ދިވެހިރާއްޖެ- ޓްވިޓާރ އެކައުން

1996  ވަނަ އަހަރު ދިވެހި ރާއްޖެއަށް އިންޓަނެޓް ތަޢާރަފުކުރެވި، މީގެ 20 އަހަރުކުރިން، 2002 ވަނަ އަހަރު ރާއްޖެއަށް އޭޑީއެސްއެލް ތަޢާރަފުވުން ވެގެންދިޔައީ ދިވެހިން ދުވަހަކުނުދެކޭފަދަ އިންގިލާބީ ބަދަލެއް، މުއާސަލާތުކުރުމަށް ގެނައި ކަމަކަށެވެ. އިންޓަނެޓްގެ އެހީގައި، ޤައުމުގެ އެތައް ފަސޭހަތަކެއް ލިބިދީފިއެވެ. ސަރުކާރުން ދޭއެތަކެއް ހިދުމަތެއް އޭގެ އިންތިހާއަށް ފަސޭހަވެއްޖެއެވެ. މިސާލަކަށް މިއަދު، ފެން، ކަރަންޓު، އިންޓަނެޓް، ކޭބަލްޓީވީ، ކުނިނެގުން، ކޮލެޖްފީ، ޒަކާތް ދެއްކުން، ޓެކްސް ދެއްކުން ފަދަ ފައިސާއާއި ގުޅޭ ހުރިހާ މުޢާމަލާތެއްހެން ތިމާގެ އަމިއްލަ މޯބައިލް ފޯނުން ކުރެވުމަކީ ފަސޭހަކަމެވެ.

 


ކޮންމެ އާކަމެއް ތަޢަރަފު ވުމާއެކު އޭގެ ނަހަމަ ބޭނުން ކުރާތަން އާދެއެވެ. އިންޓަނެޓްވެސް ވެގެންދިޔައީ މިބީދައިންއެވެ. މިއަދު ދައްކަން މިއުޅެނީއަކީ، އިންޓަނެޓުން ނޭއްގާނީ ސައިޓުތަކަށް ވަންނަވާހަކައެއް ނޫނެވެ. އެއަށްވުރެ، ގައުމެއްގެ މިންވަރުން، ތަސައްރަފު ފުދޭ ސިކުންޑިއަކުން ވިސްނާލަން ވެއްޖެކަމެއްގެ ވާހަކައެވެ.

އިންޓަނެޓަކީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބަހާއެކެވެ. ފުރިހަމަ ވަސީލަތެކެވެ. އެހެނަސް އެކަމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަކާއި ހުދޫދު ތަކެއް އެބައޮތެވެ. މިއަދު މިޤައުމުގެ ހާލަތަކީ، ކުރާން ބޭނުން ކޮންމެ ކަމަކަށް މަގުފަހިކުރާ ވަސީލަތަކީ ސޯޝަލް މީޑިއާއަށް ވެއްޖެއެވެ.

ދައުލަތުގެ އިދާރާތަކުގެ ބުރަކިނެއްޓި ހިނގައިގަންނާނީ، ކޮއްލާ ޓްވިޓަކުން ނުވަތަ ލިޔެލާ ފޭސްބުކް ސްޓޭޓަސްއަކުން، އެހެން ނޫނީ ކްލަބް ހައުސްގައި ހަޅޭއްލަވައިގަތުމުންކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވިއްޖެނަމަ އެދެވެނީ ފިސާރި ނުރަނގަޅު މެސެޖެކެވެ.

