ދިވެހި ނޫސްވެރިކަން - ޓެގުއަޅައިގެން ވިޔަސް ރަމަތަކުރަންޖެހޭ




މިއަދު  ދައްކަން މިއުޅެނީ ގިނަ ބަޔަކަށް ކަމުދާނެ ވާހަކައަކަށް ނުވެދާނެއެވެ. އަމުދަކުން މިނިވަން ނޫސްވެރިކަން އޭގެ ހަށިފޮޅާލާފައިވާ ޒަމާނެއްގައި، " ދޫބުރިކުރާވަރު" ވާހަކައަކަށްވެސް ވެދާނެއެވެ. 

2004 ވަނަ އަހަރުގެ އޭރުގެ ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާ ވެގެންދިޔައީ ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ރަސްމީ އުސޫލަކުން ދިނުމުގެ  މަސައްކަތުގެ ފެށުމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިންނަށް ލިބުމާއި އަދި ފަސޭހައިން އިންޓަނެޓްގެ ވަސީލަތް މުޅި އާބާދީއަށް ފޯރުމާއި، ފަހުން އިންޓަނެޓުގެ ތެރެއިން އުފެދި ފުޅާވި  މީސްމީޑިޔާއާއެކު ނޫސްވެރިކަންވަނީ އިންތިހާއަށް ފުޅާވެފައެވެ.

ހަނދާން ގޯސް ނޫންނަމަ، ދިވެހި ނޫސްވެރިކަމުގައި އެއްމެ ހުތުރު މަންޒަރު ތަކެއް ފެނިގެން އައީ އޮންލައިން ނޫހަކުން ފެށި ބޭއަދަބީ ހަބަރާއި މައުޟޫއުތަކުގެ ސިލްސިލާއަކުންނެވެ. އެކަމާ ދެކޮޅަށް ނޫސްވެރި ކަމުގެ ކަންތައް ބެލެހެއްޓި އިދާރާއިން މަސައްކަތްތަކެއް ކުރިނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ އިލްޒާމުތަކުން އެއިދާރާގެ އަނގަމަތީ ޓޭޕް އެޅީއެވެ. ނަތީޖާއަކަށް ވީ ނޫސްވެރިކަމަކީ ހިތުހުރި ގޮތަކަށް ހިތަށް އަންނަހާ އެއްޗެއް އަމުނާލާ މަންސަތަކަކަށް ވެގެންއައުމެވެ. ކުޑަމިނުން ނޫހަކީ ޤައުމުގެ އިދާރާތަކުގައި ރަޖިސްޓަރީ ވެސް ކުރާންޖެހޭ އެއްޗެއްނޫންކަމަށް ދެކޭ "ނޫސްވެރިން" އެބަތިއްބެވެ. އެމީހުންދެކޭ ގޮތުގައި އެއީ ޤައުމުގެ 4 ވަނަ ބާރެވެ. ވެރިކަމުގެ 3 ބާރު ޖަވާބުދާރީ ކުރުވާނީ ނޫސްވެރިންނެވެ. އެހެނަސް އެވެރިން ޖަވާބުދާރީ ކުރުވާނެބަޔަކު އުޑުހިޔާދަށުގަ ނެތްފަދައެވެ.

މިއަދުގެ ހަގީގަތަކީ، ރާއްޖޭގެ ބައެއް ނޫސްތަކަކީ، ސުލޫކީ، އަހުލާޤީ އެއްވެސް މިންގަނޑަކުން މުޖުތަމަައަށް ނުފެތޭ ނޫސްތަކެކެވެ. އެމީހުންގެ ކަމަކީ އެމީހުން ނުރުހޭހާބަޔަކު "ސައިޒަށް ކަނޑާލުން" ކަމަށް ދެކެއެވެ. މި ފަލްސަފާގެ ދަށުން ކަތިލެވުނީ ކިތައް ދިވެހިންގެ އަބުރުކަމެއްވެސް ނޭނގެއެވެ. އެއްވެސް ހަޤީގަތެއްނެތް ބޮޑު ދޮގުހަދައިގެން މުޅިހަޔާތް ބަރުބާދުކޮށް މަޖުތަމައަށް ނިކުންނަން ނުކެރޭވަރަށް "ހޭއަރުވާލީ" ކިތައް ފަރުދުންނާއި އާއިލާބާއެވެ؟ މިކަން ކުރަނީ ގިނަފަހަރު ކޮންމެވެސް ސިޔާސީ ފިކުރެއް ކުރިއެރުވުމަށެވެ. ބިނާކުރަނިވި ފާޑުކިޔުމުގެ ބަދަލުގައި ފަނާކުރަނިވި ނޫސްވެރި ގަލަން ތަކަކުންނެވެ. މިކަން ކުރަނީއަކީ ވަކި ސަރުކާރަށް ތާއިދު ކުރާ ނޫހަކުން ނުވަތަ ސަރުކާރާއި އިދިކޮޅު ނޫހަކުންނޭ ނުބުނެވޭނެއެވެ. ދެކޮޅުންވެސް ފެންނަ މަންޒަރެވެ. ޤައުމައްޓާކާ، ނޫސްވެރިކަމުގެ ނަން އަޅައިގެންތިބި ބައެއް ގަލަމުގައި ޓެގުއަޅުވައިގެން ނަމަވެސް ރަމަތަކުރަން އެބަޖެހެއެވެ. 

