ރާއްޖެ އިސްލާމްވި ދުވަސް- ޖީލެއް ބިނާކުރުމުގެ ގޮންޖެހުންތައް
އަދަކީ ދިވެހި ރާއްޖޭ އިސްލާމްކަމުގެ ތެދުމަގު ބަލައިގަނެ، ދިވެހިން އިސްލާމްދީން ޤަބޫލުކުރިތާ 869 އަހަރު ފުރޭ 870 ވަނަ އަހަރީ ދުވަހެވެ. ދުވަހުގެ ތަހާނީ މި ލޮބުވެތި ފަސްގަނޑުގެ އަހުލުވެރިންނަށް ފޮނުވަނީ އުފަލުންނެވެ. މިފަދަ ކޮންމެ މުނާސަބަތަކީ މިދީބުގެ މާދަމާއާއި މެދު ވިސްނާލަން ހަމަ އެންމެ ރަނގަޅު ފުރުސަތެކެވެ.
މިލިޔުމުގައި
ކޮންމެވެސް މިންވަރަކަސް ބަލާލަން ގަސްތުކުރަނީ، އިސްލާމީ ގިއުގަނޑުގެ ތެރޭ، މެދުމިންކަމުގެ
ރިވެތި އުސްލޫބަށްފެތޭ، ޒިއްމާދާރު ދީންވެރި ދަރިއަކު ގެންގުޅެ ބޮޑު ކުރުމުގައި މިޒަމާނުގައި ދިމާވާ ބައެއް ގޮންޖެހުންތަކަށެވެ.
މިޒަމާނުގެ
ތަރުބިއްޔަތުގެ އިލްމުވެރިން މިގޮންޖެހުންތައް ބަހާލަނީ މައިގަނޑު 5 ބަޔަކަށެވެ.
ü
ޕިއާރ ޕްރެޝަރ- ޕިއާރސް ނުވަތަ އެކުގައި އުޅޭ
މީހުންގެ ނުފޫޒަކީ އެކަމުން ނުރެކެވޭނެ ހަގީގަތެކެވެ. ޕިއާރ ޕްރެޝާރ ދެގޮތަށްދެއެވެ. ކުދިން އެކުވެރިންނާއި އެކުއުޅޭމީހުން ފުށުން ދަސްކުރަނީ ހަމައެކަނި ގޯސްކަންތަކެއްނޫނެވެ.
ރަނގަޅު ކަންތައް ވެސް ދަސްކުރެއެވެ. އެހެންކަމުން ކޮންޖެހުމަކަށް ވަނީ އެދަސްވާ ނުވަތަ ފެންނަ ގޯސް ސިފަތަކުން ދަރިން ސަލާމަތްކުރުމެވެ. މިގޮންޖެހުމުން އަރައިގަތުމަށް
އެންމެ މުހިއްމު ކަމަކީ، ކުއްޖާ ކުޑައިރުން ފެށިގެން އޭނަގެ އައިޑެންޓިޓީ ބިނާކޮށްދިނުމެވެ.
އާދެ އިޖުތިމާއީ ހުނަރު ނުވަތަ ސޯޝަލް ސްކިލްސް ހަރުލެއްވުމެވެ. ހެވާއި ނުބައި ކިޔާދިނުމުގެ އިތުރުން ކޮންމެ
މީހަކު ކުރިއަސް ރަނގަޅު ވާނީ ރަނގަޅަށް ކަމާއި ގޯސްކަމެއް ވާނީ ހަމަ ގޯސްކަމެއްގެގޮތުގައިކަން
ހިތުގައި ބިންވަޅު ނެގޭތޯ ބެލުމެވެ. އަދި ރިވެތި ގޮތުގައި، ޖަދަލުނުކޮށް، ހިޔާލުތަފާތުވާން ދަސްކޮށްދިނުމާއި ތަފާތުހިޔާލުތަކަށް ޖާގެދޭންޖެހޭކަން ވިސްނާދިނުމެވެ.
