މިދުވަސް ކޮޅަކީ، އަނެއްކާވެސް ނިޒާމެއްގެ ވާހަކަ ތަންކޮޅެއް ގިނަ ވެގެން އުޅޭ ދުވަސްކުޅޮކެވެ. ވެރިކަން ކުރުމުގެ ނިޒާމެވެ. އެހެން ކަމުން، އެނގިހުރި މިންވަރަކުން ވީހާވެސް ތިލަ އިބާރާތަކުން މި މައުޟޫއަށް އަލިއަޅުވާލެވޭތޯއެވެ.
ދުނިޔޭގައި ޤައުމުތަކުގެ ވެރިކަން ކުރުމުގެ އެކި
ނިޒާމު ގެންގުޅެއެވެ. މިގޮތުން މިހާރު 21 ވަނަ ގަރުނުގައި އެއްމެ ފުޅާކޮށް
ފެންނަނީ އޭގެތެރެއިން 3 ބާވަތެއްގެ ވެރިކަމެވެ. އެއީ ވިރާސީ ވެރިކަމާއި، ރިޔާސީ
ވެރިކަމާއި، ބަރުލަމާނީ ވެރިކަމެވެ. މިނޫންނަސް، ކޮމިއުނިސްޓް ވެރިކަން،
ތިއޮކްރަސީ (ރޫޙާނީ ލީޑަރުން ކުރާވެރިކަން)
ފަދަ ނިޒާމުތައް ވެރިކަމުގަ އޮވެއެވެ.
މިލިޔުމުގައި އަލި އަޅުވާލާނީ، ރާއްޖޭގައި މިހާރު
އޮތް ރިޔާސީ ނިޒާމާއި، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް
ވަކާލާތުކުރެވެމުންދާ ބަރުލަމާނީ ނިޒާމަށެވެ. ބޭނުމަކީ، ދެނިޒާމުގެ މައިގަނޑު
ފަރަގު ދަނެގަތުމެވެ. މާދަމާވެސް ރައްޔިތުން މިކަމުގައި ބަސްބުނަންޖެހޭ ހާލަތުގައި
ދޭ ޖަވާބަކީ ނުވަތަ ރައްދަކީ، ރަނގަޅަށް ފަހުމުވެ އެނގިގެން ދެވޭ ޖަވާބަކަށް
ވުމެވެ.
"ދިވެހި ދައުލަތުގެ
އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ."
ދިވެހި ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ.
ވީއިރު، ވެރިކަމުގެ ނިޒާމުގެ ސުވާލު އަތުވެއްޖެ ހިނދެއްގައި ރައްޔިތުން ބަސް ބުނަންވާނީ
އެނގިތިބެގެންނެވެ. ނިންމަންވާނީ ސަބަބުވެރި ނިންމުމެކެވެ.
-
--------------------------------------------------------------------------------------------- -
ރިޔާސީ ނިޒާމު
ރިޔާސީ ނިޒާމެއްގެ އެއްމެ އަސާސީ ސިފައަކީ ޤައުމުގެ
އެންމެ އިސްވެރިޔަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާމީހަކަށްވުމެވެ. އަދި ރިޔާސީ ނިޒާމެއްގައި
މައިނގަނޑު ތިންބާރު ވަކި ކުރެވިފައިވާނެއެވެ. މިނިޒާމުގައި ދައުލަތާއި ސަރުކާރުގެ
ވެރިޔަކީ ރައީސެވެ. މިތިންބާރަކީ އެކްޒެކެޓިވް ޕަވާ ނުވަތަ ވެރިކަން ކުރުމުގެބާރު،
ޖުޑީޝިއަލް ޕަވަރ ނުވަތަ ޝަރުއީ ބާރު އަދި ލެޖިސްލޭޓިވް ޕަވާ ނުވަތަ ޤާނޫނު
ހެދުމުގެ ބާރެވެ. ދިވެހި ރާއްޖެ، އެމެރިކާ، އިންޑިނޭޝިއާ، ބެރްޒިލް އަދި ތުރުކީ ފަދަ ޤައުމުތަކުގައި އޮންނަނީ ރިޔާސީ
ނިޒާމެވެ.
ރިޔާސީ ނިޒާމެއްގެ މުހިއްމު 4 ބަހާއެއްވެއެވެ.
ނުވަތަ އެއީ ރިޔާސީ ނިޒާމު އެމައްޗަށް ބިނާވެފައިވާ 4 ތަނބެވެ.
