ޤައުމީ ދުވަހޭތޯ އެވެ؟

ހިޖުރީ ސަނަތުން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަހު ދިވެހިންނަށް އަލި ވިލުނީ މިނިވަން ފަތިހަކަށެވެ. ހިޖުރީ ގޮތުން އަދަކީ  ފުރެތިކާލުން (ޕޯޗްގީޒުން)ގެ  އަނިޔާވެރި ވެރިކަން ސިއްކަޖެހި މުޙައްމަދު ތަކުރުފާނު ދިވެހި ޤައުމުގެ މިނިވަންކަން ހޯއްދެވިތާ 462 އަހަރު ފުރޭ ތާރީޚީ ދުވަހެވެ. މީލާދީ ގޮތުން އެއީ ގާތްގަނޑަކަށް 1 ޖުލައި 1573 ވީ ބުދަ ދުވަހެވެ. މާތް ﷲ  ، މުޙައްމަދު ތަކުރުފާނާއި، އެވަރުގަދަ ކޮމާންޑަރުގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ޝަހީދުންގެ މަތިވެރި ދަރަޖަ މިންވަރުކުއްވާށި. އާމީން. 


ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި، އާދެ ޤައުމީ ދުވަހުގެ ގޮތުގައި އޮތުމުގެ ބޭނުމަކީ ކޮބައިބާވައޭ ހިތަށް އަރައެވެ.  ޤައުމީ ހެދުން ލައިގެން ތިއްތި ވެލައިގެން ފޮޓޯނަގަމެވެ. ޤައުމީ ލަވަ ޓީވީ އިން އެބަ ފޮނުވައެވެ. ލިބުނު ޗުއްޓީދުވަހު ހަމަޖެހިލަިއގެން އެބަ ނިދާލެވެއެވެ. ޤައުމީ ދުވަހު ކުރަންވީ ކަންތަކީ މިއީބާއޭ ހިތަށް އަރައެވެ؟  އެންމެ ރަނގަޅެވެ. ޗުއްޓީ ކޮށްލާށެވެ. އަރާމުކޮށްލުމާއެކު  މި 24 ގަޑިއިރުން 1 ގަޑިއިރު ޤައުމާއި މެދު ފުންކޮށް ވިސްނާލާށެވެ. 

ޤައުމެއް ޤައުމަކަށް ވަނީ އެތަނުގައި ޤައުމިއްޔަތުގެ ފިކުރު އޮތަތީ އެވެ. އެކިޔާ ޙުއްބުލް ވަޠަން އަޮތަތީއެވެ. ޤައުމެކޭ މިކިޔަނީ އިންސާނުންގެ ތެރެއިން ބަޔަކު، އެހެން މީހުންނާއި ތަފާތު ކޮށް ވަކި ޖަމާޢަތަކަށްވެ، ކަނޑައެޅޭ ތަނެއްގައި ޤާއިމުވެ އެތަން އެބައިމީހުންގެ ވަޠަންކަމުގައި ދެކެ އެހެންމީހުންވެސް އެކަން ބަލައިގަތުމުންނެެވެ. މިފިކުރާއި ބަހާނެތި ދިއުމުން ޤައުމު ނެތިދެއެވެ. 

ޤައުމީ ދުވަހު ފިކުރު ހިންގާލަން ރަނގަޅު ދެތިން ކަމެއްގެ ވާހަކަ ދަންނަވާލަން ހިތަށްއަރައެވެ. 

