މިރާ ނިއުރޯން ގެ ވާހަކަ...



ނިއުރޯން އަކީ މިފަހަކަށްއައިސް ދިވެހިންގެތެރޭ އާއްމުބަހެކެވެ. ގިނަފަހަރަށް މިބަސް އިވެނީ ސިޔާސީ އެއްވުންތަކާ، ސައްލާތަކާއި މެހެފިލް ތަކުގައި ތިމާނުރުހޭމީހާ ނިކަމެތިކުރަންބުނާ ބަހެއްގެ ގޮތުގައެވެ. އެވެނި މިވެނި މީހަކު ނިއުރޯން މަދޭކިޔާތީއެވެ.  މާތް ﷲ އަޅުގަނޑުމެންނީ އޯގާތެރިންކަމުގައި ލައްވާށިއެވެ.

ނިއުރޯން އަކީ ކޮބާ؟

ފުރަތަމަ ނިއުރޯން އާދައިގެ ގޮތަކަށް ފަހުމުކުރަމާތޯއެވެ. ނިއުރޯން އަކީ އެއްމެ އާދައިގެ ބަހުން ދަންނަވާނަމަ، މުވާސަލާތީ ވަސީލަތެކެވެ. ސިކުނޑިން ހަށިގަނޑުގެ ބައިތަކަށް ފޮނުވަންބޭނުންވާ މެސެޖުތައް ނާރުތަކުން (ނާރވް ފައިބާރ) ފޮނުވުމަށް ބޭނުންކުރާ ސިގްނަލް ސިސްޓަމެކޭވެސް ދެންނެވިދާނެއެވެ. މިސާލަކަށް އަޅުގަނޑުމެން ހޫނުއެއްޗެއްގައި އަތްލެވުމުން، އަތަށް އެހޫނުކަމާއި އަދި އަތް ދުރުކުރަން އަވަހަށް އަތް ދަމައިގަންނަންވީކަން ބުނެދެނީ ސިކުނޑިއެވެ. އަތް ހޫނުތަނުގައި ޖެހުމާއި، އަތް ދަމައިގަތުމާއި ދެމެދު ހިނދުކޮޅެއްވެސް ނުހިނގާތީ މި މުވާސަލާތުގެ އަވަސްކަން އެބަދޭހަވެއެވެ.

މިރާ ނިއުރޯން އެނގުމާއި އޭގެ މަސައްކަތް

ދެން ނިއުރޯންގެ ތެރެއިން މިރާ ނިއުރޯން އަށް ބަލާލަމާތޯއެވެ. ފުރަތަމަ ފަހަރަށް މި ނިއުރޯން ދެނެގަނެވުނީ އިޓަލީގެ ގިއަކަމޯ ރިޒޮލްއާޓީ އާއި އޭނަގެ ޓީމަށް 1990 ގެކުރީކޮޅުގައެވެ. މި ނިއުރޯންތަކުގެ މައިގަނޑު އެއް ކަމަކީ ހިނގާކަންތަކާއި، އަނެކުންގެ އަމަލާއި އިހުސާސް ނަކަލު ކުރުވުމެވެ.( ނަކަލުކުރުމަށް ބޭނުންވާ ސިގުނަލް ދިނުމެވެ.)  މިއީ އަދި އެންމެ ފުރިހަމަ މާނަކުރުމަކަށް ނުވެދާނެއެވެ. ސަބަބަކީ ބައެއް އިލްމުވެރިން ދެކޭގޮތުގައި ނަކަލު ކުރުމުގެ އިތުރަށް އެ ހިނގާ ކަން ނުވަތަ ތަޖުރިބާ، ނުވަތަ އިހުސާސް ނަކަލުކުރުމުގެ އިތުރަށް އެކަން ފަހުމުވުމުގެ ގާބިލުކަންވެސް މިރާ ނިއުރޯންއަށް ލިބިފައިވެއެވެ. އެހެނަސް މިއީ އަދި ސާބިތު ކަމާއިއެކު ބުނެވޭވަރަށްވުރެ ބަހުސާއި ދިރާސާ އަދި ތަހުލީލު މަރުހަލާގައިވާކަމެކެވެ.

މިރާ ނިއުރޯންގެ އަސަރު

މިވާހަކަ ދައްކަން ޖެހުނީ ކީއްވެތޯއެވެ؟ މިނިއުރޯން ގެ ތަބީއަތާއި އޭގެއިން ކުރާ އަސަރަށް ބަލާލަމާތޯއެވެ.

އެންމެ ފުރަތަމަ ކަމަކަށް މީހަކު ކުރާ ކަމަކުން،  ލޮލަށް ފެންނަ ނުވަތަ އިވޭ އަޑަކުން، އަދި ފެންނަ މަންޒަރަކަށް ބަލާ، ތިމާގެ ހިތުގައި އެކަމެއްގެ އަސަރާއި، އިހުސާސް އުފެދިދެއެވެ. އެމަންޒަރު ނުވަތަ އެތަޖުރިބާ ކުރެހިދެއެވެ.  މިސާލަކަށް ވަރަށް ގިނަ ފަހަރު ޖަމާއަތެއްގައި ތިބެފައި އެކަކު އާފުރުމުން ޖެހިގެންހުންނަ މީހާވެސް އާފުރޭގޮތްވެއެވެ. އެއީ އޭނާގެ ސިކުނޑިއަށް މިރާ ނިއުރޯން ފޮނުވާ މެސެޖުން އޭނެގަ ތަބީއަތަށްވެސް އަސަރުކުރުމުންނެވެ.

