8 ޖުލައި 1933 ވީ ހޮނިހިރު ދުވަހެވެ. "އަލް އިސްލާޙު" މަޖައްލާ ދިވެހި ވުޖޫދަށް އަލިވިލުނެވެ. ދިވެހި ތާރީހުގެ ލިޔުންތެރިކަމުގެ ފެށުމުގެ ދަންމަރުގައި ހުޅުކޮޅުރޯކުރަމުންނެވެ. ބަރާބަރު 90 އަހަރު ފަހުން އެދުވަހުގެ ހަނދާން މިއަދު އާކުރަނީ، ދިވެހި ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ ތަހާނީ ދިވެހި ރާއްޖޭގެ އެހާރާއި މިހާރުގެ ލިޔުންތެރިންނަށް އަރިސްކުރަމެވެ.
ދިވެހި ލިޔުންތެރި ކަމުގެ ދާއިރާ ފުޅާވެފައިވާއިރު، މިއަދު ބޮޑަށް އަލިއަޅުވާލާހިތް އޮތީ، އެންމެ ގިނަ މީހުންނަށް އެބައެއްގެ ލިޔުންތައް ފެންނަ ނޫސްވެރިކަމުގެ ލިޔުންތަކަށެވެ. ދިވެހި ރާއްޖޭގެ ނޫސްވެރިކަން ވަނީ އިންތިހާއަށް ފުޅާވެ، މިނިވަންކަމާއެކު ހަށިފޮޅާލާ ތެދުވެފައޭ ބުނެވިދާނެއެވެ. އެހެނަސް މިއަދު ބަލާލަ ހިތް އޮތީ ނޫސްވެރިމަކަމަށްވުރެ ނޫސްވެރިކަމުގެ ލިޔުންތެރިކަމަށެވެ.
ޒަމާން ބަދަލުވެ، ޗާޕުހާނާތަކުން ނެރުނު ނޫސްވެރިކަން މާޒީއާއެކުވެ، މިއަދު އެންމެ ހިނގާ ނޫސްވެރިކަމަކީ، އޮންލައިން މީޑިއާތަކެވެ. އޮންލައިން ނޫސްތަކެވެ. އޭގެ ޒާތުގައި ހަރަދު ކުޑަ، ވަސީލަތެއްކަމުން ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ނޫސް ރަޖިސްޓަރީ ކުރެވިގެންނާއި ނުކުރެވިި ވެސް އެބަ ހިިނގައެވެ. މިދެންނެވި ނޫސްތަކުގެ ލިޔުންތެރިކަން ފެންނަނީ ތަފާތުކޮށެވެ. އެއީ ތަބީއީ ކަމެކެވެ. އެކި މީހުން ލިޔާނީ އެކި އުސްލޫބަށެވެ. އެކި ވައްޓަފާޅިތަކަށެވެ. އެއީ މައްސަލައެއްނޫނެވެ.
އެހެނަސް މައްސަލަ އޮތް ހިސާބަކީ، މިނިވަންކަމާއެކު ތެދުވެގެން ދުއްވައިގަތް ބައެއް ނޫސްވެރި ގަލަންތަކުގައި ހައްދެއް ހުދޫދެއް އިމެއް ނެތުމުންނެެވެ. ހަމަ އެކަނި ބަހުގެ ގަވާއިދަށް ނުފެތުމުގެ ވާހަކައެއް ނޫނެވެ. އަހުލާގީީީ، ސުލޫކީ އަދި އިޖުތިިމާއީ ހަމަތަކަށްވެސް ބެލުމެއްނެތް ހައްދެއްނެތް ނޫސްވެރި ގަލަންތައްް ގިިނަވާތީއެވެ. އެފަދަ ލިޔުންތެރިކަމުގެ ސަބަބުން މުޖުތަމައުގައި މިހާރުވެސް ބާގަނޑުހެދި ފޫގޮސްފައިވާ އިޖުތިމާއީ ފޭރާން އިތުރަށް ވީރާނާވަނީއެވެ. ތައުލީމު ދޭ މަރުކަޒުތަކުންނާއި، ދީނީ އިލްމުވެރިންނާއި ހެޔޮ ނަސޭހަތްދޭ އަފުރާދުން ބޮޑުވަމުންއަންނަ ޖީލުތަކަށް، އުނގަންނައިދޭ އަހުލާގާއި، ސުލޫކާއި ، ހަމަޔާއި އިންސާފާއި އިހުތިރާމު، އެޖީލުތަކުން ބަލާނޫސްތަކުން ނުފެނުމަކީ ކުރެވޭ މަސައްކަތް ބޭކާރުވާކަމެކެވެ. ހައްދުން ނެއްޓި، ލަދުން ކުރާނެ ކަމެއް ނޭނގިގެން، ބައެއް ފަހަރު އެވެނި ނޫހެއް މިވެނި ނޫހެއް އުއްވާލާށޭ ބުނެ މީހުން މީސްމީޑިއާގައި އަޑުގަދަކުރަނީ، ހަމަ އެހިސާބަށް ކަންތައް ދިއުމުންނެވެ. "މިނިވަން ނޫސްވެރި" ގެ ހިޔަނީގައި ތިބެ، ލިބުނު ގަލަމުގެ ތޫނުކަމާއި ނުރައްކާތެރިކަން ވިސްނާނުލާ، މުޅި އުމުރަށް އަބުރާއި ކަރާމާތް ނަގާލެވުނީ، ކިތައްދިވެިންގެ ކަމެއްވެސް ނޭނގެއެވެ. އެއީ މިނިވަން ލިޔުންތެރިކަމަކަށް ދިވެހި ރައްޔިތުން ދައްކަންޖެހޭ އަގު ނަމަ، އަދި ރާއްޖޭގައި އަށަގަތުމަށް އެދެނީ އެފަދަ ނޭއްގާނީ ލިޔުންނެތިކަމެއްނަމަ، އެކަމާމެދު ފުންކޮށްވިސްނާލަންވީ މިފަދަ ދުވަހެއްގައެވެ.