މިއަދަކީ ދެފައި ދަމާލާފައިގޭގެތިބެންވީ ދުވަހެއްނޫނެވެ.  އަރުވާޖަހައިގެން، ރަނގަޅަށް ކަމަރު ބަނދެގެން ނިކުންނަންވީ ދުވަހެވެ. އަންނާން އޮތް ޖީލުތަކަށް ޤައުމިއްޔަތުގެ އަގުހުރި ފިލާވަޅު ބުނެދޭންވީއެވެ. ޤައުމިއްޔަތުގެ ރުކުންތަށް އެކުދިންގެ ހިތުގައި ބިންވަޅުނަގުވަންވީއެވެ. ތާރީޚުގެ ސަފުޙާތައް ކިޔާދީ، އަޅުވެތިކަމުގެ ހިތިކަމާއި ގިތިކަން ފަހުމު ކޮށްދޭނެްވީއެވެ. ތަރައްޤީ ވުމަކީ، ޤައުމުދެކެވާ ލޯބު އުނިވާންޖެހޭ ކަމެއްނޫންކަން އަންގަދޭންވީއެވެ. ތަހުޒީބުވުމަކީ ޤައުމާއި ވަޠާނާއި ދީނާއި ޘަޤާފަތް ވަގުބުޅަލަށްދީ، "ޒަމާނީ" ވެލުން ނޫންކަން ބަހާއި ޢަމަލުން ދައްކުވައިދޭންވީއެވެ. މިޤައުމަކީ ފަޚުރުވެރި ތާރީޚަކާއި ސަޤާފަތެއް އޮތް ތަނެއްކަން އެކުދިންނަށް ކިޔައިދޭންއެބެޖެހެއެވެ. 

މުޅި ޤައުމުގެ ހުރިހާ ސްކޫލަކުން ޒަމާނޭ ގުޅޭނެހެން އޮންލައިން މަހާސިންތާއެއް މިކަމާގުޅިގެންވެސް ނުބޭއްވެން ވީ ސަބަބެއް ނެތްކަން ހަނދާންކޮށްދެމެވެ. ރަށުފެންވަރުގައި މުޅިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ޗާލު އާދަ ހަނދާންނެތިދިއުމުން ދެރަވާހާލުއެވެ. 

ދިވެހި ޤައުމުގެ ޤައުމިއްޔަތުގެ އެންމެ މުހިއްމު ރުކުނަކީ އިސްލާމް ދީން ކަމުގައި އަބަދުވެސް އެބަ ބުނެވެއެވެ. އެހެން ކަމަށް ވާނަމަ ޤައުމިއްޔަތުގެ ކިއްލާގެ މިތަނބު ހިމާޔަތް ވާން އެބަ ޖެހެއެވެ. އިސްލާމް ދީނާ ދެކޮޅު ފިކުރުތަކާއި، ދީނީ މިނިވަންކަމަށް ގޮވާލެވޭ ގޮވެލިތަކުގެ އަޑު ހަރުޒަމާނެއްގައި، ދިވެހިންގެ ތެރެއިން ބަޔަކު މި އޮއިވަރުގައި ޖެހިއްޖެ ކަން ޤަބޫލުކޮށް އެމީހުން ބާކީކުރުމުގެ ބަދަލުގައި އަލުން ހެޔޮމަގަށް ގެނައުމަށް ޤައުމީ ފެންވަރުގެ މަސައްކަތެއް ފަށަން އެބަޖެހެއެވެ. މީގައި ދީނުގެ ނަމުގައި ހަރުކަށި ހައްދުހަފަނައެޅުމުގެ ތެރެއަށް ދެވުނު މީހުންވެސް އަނބުރާ ރިހެބިލިޓޭޓް ކުރާނެ ގޮތަތަކެއް އެބަ ބޭނުންވެއެވެ.  ބޭރު ޤައުމުތަކުގެ އަހުލީ ހަނގުރާމަތަކުގެ ތެރެއަށް ، ޖިހާދުގެ ނަމުގައި ފޭދިގެން ދިޔަ ދިވެހިން އަލުން ދިވެހި ޤައުމަށް ގެނެސް އެމީހުންގެ އަލުން މުޖުތަމަޢަށް ހާނުވަން އެބަޖެހެއެވެ. 

