މިއަދު ނޫސްތަކުން ފެނުނު އެއް ހަބަރަކީ ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވި ހަބަރެވެ. މަސްބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައެވެ. ސިފައިން ވަނީ ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް އޭތި ދޫކޮށްލާފައެވެ.
މުހިއްމުވީ އެ ހަބަރާއެކު ފެނުނު ފޮޓޯއެވެ. ކިނބުލުގެ
ތުންގަޑުގެ އިތުރުން ހަތަރެސްފައި އޮތީ ޑަކް ޓޭޕުން ފިސާރު ވަރުގަދަޔަށް
ބަނދެލާފައެވެ. މިއޮތީވާ ހައްގުގެ ޒަމާނެއްތާއެވެ. ވަގުތުން ފެންނަން ފެށީ ކިނބުލާމެދު
އިހާނެތިކޮށް ކަންކުރި ކަމުގެ ޝިކާޔަތު ތަކެވެ. ހިތަށް އެރިއެވެ. ޔަގީން ކަށަވަރުންވެސް
ދިވެހި ސިފައިންނަކީ އަނިޔާވެރިބައެއް ނޫނެވެ. އެކަމަކު އެ ކިނބޫ ރަމަތަކުރުމަށް
އެއަށްވުރެ ތަންކޮޅެއް ލުއި ގޮތެއް ބޭނުންކުރެވިދާނެއެވެ.
އެއްޗެއްބުނުމުގެ ކުރިން ދެކޮޅު ބަލާލަން ޖެހޭނެތީ،
ކުޑަކޮށް ކިޔާލީމެވެ. ކިނބޫ ހިފާ ގެންގުޅުމުގައި ސަމާލުވާންޖެހޭ ކަންތައް ގިނައެވެ.
ސަބަބަކީ އެއީ ތަބީއަތުގައި މީހަކަށް ނުވަތަ ބަޔަކަށް ބޮޑުއަނިތަކެއް ދެވިދާނެ
ނުރައްކާތެރި ޖަނަވާރަކަށްވާތީއެވެ. އެހެން ނަމަވެސް ކިނބޫ ހިފާ ހައްޔަރު ކޮށް
އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި "ފަހަތަށް ބިޑި އެޅުވުމުން" އޭގެ
އަތް ފަޔަށް ހާނިކަވުމުގެ ފުރުސަތު އޮވެއެވެ. އަދި ކަމުގެ ތަޖުރިބާ ހުރި ބަޔަކު ކިނބުލެއް
ހިފުމުގައި ފަހަތަށް ބަނދެފައިވާތަން ނުވެސް ފެނެއެވެ.
މިކަމުގައި އޮތީ ދެގޮތެކެވެ. އަނިޔާވެރިކޮށް ކިނބޫ
ހައްޔަރުކުރީކަމަށް ގަބޫލު ކުރުމާއި، އެއީ އެހެންވިކަމެއް ނޫންކަމަށް ގަބޫލުކުރުމެވެ.
އަޅުގަނޑު ގަބޫލުކުރާހިތްއޮތީ ސިފައިން
ކިނބުލަށް އަނިޔާކުރުމުގެ ނިޔަތެއް ނުގެންގުޅުއްވާކަމަށެވެ. ބަދަލުގައި އެ
"މިސް ހެންޑްލިން" އަކީ މާހައުލުގައި ނެތް އެއްޗެއް ގެންގުޅުމުގައި ހުރި
ބީރައްޓެހި ކަމެއް ކަމަށެވެ. އިނގިލިދިއްކޮށް ކުއްވެރި ކުރުންވީނޫނެވެ. މައުލޫމާތު
ހޯދާ ދަސްކުރަންވީއެވެ. ހަގިގަތަކީ، އޭތި ހައްޔަރު ކޮށްފައިއޮތް ގޮތަށްވުރެ
އަޅުގަނޑު ކަންބޮޑުވީ ކަންވާރެއްގައި ބަޔަކު 6 ފޫޓަށްވުރެ ބޮޑު ކިނބުލެއް ބޭނުމުންނެވެ.
އެކަމުން މީހުންނަށް އަނިޔާ ލިބުމުގެ ފުރުސަތު އޮތަތީއެވެ.
ތެދެކެވެ. މިއަދު އެފެނުނީ ކިނބުލެއް ބަނދެއް ހައްޔަރު ނުކުރާންވީ ގޮތެކެވެ. އަމުދުން ކިނބުލެއް ފެނުމުން ރައްޔިތުން ކަންނުކުރާންވީގޮތް ވެސްމެއެވެ. ކުރިންވެސް ކިނބުލެއް ފެނި، މިއަދުވެސް ފެނުމުން އަދިވެސް ފެނިދާނެ ކަމަށް ބަލާ، ކުޑަކޮށް މައުލޫމާތު ލިބިގަންނަންވީއެވެ.
https://mndf.gov.mv/mndf/en/news-article-dhiv.php?article=4323
https://www.doc-developpement-durable.org/file/Elevages/Crocodiles/Code%20of%20Practice%20Crocodile%20farming.pdf
https://www.dcceew.gov.au/sites/default/files/documents/crocodile-code-practice.pdf