ޤަބޫލު ކުރުންޖެހޭ ހަޤީގަތަކީ އެކަން މިއަދު އެހެން އެބަ ހިނގާކަމެވެ. މިސާލަކަށް މީގެ 2 -3 މަސްކުރިން، ރާއްޖޭގެ ފައިސާގެ ބޮޑު މުޢާލާމާތުކުރާ ކުންފުންޏަކުން ލިބެންޖެހޭ ރީފަންޑެއް ނުލިބިގެން، އެހީއަކަށް މީހަކު ގުޅާލީ އެތަނުގެ ރައްޓެހި ބްރާންޗް މެނޭޖަރަކަށެވެ. ޒަވާބު ސާދާ ސީދާއެވެ. "ޓްވިޓެއް ކޮށްލަބަލަ، އެއްފަހަރުން ނިމޭނެ. އެހެންނޫނީ ފުރަތަމަ ޓްވިޓާރ އިން މެސެޖެއްކުރޭ" މިއީ، މީހަކު ދެއްކި ތޯތޯވާހަކައެއްނޫނެވެ. މިފޯންކޯލު ކުރެވުނީ އަޅުގަނޑު ހާޒިރުވެހުރި ތަނެއްގައެވެ. ކަންވީވެސް އެހެންނެވެ. 3 މަހާއި ގާތްވެފައިވާ މައްސަލަ، ޓްވިޓާރއިން ކޮއްލި އެއްމެ މެސެޖަކާއެކު ޖަވާބު ލިބުނީ  3 ދުވަސްތެރޭ ނިމޭނެ ކަމަށެވެ. އާދެ، ރަސްމީ އުސޫލުގެ ތެރެއިން މައްސަލަ ހައްލުކުރަން 2 މަސް ދުވަހު ކުރެވުނު "ބޭކާރު މަސައްކަތުގެ މޮޔަ" ހީނުވާނެތޯއެވެ؟  އޭނާ ދެން އެފަދަ ކަމެއްގައި ދާނީ އަދި ދާންޖެހެނީ، ތަނުގައި ހަދާފައިވާ ގްރިވަރެންސް ނިޒާމުންތޯ، ނުވަތަ ސޯޝަލް މީޑިއާއަށްތޯ ނިންމަވާށެވެ.

ހަމަ އެކަނި ރައްޔިތުންނެއް ނޫނެވެ. މުއައްސަސާތަކުގެ ހާލަތުވެސް ހުރީ "ސޯޝަލް މީޑިއާ މޯޑު" ގައެވެ.  ދައުލަތުގެ އިދާރާއަކުން، ކުޑަދޮރުގެ ފަރުދާ ބަދަލުކޮށްލިޔަސް އެވާހަކަ ސޯޝަލް މީޑިއާއަށް އަރަންޖެހެއެވެ. އަރުވަންޖެހެއެވެ. އެކަން ނުކުރާނަމަ، އެއީ ޤާބިލުކަމާއި މެދު ސުވާލު އުފެދޭކަމަކަށް ވެއްޖެއެވެ. ނުވިތާކަށް ވެރިންގެ ކުޅަދާނަކަމާއި ހިންގުންތެރިކަން މިނާ ނާޅިއަކަށްވެއްޖެއެވެ. ނަތީޖާތޯއެވެ؟ އަރިއަރިއަށް، ފަރިފަރިކޮށް ނަގާ ފޮޓޯތައް ގިނަވެއްޖެއެވެ. މުއައްސަސާތަކުގެ ވެރިންގެ ވަޒީފާގައި، ނުލިޔާ، އެހެނަސް ވެރިއެއްނަމަ އެނގެންޖެހޭ މަސްއޫލިއްޔަތަކީ ، ސޯޝަލް މީޑިއާގައި ކުރާހާކަމެއް ލިޔުންކަން މޭރުންވެއްޖެއެވެ. އަމުދުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާބޭފުޅުންގެ ބިޔަ މުސާރަ "ހަލާލުކުރާ" ބަހާއަކަށް ވެއްޖެއެވެ. އޭގެ ސަބަބުން މިއަދު ޤައުމުގައި އުފެދިފައިވާ ނުރަނގަޅު އާދައަކީ، ކުރާހާ ކަމެއްގައި ބޭކާރު ވާދަވެރިކަމާއި، ދެއްކުންތެރިކަން އޭގެ ހުދޫދުތަކުން މައްޗަށްދިއުމެވެ.

ސޯޝަލް މީޑިއާގައި ކުރާކަންތައް ލިޔުން އެކަންޏެއް ނޫނެވެ. ނުކުރާ ނުވަތަ ނުކުރެވުނު ކަމެއްގެ ވާހަކަ ދެއްކުމަކީ ހަމަ ކޮންމެ ވެރިއަކުމު ޑަރުއަޅާ ކަމަކަށް ވެއްޖެއެވެ. އެހާލަތުގައި މުޅިމުއައްސަސާގެ އަރާމު ނިދި ނަގާލައިގެން ވިޔަސް އަވަހަށް އެވާހަކަ ހުއްޓުވަން މަސައްކަތް ކުރުމުގެ ނަތީޖާއަކީ، ސޯޝަލް މީޑިއާއަކީ، މިގައުމުގެ ޑިސްޓްރެސް ކޯލް ބަޓަނަށް ވުމެވެ. އަދި ނޭނގިތިއްބާ އަޅުގަނޑުމެންގެ ނަފުސުތަކުގެ ކޮންޓްރޯލްގެ އޮތީ ބަޔަކު މީހުންގެ ރިމޯޓުގައި، އާދެ ސޯޝަލް މީޑިއާގައި ކަމަށް ވުމެވެ.