1- ތިންބާރު ވަކިވުން - އެގޮތުން ރައީސް އާއި އޭނަގެ ކެބިނެޓަކީ ވެރިކަން
ކުރުމުގެ ބާރެވެ. ނުވަތަ ސަރުކާރެވެ. ދެން އޮންނާނީ ޤާނޫނު ހަދާ މަޖިލިސް އެވެ. އަޅުގަނޑުމެންކިޔާ
ރައްޔިތުންގެ މަޖިލިސްއެވެ. ތިންވަނަ ބާރަކީ ޝަރުޢީ ނިޒާމެވެ. އުސޫލެއްގެ ގޮތުން މި
ތިންބާރުގެ މަގުސަދަކީ ކޮންމެ ބާރަކުންވެސް އެމީހުންގެ ޒިއްމާ އަދާކުރުމާއި،
ދެންހުރި ބާރުތަކުގެ މައްޗަށް ފާރަވެރިވެ، އެއްކަލަ ޤާނޫނުގެ 4 ވަނަ މާއްދާގައި
ބުނާ ރައްޔިތުންގެ ބާރާއި ހައްޤު ހުރިހާ ހާލަތެއްގައި ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ.
2- ވެރިކަމުގެ މުއްދަތު ކަނޑައެޅިފައިވުން - ރައީސަކީ ކަނޑައެޅޭ މުއްދަތަކަށް އިންތިހާބުކުރެވޭ މީހެކެވެ. އާއްމުގޮތެއްގައި
ރިޔާސީ ނިޒާމުގައި ރައީސުން އައްޔަން ކުރަނީ 4 ނުވަތަ 5 އަހަރަށެވެ. ރާއްޖޭގައި ރައީސަކަށް
އޮންނަނީ 5 އަހަރެވެ. ވިދިވިދިގެން ވެރިކަން ކުރެވޭނީ 2 ދައުރުގައެވެ.
3- ވެރިކަމުގެ މުސްތަގިއްލުކަން- މިގޮތުން ވެރިކަމުގެ ބޮޑެތި ބާރުތަކާއި ނިންމުންތައް ނިންމުމާއި
އުސޫލުގަނޑައެޅުމާއި އެކަން ތަންފީޒުގެ ކުރުމުގެ އިހުތިޔާރި ރިޔާސީ ނިޒާމުގައި
ރައީސަށް ލިބެއެވެ. ޚާއްސަކޮށް ޤައުމުގެ ސަލާމަތާއި އިސްތިރާޖީ މުހިއްމު
މުއައްސަސާތަކުގެ މައްޗަށް ބަސްބުނުމާއި އެތަންތަނުގެ ވެރިން އައްޔަންކުރުމަކީ
މިނިޒާމުގައި ރައީސްގެ ހައްގެއް އަދި ޒިއްމާއެކެވެ.
4- ބާރުތަކުން ފާރަވެރިވުން- މިގޮތުން ރައީސް ނުވަތަ ވެރިކަމުގެ ނިޒާމުން
ކުރާކަންކަމަށް ޤާނޫނުހަދާ މަޖިލިސް ފާރަވެރިވެއެވެ. ޤާނޫނު ހަދާ މަޖިލިސް އިން
ހަދާ ޤާނޫނު ބޮލާލާޖަހާ އަލުން މަޖިލިސްއަށް ފޮނުވުމުގެ ބާރު ރައީސަށް އޮންނައިރު
އެޤާނޫނު މާނަކުރުމުގެ ބާރު ޝަރުޢީ ނިޒާމަށް ލިބެއެވެ. އެއުސޫލުން އެއްބާރު އަނެއްބާރަށް
ފާރަވެރިވާން ޖެހެއެވެ. ވެރިކަމުގެ ނިޒާމުގެ ޗެކް އެންޑް ބެލެންސްކިޔަނީ މިކަމަށެވެ.
5- މިހުރިހާ ކަމެއްގެ މަޤުސަދަކީ އިސްވެ
ބުނެވުނު ފަދައިން، ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރާއި ހައްޤު
ހުރިހާ ހާލަތެއްގައި ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ.
ކޮންމެ ވެރިކަމުގެ ނިޒާމެއްގައި ވެސް ރަނގަޅު އަދި ނުރަނގަޅު
ސިފަތައް ހުންނާނެއެވެ.
ރިޔާސީ ނިޒާމުގެ ބައެއް ރަނގަޅު ސިފަތައް:
- ހަމަ ޖެހުން- ރިޔާސީ ވެރިކަމެއް ދެމިގެންދަނީ ކަނޑައެޅޭ މުއްދަތަކަށް ކަމުން، އެމުއްދަތުގައި ވެރިކަން ބަދަލުވަނީ ވަރަށް ނާދިރު ހާލަތްތަކެއްގައެވެ. އާންމު އުސޫލަކުން އެއީ ރައީސް އިސްތިއުފާދެއްވުން ނުވަތަ މަޖލިސް އިން އޭނާ ވަކިކުރުމުވެ. އެނޫން ހާލަތުގައި ދައުރު ނިމެންދެން އެއް ސަރުކާރެއް ދެމި އޮތުމުން، ސިޔާސަތާއި މިސްރާބުތައް ކަނޑައެޅޭ މުއްދަތަކަށް އެއް އަމާޒަކަށް ދާކަން ކަށަވަރުވެއެވެ. ނުވަތަ ސިޔާސީ ހައިޖާންގަޑު މައިތިރިވެފައި އޮވެއެވެ.