ނޫސްވެރިކަމުގެ މިނޭއްގާނީސިފަތަކާއެކު މޭމަތީ އަތްޖަހާލާ، ދުނިޔޭނެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިން ގައި ކުރިއެރި ވާހަކަ ދައްކާއިރު، ޤައުމުގެ އިޖުތިމާއީ ފޭރާން ވީދިހުސްވާ ވާހަކައެއް ނުދައްކައެވެ. ޤައުމެއް، ވަހުދަތެއް، އަދަބެއް އަހުލާގެއްނެތްނަމަ ކީއްކުރާ ރޭންކިންއެއްބާއެވެ؟ މިއަދު މީހާ މޮޅު ނޫސްވެރިއަކަށް ވަނީ، ކޮންމެވެސް މީހެއްގެ އަބުރު ކަތިލުމުންނެވެ. ނޫސްވެރިކަމުގެ ނަމުގައި ދޮގުބުހުތާން ލިޔުމުންނެވެ. މީހުންނަށް އާޑަފުރައްސާރަކޮށް ފަހަތުން ދުވީމައެވެ.

ނޫސްވެރިކަން އޮންނަންވާނެއެވެ. މިނިވަންކަމާއެކުއެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަން ކަމަކީ ބޭނުންހާ އެއްޗެއް ލިޔުމެއްނޫނެވެ. ޤައުމެއްގެ ނިސްބަތުން.. ފުދިއްޖެ!! ފުދިއްޖެ!! ފުދިއްޖެ!! އޭ ބުނެ، ނޫސްވެރިކަމުގެ އިންތަކާއި މިންތައް ކުރައްސަން އެބަޖެހެއެވެ. ޤައުމުގެ ހައްޤުގައެވެ. ޅަދަރީންގެ ހައްޤުގައެވެ. ޕްރޮފެޝަނަލް ނޫސްވެރިންކުރާ ބޭފުޅުންގެ މަސައްކަތާއި، މުޅި ނޫސްވެރިކަމުގެ ދާއިރާގެ ހައްޤުގައެވެ.  މިފުރުސަތުގައި އެތަކެއް އަހަރަށް އަބުރުވެރިކަމާއެކު މުޖުތައަށް ނުހަނު ފައިދާކުރާނެހެން ފެންވަރު ރަނގަޅުކޮށް ހިންގާ ނޫސްތަކާއި ނޫސްވެރިން ތިބިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުވެރިވަމެވެ.



މިނާޒުކު ހާލަތުން މިންޖުވުމަށް ލަސްނުކޮށް ކުރަންޖެހޭ ކަމަށް ފެންނަ ބައެއްކަންތައް ފާހަގަކޮށްލާހިތްވެއެވެ. 

1.     ރާއްޖޭގައި އެއްވެސް ބާވަތެއްގެ ނޫސްވެރިކަމެއް ރަޖިސްޓަރީނުކޮށް ހިންގުންމަނާކޮށް އެކަން ހަރުދަނާކޮށް ތަންފީޒުކުރުން.

2.     ނޫސްވެރިކަމުގެ، ކުޑަމިނުން ޑިގްރީއޮތް އެޑިޓަރެއް ނެތި ނޫސް ނުހިންގުމާއި، ނޫހުގެ ލިޔާލިޔުންތަކަށް ނޫހުގެ އެޑިޓޯރިއަލް ބޯޑު ފުރިހަމައަށް ޒިއްމާދާރުކުވުން.

