އުމުރުން 7 އަހަރުގެ ޝަވަން ގެ ހިތްވަރަށް
އައްސަރިބަހާއި ސާބަހެވެ. ތިޔާއި ހިތްވަރުގަދަ ޖެހިލުންކުޑަކުއްޖެއްކަން ސާބިތުކޮށްފީމުއެވެ.
ޝަވަންގެ މައިންބަފައިންވެސް މެއެވެ. އާއިލާގެ އެހީތެރިކަމާއި ހިތްވަރުދިނުންނެތް
ނަމަ އެއުމުރައި ޝަވަންއަށް އެފިޔަވަޅު އަޅަންދަތިވީހެވެ. އަދި މަކުނުދޫ ސްކޫލަށް
ޝުކުރާއި ތައުރީފު ހައްޤުވެއެވެ.
![]() |
ފޮޓޯ މިހާރު ނޫހުން |
ކުދިންގެ ޖިސްމާނީ ސިފައަކަށް ބެލުމެއްނެތި
ހަމަހަމަ ފުރުސަތު ފަހިކޮށްދީފީމުއެވެ. އަދި މިއަދު ޝަވަން އަށް މަސްނޫއީފައެއް
ލިބޭނެ ކަމުގެ ހަބަރު ލިބިފައިވާއިރު އެކަމުގައި މެދުވެރިވި އެންމެނަށްވެސް
ޝުކުރުހައްގެވެ. އުއްމީދަކީ އަދި ދުޢާއަކީ، މާލަސްތަކެއްނުވެ ޝަވަންއަށް ފައި
ހަރުކުރެވި ފަސޭހަކަމާއެކު އުޅެލެވޭނެ ގޮތްވުމެވެ.
ހިތަށް އެރިއެވެ. މިއީ ހަމަ މިކަންވާންވީ ގޮތްތޯއެވެ.
ދިވެހި
ރާއްޖެއަކީ ގައުމުގެ މުޅި އާބާދީއަށް މުޅިންހިލޭ ބޭސްފަރުވާ ކުރެވޭ މަދު ގައުމުތަކުގެ
ތެރެއިން ގައުމެކެވެ. ވަރަށް ގިނަ ގައުމުތަކުގެ ރައްޔިތުންނަށް ސަރުކާރުތަކުން
ސިއްހީ އިންޝޫރަންސް ނިޒާމުތައް ގާއިމުކޮށްފައިވާ އިރު، ވަރަށް ގިނަ
ގައުމުތަކުގައި، ރައްޔިތުން އޭގެ ކޮންމެވެސް މިންވަރެއްގެ ހިއްސާއެއް
އަދާކުރަންޖެހެވެ. މަދަނައިގެ ޚިދުމަތް ރައީސް މައުމޫނު ތަޢާރަފުކުރައްވާ، ރައީސް
ނަޝީދުގެ ވެރިކަމުގައި އާސަންދައަށް ބަދަލުކުރައްވާ އިތުރަށް ފުރިހަމަކުރެއްވިއެވެ.
ރައީސް ޔާމީން ހުސްނުވާ އާސަންދަ ތައާރަފުކުރެއްވިއެވެ. މިއިން ކޮންމެ ކަމަކީ
ރައްޔިތުން ނުހަނުބޮޑު ތަކުލީފުތަކުން މިންޖުވިކަންތަކެވެ.
ގައުމީ ފެންވަރުގެ ސިއްހީ އިންޝުއަރެންސްގެ
ނިޒާމެއް ގާއިމުކުރުމަށް އެދޭނަމަ، އަޅުގަނޑުމެންގެ ނިޒާމުގައި ހުރި މައްސަލަތައްބަލާ
އެކަށޭނެ ބަދަލު ގެންނަންއެބަޖެހެއެވެ. ޝަވަން ދައްކައިދިނީ ޝަވަންއުފެދުމުގައި
ހުރި އުނިކަމަކަށްވުރެ، ޝަވަންގެ ހިތްވަރާއި، އަޅުގަނޑުމެންގެ ސިއްހީ ނިޒާމުގައި
ހުރި ނުކުޅެދުންތެރިކަމެކެވެ. މިއަދު ދިވެހި ގައުމުގެ އިޖުތިމާއީ ރައްކާތެރިކަމާއި
ސިއްހަތުގެ ލޮލުގައި ޝަވަން އަޅައިގަތީ އުމުރުން 7 އަހަރުވިފަހުން ފުޓްބޯޅަ
މެޗަކުންނަމަ، ނިޒާމުގެ މައްސަލައެއް އެބައުޅެއެވެ. އަދި
ފުރިހަމަކޮށްލަންޖެހެއެވެ. އިސްލާހުކޮށް ފުރިހަމަކޮށް އޮފުދާރުކޮށްލުމަކީ
އަބަދުވެސް ކުރިއެރުމެކެވެ.