-
ޖަވާބުދާރީ ވުން- ރައީސަކަށް އަންނަނީ ފުރަތަމަ ރައްޔިތުން ކުރިމައްޗަށް
ނިކުމެ، ކަންތަކެއް ހުށަހެޅުމުން އެކަން ރައްޔިތުން ބަލައިގަނެ ވޯޓު ދިނުމުންނެވެ.
އެހެންކަމުން ރައްޔިތުން ކުރިމަތީ ޖަވާބުދާރީ ނުވެވޭނަމަ ރިޔާސީ ގޮނޑި ކަށަވަރުކުރަން
ދަތިވެއެވެ. އަދި ރައީސްކަމާ ހަވާލުވުމަށްފަހު، ޤާނޫނު ހަދާ މަޖިލިސް ނުވަތަ
ރައްޔިތުންގެ މަޖިލިސްގައި ރައީސާއި އޭނަގެ ވަޒީރުން ކުރާ ކަންކަމާއި، ނުކުރި ކަންކަމާމެދު
ސުވާލުކުރެވި ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އޮވެއެވެ.
-
ހިންގުމުގެ ބާރާއި ފުރުސަތު- ރިޔާސީ ނިޒާމުގައ ޤައުމާއި ސަރުކާރުގެ
ކަންކަމުގައި ބަސް ބުނުމުގެ ބާރު ސީދާ ރައީސަށް އޮތުމުން، މަޖިލިސް ނުވަތަ
އެހެންބައެއްގެ އަޅުދާސްކަމުގެ ދަށަށްދިއުމުގެ ފުރުސަތު ހަނިވެއެވެ. އަދި މަގުބޫލު
މަޝްހޫރު މީހުންނަށް މަޤާމާއި ޒިއްމާ ހަވާލުކުރުމުގެ ބަދަލުގައި ހުނަރުވެރި ޤާބިލު
މީހުންނަށް ފުރުސަތުދީ ހިންގުމުގެ ބާރު ރައީސަށް ލިބެއެވެ.
- ތިންބާރު ވަކިވުން- ތިންބާރު ވަކިވެ ރަތްލާ ޖެހިފައޮތުމުން، ވެރިކަމުގެ ކަންކަން މަސްހުނި ވުމާއި، ވަކި ބާރަކުން ހުރިހާ ކަމަކަށް އަތްބާނާ ބަގުޑި ބެއްދުމަށް ފުރުސަތު ކުޑަވެގެންދެއެވެ. އެއްބާރު އަނެއްބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާތީއެވެ. ކަމެއް ގޯސްކޮށް ހިނގާނަމަ ކޮންމެވެސް އެއްބާރަކުން "ކަށިގަނޑުފުމޭނެ"ތީއެވެ.
ރިޔާސީ ނިޒާމުގެ ބައެއް ނުރަނގަޅު ސިފަތައް:
- މަރުތަޅު އެޅުން- މިއީ ރިޔާސީ ނިޒާމެއްގައި ދިމާވާ އެއްމައްސަލައެވެ. މަޖިލިސް ސަރުކާރާއި ދެކޮޅު ވެއްޖެނަމަ އެތަނުން ހަދާ ޤާނޫނުތައް އަންނާނީ ރައީސަށް ފިއްތުން ކުރިމަތިކުރާށެވެ. ނުވަތަ ޝަރުޢީ ނިޒާމުން ސަރުކާރު "ކުޑަކަކޫމައްޗަށް" ތިރިކޮށްފާނެއެވެ. އެހެންކަމުން ތިންބާރު ވަކިވެފައިވާ މިނިޒާމުގައި ތިންބާރުގެ ކޯޅުމާހުރެ ޤައުމުގައި މަރުތަޅުއެޅި ކުރިއަށް އަދި ފަހަތަށްވެސް ނުދެވި ތާށިވާފަހަރު އާދައެވެ.
- އީޖާބީކަން ކުޑަވުން- ވެރިކަމަށް އާދެވުނީ ކަނޑައެޅޭ މުއްދަތަކަށްކަން ޔަގީންވާތީ، ބަދަލުވާ ހާލަތްތަކާއި ދިމާވާ ކުއްލި ކަންތަކުގައި ވެރިކަމުން އިޖާބަދޭގޮތް ކުޑަވާތަން އާދެއެވެ. ހާއްސަކޮށް މިކަން ހިނގާނީ ރިޔާސީ ދައުރެއްގެ ކުރީކޮޅުއެވެ. ފަހުކޮޅަށް އައިސް ރައްޔިތުން ހިތްހަލާލު ހޯދާލަން ވަގުތާއި ފުރުސަތު އޮތްކަން ކަށަވަރުވާތީއެވެ.