އަދި ހުރިހާ އެކުވެރިން ގޯސްކަމެއް ކުރަން ބޭނުންވާ ވަގުތު، ތިމާ އެކަނި ނޫނެކޭ ބުނަންޖެހުނަސް
ސާބިތުކަމާއި އެކު ބުނުމަކީ ތިމާ ފިނޑިވުން ނޫންކަމާއި، "ގަޓް" ވުމަކީ ނުރަނގަޅު
ކަންތަކަށް އަރައިގަތުންނޫންކަން ވިސްނަދިނުމެވެ.
ü
ބިޒީވުން!
މިއީ މިއަދު ހުރިހާ އުމުރެއްގެވެސް ވަރަށް އަތްމަތީ ބަހެކެވެ. ޕްރީސްކޫލުގައި
ކިޔަވާ ކުއްޖާ އަދި ގުރުއާން ކުލާހަށާއި، ޓިއުޝަން ކުލާހާއި ފަތާ ކުލާސް ނިންމާ
ބާކިއޮތް ވަގުތު ކޮޅުގައި ވީޑީއޯ ބަލަން ބިޒީވާއިރު މައިންބަފައިން ވަޒީފާއާއި ގޭތެރޭގެ
މަސައްކަތާއި ބާޒާރުކުރުމާއި އެހެންވެސް ކަންކަމުގައި ހަމަ ބިޒީވަނީއެވެ. ދުވަސް
ނިމޭއިރު އޮންނަނީ މީހާ ބުރާންތިވެފައެވެ. ކުދިންވެސް އެހާލުގައެވެ. މިކަމަށް އޮތް
ހައްލެއްކަމަށް ތަރުބަވީ އިލްމުވެރިން ވިދާޅުވަނީ ކުޑައިރުއްސުރެން ފެށިގެން
ތާވަލަކަށް ކަންތައް ކުރަން ދަސްކޮށްދިނުމެވެ. ވަގުތު މެނޭޖްކުރަން ހޭނުވުމެވެ. ފެށުމުގެ
ގޮތުން ހަފުތާގެ 5 ދުވަހުގެ ތެރޭ، ބަންދުގެ 2 ދުވަހުގެ ހަރަކާތް އެކުދިންލައްވާ
ރާވާލުމަކީ މިއާދަ އަށަގެންނެވުމެގެ ފެށުމަކަށް ހެދިދާނެއެވެ. ހަގީގަތަކީ
އަޅުގަނޑުމެން ބިޒީވަނީ ނޫނެވެ. އެއަށްވުރެ މުހިއްމު ކަންކަން ހުންނަނީ އެވެ. އާދެ!
ޕްރިއަރިޓީއެވެ. އެހެންކަމުން ބޭނުންވަނީ
އެކަންކަން ތަރުތީބުކޮށް ފަށްފަށްނުވާނެހެން އަތުރާލުމަށް ސިކުޑިހާނާލުމެވެ. އަދި އެތާވަލަށް
އަމަލު ކުރަން ދަސްކުރުމެވެ.
ü
ފައިސާ-
މިދަނީ މަހެއްގެ ނިމުމަށެވެ. އަންނަ މަސް ފެށުމާއެކު އަޅުގަނޑުމެންނަށް
މީސްމީޑިއާއިން ފެންނާނީ މުސާރަ "ލިބުނީ- ހުސްވީ" ވާހަކައެވެ. މާލީ
ދަތިކަން ނެތް ބަޔަކު ނުތިބެއެވެ. އަޅުގަނޑުމެންނަށް ފެންނަ ބިޔަ މަހުޖަނުންގެ ބިޔަދަރަނި އަދި މާބޮޑެވެ. އެހެންކަމުން އިގްތިސާދުކުރަން ދަސްކޮށްދިނުމަކީ، އެކުދިން
މުޖުތަމައަށް ނިކުންނައިރު "ބިކާރީ ބިކާރީ" ނުގޮވާ އުޅެން ދަސްވާނެ
ކަމެކެވެ. ފަހަށް ރައްކާކުރަނީ ހަރަދުކޮށް ބާކީވުމުން ނޫންކަމާއި، ހަރަދު ކުރާނީ
ފަހަށް ރައްކާކުރުމަށްފަހުކަން ވިސްނަދޭންޖެހެއެވެ. މިގޮތުން ކުދިންގެ އުމުރާއިގުޅޭނެ މިންވަރަކުން ފައިސާގެމުއާމަލާތުކުރަން ދަސްކޮށްދެވެންޖެހެއެވެ. އުމުރާ
އެކަށޭނެ މިންވަރުން ފައިސާ ރައްކާކުރުން، ފައިސާ މާރުކުރަން އަދި ތަނަކަށް ފައިސާ
ދިނުމުން ބާކީ ލިބޭ އަދަދު ގުނުން ފަދަ ކަންކަމަކީ ގޭތެރެއިން ދަސްކޮށްދެވޭނެ
ހުނަރުތަކެވެ.
