ސަބްސިޑީގެ ދިގު ވާހަކަ


އަދަކީ ރާއްޖޭގެ މިނިވަންކަމަށް 57 އަހަރުފުރުނު 58ވަނަ މިނިވަންދުވަހެވެ. މިނިވަން ޖައްވަކަށް ނޭވާ ލުމަކީ، ކޮންފަދަ ބޮޑު ނިޢުމަތެއްކަން އެންމެ ރަނގަޅަށް އިހުސާސްކުރެވޭނީ، އެކަންނެތި ދިޔަ ދުވަހެއް ފެނިފައިވާ ބަޔަކަށެވެ. ދިވެހިންގެ ތެރޭ އެފަދަ މީހުން ގިނަވާނެއެވެ. 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ އަރުތެރޭ އެހިތިކަމާއި ގިތިކަން އޭގެ އިންތިހާއަށް ހަރުލައިގެންދިޔައީތީއެވެ. މާތް ﷲ މިދީބު އަބަދުމެ މިނިވަންކަމާއި އަމާންކަންމަތީ ލަހައްޓަވާށިއެވެ. އާމީން

********

މިނިވަންދުވަހު ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެއް ވާހަކައަކީ ތެލުގެ ސަބްސިޑީސް ދޭއުސޫލަށް ބަދަލު ގެންނަ ވާހަކައެވެ. ސަބްސިޑީގެ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާލަން ހިތަށްއެރީ އެހެންވެއެވެ.

ސަބްސިޑީއަކީ ކޮބާ؟

 ސަބްސިޑީ އަކީ ދައުލަތުން ދޭ ފައިސާގެ އެހީތެރިކަމެކެވެ. ނުވަތަ އިނާޔަތެކެވެ. މިފައިސާ ދެނީ، ކަނޑައެޅޭ މުދަލެއް ނުވަތަ ހިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށެވެ. ނުވަތަ ވަކި މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހިފަހެއްޓުވުމަށެވެ.

ރާއްޖޭއި ވެސް ދައުލަތުންދޭ ސަބްސިޑީ މަދެއްނޫނެވެ. 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުފޮތުގެ ހިސާބުތައް ދައްކާގޮތުން، 2021 ވަނަ އަހަރުގެ ބައެއް އަދަދުތައް ބައްލަވާށެވެ.

 ކާޑުގެ ބާވަތްތަކަށް 225 މިލިއަން ރުފިޔާ (އެސްޓީއޯ)

 ކަރަންޓު ސަބްސިޑީ627 މިލިއަން ރުފިޔާ (ފެނަކަ އަދި ސްޓެލްކޯ)

ތެލުގެ ސަބްސިޑީއަށް 227 މިލިއަން ރުފިޔާ (އެސްޓީއޯ)

ވެމްކޯ 30 މިލިއަން ރުފިޔާ (ކުނި މެނޭޖްކުރުމަށް)

އެމްޓީސީސީ 94 މިލިއަން ރުފިޔާ ( ދަތުރުފަތުރު ނިޒާމް މެނޭޖްކުރުމަށް)

 

ސަބްސިޑީ ދެނީ ރައްޔިތުންގެ މަންފާއަށެވެ. ރައްޔިތުންގެ ބޮލުގައި އެޅޭ ތަކުލީފަކުންބައެއް ސަރުކާރުން ޖާމިނުވަނީއެވެ. 2016 ވަނަ އަހަރު ސަރުކާރުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލިއެވެ. އެއާއިއެކު 4 ރުފިޔާއަށް ލިބުނު ހަކުރު ކިލޯގެ އަގު 8 ރުފިޔާއަށް އުފުލުނު ހަނދާންވޭތޯއެވެ؟ މިއަދު އަލުން އެއަގަށް ތިރިވީ، އިސްވެ ދެންނެވި ސަބްސިޑީ 2018 ވަނަ އަހަރު އަނެއްކާވެސް ސަރުކާރުން ދެއްވަން ފެއްޓެވުމުންނެވެ. މިމިސާލު ގެނައުމުގެ ބޭނުމަކީ، ސަބްސިޑީއިން ކުރާ އަސަރު ވަޒަންކޮށްލަން ފަސޭހައަކަށެވެ.

 

ސަބްސިޑީ ދެނީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ހަރަދެއްގެ ތަކުލީފުން ބައެއްގެ ޒިއްމާ ސަރުކާރުންނެގުމަށްކަމަށްވިޔަސް ރާއްޖޭގައި މިކަންދަނީ އޭގެ އަސްލު ގޮތުގައި ކަމަށް ނުދެންނެވޭނެއެވެ.

