ކުޑަކުދިންގެ ދުވަސް – ޑީއެންއާރުން ނުދެއްވާ އައިޑީކާޑު.
ކުޑަކުދިންގެ ދުވަހުގެ ތަހާނީ ފޮނުވަނީ ހެޔޮހިތަކާއެކު
ނުހަނު އުފަލުންނެވެ. މާތް ﷲ އެކުދިންނަކީ، މާދާމާ، އިސްލާމީ އުއްމަތާއި މިވަތަން
ފަހުރުވެރިވާނެ ދަރިންކަމުގައި ލައްވާށިއެވެ. އެކުދިންނަކީ، އިލްމާއި އަހުލާގުން
ޒީނަތްތެރިވެފައިވާ އަދި ހައްގުތަކާއި ޒިއްމާތައް އޭގެ ގޮތުގައި އުފުލާ ކުދިންނަށްވޭތޯ
އަޅުގނަޑުމެން މަސައްކަތްކުރަންޖެހެއެވެ.
ކުޑަކުއްޖަކު ދުނިޔެއަށް އައުމުން
އަޅުގަނޑުމެން އެންމެ އަވަސްވެގަންނަ އެއްކަމަކީ އެދަރިފުޅަށް ނަމެއްކިޔާ، އޭނަގެ
އައިޑެންޓިޓީ ކަނޑައެޅުމެވެ. ޑީއެންއާރުން ފޮޓޯޖެހި އައިޑީކާޑު ހައްދާ، ދަރިފުޅު ރަސްމީ
ރައްޔިތަކަށް ހެދުމެވެ. އެހެނަސް މިއަދު މިދައްކަނީ ޑީއެންއާރުންނުދެއްވާނެ
އައިޑެންޓިޓީ ކާޑުގެ ވާހަކައެވެ. އެއީ ސިކުނޑީގައި އުފެދޭ ކާޑެކެވެ. ހިތުގައި
ބިންވަޅުނެގޭ ކާޑެކެވެ. އޭގައި ލިޔެވެނީ، ކުއްޖަކު އޭނަގެ އަމިއްލަ ނަފުސު
ސިފަކޮށް، ބައްޓަންކޮށް އަދި ދައްކުވައިދޭގޮތެވެ. އިންސާނާގެ ގާތްގަނޑަކަށް
މުޅިހަޔާތް ގިނަފަހަރު ބިނާވެފައިބަނީ މިދެންނެވި އައިޑީކާޑުގައިވާ އެއްޗަކަށް
ބަލައިގެންނެވެ. މިއަށް އަމިއްލަ އައިޑެންޓިޓީއޭ ނުވަތަ ސެލްފް އައިޑެންޓިޓީ ކިޔައެވެ.
1-
ސެލްފް
ކޮންސެޕްޓް- މިއީ ކުއްޖާ ތިމާގެ ނަފުސާއި މެދު ދެކޭގޮތެވެ. ކުއްޖަކު
އަމިއްލަ ނަފުސާއި މެދު ދެކޭ ގޮތަކީ، ދެން ފަހަތުން މިއަންނަ ހުރިހާ ބައިތަކަށް
ނުފޫޒުފޯރުވާނެކަމެއްކަމުން މިއީ މުހިއްމު ބައެކެވެ. މިކަމަށް ބޭނުންވަނީ
އަޅާލުމާއި ލޯތްބެވެ. ޝައުގުވެރިކަމާއެކު ކުދިން ދައްކާވާހަކަ އަޑުއަހާނެ
ކަންފަތްތަކެކެވެ. ކުރާ ރަނގަޅުކަންތައް ފާހަގަކޮށް ހިތްވަރުދިނުމާއި، ނުރަނގަޅަށް
ކަމެއްވުމަކީ ކުއްޖާގޯސް ވުންނޫންކަމާއި އެއީ ދަސްކުރުމުގެ ތެރޭ އެންމެނަށްވެސް
ދިމާވާކަމެއްކަން ވިސްނައިދޭނެ އޯގާތެރިކަމެވެ. ރަނގަޅު ނަމޫނާ އަކީ ދެވޭނެ އެންމެ
ވަރުގަދަ ފިލާވަޅެވެ. އަދި މަދަދެވެ.
2-
ޕާސަނަލް
އައިޑެންޓިޓީ- މިއީ ކުއްޖާ އޭނާގެ ނަފުސު މުޖުތަމައަށް ދެއްކުމަށް އެދޭ
ގޮތެވެ. ކުއްޖާގެ ހާއްސަ ސިފަތަކާއި އަނެކުނާއި ތަފާތުވާ ގޮތްތަކެވެ. އަދި މުސްތަގުބަލުގައި
އޭނާ ވާންބޭނުންވަނީ ކީއްކުރާ ކޮންކަހަލަ މީހެއްކަމެވެ. މިކަން
ހަރުދާނާވުމަށްޓަކާ، ކުދިންކުރާ އުއްމީދުތަކަކީ އެކުދިންގެ އުމުރާ ގުޅޭގޮތުން
ހިތްވަރުދެވޭ އަދި މަދަދުވެރިވެވޭ ކަމެއްކަމަށް ހަދަންޖެހެއެވެ. އަޅުގަނޑު
ލިޔާހިތްވިޔަސް އެކުއްޖާ ލިޔާހިތް ނުވެދާނެކަމާއި، ދައްތަ ޑޮކްޓަރަކަށްވުމަކީ ކޮއްކޮ
ޕައިލެޓަކަށް ނުވަތަ އިންޖިނޭރެކަށްވުން ވާޖިބުވާކަމެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ.
