ދިވެހިންނާއި ނުގުޅޭ ފްލެޓް
ނިމިދިޔަ ހަފުތާގައި އިވިގެންދިޔަ އެއް އަޑަކީ،
ދުނިޔޭގެ، އަދި ވަކިން ހާއްސަކޮށް ތަރައްގީވަމުންއަންން
ގައުމުތަކުގެ އިގްތިސާދީކަންތަކުގައި ނުފޫޒުގަދަ ވޯލްޑް ބޭންކުން ރާއްޖެއާއި ގުޅޭ
ގޮތުން ނެރުނު ރިޕޯޓެއްގެ ވާހަކައެވެ. އެރިޕޯޓުގައި މިރާއްޖޭގައި މިވީތަނަށް ހިންގި
އެންމެ ބިޔަ ހިޔާވަހިކަމުގެ މަޝްރޫއަކީ ދިވެހިންނާއި ނުގުޅޭ މަޝްރޫއެއްގެ ގޮތުގައި ސިފަކުރިވާހަކައެވެ.
ނޫސްތަކުން ފެނުނު އެއްޗަކަށް ބަރޯސާވުމުގެ
ބަދަލުގައި، އެރިޕޯޓުގައި ބުނާ އެއްޗެއް މޭރުންވޭތޯ އަމިއްލައަށް ކިޔާލީމެވެ. ރިޕޯޓު މިޖުމްލައަށް ފިތާލުމުން ފެންނާނެއެވެ. ތެދެކެވެ.
އެބުނީ ހަމަ ރަނގަޅަށެވެ. އޭގައި ވަނީ މިހެންނެވެ.
"the 25-story high-rises are an unusual building
typology in Maldives, where households typically live in low-rises or
single-family homes"
އިނގިރޭސިބަހަށް މާމޮޅު މީހަކަށް ނުވިސް، ހީވާ
ގޮތުން މިކަން ފާހަގަ ކުރެވިފައިވަނީ، ހިޔާ ފެލްޓްތަކުގެ ވީކްނަސް އެއް ނުވަތަ
މައްސަލައެއްގެ ގޮތުގައެވެ. މީގެ އިތުރުން، ކޮންމެ އިމާރާތެއްގައި 400 ފްލެޓް
ހުރިއިރު 4 ލިފްޓު ހުރުންވެސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި
ފްލެޓްތަކުގެ މަސައްކަތް ފުރިހަމަނުކޮށް، ފެލްޓް ލިބޭ ފަރާތްތަކާ ހަވާލުކުރުމުން،
އެ ފަރާތްތަކަށް ތަކުލީފަކަށް ވިވާހަކަވެސް އޮތެވެ.
މުޅި ރިޕޯޓް ކިޔާ ލުމުން ހިތަށް އައީ ދެ
ޝުޢޫރެކެވެ.
ފުރަތަމަ ކަމަކަށް ވޯލްޑް ބޭންކަށް ޝުކުރުވެރިވަމެވެ.
ދިވެހިން ތަރައްގީއަށް ކުރާ މަސައްކަތުގައި ހުރި ކުރަކިކަންތައް ފާހަގަކޮށް
އެއަށްވުރެ އޮމާންކޮށް އެކަންކުރާނެގޮތާއި ހިޔާލުދިނުމަކީ ރަނގަޅު ކަމެކެވެ. އެހެނަސް
ދިވެހިން އުޅެންވީ ފަންގިން ހުރި ގެތަކުގެތޯ، ބުރިބުރިއަށް ނަގާ އިމާރާތްތަކުގަތޯ
ނުވަތަ މޫދުކޮޓަރިތަކެއްގަތޯ ނިންމާންވާނީ ދިވެހިންނެވެ. ތަރައްގީގައި އެހީވުން
ރަނގަޅަސް ދިވެހިންގެ ދިރިއުޅުން ބައްޓަންކުރަންޖެހޭ އުސްލޫބު އެނގޭނީ އަދި ނިންމާނީވެސް
ދިވެހިންނެވެ. އެކަމަށް ފާޑު ކިޔުމުގެ ބޭނުމެއް އަދި ޖާގައެއްވެސް ނެތެވެ.
ދެވަނައަށް އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރަކީ،
ދިވެހި ނޫސްވެރިން ހަމަ ހަގީގަތުގައިވެސް އެހާ ޒިއްމާދާރުކަން ކުޑައީތޯ ނުވަތަ
ރިޕޯޓު ބަލާލެވޭނެ ވަގުތުކޮޅެއް ނުލިބުނީތޯ އުފެދުނު ސުވާލެއެވެ. މުޅި މީޑީއާގައި ފަލަ
ސުރުހީތަކުގައި ހިޔާ ފެލްޓް ދިވެހިންނާ ނުގުޅޭ ވާހަކަ އޮތް އިރު އޭގައި ނޫސްވެރިން
އެއަށްވުރެ އަހަންމިއްޔަތުކަން ދޭންވާ މައުލޫމާތުތަކެއް ހުރިކަން ފާހަގަ
ވުމުންނެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި އަތްފޯރާފަށުގައި
ބޯހިޔާވަހިކަން ފޯރުކޮށްދީ ބޯހިޔާވަހިކަމުގެ މައްސަލައިން އަރައިގަތުމަށް މައިގަނޑު
3 ކަމެއް ހުށަހަޅާފައިވެއެވެ.