އެހެން ކަމެކެވެ.  ފިލްމެއް ނުވަތަ ޑްރާމާ ސިލްސިލާއެއް ބަލަމުންދާއިރު، މީހުން މަރުވުން ފަދަ ހިތާމަވެރި މަންޒަރުތަކާއެކު ޚުދު ތިމާގެ އަމިއްލަ ލޮލުން ކަރުނަ ފާއްދާލާތަން އާދެއެވެ. އެއީ އެފެންނަ މަންޒަރުގެ ހުރި ހިތާމައާއި ޖަޒުބާތު މޫނުބަލާ ލޯގަނޑެއްފަދައިން ތިމާގެ ސިކުނޑީގައި އެނބުރި އެ އިހުސާސް އަމިއްލައަށް ކުރެވުމުންނެވެ.  މިލޯގނަޑަކަށް ވަނީ އިސްވެ ދެންނެވުނު މިރާ ނިއުރޯންއެވެ.

ތަފާތު ދިރާސާތަކަށްފަހު އިލްމުވެރިން ވިދާޅުވާގޮތުގައި، މިރާ ނިއުރޯން ސިސްޓަމަކީ، އުނގެނުމާއި، ބަސް މޮށުންތެރިކަމާއި، އިޖުތިމާއީ ގުޅުންތަކަށް އޭގެ އަސަރު ފޯރުވާއެއްޗެކެވެ. އަނެކުންގެ ބަހާއި އުޅުމާއި މުއާމަލާތުކުރުންތަކަށް ބަލައި އެކަންކަން ނަކަލުކުރުން ވަނީ މުވާސަލާތުކުރުމާއި ކަންކަމުގައި އާހުނަރު ދަސްކުރުމުގެ ބިންގަލަކަށެވެ.

މި މިރާ ނިއުރޯން އަށް ދައްކަންވީ ރަނގަޅު މަންޒަރު! 

މިކަމުން ދޭހަކޮށްދެނީ ވަށައިގެންވާ މާހައުލުން އަޅުގަނޑުމެންގެ އުޅުމަށް އަސަރުކުރާނެ މިންވަރެވެ. ހަމަ އެކަނި ކުޑަކުދިންގާތު ގޯސްކުދިންނާ އެކު ނޫޅޭށޭ ބުނުމަކުން ނުފުދެއެވެ. އަޅުގަނޑުމެން ބޮޑެތިމީހުންނަށްވެސް ވަށައިގެންވާ މާހައުލުން ނޭނގިނަމަވެސް ކަންތައް "މޫނުބަލާ ލޯގަނޑު" ފަދައިން އެބަ ނަކަލު ކުރެވެއެވެ. މިސާލަކަށް ވަޒިފާގެ މާހައުލެވެ. ތިމާއެންމެ ގާތްކޮށް އުޅޭ މީހުންނަކީ ވަޒީފާއަށް ހުރުމަތްތެރި ބަޔަކަށް ނުވާނަމަ މަޑުމަޑުމަޑުން އެގޮތް ތިމާއަށް އިހުސާސްވެސް ނުކުރެވި އެންމެ ރަނގަޅުކަމަކަށް ވެދެއެވެ. ގިނަ ފަހަރު އެގޮތަށް ފިކުރު ބަދަލު ނުވަނީސް ނޭނގި އަމަލު ބަދަލުވެދެއެވެ. ހަމަ އެބީދައިން އަބަދު އުޅެނީ، ފޮތްކިޔާ ފޮތެތެރި ބަޔަކާއެކު ނަމަ އެމަގުން ތިމާއަށް ނޭނގި ދެވޭގޮތްވެއެވެ.

މިރާ ނިއުރޯން އަށްބަލާލުމުން ދޭހަވަނީ ދިވެހިން، އަހިވަކާޖެހި އަހިވައް ފާވެއޭ ބުނާބުނުމަކީ އަދުގެ ސައިންސްވެސް ދެކޮޅު ނަހަދާ ފިސާރި ހަރު ބަހެއްކަމެވެ. ދަންނަވަންތޯއެވެ. ފާވާނީ އަމުދަކުން ކުޑަ އަހިވަކެއް އެކަންޏެއްވެސް ނޫނެވެ. މިރާއަށް، އާދޭ ލޯގަނޑަށް އަރާހާ އަހިވަކެކެވެ. ކުރާން އޮތް ކަމަކީ މި ލޯގަނޑަށް ރަނގަޅު އަމަލާއި ފައްސި ފިކުރާއި ދެއްކުމެވެ.



https://blogs.scientificamerican.com/guest-blog/whats-so-special-about-mirror-neurons/

https://sitn.hms.harvard.edu/flash/2016/mirror-neurons-quarter-century-new-light-new-cracks/

https://www.adaptedconsultants.com/the-neurons-that-bind-us/