ރާއްޖެ ކިތައްމެ ކުޑަ ނަމަވެސް ދިވެހިންނަކީ އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވާ ފާޚުރުވެރި ބައެކެވެ. ބަހުގެ ޢިލްމު ދިނުމުގެ އުސްލޫބުތަށް ޒަމާނާއި އެއްހަމަކޮށް، ބަހަށް ކުދިންގެ ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުކުރުވަން ޖެހެއެވެ. މިއަދު ބޭބީ ނާރސަރީއަށް ކުއްޖާ ވަންނައިރު ސާފުކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އިރު،  އޭލެވެލް ނިމޭއިރު، ދިވެހި ބަހުން ލިޔަން ކިޔަން ނޭނގޭ ކުދިން ތިބި ކަމީ ހިތި ހަޤީގަތެކެވެ. އެއްގޮތަކަށްވެސް އެކުދިން ކިޔެވުމަށް ދެރަވެގެންނެއް ނޫނެވެ. އާއިލާއާއި މުޖުތަމަޢު، ޤައުމިއްޔަތުގެ ބިންގާ އެޅުވުމުގައި ފޭލިވީއެވެ. ޤައުމުގެ ކަންކަން ރޭވިފައިވާ ގޮތުން ބަހުގެ އަހަށްމިއްޔަތު ނެތުނީއެވެ. އަދި ބަސް އުނގެނެންޖެހޭ ކަމަށް އެކުދިންނަށް ޤަބޫލުކުރެވޭ ސަބަބެއް ނެތީއެވެ. މިޙާލަތު ބަދަލުކޮށް، ދިވެހިންގެ ކާބަފައިންގެ އަގުހުރި ތަރިކަ ދެމެހެއްޓުމަށް މިޖީލަކީ ބަހަށް ހުށިވާރު، ބަހުގެ އަގުވަޒަންކުރާ ޖީލަކަށް ހަދަން އެބަޖެހެއެވެ. 

ޒަމާނަށް ހޭލާ ތިބުމަކީ ޤައުމެއްގެ ނިސްބަތުން ނުހަނު ބޭނުންތެރި ކަމެކެވެ. އަދަކު ދުނިޔެއާއި ވަކިވެގެން، ވަޅެއްގައި އޮތް ބޮކެއްގެ ދުނިޔެ ފަދައިން ދުނިޔެއާއިމެދު ޢާފިލުވެގެން ތިބެވޭކަށް ނެތެވެ. ދުނިޔޭގެ ވަޔާއި އޮއި، ދިވެހިންނާއި އަރާ ހަމަކޮށްފިއެވެ. ދެން އޮތީ އެއަށް ފަރިތަވުމެވެ. ކުރިއަރަމުންދާ ދުނިޔޭގައި ފައިތިލަ ސާބިތު ކުރަމުންދާންވީއެވެ. ދިވެހިންގެ ގޮތުގައެވެ. ދިވެހި ވަންތަކަން ނަގާ ނުލައެވެ. ދިވެެހި ދަރިންގެ ހިތްތަކުގެ ޤައުމިއްޔަތުގެ ސިފަތަށް އަށަގަންނުވައި، ދިވެހި ވަންތަކަން އާލާކޮށްގެންނެވެ. ދިވެހި އައިޑެންޓިޓީގައި ވަރުގަދައަށް ހިފަހައްޓުވައިގެންނެވެ. 