ü ޓެކްނޮލޮގީ
އާއި ސައިބާރ މީޑިއާ ވަރަށް ގިނަ ފަހަރު ޓެކްނޮލޮޖީ ގެ ނުރައްކާ ބޮޑު ކަމުން އޭގެހައްލަކަށް ފެންނަނީ އިންޓަނެޓް ކަނޑާލުން، ނުވަތަ އެފަދަ ވަސީލަތްތަކުން
މަހުރޫމުކުރުމެވެ. އެހެނަސް އަދުގެ ހަގީގަތަކީ މީގެކުރިން ޓެކްނޮލޮޖީ އުފަންކުރި
ޖީލުތަކާ ތަފާތުކޮށް މިޖީލު އުފަންވެ ބޮޑުވީ ޓެކްނޮލޮޖީގެ މާހައުލެއްގައެވެ. އެކުދިން
އޭގެ ބޭނުންކުރާނެއެވެ. ކުރަންޖެހޭނެއެވެ. ދަސްކޮށްދޭންވީ ޒިއްމާދާރުވުމަށެވެ. އޭގެއިން ހެޔޮގޮތުގައި މަންފާލިބިގަތުމަށެވެ. ހަނދާންކޮށްދޭންވީ
އެކަކަށް ނުފެނުނަސް ދެކެދެނޮވޮޑިގެންވާފަރާތެއްވާކަމާއި ތިމާގެ ކޮންމެއަމަލަކަށް ޒިއްމާވާންޖެހޭ ދުވަހެއްވާކަމެވެ. މިހަގީގަތް ކުއްޖާގެ ހިތުގައި
ވަރުގަދައަށް ބިންވަޅުނެގުމުން، ޓެކްނޮލޮޖީއާއެކު އަންނަ ބިޔަރާޅުތަކުން ރެކެންއިނގޭނެއެވެ. އަދި ކުޑައިރު އެކުދިންނަށް
ޓެކްނޮލޮޖީ ހާވާ ދަސްކުރުން އެކަނިހައްޓަށް ދޫނުކޮށް، މައިންބަފައިން އެކަމުގައި
ބައިވެރިވެ ކުދިން ޓެކްނޮލޮޖީއާއި ސައިބާރ މީޑިއާއަށް ކުރާ ދަތުރުގެ
ބައިވެރިންނަށްވުމުން އެކުދިންގެ އިތރުބާރާއި އިހުތިރާމު ލިބުމުގެ އިތުރުން
އެކުދިން އޭގެ ހަމަ ބޭނުންކުރާކަން ކަށަވަރުކުރެވޭނެއެވެ.
ü
ޖެނެރޭޝަން
Z - މިސާސްކަފުގައި އުފަންވެ، ދުނިޔޭ ތަދުމަޑުކަމުގެ ދުވަސްތަކެއް ނުދެކޭ،
އަދި ޓެކްނޮލޮޖީއާއި މީސްމީޑިއާ ނެތް ދުވަހެއް ނުދެކޭ ޖީލެވެ. މިއީ ޓެކްނޮލޮޖީގެ ޖީލެކެވެ.
އެކުދިން ވަށައިގެންވާ މާހައުލުގެ ގިނަ ކަންކަމުގެ މައުލޫމާތު ހޯދާނެގޮތް ދަނެ
އެކަމަށް އަހުލުވެރިއެވެ. މަންމަ ބައްޕަ ބުނާ ކޮންމެ އެއްޗަކީ ދެލޯމަރާލާ ގަބޫލުނުކޮށްފާނެ،
އެއްޗަކަށް ވަނީ އެހެންވެއެވެ. އަދި މިއީ ސްކްރީނުން މޫނު ދުރުނުކުރެވޭ ޖީލެކެވެ.
