމެދު ނުހަނު ރަނގަޅަށް އޯގާތެރިކޮށްކަންކުރާ މީހުން މިމުޖުތަމައުގައި މަދެއްނޫނެވެ. އެހެނަސް، މިއަދު އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރާއިރު، ބިދޭސީން ގެންގުޅޭ ކޮންމެ މީހަކު އަދި ވިޔަފާރިވެރިއަކު އަމިއްލަ ނަފުސާ ސުވާލުކޮށްލަންވީ ތިމާ ތިމާގެ ބެލުމުގެ ދަށުގައިވާމީހާއާއި މެދު އިހުސާންތެރިވިންތޯއެވެ. މިއަދު އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނައިރު މާދަމާ ޖަވާބުދާރީވާންޖެހޭ ދުވަހު ދޭނެ ހައްގު ޖަވާބެއްއެބައޮތްތޯއެވެ؟

 

ފަލަސްތީނުގެ ހާލަތު

7 އޮކްޓޯބަރ 2023 ގައި ހަމާސް އިން އިިސްރާއީލަށްދިން ކުއްލި ހަމަލާއަށްފަހު ދެތިންކަމަށް ހާމަވެގެންއައެވެ. ފުރަތަމަ ކަމަކީ، ކިތައްމެ އޮބިއަޅާ، ވަށާފާރުރޭނިކަމަށްވިޔަސް ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ވަތަނަށްޓަކާކުރާ ޖިހާދު ނުހުއްޓުވޭނެކަމެވެ. ދެވަނަކަމަކަށް ފެނިގެންދިޔައީ، އިސްރާއީލުން އެތަކެއް ޒަމާނަށް މުޅިމެދުއިރުމަތީގައި ބިރުދައްކަމުންއައި އަސްކަރީ ބާރަކީ އޭގެ ޒާތުގައި ފޫއަޅުވާލެވޭނެ ބާރެއްކަމާއި، 6 ގަޑިއިރުގެ ކުއްލި ހަމަލާއިން އިސްރާއިލު ކުޑަކަކޫމައްޗަށް ތިރިވިކަމެވެ. ތިންވަނަކަމަށް ފެނިގެން ދިޔައީ މެދުއިރުމަތި، އާދެ، އިސްލާމީ ވަަރުގަދަ ކިއްލާ މިއަދުވަނީ ރޫޅި ވިއްސިވިހާލިވެ ހުޅަނގުގެ ގޮނޑިކޮއްކޮ ތަކަކަށްވެފައިކަމެވެ. މިހުރިހާ ކަމެއްގެ ތެރެއިން އައި އެއްހެވަކީ، ފަލަސްތީނުގެ ޒަމާންވީ މައްސަލައަށް، ދުވަހަކުވެސް ހުޅަގާއި އެމެރިކާގެ އާއްމުން ހޭލުންތެރިނުވާމިންވަރަށް ހޭލުންތެރިވެ، ހުޅަނގުގެ މީޑިއާތަކުން އިސްރާއީލުގެ ނަސްލީ އިމްތިޔާޒާއި، އިސްތިއުމާރު އަދި އަނިޔާވެރިކަން ފޮރުވަމުންދިޔަ ފަރުދާކެހިގެންދިއުމެވެ. ނަތީޖާއަކަށްވީ ހުޅަނގާއި އެމެރިކާގެ އެތައް ހާސް ރައްޔިތުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ފެށިފެށުމާއެކު، ހުޅަނގުގެ ދެފުށްދެގޮތް ސިޔާސަތު ބޭޒާރުވުމެވެ. 