ކުދިންނަށް އެކުދިންގެ އައިޑެންޓިޓީ ބިނާކުރުމަށް ފުރުސަތުދޭންޖެހެއެވެ.
އަޅުގަނޑުމެންގެ ޒިއްމާއަކީ އެކަމުގައި މަދަދުވެރިވުމެވެ.
3-
ސޯޝަލް އަދި
ކަލްޗަރަލް އައިޑެންޓިޓީ- މިދެބައި އެކުއެކީ ގެނައީ، ދިވެހިންނަކީ
ގިނަ ނަސްލުތަކާއި، ދީންތަކާއި އާދަކާދަތަކަކުން އުފެދިފައިނުވާ ބަޔަކަށްވީމައެވެ.
އަޅުގަނޑުމެންގެ އިޖުތިމާއީ ހަމަތައް ވާންޖެހެނީ ސަގާފީ ހަމަތަކަކަށެވެ. މިގޮތުން
ކުއްޖާއަށް މަގުދައްކައިދީ، ބަހާ އަމަލުން ދީނާއި ގައުމީ ލޯބި ބިންވަޅުނެގިގެން ދިއުމަކީ
މި އައިޑެންޓިޓީ ދިވެހި ދަރިއެއްގެ ގޮތުން ލިބިދެވޭނެގޮތެވެ. އެކަން މިއަދު
ނުވެއްޖެނަމަ، މާދަމާ ދީނެއް މިއްލަތެއް ވަތަނުގެ ލޯތްބެއްނެތް ޖީލެއް ތަހައްމަލުކޮށް
އޭގެ ހިތިކަން ލިބިދާނެއެވެ.
4-
މޯރަލް
އައިޑެންޓިޓީ- މިއީ ކުއްޖެއްގެ ކިބައިގައި، ހެވާއި ނުބައި ވަކިކޮށް، މީހަކުބެލިޔަސް
ނުބެލިޔަސް، ތިމާގެ ނަފުސަށް، ދީނަށް އަދި ވަތަނަށް ތެދުވެރިވެ އިހުލާސްތެރިވާން އިނގޭ
އައިޑެންޓިޓީއެވެ. މިކަމަށް ބޭނުންވަނީ އުމުރާ ގުޅޭނެހެން ހެވާއި ނުބައި
ވަކިކޮށްދިނުމާއި، އުސޫލަށް ތަބާވަން އަހުލުވެރިކުރުމާއި، ގަވާއިދުތަކަށް ބޯލަނބަން
ފަރިތަކުރުވުމެވެ. މޯރަލް އައިޑެންޓިޓީ
ވަރުގަދަ ވުމުން، މިއަދު މިފެންނަ ޒަމާނީ ޑިމޮކްރަސީއާއި، ހިޔާލު ފާޅުކުރުމުގެ
ޒަމާނުގައި، ތިމާގެ ހައްގު އޮތީ ޒިއްމާއާއި އެކުކަމާއި، ތިމާގެ ހައްގެއް އޮތުމަކީ
އަނެކާގެ ހައްގު ނަގައިލެވޭ އުޒެރުއްނޫންކަން އިނގޭނެއެވެ. ވަޒީފާއަށް
އިހުލާސްތެރި ރިޝްވަތު ނުހިފާނެ މުސްލިމު ދަރިއަކަށްވާން ދަސްވާނެއެވެ.
މި ހަތަރު ބަހާއަކީ ރަނގަޅު އައިޑެންޓިޓީއެއް ބިނާކުރުމަށް ކޮންމެހެން ބޭނުން ބަހާތަކެކެވެ. އެހެނަސް މީގެ އިތުރު ބައިތައްވެސް ފޮތްތަކުންނާއި އިލްމީ ދިރާސާތަކުން ފެންނަން ހުރެއެވެ. ކޮންމެއަކަސް، 21 ވަނަ ގަރުނަށް ފެތޭ،
ދިރިއުޅުމަށް ތައްޔާރުވެފައިވާ މުސްލިމު ދިވެހި ޖީލެއް ބިނާކުރުމަށް، ކޮންމެ ކުއްޖަކަށްމެ
ނުހަރު ރީތި ފުރިހަމަ އައިޑެންޓިޓީ އެއްލާޒިމުވެއެވެ. ބޭނުމަކީ، މުޖުތަމައަށް ފެތޭ
ފިކުރަކާއި ވިސްނުމެއް ހުރި ކުއްޖަކަށްވުމެވެ. ގަބޫލުކުރާ ސިފަތަކާއި އަގުތަކެއް ހުރުމާއި،
އެގަބޫލުކުރުންތަކުގައި ދެމިހުންނަން އެނގުމެވެ. އޭރުން އަންނާންއޮތް ޖީލުތަކަކީ މިގައުމާއި
އުއްމަތް އެދޭފަދަ ޖީލަކަށްވާނެއެވެ. ޑީއެންއާރުން ނުދެއްވިޔަސް ސިކުނޑީގައި ވަރުގަދަ
އަދި މުއްދަތު ހަމަނުވާ ފުރިހަމަ އައިޑީ ކާޑެއް އޮންނާނެއެވެ.