- ގުޅިގެން ވެރިކަންކުރުމުގެ ފުރުސަތު ހަނިވުން. – ރިޔާސީ ރޭސް ކާމިޔާބުކުރަން ކުދި ޕާޓީތަކާއި މައިނަރިޓީގެ މާބޮޑު މަދަދެއްނެތި ވެރިކަން ކަށަވަރު ވެއްޖެނަމަ، އެރިޔާސީ ދައުރެއްގައި އެ "އަޑު މަޑު" ފަރާތްތަކުގެ ބުނުންތަކާއި އެދުންތަކަށް ބީރުކަންފަތްދެއެވެ. މިސާލަކަށް ރާއްޖޭގައި ވެސް ރިޔާސީ އިންތިހާބުތަކުގެ ބޮޑު ފޯކަސްއެއް ލިބެނީ ބޮޑު އާބާދީތަކާއި ސިޓީތަކަށެވެ.
-
ބާރުތައް މުށުތެރެއަށްލުން- ސަރުކާރާއި ދައުލަތުގެ ވެރިއަކީ ރައީސްކަމަށް
ވާތީ، އަދި އޭނާ ރިޔާސަތުގައި ކަށަވަރުކޮށް ހުންނާނެ މުއްދަތެއް އިނގޭތީ، އެކިބާރުތައް
ރިޔާސަތުގެ އަތްދަށަށް ގެންދާތަން އާދެއެވެ. އަދި އިސްވެބުނިހެން ރައީސްގެ ދައުރު
ކަނޑައެޅިފައިވާތީ އެ ބާރުތަކުން ރައީސަށް ދީލާލާ، ރިޔާސަތަށް ބޯލަނބާތަންވެސް އާދެއެވެ.
ބަރުލަމާނީ ނިޒާމު
ބަރުލަމާނީ ނިޒާމެއްގެ އެންމެ އަސާސީ ސިފައަކީ، އެނިޒާމުގައި
ސަރުކާރުން އުފެދިގެންއަންނަނީ، އަދި ސަރުކާރު ޖަވާބުދާރީކުރުވުން ވެސް މަޖިލިސް ގައި
ނުވަތަ ޕާލަމެންޓުގައި އޮތުމެވެ. އަދި ދައުލަތުގެ ވެރިއަކީ ނުވަތަ ޤައުމުގެ
ވެރިއަކީ ރައީސް ކަމަށް ވިޔަސް ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރެވެ. އިނގިރޭސިވިލާތް،
އިންޑިއާ، އޮސްޓްރޭލިއާ މެލޭޝިއާ ފަދަ ޤައުމުތަކުގައި އޮންނަނީ ބަރުލަމާނީ
ނިޒާމެވެ.
ބަރުލަމާނީ ނިޒާމެއްގެ މުހިއްމު 4 ބަހާއެއްވެއެވެ.
ނުވަތަ އެއީ ބަރުލަމާނީ ނިޒާމު އެމައްޗަށް ބިނާވެފައިވާ 4 ތަނބެވެ.
1- ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ
ވެރިޔާ- ބަރުލަމާނީ ނިޒާމެއްގައި ދައުލަތުގެ ވެރިޔަކީ ރައީސެވެ. އެއީ ޤައުމު
ހިންގާމީހާއެއްނޫނެވެ. ބަދަލުގައި ޝަރަފުވެރި އިސް މަޤާމެކެވެ. މަޖިލިސް
ހުޅުވުމާއި، ޤައުމުތަކުގެ ސަފީރުންގެ ފަތްކޮޅު އެރުވުމާއި އެހެން ޤައުމުތަކުގެ ސަފީރުންގެ
ފަތްކޮޅު ބަލައިގަތުމާއި ޤައުމުގެ މުހިއްމު ރަސްމިއްޔާތުތަށް ޝަރަފުވެރިކުރުމަކީ
އާއްމުކޮށް މިނިޒާމުގައި ރައީސެއްގެ ޒިއްމާއެވެ. ސަރުކާރު ހިންގާނީ ބޮޑުވަޒީރެވެ. އާއްމު
ގޮތެއްގައި ބޮޑުވަޒީރަކީ މަޖިލިސްގެ އޭރަކު އޮތް މެޖޯރިޓީ ޕާޓީގެ ލީޑަރެވެ.
2- މަޖިލިހާއި ކެބިނެޓް މަސްހުނިކަން- މިއީ ބަރުލަމާނީ ނިޒާމުގެ މުހިއްމު ސިފައެކެވެ. ބޮޑުވަޒީރު އޭނަގެ ވަޒީރުން ނަގަނީ ޕާލަމަންޓްތެރެއިން ނުވަތަ މަޖިލިސް ތެރެއިންނެވެ. އެއީ ބަރުލަމާނީ ނިޒާމުގެ ވެސްޓްމިންސްޓާރ އުސޫލެވެ. މިސާލަކަށް އިނގިރޭސި ވިލާތެވެ. އެހެން ނަމަވެސް އެހެން ބަރުލަމާނުތަކުގައި ބޮޑުވަޒީރު މަޖިލިސް މެމްބަރަކަށް ވަޒީރުކަން ދިނުމުން އޭނާ ޖެހެނީ މަޖިލިސްގެ ގޮނޑި ދޫކޮށްލާށެވެ. މިގޮނޑިއަށް ދެން ގެންނާނީ އެޕާޓީގެ މެމްބަރެކެވެ. އާއްމު އިންތިހާބަކަށް ނުގޮސް މިއުސޫލުން ބައެއް ޤައުމުގައި ގެންދެއެވެ. އަދި ބައެއް ބަރުލަމާނުތަކުގައި މަޖިލިސް އިން ބޭރުން، އެހެން ނަމަވެސް ބޮޑުވަޒީރާއި އޭނަގެ ކޯލިޝަން ޕާޓީ ގެ އިސް މެމްބަރުންގެ ތެރެއިން ކެބިނެޓް އައްޔަންކުރެއެވެ. މީގެ މިސާލަކީ އަވައްޓެރި ބަންގަލަދޭޝްއެވެ.
