2019ވަނަ އަހަރުގެ އެންމެ ފަހު ދުވަސް ވެގެން ދިޔައީ ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ވޫހާން އިން، ކުރިން ނުފެންނަ އާ ވަރައިރަހެއް (ނޮވެލް ވައިރަސްއެއް) ފެނުނުކަން ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާ, ޑަބްލިއު އެޗް އޯ ގެ ސަމާލު ކަމަށް ގެނެވުނުދުވަހަށެވެ. އެމައްޗަށް 618 ދުވަސްވީއިރު، މިދެންވެނި ވައިރަހުގެ ސަބަބުން މުޅިދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވި ތިރިވުމުން އަދިވެސް މި އުޅެނީ އަރައި ނުގަނެވިގެންނެވެ. އުފެދޭ ސުވާލަކީ މިކަމުން މިންޖުވާނީ ކޮން އިރަކުންތޯއެވެ!!!
ކޮވިޑް ގެ މިހާރުގެ ހާލަތަކީ ކޮބައިތޯ
ބަލާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 223 މިލިއަން
އިންސާނުންނަށް ކޮވިޑް 19 ޖެހި 4.6 މިލިއަން މީހުން ވަނީ މަރުވެފައެވެ.  ރާއްޖޭގައި 82،364 މީހުންނަށް މި ބަލި
ޖެހިފައިވާ އިރު 227 ފުރާނަ ގެއްލިދިޔައެވެ.  ދުނިޔޭގެ އާބާދީގެ %40.1 އަށް މަދުވެގެން
އެއް ވެކްސިން ދެވިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.  އެހެން ނަމަވެސް މީގައި ހިއްސާ ކުރަނީ އެންމެ
ނާޒުކު އާބާދީ، އާދެ، ފަގީރު ޤައުމުތަކުގެ އެންމެ %1.8 އިންސައްތައެވެ.  ރާއްޖޭގައި 395،383 މީހަކަށް ވަނީ މަދުވެގެން
އެއް ވެކްސިން ދެވިފައެވެ. 
ޢިލްމީ ގޮތުން ބަލާއިރު، މިފަދަ
ބަލިމަޑުކަން ދެގޮތަކަށް ނިމިދާކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. ފުރަތަމަ
ގޮތަކީ ބޭސްވެރިކަމުން ބަލިމަޑުކަން ނެތި ދިއުމެވެ.   (medical end)'މެޑިކަލް
އެންޑް'އެވެ.  އެކަށޭނެ ފަރުވާހޯދި، ގިނަބަޔަކަށް ފަރުވާލިބި، މަރުވާ އަދަދު ބޮޑުތަނުން ދަށަށް
ދިއުމެވެ. މިހާލަތުގައި އެ ބަލިމަޑު ކަމުން އަރައިގަނެވުނީ ކަމަށް ބެލެވެއެވެ.  ދެވަނަ ގޮތަކީ އިޖުތިމާއީ ގޮތުން ބަލިމަޑުކަން
ނިމިދިއުމެވެ. ނުވަތަ  (social end) 'ސޯޝަލް އެންޑް'އެވެ. މިއީ ބަލިމަޑުކަން ދިގު ދެމި، އެކަމުގެ ސަބަބުން އަޅާ
ފިޔަވަޅުތަކަށް މީހުން ވަރިބަލިވެ، އެއީ ދެން ބަދަލުނުވާނެ ހާލަތެއްކަމަށް މީހުން
ބަލައިގަތުމެވެ. މިހިސާބުން އިންސާނުން އެއީ އެމީހުންނާއެކު ދެން އޮންނާނެ
ބައެއްޔެއްކަމަށް ޤަބޫލުކޮށް އިހު އުޅުނު ދިރިއުޅުމަށް ރުޖޫއަވަނީއެވެ. 
ދިވެހިންގެ ތެރޭގައި މިހާރު ހުރިހާ
ކަމެއްގައިވެސް އޮންނަ ބީދައިން ކޮވިޑް19 އާއި މެދުވެސް ވަނީ ޚިޔާލު
ދެކަފިވެފައެވެ. 
އެއްބަޔަކު ޤަބޫލު ކުރާ ގޮތުގައި،
މިއަދު މިވަނީ ކޮވިޑާއި އެކު އުޅެން ދަސްކުރަންވީ ވަގުތު ޖެހިފައެވެ. ދޮޅު އަހަރު
ގޭގައި ތިބެވިއްޖެއެވެ. މިހެން ދުނިއުމުރު ނުތިބެވޭނެއެވެ. ޢާންމު ދިރިއުޅުމަށް
ރުޖޫޢަވާން އެބަޖެހެއެވެ. އެމީހުން ދެކޭ ގޮތުގައި، ޤައުމު ހިނގައިގަތުމާއި
އިޤްތިސާދު ކޮޅަށްޖެހުމަކީ މުހިއްމުކަމެކެވެ. 
އަނެއް ބަޔަކު ޤަބޫލު ކުރާގޮތުގައި އަދި
ކޮވިޑް19 ހައްމަތަ ނުވެއެވެ. އިޤްތިސާދު ކުރިއެރުމާއި އާއްމު ދިރިއުޅުމަށް
ރުޖޫއަވުން އަވަސްކުރުމަށްވުރެ އުމުރުން ދުވަސްވެ ބަލިވެފައިވާ މާމަ/ކާފަ ބައްޔަށް
ހުށަހެޅުން ގޯހެވެ. އެއްބަޔަކަށް ރިސްކު ނެގުން އޯކޭވިޔަސް އަނެއް ބަޔަކަށް އެއީ
ހަމަޖެހޭ އަދި ކުރަންވާވަރު ކަމެއްނޫނެވެ. 