ދަންނަވަންތޯއެވެ؟ ސޯޝަލް މީޑިއާގެ އެހީގައި ސަރުކާރާއި، މުއައްސަސާތަކާއި މެދު ގުޅާލެވުމަކީ ކާމިޔާބެކެވެ. ކުރިއެރުމެކެވެ. އެހާމެ ބޮޑު ފަސޭހައެކެވެ. އެހެނަސް، ސަރުކާރޭ ނުވަތަ މުއްސަސާއޭ މިކިޔަނީ އަކީ ތަނެއްގައި ހުރި އިމާރާތަކަށް އަދި އިދާރާއަކަށް ނޫނެވެ. އެއީ މީހުންގެ ހިތުގައި ދެވޭ މަގާމަކާއި ހައިސިއްޔަތެކެވެ. ކޮށްލާ ޓްވިޓަކުން، ލިޔެލާ ސްޓޭޓަސް އަކުން ކްލަބް ހައުސްގައި ކޮށްލާ އަނގަމަޖާ ޒުވާބަކުން އެތަންތަނަށް ގުޑިގެން ދާނަމަ، އަދި ތިމަތިމާ ބޭނުން ގޮތަށް މައްސަލަ ތައް ނިމިދާނަމަ ގިނަ ރައްޔިތުންގެ ހިތުގައި ދެވުނު، އިސްވެ ދެންނެވި މަގާމާއި ހައްސިއްޔަތު ގެއްލިދާނެއެވެ. އެހެންވެއްޖެ ނަމަ، މުއްސަސާތަކާއި އިދާރާތަކަކީ އާރެއްބާރެއްނެތް، ސޯޝަލް މީޑިއާގެ ޕަޕެޓްޝޯ ހިންގާ ތަންތަނަށް ކަމަށް މީހުންނަށް ޤަބޫލު ކުރެވެން ފަށާފާނެއެވެ.

މިއީ އަކީ އެސަރުކާރެއް މިސަރުކާރެއް، އެއިދާރާއެއް މިއިދާރާއެއްގެ ވާހަކަ އެއްނޫނެވެ. މިއީ މުޅި ޤައުމުން ފެންނަ މަންޒަރުގެވާހަކައެވެ. ވޭތުވެމިދާ، 10-15 ވަރަކަށް އަހަރު މިނޫން މަންޒަރެއް ނުފެނެއޭ ދެންނެވިދާނެއެވެ. މިހެން މިވާކަ ދަންނަވަން ޖެހޭތީ ދެރެވެއެވެ. ހިތްދަތިވެއެވެ. އެހެނަސް މިއަދު މިހަގީގަތާ އަޅުގަނޑުމެން ކުރިމަތިލާންވެސް އެބަޖެހެއެވެ. ޤައުމުގެ ސަރުކާރުތަކާއި މުއައްސަސާތަކަކީ، ސޯޝަލްމީޑީއާގެ ޕްރެޝަރުގައި އަޅުދާސްތުވެފައިވާ ތަންތަނަށްނުވެ، އެސަރުކާރަކާއި މުއައްސަސާއަކުން ޤަބޫލުކުރާ، ހަމަތަކާއި މިންތަކާއި އިންތަކުގައި ކަންތައް ކުރާ އަދި ކުރެވޭނެ ތަންތަނަށް ވޭތޯ ފިސާރި ހިތްވަރު ކުރަންއެބަޖެހެއެވެ.

އަޅުގަނޑުމެން ބޮޑުވަމުން އަންނަނިކޮށް އިންޓަނެޓް ތައާރަފު ވިޔަސް، މިއަދުގެ ޖީލުތައް އުފަންވީ އިންޓަނެޓްގެ ތެރެއަށެވެ. އަދު މިކަން ރަނގަޅުކޮށް ރަތްރޮނގު ދަމާ ނުލެވިއްޖެ ނަމަ މާދަމާ، އެޖީލުތަކަށް ސަރުކާރެއް އަދި މުއައްސަސާއެއް ނޭނގޭނެއެވެ. އެކުދިންނަށް ކޮންމެ ކަމެއްގައިވެސް ފެންނާނީ ސޯޝަލްމީޑިއާގައި "ސައިޒުކޮށްލުމެވެ."

   

 

https://www.unescap.org/sites/default/files/Maldives_Ms.%20Ibrahim_CR%28PDF%29.pdf

 https://ksscensorthis.com/6421/opinion/who-is-in-control-you-or-your-social-media/