ފާލުން ނެއްޓިޔަ ނުދޭށެވެ!

މާގިނަ ހާސަރުތަކެއް ދަމާކަށް، އަދި ފަށުވި ބަސްތަކެއް އަމުނާކަށް ނޫނެވެ. 

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. ބަލަންވީ އާމްދަނީ ލިބޭނެ މަގުތަކެވެ. އިސްކުރަންވީ ގައުމާއި ގައުމުގެ މަސްލަހަތެވެ. ހިފަހައްޓާ ނަގަހައްޓަންވީ، އިގްތިސާދު ބޮޑު އަނދަވަޅަކުން ސަލާމަތްކުރެވެންއޮތް ކޮންމެ ވަސީލަތެއްގައެވެ. ކުރާންހުރި، ކުރެވިދާނެ ކަންތައްތޯއެވެ؟ އެއީ ފަސޭހާ ކަމެއް ނޫނެވެ. ބޭފުޅުން ވިދާޅުވާހެން، ފިކުރާވާ، ގަޔާވާ ކަންތަކެއްވެސް ނޫނެވެ.

މުޅިދުނިޔޭގެ އިގްތިސާދަށް މިއަންނަ ލޮޅުންތަކަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ކޮވިޑް19 ގެ ބަލިމަޑުކަމާއި، އެކަމުގެ ސަބަބުން ދަތުރު ފަތުރަށް އައި މަޑު ޖެހިލުމާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި އެކަމުން ހަކަތައިގެ ބާޒާރާއި ކާބޯތަކެތީގެ ބާޒާރަށް އަންނަމުންދާ، އަދި އަންނާނެ ލޮޅުންތަކާއި، ދުނިޔޭގެ ވިޔަފާރި ރޫޓް ތަކަށް އަންނަމުންދާ ހުރަސްތަކާއި އޭގެ އުދާސްކަމެވެ. އެހެނަސް މިކަމުން ރެކެން ބޭނުންނަމަ ފިޔަވަޅު އަޅަން ޖެހޭނީ ހަމަ އަޅުގަނޑުމެންނަށެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. މިވަގުތަކީ، މުސާރަ ބޮޑުކުރަން ވީ ވަގުތެއް ނޫނެވެ. ކުރިއަށް އޮތް އަހަރެއްގެ ހާލަތުގެ މުހިއްމުކަމަށްވުރެ، މުޅިގައުމުގެ މުސްތަގުބަލަށް ވިސްނަންވީއެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެން ތަކެތީގެ އަގު އުފުލެމުންދާއިރު، އެތައް ގުނައަކުން ބިޔަ މުސާރަ ދޭން ދިމާކުރުމުން އެއީ އަސްލުވެސް ރިހޭ ފައި މައްޗަށްފޮއި ގަސްތުގަވެއްޓީކަމަށްވާނެތީއެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. ސަރުކާރު ކުންފުނިތަކަކީ، އެތަންތަން ހަވާލުކުރައްވާފައިވާ ވެރިން އަމިއްލަ އަމިއްލައަށް، ފިއްކަނޑައިގެން ދާވަރު މުސާރައާއި އެލަވަންސް ނެގޭ، އަދި ދުވާލު ދެދަޅައަށް ބަހާ ވަޒީފާ އުފައްދާ ތަންތަން ކަމުގައި އޮތް ޒަމާންވީ ސަގާފަތް ނިންމަންވީއެވެ. އަދި ކުންފުނިތައް ޒިއްމާދާރުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވާންވީއެވެ. ކޯޕަރޭޓް ބެސްޓް ޕެރެކްޓިސްތައް ހިފަހައްޓުވަންވީއެވެ. 