3- ލާމެހިފައިވާ ކެބިނެޓު- ވަކިވަކި ފިކުރު ތަކުގެ
މެމްބަރުންނެއް ބަރުލަމާނީ ނިޒާމުގައި ކެބިނެޓަކު ނުތިބޭނެއެވެ. ފިކުރު ބަދަލުވެ ޕާޓީ
ބަދަލުވުމުން ކެބިނެޓުން ލިބިފައިވާ މަޤާމުވެސް ގެއްލޭނެއެވެ. އެހެންކަމުން ބަރުލަމާނީ
ނިޒާމެއްގެ ކެބިނެޓު ވާންޖެހޭނީ އެއް އަގުތަކެއް ހިފަހައްޓާ، އެއްފިކުރެއްގެ
ބަޔަކަށެވެ.
4- ޖަވާބުދާރީވުމާއި ސަރުކާރު ރޫޅުން- ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވާނީ
ޕާލިމަންޓު ނުވަތަ މަޖިލިސް އިންނެވެ. މަޖިލިސް ޖަވާބުދާރުކުރުވަނީ މަޖިލިސްގެ
އިންތިހާބުތަކުން ރައްޔިތުންގެ ވޯޓުންނެވެ. މަޖިލިސް އިން ސަރުކާރުގެ އިތުބާރު
ނެތްކަމަށް ފާސްކޮށްފި ހިނދެއްގައި އާމަޖިލިހެއް އިންތިހާބުކުރުމަށް ރައިސަށް އެންގިދާނެއެވެ.
އަދި ބޮޑުވަޒީރު އިތުބާރުނެތްކަމަށް ފާސްކުރާ ހާލަތުގައި، ޕާޓީގެ މެޖޯރިޓީ
އޮތްނަމަ އާ ބޮޑުވަޒީރަކު އައްޔަންކުރެވިދާނެއެވެ.
ކޮންމެ ވެރިކަމުގެ ނިޒާމެއްގައި ވެސް ރަނގަޅު އަދި ނުރަނގަޅު
ސިފަތައް ހުންނާނެއެވެ.
ބަރުލަމާނީ ނިޒާމުގެ ބައެއް ރަނގަޅު ސިފަތައް:
- ސިޔާސީ ކޯޅުން ދިގުލާނުދިއުން- ރިޔާސީ ނިޒާމުގައި ވެރިމީހާއާ ނުރުހުނަސް އޭނަގެ ދައުރު ހަމަވަންދެން ވެރިކަމުގައި ހުރުމުގެ ފުރުސަތު އޮވެއެވެ. އޭނާ ވެރިކަމުން ބޭރުކުރަން އުނދަގޫ ހުރުމުގެ އިތުރުން އެކަމަށް ހުރަސް އެޅުމަށް ފުރުސަތު އޮތަސް، ބަރުލަމާނީ ނިޒާމުގައި އެއާ ޚިލާފަށް ސިޔާސީ ކޯޅުން ގަދަވެ، ބޮޑުވަޒީރުގެ އިތުބާރު ގެއްލުމުން މަޖިލިސްއިން އޭނާ އަޒުލުކުރެވެއެވެ. ނުވަތަ ކޯލިޝަނުން ވަކިވެ ބޮޑުވަޒީރުގެ ސަރުކާރުގެ އިތުބާރު ގެއްލުވާލެވެއެވެ.
- ފުރިހަމަޔަށް ޖަވާބުދާރީ ކުރުވުން- ބަރުލަމާނީގައި ވެރިކަން ކުރަނީ މަޖިލިސް ތެރެއިން ނެގޭ ބަޔަކާއެކު ކަމަށް ވުމުން، އެމަޖިލިސްތެރެއިން އޭނާ ޖަވާބުދާރީ ކުރުވަން ފުރުސަތު ބޮޑުވެއެވެ. އަދި ހިތުހުރި ގޮތަކަށް "ގަޓު ދައްކާފައި" ޖަވާބުނުދީ ޖެއްސުން ކުރަން ފުރުސަތު ނޯވެއެވެ. ސަބަބަކީ އެވަޒީރާއި އޭނަގެ ބޮޑުވަޒީގެ ވަޒީފާވެސް ދެމިއޮންނާނީ މި މަޖިލިސްގެ ބަހަށްކަމަށްވާތީއެވެ.