މި ގޮންޖެހުމުން އަރައިގަތުމަށް ބޭނުންވަނީ ޓެކް ނޮލޮޖީއަށް އަހުލުވެރިވާން ފުރުސަތުދިނުމާއި
މަގުފަހިކޮށް ދިނުމުގެ އިތުރުން، ޓެކްނޮލޮޖީގެ ބޭރުން ދުނިޔޭގައި ހަމަ ލޮލުން
ބަލަން ފިސާރި ގިނަ މުހިއްމު ކަންކަން އެބަހުރިކަން ވިސްނަދީ ޓެކްނޮލޮޖީއާއި
ދުރުކުރަން އުޅުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ އަޅަކަށް ނުވެ ޓެކްނޮލޮޖީއަކީ
އެކުދިންގެ ކާމިޔާބަށް ވާސިލުވުމުގެ ބަހާއަކަށް ހަދަން ފުރުސަތުދީ، ހޭނުވުމުންނެވެ.
އާދެ، މިވާހަކަ މިހެން ލިޔެ ތަރުތީބުކޮށްލުން
އަޅުގަނޑަށް ފަސޭހަވެދާނެއެވެ. އެހެނަސް މިއީ ކުރަންފަސޭހަކަމެއްގެ ވާހަކައަކަށް
ނުވެ ހިނގައި ދާނެއެވެ. މިއަދު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު،
ވިސްނާލަންވީ މިދިވެހި ދީބުން ފެންނަނީ، އަޅުގަނޑުމެން އެންމެއުފާވާ، ގަޔާވާ ފަދަ
ޖީލުތަކެއް މުޖުތަމައަށް ބޮޑުވެ ނިކުންނަ މަންޒަރުތޯއެވެ. ކަށަވަރުންވެސް ގޯޅޮގޯޅި ކަންމަތިތަކުން، ސޯޝަލް މީޑިއާއިން، ޖަލުތަކުގެ ތޭރިތަކުގެ ފަހަތުން، އެތަކެއް
މައިންބަފައިންނެއްގެ ވޭނީ އަޑުތަކުން ބުނަނީ އެހެންވާހަކައެކެވެ. އެހެންކަމުން
މިގޮންޖެހުންތަކަކީ ނެތް އެއްޗެއްކަމަށް ހެދުމުގެ ބަދަލުގައި މިކަމާއި ކުރިމަތިލާ،
އަންނާންއޮތް ޖީލުތައް އަޅުގަނޑުމެން އެދޭފަދަ ދީންވެރި، ހެޔޮލަފާ ޖީލުތަކަށް
ހެދުމަށް މަސައްކަތް ކުރަންވީއެވެ. އެކަމުގެ އިލްމާއި ހުނަރާއި މައުލޫމާތު ލިބި ދަސްކުރަންވީއެވެ.
މި ލިޔުމުގެ މައިގަނޑު މަސްދަރަކަށް ބަލާފައިވާނީ،
" Challenges of
Educating Adolescents in Muslim Families at Putrajaya"
މިނަމުގައި ލިޔެފައިވާ ދިރާސާ ކަރުދާހެކެވެ. މީގެ އިތުރުންވެސް މައުލޫމާތު
ހޯދުމަށް ބޭނުންކުރި އެހެން ބަހާތައް ތިރީގައި ހިމަނާލާފައިވާނެއެވެ.
https://hrmars.com/index.php/IJARBSS/article/view/10840/Challenges-of-Educating-Adolescents-in-Muslim-Families-at-Putrajaya
https://jurnal.ar-raniry.ac.id/index.php/samarah/article/view/9576
The Challenge And Promise Of Generation Z (forbes.com)
Marketing to Generation Z: 11 important things to keep in mind (pushpushgo.com)
https://www.freepik.com/premium-photo/asian-father-showing-angry-expression-when-tweak-his-daughter-ear-while-holding-mobile-phone_23222664.htm