ގެދޮރުވެރިޔާ!

14 ޖޫން 2021 ވަނަ ދުވަހުގެ ރޭ ސަރުކާރުން އިއުލާން ކުރެއްވި "ގެދޮރުވެރިޔާ" ލޯން ސްކީމަކީ، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ޢާންމުންނަށް ބޯހިޔާވަހި ކަމުގެ ހައްލެއް ހޯދުމަށް އަދި މިވީތަނަށް ހުޅުވާލެވުނު އެންމެ ފަހި ފުރުސަތޭބުނުން ދޮގަކަށް ނުވާނެއެވެ. މިފުރުސަތު ރައްޔިތުންނަށް ހުޅުވުމުން ގިނަބަޔަކަށް އޭގެ މަންފާކުރާނެކަމަށް ފެނެއެވެ.

މިލިޔުންކޮޅުގެ ބޭނުމަކީ ގެދޮރޮވެރިޔާ ލޯން ސްކީމަށް ތަޢުރީފުކުރުމެއް އަދި ސަރުކާރަށް ސަނާކިޔުމެއްނޫނެވެ. ބަދަލުގައި ލޯނު ނަގަން ބޭނުންވާ ރައްޔިތަކަށް އޭގެ ބޮޑު މަންޒަރު ބުނެދެވޭތޯއެވެ. 

%6 އިންޓަރެސްޓް ރޭޓްގައި ދޭ ލޯނު 20 އަހަރަށް ބަހާލެވެއެވެ. އެންމެ ގިނަ ވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. މިދެންނެވި %6  އަކީ ބައެއްފަހަރު ހީވެފައިވާ ގޮތާއި ޚިލާފަށް ލޯނުގެ އަދަދަށް 6% އިތުރު ކުރުމެއްނޫނެވެ. މިސާލަކަށް 7 ލައްކައިގެ %6  އަކީ 42،000 ރުފިޔާއެވެ. 20 އަހަރު ފަހުން ދައްކަން ޖެހެނީ 700،000 ރުފިޔާއާއި އިތުރު 42،000 ރުފިޔާއެއް ނޫނެވެ. ބަދަލުގައި މިފަދަ ލޯނުތަކަށް ނަގަނީ ކޮމްޕައުންޑް އިންޓްރެސްޓްއެވެ. 

ފަސޭހަ ކަޮއްލުމުގެ ގޮތުން މި ހިމަނާލަނީ މަތީގައިވާ، ސަރުކާރުން ޢާއްމު ކުރެއްވި ޗާޓުގައި ވާ މަޢުލޫމާތަށް އަޅުގަނޑު އިތުރު ކޮއްލި ދެބައި ( ޖުމްލަ އިންޓްރެސްޓް އަދި ޖުމްލަ ދެއްކޭނެ އަދަދު) ދައްކުވައިދޭ ޗާޓެކެވެ. 



ލޯނުގެ ފުރުސަތު ހުޅުވާލެވިފައިވާ އެޗްޑީއެފްސީގެ މި ލިންކުން އަމިއްލައަށް މިދެންނެވި ހިސާބު ޖެއްސެވޭނެއެވެ. 

އިސްވެ ދެންނެވުނުހެން މިލޯނުގެ ފައިދާ ގިނަ ބަޔަކަށް ކުރާނެއެވެ. ރާއްޖޭގައި ހައުސިން ލޯން ހުރީ 10% އާއި 12%އާ ދެމެދުގައި ކަމުން 6% އަކީ ކުޑަ މިންވަރެކެވެ. މިސާލަކަށް 20 އަހަރުން 1.2 މިލިއަން މި ސްކީމުން ދައްކާނަމަ އެހެން ހައުސިން ސްކީމްތަކުން 1.7 މިލިއަން ދައްކަންޖެހޭނެއެވެ. 
ދެން އެންމެ ބޮޑު ފަސޭހައަކީ، އިތުރު މޯގޭޖް ކުރުމެއް ނެތުމާއި (އިމާރާތް ކުރާގެ މޯގޭޖްކުރުން) އަދި އަމިއްލަ ހިއްސާގެ ގޮތުގައި ނަގުދު ފައިސާ ނެތި، ކުރެވިފައިވާ މަސައްކަތް ވެސް މި ސްކީމުން ބަލައިގަތުމެވެ. މިއީ މިހާރުވެސް ހުރި ކޮމާރޝަލް ލޯންތަކަށް ދިއުމަށް ދިވެހި ގިނަ އާއިލާތަކަށް އޮތް ބޮޑު ގޮންޖެހުމަކަށް ލިބޭ ފަސޭހައެކެވެ. 