ޤައުމެއްގެ ވާހަކަ ދައްކާ އިރު، އިޖުތިމާޢީ ހާލަތު މިނަންޖެހެއެވެ. މިއަދު، އިއްޒަތާއި ޤަދަރަކީ، ވަކި މަޤާމެއް ލިބުމުން، ވަކި ގޮވައްޗަކަށް ވަދެވުމުން ކަމުގައި ދެކޭ ދެކުން ގޯސްކަން އެބަ ޤަބޫލުކުރަން ޖެހެއެވެ. ލަދުހަޔާތުގެ ކަންފުޅެއް ނެތި، ދުލަށް އެރިހާއެއްޗެއް ކިޔަމުން، ޒުބާބުކުރުމުގައި އިންސާނީ ތަރަހައިން ބޭރުވުމުން ދެންވެސް އަޅުގަނޑުމެން އަތްޖަހަން ތިބޭނަމަ، އެދެވެނީ ހާދަހާވާ ނުރަނގަޅު ފިލާވަޅެކެވެ. ރާއްޖޭގެ އިޖްތިމާޢީ ކަންކަމަށް އެންމެ ނުރަނގަޅު އަސަރު ކުރުވި އެކަށްޗަކަށް ދިވެހި ސިޔާސީ ހަރަކާތްތައް ވާނެކަން ކަށަވަރެވެ. މިއަދު މީހަކު ސިޔާސީ ވުމުގެ އަސާސީ ޝަރުތަކީ، މީހުންނަށް ވަގަށް ގޮވުމާއި، އާޑަފުރައްސާރަކުރުމުގައި ކުރިއަރައިދިއުމާއި ވެނިމެނީއެވެ. ޤައުމުގެ އިޖްތިމާޢީ ފޭރާމުގައި ބޮޑު ބާގަނޑުތައް ހެދިއްޖެއެވެ. މިކަން އިސްލާހުކުރަން، އެފަދަ ނޭއްގޭނީ ސިފަތައް ހުރި ބަޔަކު އަޅުގަނޑުމެންގެ "ހީރޯއިން" ކަމުގައި މުޖުތަމަޢާއި ޅަދަރިންނަށް ދެއްކުން ހުއްޓާލަން، ޤައުމީ ދުވަހަކީ މުނާސަބު ދުވަހެކެވެ. 

ދިވެހި ޤައުމުގެ ތާރީޚުން ހެކިދޭ އެއް ކަމަކީ، މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނެތިދިޔަ ކޮންމެ ފަހަރަކު، އެކަން މެދުވެރިވީ، ދިވެހިންތަކެއްގެ ޢައްދާރުވުމުގެ ސަބަބުންކަމެވެ. ދުނިޔޭގެ ވާދަވެރިކަމުގައި، މިޤައުމުގެ މިނިވަންކަމުގެ ކިއްލާ އަށް އަންނަ ބިޔަ ރާޅުތަކުގެ ހިމާޔަތުގައި ހުރި ގެރިގާ އެބަ ނަގައޭ ހީވެއެވެ. ޤައުމު ތަރައްޤީ ކުރުމާއި، ސިޔާސީ ގޮތުން ގޮތް ނިންމުމާއި، ޚާރިޖީ ސިޔާސަތަ އެކަށައެޅުމުގައި، ޤައުމުގެ އިސްތިޤުލާލަށް ރަށްކާތެރިިވާން އެބަޖެހެއެވެ. އެނޫން ނަމަ ހިތި ދުވަސްތަކެއް ތަޙައްމަލު ކުރަން ޖެހިދާނެއެވެ. 

ދިވެހި ދަރީންނޭނެވެ. ފަލަސްޠީނުގެ އާބާދީއަކީ 6 މިލިއަނެވެ. ކަޝްމީރުގެ އާބާދީއަކީ 13 މިލިއަނެވެ. ޗެޗްނިޔާގެ އާބާދީއަކީ 1.3 މިލިއަނެވެ. ސޯމާލިއާގެ އާބާދީއަކީީ 15.8 މިލިއަނެވެ. ދިވެހިންގެ އާބާދީ އަކީ އެންމެ 4 ލައްކައެވެ. އިބުރަތަކަށް ނުވޭތޯއެވެ؟ ނިޢުމަތުގެ ބޮޑުކަން ވަޒަންކުރެވޭތޯއެވެ؟ ބުއްދިވެރިއަކަށް އިޝާރާތަކުން ފުދެއެވެ. 




Photo: http://maafushimaldives.com/maldives-people/  

https://habibur.com/hijri/ce-1573/7/