- ޙާލަތަށް ބަދަލުވާން ފުރުސަތުއޮތުން- މީގެ އެންމެ ފަސޭހަ އެއްމިސާލަކީ 2012 ގައި އޭރުގެ ރައީސް ވެރިކަމުން އިސްތިއުފާ ދިނުމަށްފަހު 2013 ވަނައަހަރާ ހިސާބަށް ޤައުމު އޮތް "ވާނުވާ" ހާލަތަވެ. ބަރުލަމާނީ ނިޒާމުގައި މިފަދަ ކޮންމެ ހާލަތެއްގައޮ އާ މަޖިލިސްގެ އިންތިހާބަކަށް ހުޅުވާލުމުގެ ފުރުސަތުއޮވެއެވެ. ވެރިޔާ ގޯސްނަމަ ބަދަލުކުރާނީއެވެ. ދައުރުނިމެންދެން އިންތިޒާރުކުރާކަށް ނުޖެހެވެ.
-
ކުދި ޕާޓީ ތަކުގެ ބަސް މުހިއްމުވުން- މަޖިލިސްގައި ވެރިކަންކުރާ ޕާޓީ ތަފާތުބޮޑު
އައުލަބިއްޔަތެއްނެތް ހުރިހާ ހާލަތެއްގައި ސަރުކާރު އެކުލަވާލުމާއި ދެމިއޮތުމުގައި
ކުދި ޕާޓީތަކުގެ ރޯލު މުހިއްމުވެއެވެ. އަދި އެކަހަލަ ޕާޓީތައް ހަމައެކަނި މަޖިލިސްގެ
ހާޒިރީފުރާބަޔަކަށް އޮންނައޮތުން ނިމި އެމީހުންގެ އަޑު އަހާ އަދި އެއަޑުގައި
އާރުވެރިކަން ލިއްބައިދެއެވެ.
ބަރުލަމާނީ ނިޒާމުގެ ބައެއް ނުރަނގަޅު ސިފަތައް:
- ޕާޓީ ސިޔާސަތު- މިއީ ބަރުލަމާނީ ނިޒާމުގެ އެއްމެ ނުރަނގަޅު އެއްކަމެވެ. ޕާޓީތަކުން އަބަދުވެސް ބަލާނީ މުޅި ޤައުމުގެ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރެވޭތޯއެވެ. އެކަމުގައި އެމީހުން އެއްގަލަކަށް އަރައެވެ. އަދި މަޖިލިސް އިންތިހާބު ކާމިޔާބު ކުރަންޖެހޭނީ ދާއިރާތަކުގެ މަދު ވޯޓުން ކަމުން، އެކަން އެމީހުން ހާސލުކުރަންފަސޭހަވެއެވެ. އަދި އުނދަގޫވެއްޖެ ހިނދެއްގައި ފައިސާއާއި އެހެނިހެންނުފޫޒުންވިޔަސް ގޮނޑި ކަށަވަރުކުރެވޭތޯބަލައެވެ. ނަތީޖާއަކަށް ވަނީ މިނިވަން މުސަތަގިއްލުކޮށްތިބުމަށްވުރެ އެމީހުން ބަލަނީ ޕާޓިގެ ނާރެސް ވަށައިގެން ބުރުޖެހޭތޯއެވެ.
- ހަމަޖެހުމުގެ ކަށަވަރު ކަމެއްނެތުން- މިއީ ޤައުމުތަކުގެ ބަރުލަމާނީ ހަޔާތުން ފެންނަ އެންމެ ނުރަނގަޅު އެއްކަމެވެ. ސަރުކާރު ބަދަލުވާނީ ކޮންއިރަކު ކަމެއް އެކަކަށްވެސް ޔަގީން ނުވެއެވެ. ޤައުމުގައި ނުވަތަ އެއިރަކު އޮތް ސަރުކާރުގައި ހަގީގީ މައްސަލަތަކެއް ނެތަސް، އިދިކޮޅު ޕާޓީއަށް ކިރިޔާވެސް މަޖިލިސް އައުލަބިއްޔަތެއް ކިތައްމެ ހަނިކޮށް ލިބޭނެ ފުރުސަތު ލިބުނަސް ސަރުކާރު ވައްޓާލާ އާވެރިކަމެއް ފަށައެވެ. މިކަމުގެ ސަބަބުން ޤައުމާއި ވެރިކަމުގެ ނިޒާމު "ހަމަނޭވާލާނެ" ފުރުސަތު ނުލިބިދެއެވެ.
- ބޮޑު ޕާޓީގެ ނުފޫޒު- ބަރުލަމާނީ ނިޒާމެއްގައި ވެރިކަމަށް އަންނަނީ މަޖިލިސް އިން ގިނަގޮނޑި ލިބޭ ބޮޑު ޕާޓީ ނުވަތަ ޕާޓީތަކުންނެވެ. އަދި ވުޒާރާތަކާއި ހަވާލުވަނީވެސް އެޕާޓީގެ މެމްބަރުންނެވެ. ނަތީޖާއަކަށްވަނީ އެމީހުންގެ އައުލަބިއްޔަތު އޮތް މަޖިލިހެއްކަމުން، އެމީހުންކުރާ އެއްވެސް ކަމެއް ޖަވާބުދާރީ ކުރުވޭނެ ހަމައެއްނޯވެއެވެ.