މިސާލަކަށް އަޅގަނޑު ހެނދުނު ނާސްތާގެ ސައިތައްޓަށް އަޅާ ހަކުރަށް ދައުލަތުން ހުރީ ސަބްސިޑީ ދީފައެވެ. 5 ރިސޯޓުގެ އޯނަރު ސައިތައްޓަށް އަޅާހަކުރަށްވެސްމެއެވެ! ރެއަކަށް 10،000 އެމެރިކާ ޑޮލަރު ހަރަދުކޮށްލާ ފަތުރުވެރިޔާގެ ސައިތައްޓަށްވެސްމެއެވެ! އަދި ހައިވެގެން، ކުރާނެކަމެއްނެތިގެން، މީހެއްގެ އަތުން ސަލާންޖަހައިގެން 10 ރުފިޔާ ހޯދައިގެން ސައިހޮޓަލަށްވަދެ "އެއްޗެއްކަޅެއް" ރޯދިވި މީހާވެސް މެއެވެ!! މިގޮތް މިއީ އަދުލުވެރިގޮތް ކަމަކަށް ގަބޫލުނުކުރެވެއެވެ. 

 2016 ވަނަ އަހަރު ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމުން، އޭރުވެސް އެއީ ރަނގަޅު ނިންމެވުމެއްކަމަށް ޤަބޫލުކޮށް، އެވާހަކަދެއްކީމެވެ. އަދި 2018 ގައި އެނިންމުން ބަދަލުކުރުމަކީ ފަހަތަށްއެޅުނު ފިޔަވަޅެއް ކަމުގައި މިހާރުވެސް ގަބޫލުކުރަމެވެ. ސަބްސިޑީ ދީގެން ދައުލަތުން އެހީވާންވީ އެކަމަށް ކެރިފޯރުންތެރިކަން ނެތް މީހުންނަށެވެ. މިހާރު ދޭ އުސޫލުން ގަނޑުކޮށް ދިނުމުން ދައުލަތަށް ބުރަބޮޑު ވުމުގެ އިރުތުން އެއެހީތެރިކަން ހައްގުނުވާއެތައް ބަޔަކަށް އެބަލިބެއެވެ.

ތިރީގައި އެވަނީ ބަޖެޓް ފޮތުން ނަގާފައިވާ ދެތާވަލެވެ. ފުރަތަމަ ތާވަލުން އެ ދައްކައިދެނީ 2015 ވަނަ އަހަރުން ފެށިގެން ކާޑުގެ ބާވަތްތަކަށް ދައުލަތުން ކުރި އަދި 2024 ގެ ނިޔަލަށް ކުރާ ހަރަދުގެ އަންދާޒާތަކެވެ. ދެވަނަ ތާވަލުގައި އެވަނީ، ކާޑުގެ ބާވަތްތަކަށް ދައުލަތުން ސަބްސިޑީ ދިނުމުން އޭގެ މަންފާކުރާ މީހުންގެ ތަފްސީލެވެ.


ތާވަލް 1

ތާވަލް 2



ރަނަގަޅަށް ބައްލަވައިފި ނަމަ ފާހަގަ ވާނެ އެއް ކަމަކީ، ދައުލަތުން ކާޑަށް ސަބްސިޑީގެ ގޮތުގައި ކުރާ ހަރަދުގެ ބޮޑުބައި ( ހަނޑުލުގެ %42.8، ހަކުރުގެ %68.3އަދި ފުށުގެ %50.4) ދަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އަޅުގަނޑު މިދަންނަވާ ވާހަކަ އަކީ އޭގެ ބަދަލުގައި އެ ހަރަދު ކުރަންވީ އެންމެ ދަށް އާމްދަނީ ލިބޭ އާބާދީއަށެވެ. އޭރުން އެތަކެއް މިލިއަން ދައުލަތަށް ސަލާމަތް ކުރެވޭނެއެވެ.


މިހިސާބުން އުފެދިދާނެ ސުވާލަކީ ކުރިން އަޅުގަނޑު ދެންނެވިހެން ސަބްސިޑީ ކަނޑާލުމުން އަގުބޮޑުވެ އޭގެ ދަތިކަން ކުރިމަތިނުވާނެތޯއެވެ. މަހަކު 500 ރުފިޔާގެ ފޯނުބިލާ، އެވަރުގެ އިންޓަނެޓް އަދި ޓީވީ ބިލު ދައްކަމުން، ޗާލު ސައިކަލެއްގަ ހަވީރު ފިނިބުރުޖަހަމުންދާއިރު، ފެންނަ ރީތި މަންޒަރު ފޮޓޯ ނަގާލަނީ އެންމެ ފަހުގެ ފައްކާ ފޯނަކުންނަމަ، ސަބްސިޑީ ކެނޑުމުން އިތުރުވާ 4 ނުވަތަ 5 ރުފިޔާ އަޅުގަނޑަށް ނުދެއްކޭނަމަ އެއީ ކަށަވަރުން އަޅުގަނޑުގެ މައްސަލައެކެވެ. އެއިން ކަމެއްގެ ފުދުމެއް ނުވާ މީހާއަކީ ހަގީގަތުގައިވެސް ސަބްސިޑީ ދޭންޖެހޭމީހާއެވެ.


