މާމޮޅު މާހިރަކަށް، އަދި ފުންނާބު އުސް މީހަކަށް ވެގެނެއްނޫނެވެ. އަޅުގަނޑަށް އެނގިހުރި މިންވަރަކުން ވަރަށް ގިނައިން ބޮޑެތި ބޭފުޅުންގެ ވާހަކަތަކުގައި އިވޭ ދެތިން ލަފުޒެއް ތަންކޮޅެއް ތިލަ އިބާރާތުން ބުނެލަންކަމަށެވެ. އިގްތިސާދު ކުރިއެރުމަށް އަޅުގަނޑުމެން އެދޭ އިރު އެކަމުގެ ތެރޭ ވަރަށް އާންމުކޮށް ބޭނުންކުރާ ބައެއް ބަސްބަހެވެ.
ސަބްސިޑީ- މިބަސް
ބޭނުންކުރަނީ ޤައުމެއްގެ ސަރުކާރުން، އެގައުމެއްގައި ކަނޑައެޅޭ މުދަލެއް ނުވަތަ
ހިދުމަތެއް ފޯރުކޮށްދޭބަޔަކަށް، އެމުދާ ނުވަތަ ހިދުމަތް ފޯރުކުރުމަށް ކުރެވޭ ހޭދަ
އުނިކުރުމަށް ދެވޭ ހިލޭ އެހީއަކަށެވެ. އެގޮތަށް ކުރެވޭ ހޭދަ ކުޑަކޮށްދިނުމުން
ރައްޔިތުންނަށް ފޯރާވަރުގެ އަގެއްގައި ލިބިދިނުމުގެ ބޭނުމުގައެވެ.
މިސާލަކަށް ފެނަކައަށް ސަރުކާރުންސަރުކާރުން
ތެލުގެ ސަބްސިޑީ ދިނުމުން ތެލަށް ކުރާހޭދަ ލުއިވެ، އޭގެ ބަދަލުގައި ކަރަންޓަށް ބިލުކުރާ
މިންވަރު ދަށްކުރެވެއެވެ.
ޓެކްސް- މިއީ ގައުމެއްގެ
ރައްޔިތުން ނުވަތަ ވިޔަފާރިތަކުން، ސަރުކާރަށް ދެއްކުމަށް ގާނޫނީ ގޮތުން ލާޒިމު
ކުރާ ފައިސާގެ މިންވަރެކެވެ. މިސާލެއްގެގޮތުން ދިވެހިންނަށް އެންމެ ފަރިތަ
އެއް ޓެކުހަކީ، ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުން ނަގާޓެކުހެވެ. ޓެކްސް
ނުގުމުގެ ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ހޭދަކުރުމެވެ.
ގްރާންޓް- މިއީ
ހިލޭ އެހީ އެވެ. ސަރުކާރުތަކުން ރައްޔިތުނަށް، ނުވަތަ ޖަމްއިއްޔާ ޖަމާއަތްތަކަށް ފޯރުކޮށްދޭ
މާލީ އެހީއެވެ. މިސާލަކަށް ތިމާވެށި
ރައްކާތެރިކުރުމުގެ މަސައްކަތް ކުރާ ޖަމްއިއްޔާއަކަށް އެހީގެ ގޮތުގައިސަރުކާރުން
ފައިސާ ދިނުންވާނެއެވެ. ސަރުކާރުން ރައްޔިތުންނަށް ދިނަސް، އަދި ބޭރު ގައުމަކުން
ދިނަސް، ގްރާންޓެއް ނަމަ އެއީ އަނބުރާ އެއަށް އަގުދައްކަން ނުޖެހޭ ހިލޭ
އެހީއެކެވެ.
ޓްރެޝަރީ ބޮންޑް- މިއީ
އާންމު ބަހުރުވައިންނަމަ ސަރުކާރުން ނަގާ ލޯނެކެވެ. ޓްރެޝަރީ ބޮންޑު ސަރުކާރުތަކުން ވިއްކަނީ ، ފަހުން އަނބުރާ ފައިސާ
ދައްކާ އުސޫލުން، ކަނޑައެޅޭ މުއްދަތަކަށް ( އާންމުކޮށް 10އަހަރާއި
30 އަހަރާއި ދެމެދު) ކަނޑައެޅޭ އިންޓްރެސްޓެއްގައެވެ. ބޮންޑުގެ މުއްދަތުގައި
އިންޓްރެސްޓްގެ އަދަދު ދައްކަމުންގޮސް، ބޮންޑުގެ މުއްދަތު ހަމަވުމުން ބޮންޑުގެ އަގު
ދޭނީއެވެ. ބޮންޑުގަތް ފަރާތަށް އޭނާ ދިން ލޯނުގެ އަދަދާއި އަދި އެއަށް އިތުރުވާ
އިންޓްރެސްޓްވެސް ލިބުމުގެ އިތުރުން ސަރުކާރުގެ ދަރަންޏެއްކަމުން
އަނބުރާލިބޭނެކަމުގެ ކަށަވަރުކަންއޮވެއެވެ.
އިންފްލޭޝަން- މިއީ
ގައުމެއްގެ މުދަލާއި ހިދުމަތުގެ އާއްމު އަގުތަށް އުފުލުމަށް ކިޔާ ނަމެކެވެ. ވަކި
މުދަލެއް ނުވަތަ ހިދުމަތެއް ގެ އަގު އުފުލުމަކަށް އިންފެލޭޝަން ނުކިޔައެވެ. މުދަލާއި
ހިދުމަތުގެ އަގު ބޮޑުވުމުން، ނުވަތަ އިންފެލޭޝަން މަތިވުމުން ޖީބަށްކުރާ ބާރު
ބޮޑުވެއެވެ. ކުރިން 100 ރުފިޔާއަށް ލިބޭ
ތަކެތި މިހާރު އެއަގުގައި ނުލިބޭކަމުގެ އިހުސާސްކުރެވޭ ފަހަރު ދިމާވާ އެއްސަބަބަކީ
އިންފްލޭޝަނެވެ.
މީގައި ހަނދާންކޮށްލަންޖެހޭ އެއްކަމަކީ އިންފްލޭޝަނޭ
ކިޔަނީ "ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވާ މިންވަރަށް"ކަމެވެ.
އެހެން ކަމުން އިންފެލޭޝަން ދަށްވުމުގެ މާނައަކީ މުދަލާއި ހިދުމަތުގެ
އަގުދަށްވުމެއްނޫނެވެ. ބަދަލުގައި، މުދަލާއި ހިދުމަތުގެ އަގު ބޮޑުވާ މިންވަރު
ދަށްވުމެވެ.
އުއްމީދަކީ އަޅުގަޑުމެންގެ ގައުމު ކުރިއަރާ ދިއުމެވެ.
ދިވެހި ކޮންމެ ދަރިއަކީ އެދަތުރުގެ މަދަދުދާރަކަށް ވުމެވެ. ދަތުރުކުރާން އޮތް ރާސްތާގެ
އަޑިގުޑަންތަކާއި ފަޅު ފަރާއި ގިރިތަކަށް ހޭލޭތިބި ބަޔަކަށްވުމެވެ.