-
މަރުތަޅު އެޅުން- ޤައުމުތަކުގެ ބަރުލަމާނުގައި މަރުތަޅު އެޅުމަކީ ދަތި
އެހެނަސް ހިނގާކަމެކެވެ. ޤައުމަށް ވަރަށް މުހިއްމު ނިންމުން ނިންމަންޖެހޭ
ހާލަތުގައި، މިސާލަކަށް އަހަރީ ބަޖެޓް ފާސްކުރުން ފަދަ ކަންތަކުގައިވެސް، ޕާޓީތަކުން
"ކުނޑިދަމާވަރުން" އެއްގޮތެއްވެސް ނުވެ ޤައުމު ހުއްޓުމަކާ ހިސާބަށް
އާދެއެވެ.
-
-------------------------------------------------------------------------------------------------------- -
އިސްވެ މިބަޔާންކޮށްލި
މައުލޫމާތުން، މި ދެ ނިޒާމާއި ގުޅޭ ކޮންމެވެސް މިންވަރެއްގެ މައުލޫމާތުކޮޅެއް ލިބޭނެކަމަށް
އުންމީދުކުރަމެވެ. ތެދުދެތަށް ދަންނަވާނަމަ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮތީ
ނިޒާމުގެ މައްސަލައަށްވުރެ، ނިޒާމުގައި ތިބި ބައެއްގެ މައްސަލައެވެ. ވެރިކަން
ކުރަނީ ނުވަތަ ސަރުކާރުތައް ހިންގަނީ ޤައުމުގެ ހަމަޖެހުމާއި އިގްތިސާދީ އިޖްތިމާއި
އަދި ސަގާފީ ކުރިއެރުން ހާސިލުކުރުމަށެވެ. ދުނިޔޭގެ ތާރީހަށް ބަލާއިރު، ވެރިކަމުގެ
މި ދެނިޒާމުންކުރެ ރަނގަޅީ އެވެނި ނިޒާމެކޭ، ގޯހީ މިވެނި ނިޒާމެކޭ ބުނަން ފުރުސަތެއްނެތެވެ.
މިހެން ބުނަންޖެހޭ ސަބަބުތައް އެބަހުއްޓެވެ.
އެއްމެ ބޮޑު އެއް ސަބަބަކީ
އެއްނިޒާމެއް ހިނގާ ދެޤައުމުގެ ހާލަތު ވަރަށް ތަފާތުކޮށް ފެނުމެވެ. އެމެރިކާގައި
ރިޔާސީ ނިޒާމު ކާމިޔާބުކަމާއެކު ޤަރުނުތަކަކަށް ދެމިގެން ދާއިރ ދިވެހިން މިއުޅެނީ ބިޔަ
ޤާނޫނު އަސާސީ އެއްހެދިތާ 20 އަހަރު ވިއިރު ނިޒާމުން ސަލާމަތް ނުވެގެންނެވެ. އަވަށްޓެރި
އިންޑިއާގެ ބަރުލަމާނީ ނިޒާމު އެކަށޭނެ ގޮތަކަށް ހިނގާތާ ދުވަސްތަކެއް
ވެފައިވާއިރު ޖެހިގެން އޮތް ޕާކިސްތާނުގެ ބަރުލަމާނީ ނިޒާމުގެ ކުރަކިކަމުން
ޤައުމުގެ ފޭރާން ވީރާނާވަނީއެވެ.
ދެވަނަ ސަބަބަކީ ވެރިކަން
ކުރުމުގައި އަދި ޤައުމުތައް ރަނގަޅަށް ދިއުމުގައި އެތަނެއްގެ ކެބިނެޓަށްވުރެ މުހިއްމު
ދައުރެއްއަދާކުރަނީ އަދި ހަރުދަނާވާންޖެހެނީ މިނިވަން މުއައްސަސާތައް ކަމެވެ.
ޤައުމު ހިނގަނީ އަދި ހިންގާނީއަކީ ބަރުލަމާނުގެތެރޭ އަޑުގަދަކުރުމަކުން ނޫނެވެ.
ތިންވަނަ ސަބަބަކީ، މިދެ
ނިޒާމުންކުރެ ކޮންމެ ނިޒާމެއް އޮތަސް، މަޖިލިސްއަށް އިންތިހާބު ކުރާމީހުންގެ ފެންވަރެވެ.
ޤާބިލު ޢިލްމީ ހަރުދަނާ މީހުން މަޖިލިސްއަށް ހޮވާނަމަ، ކޮންމެ ނިޒާމެއް އޮތަސް
އޭގެ މަންފާކުރާ މިންވަރު ބޮޑުވާނެއެވެ. އޭރުން އެމީހުން އުޅޭނީ މަޝްހޫރުވެ ބޭނުންވާ
ފޮޓޯ ނަގާކަށްނޫނެވެ. ޤައުމަށް ޚިދުމަތް ކުރާށެވެ.