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. ސިޔާސީ މަގާމުތައް މަދު ކުރަންވީއެވެ. ކޮންމެ ވުޒާރާއެއްގައި 20-25 ސިޔާސީ ބޭފުޅުން އެމްބަސީތަކުގައި ކޮނޑިކޮޅުތަކަށްވުރެ ގިނަ ބޭފުޅުން ބައިތިއްބައިގެން ހަމަޖެހޭވަރުގެ އެކަތަވެރިކަމަށް އަދަކު ނެތެވެ. އެއީ ތާއަބަދު އެކަން ކުރާގޮތްކަމަށް ވިޔަސް، އެކަމަކަށް މިއަދު ހާލަތު ތަންނުދެއެވެ. ސިޔާސީ މަގާމު މިއަދު މަދުކޮށްގެން ލިބޭ ވަގުތީ ނުތަނަވަސްކަމަކަށްވުރެ، ޤައުމުގެ އިގްތިސާދު ހިފަހެއްޓުން މުހިއްމެވެ. ހަމަ އެހެންމެ ސަރުކާރުގެ އޮފީސްތަކުގެ "ރަސްމީ" ދަތުރުތަކެވެ. މިވަގުތު ބައިބަޔަށް އޮޅިއޮޅިއަށް ޓްރެއިންތަކާއި، "ތަޖުރިބާހޯދަން" ކުރާ ދަތުރުތައް މަޑުކޮށްލަންވީއެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. ފައިސާކޮޅެއް އަތުގެ ޖެހުމާއެކު އެންމެ ކުރާހިތްވާކަމަކީ، "އާސަންދަ ހިދުމަތްލިބޭ!" ބޯޑު ޖަހައިގެން ކުލިނިކު ހިންގުން ނަމަ، އެއީ ދައުލަތުން އެކަމުގެ އުސޫލުތައް އަލުން ދިރާސާކުރަން ޖެހޭކަމެއް ކަން ކަށަވަރެވެ. ކޮވިޑް 19 އާއި އެކު އާސަންދައިން "ލިބޭ ފައިދާ" ގެ ވާހަކަ ނޫސްތަކުގައި އަދަދު ތަކާއެކު ފެނުނެވެ. އަވައްޓެރި ގައުމުތަކުގެ އަވަށްތަކުގެ ހަސްފަތާލުތައް ހިންގަނީ އާސަންދައިނޭ ކިޔާނީވެސް ކަމެއްވެގެންތާއެވެ. ދައުލަތުން ކުރާ ހަރަދު ކުރަނީ ކުރާންޖެހޭ މިންވަރަކަށް ކުރާންޖެހޭ ކަމަކަށްތޯ ބަލަންވީއެވެ. ދައުލަތުން ނިޒާމުގެ ނާޖާއިޒު މަންފާ ނަގާ ދޮރުތައް ބަންދުކުރަންވީއެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. ކޮންމެ ކޮންމެ މަޝްރޫއަކީ، ވަގުތުން ބުރަކި ޖައްސާލައިގެން ފަރިޖެހޭނެ ކަމެއް ނޫނެވެ. އެހެނަސް، މިވަގުތައް މަޑުޖެއްސޭނެ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ކުޑަކޮށް ލަސްކުރުމަކީ ޖުމްލަކޮށް މަންފާކުރާނެ ކަމެކެވެ. މިސާލަކަށް، މިކަމުން އަރައިގަނެވެންދެން ބިޔަ ސްޓޭޑިއަމެއްގެ މަޝްރޫއު، އަދި ނުފަށާހުރި، ބިން ހިއްކުމާއި، ކުޅިވަރުގެ ބައެއް ހަރަދުތަކަށް ދެވަނަ ވިސްނުމަކަށް ދާންވީއެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ،  ސިޔާސީ ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނާއި، ކައުންސިލްތަކުގެ ބޭފުޅުންގެ ކުސްތެޅުމަށްވުރެ، އިގްތިސާދު ސަލާމަތްކުރުން މުހިއްމުކަމެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ހަކަތައަށް ކުރާ ހަރަދެވެ. ސަރުކާރުގެ ކޮންމެ ސްކޫލެއްގެ އެއް އަހަރުގެ ކަރަންޓު ބިލަށް ވާ ފައިސާ އިން، ކުރިއަށް އޮތް 20 އަހަރަށް ހަކަތި ހިލޭ ލިބޭނެހެން ސޯލާރ ޕެނަލް ހަރުކުރެވިދާނެއެވެ. މިކަމަކީ މިހާރުވެސް އޭގެ ޒާތުގައި ކާމިޔާބުކަން ސާބިތުވެފައިވާ "ދާއިމަށް ހަރަދު ކުޑަކުރެވޭނެ" ފޯމިއުލާއެކެވެ. އަދި މިއީ އޭގެ ޒާތުގައި ދުނިޔޭގެ ގައުމުތަކުން އެހީތެރިކަން ލިބޭ ދެމެހެއްޓެނިވި މަޝްރޫއެކެވެ. އޭރުން ކަރަންޓު ބިލު ކުޑަ ވުމުގެ އިތުރުން އެ އުފައްދާ ކަރަންޓަކީ ތެލަށް ހަރަދުނުކޮށް ފަރުޖެއްސޭ ކަރަންޓަކަށްވާނެއެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ބަލަންވީ ދެން އާމްދަނީ ލިބޭނެ މަގުތަކެވެ. ރާއްޖޭގައި ކޮރަޕްޝަންގެ ގޮތުގައި ގެއްލުނު  ފައިސާ ވެސް ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާ އިރު، ކުރަންވީ ކަމަކީ، އެފައިސާ ހޯދުމެވެ. މިއަދު މިގައުމަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ، މޫނުކަށް ކަނދުރާއަކަށް ނުބަލާ، ޤައުމުގެ ރައުސްމާލުން ލޫޓުވާލި ކޮންމެ ލާރިއެއް، އޭގެ ހައްގު މަގާމަށް ރުޖޫއަކުރުވުމެވެ. މިކަމުން، ދައުލަތުގެ އާމްދަނީއިން އުނިވެފައިވާ ބޮޑު ބައެއް އަލުން ލިބޭނެއެވެ.