3.     ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުން ފުރުސަތުދީގެން ނުވަތަ ބޭރަށް ފޮނުވައިގެން ނަމަވެސް ރާއްޖޭގައި ނޫސްވެރިން ރަނގަޅުފެންވަރަކަށް ތަމްރީނުކުރުން.

4.     ނޫސްތަކަށް ސަރުކާރުން ރަސްމީކޮށް ހަމަހަމަ އުސޫލަކުން ފަންޑުކުރެވޭނެ ނިޒާމެއް އެކުލަވާލުމާއި  ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ސީއެސްއާރު އިން ވަކި ނޫސްތަކަކަށް ހަރަދުނުކުރެވޭކަން ކަށަވަރުކުރުން.

5.     ނޫސްވެރިކަން މޮނިޓާރ ކުރެވޭނެ ނިޒާމެއް ޤާއިމުކޮށް ހަރުދަނާ މެކޭނިޒަމެއްގެ ދަށުން ނޫސްތަކާއި ނޫސްވެރިންގެ ލައިސަންސިން ކަނޑައެޅުން.

6- ކުރިއަށް އޮތް 2 ނުވަތަ 3 އަަހަރު ތެރޭ ނޫސްވެރިންގެ ދަފުތަރެއް އެކަށައަޅާ، ނޫސްވެރިކަމުގެ ލައިސަންސް ނުނަގާ ރާއްޖޭގައި ނޫސްވެރިކަން ނުކުރެވޭނެގޮތް ހެދުން. 

މިވާހަކަތަކަށް ރައްދުދޭން ވަރަށް ފަސޭހައެވެ. ތިޔަ އުޅެނީ ނޫސްވެރިކަން ހަލާކުކުރާށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާށެވެ. ދަންނަވަންތޯއެވެ؟ މިނިވަން ނޫސްވެރިކަމޭ ކިޔަންތިބެ، ޤައުމު ފަސާދަކޮށް، އަހުލީ ހަމަނުޖެހުމެއްގެ ހުޅުގަނޑާހިސާބަށް ޤައުމު ގެންދާ ނޫސްވެރިކަމުގެ މިނިވަންކަމަކަށްވުރެ، އެމިނިވަންކަން ނެތަސް މާހެޔޮވާނެއެވެ. ޤައުމައްޓާކާ، ނޫސްވެރިބައެއް ގަލަމުގައި ޓެގުއަޅުވައިގެން ނަމަވެސް ރަމަތަކުރަން އެބަޖެހެއެވެ. 

މިވާހަކަ މިހެން މި ލިޔުނީ، "މިނިވަން"ކަމުން ގޮސް ސަލާމަތް ނުވާވަރުގެ މިނިވަން ގަލަންތަކުގެ ނަފުރަތު ލިބިދާނެ ކަންވެސް އެނގިހުރެއެވެ. މިނިވަން ނޫސްވެރިކަމާއި، އެބުނާ ފްރީޑޮމް އޮފް ސްޕީޗަށް ހުރަސް އަޅާ ނާތަހުޒީބު މީހެއްގެ ލަގަބުވެސް ލިބިދާނެއެވެ. ދޫބުރިކުރިޔަސް  މިވާހަކަ ބުނަން އެބަޖެހެއެވެ. މިޤައުމުގެ ހައްޤުގައެވެ. މިޖީލާއި ދެންއޮތް ޖީލުތަކަށް ޓަކައެވެ. އަޅުގަނޑަށް ތުރާވާ ސިޔާސީ ފިކުރެއް އަދި އަމުދަކުން ޕާޓީއެއް އަދަކުނެތެވެ.

މިވާހަކަ ބުނެލަން ބޭނުންވީ، ވީދި ހަލާކުވަމުންދާ މުޖުތަމައުގެ ޤައުމީ ފޭރާން ރައްކާވޭތޯއެވެ. އެކަކުއަނެކަކަށް ގަދަރު ކުރާ، ހަމަޔާއި މަސްލަހަތު ހިފަހެއްޓޭ މުޖުތަމައަކަށް ބޭނުންވާތީއެވެ. ހައްޤަކާނުލޭ "ކަތިލާ" އެތަކެއް މީހުންގެ އަބުރާއި ކަރާމަތް ހިމާޔަށްކޮށް އެންމެންނަށް ނޭވާލެވޭ މުޖުތަމައަކަށް މިތަންވާން އެދޭތީއެވެ.


Photo: https://www.bbc.com/news/world-south-asia-12653775