ދެންވާނީ ކިހިނެއްތޯއެވެ؟ 
ތާރީހީ ނަޒަރަކުން ބަލާނަމަ އެއްވެސް
ބަލި މަޑުކަމެއް ނެތި ދިޔަ ސީދާ ތާރީޚް ބުނެވެން ނެތެވެ. 
މަޝްހޫރު ސްޕެނިޝް ފްލޫ 1920 ވަނަ
އަހަރު އޭޕްރީލް ގައި ނިމުމަކަށް އައި ކަމަށް ވަރަށް ގިނައިން ފެންނާނެއެވެ. ސިދާ
އެވައިރަސް އޭގެ ގޮތުގައި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ނެތަސް އޭގެ
"ދަރިފަސްކޮޅު" އެބަ އޮތް ކަމަށް ތަހުލީލުތަކުން ދައްކާކަމަށް މިއަދު
ސިއްހީ ކަންކަމުގައި އެމެރިކާގެ ރައީސްގެ އިސް މުޝީރަކަށް ހުންނެވި ޑރ ފައުޗީ 2009
ގައި ލިޔުއްވި ދިރާސާ ކަރުސާހެއްގައި ވެއެވެ. އިންސާނީ ތާރީޚުގައި އިންސާނުންނަށް
އޭގެ އަސަރުކުރާ  ބައްޔަކަށް ފަރުވާއިން
ނައްތާލެވިފައިވާ ހަމަ އެކަނި ބައްޔަކީ ކަށިވިދުރި ((small poxއެވެ. ބަލިތައް ނައްތާލުމުގެ ނާދިރުކަމުން، އެމެރިކާގެ  ނިއުޔޯކް ޔުނިވާރސިޓީގެ ބަލިތަކާ ބަލިތަކުގެ
ތާރީޚްގެ ދިރާސާކުރައްވާ،ޕްރޮފެސާރ ޖޮޝީ އެޕްސްޓީން ވިދާޅުވެފައިވަނީ "ބަލިތައް
ދުނިޔެއިން ނައްތާލުން" މިލަފުޒުވެސް ބޭސްވެރިކަމުގެ ބަސްކޮށާރުން ބޭރުކުރަން
ޖެހޭކަމަށެވެ. އެހެން ކަމުން ކޮވިޑް19 ވެސް ދެން މުޅިއަކުން ނެތިދާނެމަށް ނުބެލެވެއެވެ.
ބަލި ދާނީ މަޑުމަޑުން ނެތެމުންނެވެ. އިސްވެ ދެންނެވި ފަދަ  އިޖުތިމާޢީ ނިމުމަކުންނެވެ. 
ހަޤީގަތަކީ މިއަދުވެސް ޚުދު ދިވެހިންގެ ތެރެއިންވެސް ބައެއް މީހުންނަށް މިދެންނެވި ނިމުން އައިސްފިއެވެ. އަދި މަޑުމަޑުން އެއަދަދު ދާނީ ގިނަވަމުންނެވެ. އެއީ ޠަބީޢީ ކަމެކެވެ. އޭގެ ޒާތުގައި މައްސަލަ އެއްވެސް ނޫނެވެ. ތުއްތު ކުއްޖާވެސް ފުރަތަމަ ފިރުކެމުންގޮސް ތެދުވެލަނީ، ގިނަ ފަހަރު އެކަނި ހުރެއެވެ. ހަޤީގަތް އެނގި ފަރިތަވާން ފެށުމުން ފާޅުގައެވެ. ފަހުން ދުއްވައިގަންނަނީތާއެވެ.
މީގައި މައްސަލަ ޖެހެނީ ތިމާގެ ޤަބޫލުކުރުން އަނެކާއަށް
"މަޖުބޫރުން ވިސްނަދޭން" އުޅުމުންނެވެ. ޤަބޫލުކުރަން ވީ ކޮންމެ
އިންސާނެއް ތަފާތު ކަމެވެ. ފިކުރާއި، ވިސްނުމާއި، އަދިޤަބޫލުކުރުންތަކާއި
އެކަންކަމުގައި ހޭދަކުރާ ވަގުތު ތަފާތެވެ. ހިފާ ބަހާތައް ތަފާތެވެ.
 ދަސްކުރަން ވީ
ހަމަ އެކަނި ކޮވިޑާއެކު އުޅޭކަށްނޫނެވެ. އިސްވެދެންނެވި ތަފާތުތަކަށް
އިހުތިރާމުކުރަންވެސްމެއެވެ. މިކަން ނިމޭނެއެވެ. އާދެ ކޮވިޑް19 ނިމޭނެއެވެ. އެނިމުން އަންނަ ވަގުތު އެކި ޤައުމުތަކަށް
ތަފާތުވާނެއެވެ. އެކިމީހުންނަށްވެސް ތަފާތުވާނެއެވެ. 

Comments
Post a Comment
Please don't hesitate to tell what you think. :)