އަނެއް ގޮންޖެހުމަކީ، ނޫސްވެރިކަމުގެ ދާއިރާގައި އެތަކެއް ޒަމާނަށް ހިދުމަތްކުރި އަދި ކުރަމުންދާ، ނުހަނު މޮޅެތި ލިޔުންތެރިންގެ ހިދުމަތަށް ވެސް އިސްވެބުނެވުނު ނޭއްގާނީ ލިޔުންތެރިކަމުގެ ސަބަބުން ކިލަނބުކަންކަން ލިބުމެވެ. ލިޔުންތެރިކަމުގެ ނުހަނު މުހިއްމު އެއް ބަހާކަމަށްވާ ނޫސްވެރިކަން ބަދުނާމުވުމެވެ. ލިޔުންތެރިންގެ ދުވަހެއްގައި މިއީ ވިސްނާލަން ޖެހޭކަމެކެވެ. ގައުމުގެ މިނުން ބެލި ނަމަވެސް މުޖުތަމައަށްޓަކާވިޔަސް ފިކުރުކޮށްލަންޖެހޭ ދިމާލެކެވެ.
ލިޔުންތެރިކަމަކީ، ބަހުގެ ގަވާއިދަށް ފެތެންޖެހޭ، އެއްޗެކެވެ. އޭގެ ތެރެއިންވެސް ނޫސްވެރިކަމަކީ، މުޅި މުޖުތަމައަށް އަސަރުކުރާ ކަމަކަށްވާއިރު، ކަންމަތީ ފިހާރައިން 5 ރުފިޔާއަށް ގަލަމެއް ލިބޭތީ ކޮންމެ މީހަކު ނޫސްވެރިއަކަށް ވެވޭނަމަ އިސްވެ ބުނެވުނު މައްސަލައަށް ހައްލު ހޯދުން ދަތި ވާނެއެވެ.
ލިޔުންތެރިންގެ ދުވަހެއްގައި ބުނަން މިއުޅެނީ، ނޫސް ވެރިކަމަށް ހުރަސް އަޅާ ވާހަކައެެއް ނޫނެވެ. މިބުނަނީ، ކުރާ ކަމެއް ރަނގަޅަށް ކުރާ ވާހަކައެވެ. ކޮލިޓީ ހިފަހައްޓާ ވާހަކައެވެ. ވަޒީފާއަށް ކުރިމަތި ލެވެނީ ވަކި ޝަރުތުތު ތަކެއް ފުރިހަމަވުމުންނެވެ. ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ، މެޑިކަލް ކައުންސިލުން ލައިސަންސް ލިބިގެންނެވެ. ސައިކަލު ދުއްވެނީ ޑްރައިވިން ލައިސަންސް ނެގުމަށްފަހުއެވެ. މާދާމާ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ލައސަންސް އޮވެގެންނެވެ. ވީއިިރު، ލިޔުންތެރިންގެ ދުވަހެއްގައި މިއީ ވިސްނާލަން އެންމެ ރަނގަޅު ކަމެކެވެ. ނޫސްވެރިއެއްގެ ގަލަން ހޯދުމަށް ލައިސަންސެއް އޮންނަންޖެހެއެވެ.
ބަލަންވީ އެފަދަ ލައިސަންސިން ނިޒާމެއްގެ ނަހަމަ ބޭނުންކޮށް އޭރަކު އޮންނަ ސަރުކާރަކުން ނުފޫޒު ފޯރުވަފާނެކަމަށްބުނެ ދައްކާ އުޒުރަށްވުރެ، މުޅި މުޖުތަމައުގެ ހައްގުގައި ނޫސްވެރިކަމުގެ ކޮލިޓީ ހިފަހެއްޓުމަށެވެ. ދިވެހި ރާއްޖޭގައި ނޭރޭ ނޫސްތަކަކީ ފެންވަރު ރަނގަޅު ލިޔުންތެރިކަމެއް ފެންނަ ނޫސްތަކަކަށް ހެދުމެވެ. އަހުލާގީ މިންތަކަށް ނުފެތޭ، މުޖުތަމައު ފަސާދަކުރާ ލިޔުންތެރިކަމުން މުޖުތަމައާއި، ރަނގަޅު ލިޔުންތެރިންގެ ބުރަމަސައްކަތް ފަނުފުލުން ނުދާކަން ކަށަވަރު ކުރުމެވެ. ކިޔުންތެރިންގެ ހައްގު ކަށަވަރުވާނީ މިގޮތަށެވެ. ބިންގާ އެޅުނު އަލް އިސްލާޙް ފަދައިން މުޖުތަމައު އިސްލާހު ކުރަން ލިޔުންތެރިންނަކީ ހާދަހާ ވަރުގަދަ ބައެކެވެ. އެފެންވަރު ނެތް ނަމަ އަޅުގަނޑު އުޅޭހެން އަމިއްލަ ބުލޮގު ގަނޑެއްގައި ލިޔާނީއެވެ. އޭރުން ކިޔާ މީހާއަށް، މީގައި ހުރި އުނިކަމާއި ކޮތި ކަމަކީ އަޅުގަނޑުގެ މައްސަލަކަން އިނގޭނެތާއެވެ.
https://thedeliberatemom.com/quotes-for-writers/