މިހުރިހާކަމަކަށްވުރެ، ހުޅަނގާއި އެމެރިކާ މިފަހަރު ކުރިމަތިލާންޖެހުނީ، ދުވަހަކު ދިމާނުވާ މިންވަރަކަށް ޑިޕްލޮމެޓިކް ފިއްތުންތަކެވެ. އދ ގެ ސަލާމަތީ ކައުންސިލުން މައްސަލާގައި ފިޔަވަޅު އަޅަން އުޅޭކޮންމެ ފަހަރަކު އެމީހުންގެ ވީޓޯގެ ބާރު ބޭނުންކުރެއެވެ. އެހެން މިފަހަރު އެވަރުން ހުއްޓާލަން ދުނިޔެ ދެކޮޅުހެދިއެވެ. އަދި އާއްމު މަޖިލިސް އިން ނެގި ވޯޓުން، އިސްރާއިލާއި އެމެރިކާގެ ސިޔާސަތަށް ދުނިޔެ ހަރުއަޑުން ދެކޮޅު ހެދިއެވެ. މިކަމަށް އިތުރުވެގެން އައި ބޮޅަކީ އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރެސް އދ ގެ ޗާޓަރުގެ 99 ވަނަ މާއްދާއިން ލިބިދޭބާރުގެ ދަށުން، ގައްޒާގައި ހަނގުރާމަ ހުޓުވުމަށް ސަލާމަތީ މަޖިލިިސް އަށް އިލްތިމާސް ފޮނުވުމުން އެކުވެރި އަރަބި އިމާރާތުން ހުށަހެޅި ގަރާރު އެމެރިކާ ވީޓޯ ކުރުމެވެ. ގަރާރަށް ވޯޓުދިނުމަށް ދެން ދެކޮޅުހެދީ އިސްރާއިލު އުފެއްދި އެއްމޭސްތިރި ކަމަށްވާ އިނގިރޭސިވިލާތެވެ. އދ ގެ ޗާޓާރުގެ 99 ވަނަ މާއްދާއަކީ އދގެ ސެކެޓްރީ ޖެނަރަލަށް ލިބޭ އެންެމެ ބޮޑު ބާރަށްވެފައި، މީގެ ކުރިން އދ ގައި މި ބާރު ކުރިން ބޭނުންކޮށްފައިވަނީ 3 ފަހަރެވެ. މިފަހަރަކީ، 99 ވަނަ މާއްދާގެ ދަށުން އދ ގެ ސެކެޓްރީ ޖެނެރަލަކުގެ ގޮވާލުމަށް ހުށަހެޅުނު ގަރާރެއް ބާތިލުވި ފުރަތަމަ ފަހަރެވެ. މިކަމުން ގިނަ ބަޔަކު އެމެރިކާ ސިފަކުރީ އިންސާނީ ހައްގުތަކާއި ކަނޑައެޅިގެން ދެކޮޅުވެރިވުން ކަމަށެވެ. ހާއްސަކޮށް، ޑިމޮކްރަސީގެ ބައްޕަކަމަށް، ހުރިހާ ގައުމުތަކަށް ޑިމޮކްރަސީ ފަތުރަން އުޅޭގައުމަކުން، ވީޓޯގެ ބާރު ބޭނުންކުރުމީ ސަލާމަތީ މަޖިލީސްގައި އަމުދުން ޑިމޮކްރަސީގެ އުސޫލުނެތްކަންދައްކުވައިދިންކަމެއްގެ ގޮތުގައެެވެ.

ކޮންމެއަކަސް، މިއަދު ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަ ކުރާއިރު، ގަބޫލުކުރަންޖެހޭ ހިތި ހަގީގަތަކީ، އެމުއާހަދާއަށް 75 އަހަރު ފުރޭއިރު، އެމުއާހަދާގެ ކުރިން އުފެދި އަދިވެސް ދެމިގެންދާ ފަލަސްތީނުގެ އެތައް މިލިއަން މީހުންގެ ހައްގަކީ ބައިނަލް އަޤްވާމީ ދުނިޔެ، އިންސާނީ ހައްގުތައް ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނުމުގައި ފޭލިވެފައިވާ ބޮޑު އިންސާނީ ކާރިސާއެއްކަމެވެ.

 

https://www.un.org/en/observances/human-rights-day