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ބަލަންވީ ދެން އާމްދަނީ ލިބޭނެ މަގުތަކެވެ. ސަރުކާރުން އިއުލާން ކުރައްވާފައިވާ 4000 ގޯތި ހުޅުމާލެއިން ބަހާލުމުގެ މަޝްރޫއަކީ، އިގްތިސާދީ ދަތި ދުވަސްތަކަކާއި ދިމާލަށް ޤައުމު ދާއިރު، ލިބެން އޮތް ބިޔަ އާމްދަނީއެއް ކަނޑަށް އަޅާލުމެވެ. މާރކެޓް ހިނގާ އުސޫލަކީ ޑީމާންޑާއި ސަޕްލައި އިން ކަމަށް ވާއިރު، ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ދޭން ކަނޑައެޅި 4000 ގޯތިވި ވިއްކައިގެން ބޮޑު އާމްދަނީއެއް ލިބޭނެއެވެ. ޕޯޓަލްގެ މައުލޫމާތަށް ބަލާ، އެވްރެޖް ސައިޒަކީ (5 މެމްބަރުންގެ އާއިލާ) 2450 އަކަފޫޓެވެ. ބަދަލު ނަގާ ރޭޓު އަކަފޫޓަކަށް 3500 ރުފިޔާއެވެ.  އާދައިގެ ހިސާބަކުން 4000 ގުނަ، 2450 ގުނަ 3500 އެވެ. ބިމަކަށް 8.575 މިލިއަނެވެ. 4000 ބިމަކީ 34 ބިލިއަން ރުފިޔާއެވެ. މި ދެންނެވި 4ހާސް ގޯތި ނުވިކި، ވިކުނީ 1000 ގޯތި ކަމަށް ވިޔަސް ލިބޭ އާމްދަނީއަކީ 8.5 ބިލިއަނެވެ. އެއީ ޓެކްސް ބޮޑުކޮށްގެން ލިބޭނެ ކަމަށް ލަފާކުރާ 2.5 ބިލިއަނަށްވުރެ 6 ބިލިއަން ރުފިޔާ އިތުރު އާމްދަނީއެކެވެ. 

ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ބަލަންވީ ދެން އާމްދަނީ ލިބޭނެ މަގުތަކެވެ. ރާއްޖޭގެ މުޅި އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން އަބަދު ކަރުތާފެނުން ސަލާމަތް ނުވާ ސަބަބު ބަލާ، އެއީ ޤައުމަށް ބޮޑު އާމްދާނީއެއް ވެއްދޭނެ ވަސީލަތަކަށް ހަދަން އެބަޖެހެއެވެ. އަމުދުން މިވަގުތު ހާލަތު ހުރި ގޮތުން، އަވައްޓެރި ލަންކާގެ އިގްތިސާދު ކުރިއަށް އޮތް އަހަރެއްހާ ދުވަހުންވެސް ހަމައަކަށްއެޅޭނެ ކުލަވަރު ނުފެންނަ އިރު، ވިޔަފާރީގެ އޮޕޮޗުނިސްޓް ވިސްނުމެއް ނެރެން އެބަޖެހެއެވެ. މިއަދު ލޯނު ނަގަންވީ ބްރިޖާއި، މަގުގަ ތާރުއެޅުމާއި، ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށްތޯ، ނުވަތަ ވަރުގަދަ އާމްދަނީ ލިބޭ ގައުމީ އެއާލައިނެއް އުފެއްދުމަށްތޯ ފިކުރުކުރަންއެބަވެއެވެ.

ލިސްޓް ދިގު ކުރެވިދާނެއެވެ. އެހެނަސް އެއްވާހަކައެއް ދަންނަވާލާނަމެވެ. މުޅިދުނިޔެ އިގްތިސާދީ ލޮޅުންގަނޑަކާއި އަޑިގަނޑަކާއި ދިމާލަށް ދަތުރުކުރާ އިރު، ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރަން ބޭނުންވަނީ، އަލާއުއްދީނުގެ ވޮށެއްނޫނެވެ. ބޭނުންވަނީ ކެރުމާއި، ތެދުވެރިކަމާއި، ހުރިހާ ކަމަކަށްވުރެ ގައުމު އިސްކުރުމެވެ. ތިމަތިމާގެ އެދުމާއި އަދި ތިމާ ރުހޭ ސިޔާސީ ކުލައިގެ މައްޗަށް ގައުމުގެ މުސްތަގުބަލު އިސްކުރުމެވެ.

އަދި، މިގައުމުގެ އިގްތިސާތު ވަނީ، ފާލުގައެވެ. އެހެނަސް ދާންއޮތް މަގު ދަތިކަން ދަނެ، ތެދުވެރިކަމާއެކު ކަމަރު ބަނދެ، އިހުލާސްތެރިކަން އިސްނުކޮށްފިނަމަ ފާލުން ނެއްޓިދާނެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. 



 

 https://thriveglobal.com/stories/how-to-overcome-financial-stress-in-times-of-economic-uncertainty/