ދެން އޮތީ ތެލުގެ ސަބްސިޑީގެ ވާހަކައެވެ. މިއަހަރުގެ މިހާތަނަށް 910.3 މިލިއަން ރުފިޔާ ހަރަދު ކުރެވުނުކަން ރައީސް ހާމަ ކުރެއްވި އިރު، އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓް ތަކަށް ބޭނުންކުރާ ތެލާއި، ފެކްޓަރީ ތަކަށް ބޭނުންކުރާ ތެލާއި، ހަވީރު ފިންޏަށް ދުއްވާލަން ކާރަށް އަޅާ ތެޔޮ ހިމެނޭނެއެވެ. މިވާހަކައަކީ އެހާ ގަޔާވާ ވާހަކައަކަށް ނުވި ނަމަވެސް، ހަގީގަތަކީ ދައުލަތުން ތެލަށް ސަބްސިޑީދޭންވީ އަސާސީ ކަރަންޓާއި، ދަތުރުފަތުރާއި މުދާއުފުލުމުގެ ހިދުމަތަށެވެ. ދެން، ކުރިން ދެންނެވިހެން ކަނޑައެޅޭ މުދަލެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކާ، މަސްވެރިކަމުގެ އުޅަނދުފަހަރަށެވެ. އޭޑީބީ އިން 2020 ވަނަ އަހަރު ރާއްޖޭގެ މުސްތަގުބަލަށް އިއާދަކުރަނިވި ހަކަތައިގެ މަންފާ އާއި މެދު ލިޔެފައިވާ ރިޕޯޓެއްގައިވާގޮތުން، 2019 ވަނަ އަހަރު ރާއްޖޭގައި މީހުންދިރިއުޅޭ ރަށްތަކަށް 290 މެގަވޯޓް ކަރަންޓު އުފައްދަމުން ދިޔައިރު، ރިސޯޓާއި ސިނާއީ މަސައްކަތް ތަކަށް އުފެއްދަމުންދިޔައީ164 މެގަވޯޓްގެ ކަރަންޓެވެ. މިއީ އިއާދަކުރަނިވި ހަކަތަނުލާ ޑީސަލް އިންޖީނުތަކުން އުފެއްދި ކަރަންޓުގެ ނިސްބަތެވެ. ފަހުން މިދެންނެވި 164 މެގަވޯޓް ކަރަންޓު އުފައްދާނީ، ލިޔުން ފެށިއިރު ފާހަގަ ކުރި، އެސްޓީއޯއީން ސަބްސިޑައިޒްކޮށް ވިއްކާ ތެލުންނެވެ.



ކުރުކޮށް ދަންނަވާ ނަމަ، ދިވެހި ދައުލަތުގެ ސަބްސިޑީ ސްކީމްތައް އަލުން މުރާޖާކޮށް، ދައުލަތަށް ކަތާވަރުކޮށް، ހަގީގީ ބޭނުންޖެހިފައިވާ މީހުންނަށް އޭގެ މަންފާކުރާނެހެން ބަދަލުކުރުމަކީ، ކުރުން ލަސްވެފައިވާކަމެކެވެ. މިފަދަ މުރާޖާ ކުރުމަކަށް ބޭނުންވެފައިވާ ، ސަރުކާރުން ބޮޑުހޭދައެއްދާ، މުހިއްމު އެހެން ދެދާއިރާއަކީ، ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރު އިމްތިހާނުފީ މުޅި ގައުމަށް ހިލޭދިނުމާއި، އާސަންދައިގެ މިވަގުތު ހިނގަމުންދާ ހަރަދުބޮޑު ނިޒާމެވެ.





https://www.adb.org/sites/default/files/publication/654021/renewables-roadmap-energy-sector-maldives.pdf

7n2D3qApOztKnEPdmVWRng4m08Pusk6SOE3uVlvr.pdf (finance.gov.mv)

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު - The President's Office (presidency.gov.mv)

https://www.budget.gov.mv/en/economic-classification/415

https://ipnlf.org/wp-content/uploads/2020/11/rates-of-fuel-consumption-in-the-maldives-pole-and-line-tuna-fishery-lr.pdf

http://www.mma.gov.mv/documents/Annual%20Report/2016/box-2%20(English).pdf