1- ބޯހިޔާވަހިކަން ފޯރުކޮށްދިމުމާއި، އެ ކަން
އެކަށޭނެގޮތެއްގައި އިންތިޒާމުކުރެވޭނެ ހަރުދަނާ އަދި ތަފްސީލު ސިޔާސަތަކާއި
އުސޫލެއް އެކަށައެޅުން. މިގޮތުން ބިމާބެހޭ
ގާނޫނުތަކާއި އިމާރާތްކުރުމުގެ ގަވާއިދުތަކާއި ކުއްޔަށްދިނުމުގެ އުސޫލުތައް
އެކަށައަޅާ ތަންފީޒުވުން.
2- ބޯހިޔާވަހިކަމަށް
ދޫކުރާ ފެލެޓްތައް ދޫކުރާ އުސޫލާއި ދިގުމުއްދަތަކަށް އެތަންތަން ބަލަހައްޓާނެ
އުސޫލު އެކަށައަޅާ ހަރުދަނާކުރުން. މިގޮތުން ބޯހިޔާވަހިކަން ދިނުމުގައި އާމްދަނީގެ
ނިސްބަތުން އެމީހަކަށް ލުއި ލިބޭނެ އަދި ފުރުސަތު ފަހިވާނެ ގޮތަކަށް ބެލުމާއި، އެތަންތަން
ދެނީ ފައިސާ ދެއްކޭނެ މީހުންނަށްކަން ކަށަވަރުކުރުން. މީގެ އިތުރުން، ފެލްޓާއި ގެދޮރު މިލްކުނުވިޔަސް ރައްޔިތުންނަށް
ސާބިތު ދެމެހެއްޓެނިވި ގެދޮރުގެ ނިޒާމެއްކަން ގަބޫލުކުރެވޭނެ ނިޒާމަކަށް ކުލީ
ގެދޮރު ހެދުން ނުވަތަ އެފަދަ ކުލި ދެއްކުމުގައި އެހީތެރިވެވޭނެ ދެމެހެއްޓެނިވި
ނިޒާމެއް ގާއިމު ކުރުން.
3- ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތަކަށް ގެންދެވޭނެ މާހައުލު ގާއިމުކުރުން. މިގޮތުން، މިސާލަކަށް އެޗްޑީސީއާއި 2019 ވަނަ އުފެއްދި އެފްޑީސީ ގެ މަސައްކަތުގައި ފުށުއެރުން ނުހުންނަ އަދި ވަށާޖެހޭ މަޤުސަދު ހާސިލުކުރެވޭނެ ގޮތަކަށް ތަރުތީބުކުރުން.
ތެދެކެވެ. ވޯލްޑް ބޭންކުން އެއޮތީ ރިޕޯޓެއް ނެރެފައެވެ. އޭގައި އިސްވެ ދެންނެވުނު"ދިވެހިންނާއި ނުގުޅޭ ހިޔާ ފެލްޓް" ވާހަކަ އެބައެތެވެ. އަދި އަޅުގަނޑު ފަހަތުން މިފާހަގަކުރި ވާހަކަތައްވެސް ހުއްޓެވެ.
ނިންމާލަމުން
ދަންނަންއޮތީ، ވޯލްޑް ބޭންކަކީ، އަދި މިފަދަ އެހެން މާލީ އިދާރާތަކަކީ ވެސް
ޤައުމުތަކަށް ހުކުމް ކުރަން ތިބޭބައެއް ނޫނެވެ. އެއިދާރާތަކަށް ފެންނަ ގޮތް ކިޔާދެއެވެ.
އަދި އެހީދިނުމުގައި ވަރަށްބޮޑަށް އެއިދާރާތަކުން ހުށަހަޅާ "އިސްލާހުތައް"
ގެނައުން ޝަރުތުކުރެއެވެ. ހުށަހެޅުންތައް ބަލައިގަތުމާއި ބަލައިނުގަތުން، އަމަލުކުރުމާއި ދޫކޮށްލުން ބިނާވަނީ އެގައުމެއްގެ
ސަރުކާރާއި، އެސަރުކާރެއްގެ ހަރުދަނާ ނުވަތަ ދޯހަޅި ސިޔާސަތުތަކެއްގެ މައްޗަށެވެ.