އަހެރެންގެ
ރައުޔު:
މިތަނުގައި ރައުޔު
މިލިޔަނީއަކީ ދިވެހި ޤައުމުގައި ބަސްބުނާވަރު މަޤާމެއް ގައި ހުރީތީނޫނެވެ. އަމުދަކުން
މީހުން ކަންފަތްދޭނެހާ ފައިސާ ޖީބުގަނެތެވެ. އެހެނަސް މިބިމަށް ފޫޅުކެނޑި، ހިތުގައި
ޤައުމަށް ލޯބި އޮތް ދަރިއަކަށްވާތީ، މަށަށްވެސް މަގޭ ހިޔާލު ދެވޭނެކަމަށް ޤަބޫލު
ކުރެވޭތީއެވެ.
މިއަދު ރާއްޖޭގެ ރައްޔިތުންގެ
މަޖިލިސްއާއި، އެތަނުގައި ހިނގާ ވޯޓު ވިއްކުމާއި އަދި ޕާޓީ ބަދަލު ކުރުމުގެ "ކަޅު ބާޒާރު"
އެއީ ހިތި ހަގީގަތެވެ. މިލިއަން ޑޮލަރުގެ ބިޔަ މުޑުދާރު ބާޒާރެކެވެ. އަދި މިއަދު
ރާއްޖޭގައި އިޖުތިމާއީ ފޭރާން ވީދިހަލާކުވުމުގެ މޭސްތިރިއަކީ ސިޔާސީ ޕާޓީތަކާއި
މަޖިލިސްކަމީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. ހާލަތު މިހިސާބުގައި ވަނިކޮށް، ޤައުމުގެ ވެރިކަމާއި ސަރުކާރުގެ ހުރިހާ ބާރެއް މަޖިލިސް މުށުތެރެއަށް ލުމަކީ ދިވެހިންނަށް އެމީހުންގެ
ގާނޫނުގެ 4 ވަނަ މާއްދާއިން ލިބިދޭ ބާރުވެރިކަން ބަޔަކު މީހުންގެ ވިޔަފާރި އަށް ދޫކޮށްލުން
ކަމަށްވާނެއެވެ. ރިޔާސީ ނިޒާމުގައި އެވެރިން 5 އަހަރުން އެއް ފަހަރު ނަމަވެސް މުޅި
ރައްޔިތުން ކުރިމައްޗަށް ނިކުންނަން މަޖުބޫރުވެއެވެ. އެހެނަސް ބަރުލަމާނީ
ނިޒާމާއެކު، މަޖިލިސްގެ ގޮނޑި ކަށަވަރު ކުރަން ކޮންމެ މީހަކު ދާނެޖެހެނީ މަދު
ބައެއް ގާތަށްކަމުން، އެ ދިއުން ގިނަފަހަރު ދެވޭނީ މެންދަމު ދޮރުގަޓަކިޖަހާ ދެވޭ
ސިޓީއުރައަކުންނެވެ. ރިޝްވަތުގެ އާއުސްމިންތަކަކަށް ޖާގަދެމުންނެވެ.
"ގޮތެއްފޮތެއް ނެތް ސިޔާސީ ޕާޓީތަކުން ރިޔާސީ ނިޒާމު ހަލަބޮލިކޮށް ދުއްތުރާކުރެއެވެ. އެފަދަ ޕާޓީތަކުން ބަރުލަމާނީ ނިޒާމެއްގައި އެއަށްވުރެ ބޮޑަށް ހަލަބޮލިކޮށް ނިޒާމު މުޅިން ހަރާބުކުރާނެތެވެ."
މިއީ އެމެރިކާގެ ދެ ރިސާޗަރުން ކަމަށްވާ، ސްކޮޓް މެއިވެރިން އަދި މެތިއު
ސުގާރޓް ، ރިޔާސީ އަދި ބަރުލަމާނީ ނިޒާމާއި މެދު ލިޔުނު ދިރާސާ ކަރުދާހެއްގެ ހުލާސާކުރަމުން
ބުނެފައިވާ ޖުމްލައެކެވެ.
ގޮތް ނިންމާނީ ދިވެހިންނެވެ. ރިޔާސީ ނިޒާމަކަސް ބަރުލަމާނީ ނިޒާމަކަސް، ކަނޑައަޅަންވީ މީހަކުބުނީތީ ބުނިގޮތަކަށްނޫނެވެ. ފެންނަ މަންޒަރާއި އިނގޭ އެނގުންތަކަށް ބަލައިގެންނެވެ. ހެޔޮ ވިސްނުމާއި ފިކުރު އިސްކޮށްގެންނެވެ. އަދު އަހަރެމެންގެ ނިންމުން ސަބަބުވެރި ނުވެއްޖެނަމަ، މާދަމާ ގައުމު ކުރިމަގު ގިލަންވެރި ވެދާނެތެވެ.