މިސަބަބުތަކައްޓަކާ، މިއީ ދިވެހި އާދައިގެ ޢާއިލާތަކަށް މިގޮތަށް ފަހިވި ރަނގަޅު ފުރުސަތެެއް ކަމަށް ޤަބޫލުކުރެވެއެވެ. ތެދެކެވެ. 7 ލައްކަ ރުފިޔާ އިން އެންމެ ޒަމާނީ ގެއެއް ނޭޅޭނެއެވެ. އެހެން ނަމަވެސް ގިނަ ދިވެހިން އެދިއެދި ތިބި އަމިއްލަ ބޯހިޔާވަހިކަމުގެ ކަންބޮޑުވުމަށް މިއީ ފަރުވާއަކަށް ވާނެއެވެ. 

ދެން އޮތީ ވާން ވީ ގޮތުގެ ވާހަކައެވެ. 

މިއީ ސަރުކާރުން ހިންގަވާ ވިޔަފާރިއެއް ނޫނެވެ. ޢާންމު ރައްޔިތުންގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމެކެވެ. އެެހެން ކަމަށް ވާނަމަ މިލޯނުގެ އިންްޓްރެސްޓް ނަންގަވާ ނަމަ 2% ނަންގަވާށެވެ.  މި އަދަދު އަޅުގަނޑު މި ބެލީ ދައުލަތުގެ އަސާސީ ޚިދުމަތް ފެނާއި ކަރަންޓުގެ ބިލްތަކުގެ ޖުރީމާނާ ދައުލަތުން ނަގާ ނިސްބަތަށެވެ. އާދެ، އަސާސީ ޚިދުމަތުގެ އަގު އަސާސީ ތަރާދަަކުން މިނެލީއެވެ! އެހާލަތުގައި މިހާރުގެ ހުށަހެޅުމުގައި ވާ 20 އަހަރުން ދައްކަން ޖެހޭ އިންޓްރެސްޓް 5030،604 އިން 149،884 އަށް ވެއްޓޭނެއެވެ. 
އެންމެ ފުރިހަމަ ގަޮތަކީ އިސްލާމިކް ފައިނޭންސިން އުސޫލަށް މި ސްކީމް ބަދަލު ކުރެއްވުމެވެ. 100% މުސްލިމް ޤައުމެއްގައި، ދައުލަތުން ހިންގަވާ ހައުސިން ސްކީމެއްގައި އަޅުގަނޑަށް ރިބާގައި އަތްނުލާ ބައިވެރި ވުމުގެ ފުރުސަތު އޮންނަންވާނެއެވެ. އެއީ ހަޤީގަތުގައިވެސް ރައްޔިތަކަށް ޙައްގު މިންވަރަކީއެވެ. މިސާލަކަށް ތަފާފު 7 ފަރުމާއަކަށް ގެ އެޅޭނެ އުސޫލަކުން ހުޅުވާލެވިއްޖެ ނަމަ ޢާންމުން ގެ ކުރެހުމަށް ކުރާ ހަރަދު ސަލާމަތް ކުރެވި، ސަރުކާރު ސްކީމްއަށް ފައްތާލެވޭނެއެވެ.  އެހެނަސް އެފަދަ ސްކީމެއްގައި ވެސް ސަރުކާރަށް ނުވަތަ ފައިނޭންސް ސްކީމް ހިންގަވާ ފަރާތަށް ފައިދާގެ ގޮތުގައި ގިނަ ވެގެން ލާންވީ މިދެންނެވި 2% އަށް ވާ 150،000 ރުފިޔާއަށްވުރެ ގިނަ ނުވާނަ އަދަދެކެވެ.

މިގޮތަށް ސްކީމް ފަރުމާ ކުރެވިއްޖެނަމަ ހަޤީގީ މަންފާ ގިނަ ބަޔަކަށް ކުރާނެއެވެ.