ދިގު ކުރާކަށް ނެތީމެވެ. އަޅުގަނޑުމެންގެ
ސިއްހީ އިންޝިއަރަންސް ނިޒާމު އާސަންދަ އާއިމެދު އިތުރަށް ވިސްނާލަން ފެންނަ ބައެއްކަންތައް
ފާހަގަކޮށްލާނަމެވެ.
- ބަލިވުމުން ފަރުވާ ކުރުމުގެ ބަދަލުގައި، ބަލިވުމުގެ
ކުރިން ރައްކާތެރިވުމަށް އެކަށޭނެ ހެލްތް ޗެކަޕް ނިޒާމެއް ގާއިމުވުން. މިފަދަ
ނިޒާމެއްގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުން، ބޮޑެތި ބަލިތަކަށް
ބޭސްކުރާމީހުން އަދި އުމުރުން ދުވަސްވީ މީހުނަށް އަހަރަކު އެއްފަހަރު ޗެކްއަޕް
ހެދޭނެމަގު ފަހިވުން.
- އާސަންދަ ހިދުމަތް ހައިރާތު އުސޫލުން
ބަހާލުމުގެ ބަދަލުގައި، ކޮންމެވެސް މިންވަރަކަށް ބަލިމީހާވެސް ޒިއްމާ އުފުލަންޖެހޭނެ ގޮތަކަށް ފަރުމާކުރުން.
މިސާލަކަށް ބޭސް ސިޓީ އަށް 100ރުފިޔާ އަށް ވުރެ މަތިވުމުންނޫނީ
އަސަންދައިން ނުކެނޑޭގޮތަށް ހެދުން. މިފަދަ ބަދަލެއްގައި ގައުމުގައި ދަފުތަރު
ކުރެވިފައިވާ ފަގީރުންނާއި މިސްކީނުން އިސްތިސްނާކުރެވިދާނެއެވެ.
- އާސަންދައިގެ ނާޖާއިޒު ފައިދާ ނެގުމަށްއޮތް، އެންމެންދަންނަ
ސިއްރުމަގުތައް ބަންދުކުރުން. ކްލިނިކްތަކާއި އަމިއްލަ ހޮސްޕިޓާތަކާއި ބޭސް ފިހާރަތަކުން
އާސަންދަ ބޭނުންކުރުމުގައި ޒިއްމާދާރު ދެފުށްފެންނަ ނިޒާމެއް އެކަށައެޅުން.
- ދާއިމީ އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ދުވާލުދެދަޅަޔަށް ސޯޝަލް މީޑިއާގައި ސަލާންނުޖަހާ ފަރުވާކުރެވޭނެ ގޮތަކަށް ޚާއްސަ ހާލަތުގެ ފަރުވާތަކުގެ ނިޒާމު ހަރުދަނާކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބޭނުންވާ މޮބިލިޓީ އެއިޑްސް ނުވަތަ ހެލިފެލިވެއުޅުމަށް ބޭނުންވާ އޭހީތައް ( ކޭން ނުވަތަ އަސާ، ހިއަރިން އެއިޑް، ފުރޮޅިލީ ގޮނޑި ފަދަ ތަކެތި) ފޯރުވުން.
މިހެން ހާސަރުތަކެއް އަމުނާލުމަކީ ފަސޭހަކަމެކެވެ. އެހެނަސް ބަދަލުގެނައުމަކީ ދަތި އުނދަގޫކަމެކެވެ. އަމުދުން ރިޔާސީ އިންތިހާބެއް ބޯމަތިވަމުންދަނިކޮށް ރައްޔިތަކު އަތުން އާސަންދަ ނިޒާމަށް ފައިސާނަގާވާހަކަ ދައްކަންވެސް ހެޔޮނުވާނެތާއެވެ. އެހެނަސް ދަންނަވަންތޯއެވެ. ދެމެހެއްޓެނިވި ތަރައްޤީ އެދޭނަމަ، އަދި ގައުމުގެ އާމްދަނީ ހެޔޮ ގޮތުގައި ހޭދަކުރުމަށް އެދޭނަމަ، ބަދަލު ގެންނަންޖެހޭކަންތައް ބަދަލުކުރަންވާނެއެވެ. ބަލިވުމުން ޑޮކްޓަރު ކިތައްމެ ހިތި ބޭހެއްދިނަސް ހިތްވަރުކޮށްލާފާ ބޯލަނީތާއެވެ.
ޝަވަންގެ ވީޑިއޯ އަކީ ސިއްހީ ފަރުވާދިނުމުގެ ނިޒާމުގެ ހުރި ބާގަނޑެއް އެންމެނަށް ފެނުމެވެ. އެފަދަ ކިިތައްމެ މީހުންނާއި ކުދިން އުޅޭނެތާއެވެ! މިފަހަރު ޝަވަންއަށް ލިބުނީ އެކެކެވެ. އަޅުގަޑުމެންނަށް ލިބުނީ ސުމެކެވެ.
https://www.internationalinsurance.com/health/countries-free-healthcare.php
https://mihaaru.com/news/114699