އައްޑޫ ސިޓީގަައި އިންޑިއާ ކޮންސިއުލޭޓް

2021 މޭއި 25 ވެގެން ދިޔައީ ދިވެހިންގެ ގިނަ ބަޔަކު ހައިރާން ކޮށްލި ހަބަރެއް ގެނެސްދިން ދުވަހަކަށެވެ. އިންޑިއާގެ ކެބިނެޓުން އައްޑޫ ސިޓީގައި އެޤައުމުގެ ކޮންސިއުލޭޓެއް ޤާއިމު ކުރަން ނިންމި ވާހަކައެވެ. 

ކޮންސައިލޭޓް އުފެެއްދުމަކީ ދުނިޔޭގައި ކުރާ، ކުރެވޭ  ކަމެކެވެ. ބައިނަލް އަޤްވާމީ ގުޅުންތަކުގެ ބައެކެވެ. މިފަދަ ކޮންސިއުލޭޓް ތަކުގެ މަޤުސަދާއި، އެފަދަ އޮފީސް ޤާއިމުކުރުމާއި އަދި،  ލިބިދޭ އިމްތިޔާޒުތައް އެކަށައެޅިފައިވަނީ، "ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާރ ރިލޭޝަންސް 1963" ގެ ބައިނަލް އަޤްވާމީ މުޢާހަދާގެ ދަށުންނެވެ. އެމައުލޫމާތު މި ލިންކުން ކިޔާލެވޭނެއެވެ. އެހެން ކަމުން ކޮންސިއުލޭޓާ ގުޅޭ އިތުރު ވާހަކަ ތަކަށްނުގޮސް ކުރުކުރާނަމެވެ. 



ބޮޑު ސުވާލެވެ! އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރަން ޖެހޭ ހެއްޔެވެ؟ 

އާނ އެކެވެ.

އިންޑީއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ހުރުމަކީ މައްސައެއް ނޫނެވެ. އެކަމުގައި ދިވެހި ސަރުކާރުގެ މައްސަލައެއް ވާނަމަ، އެކަން އިންޑިއާގެ ކެބިނެޓުން ނުނިންމީސްހެވެ! އުސޫލެއްގެ ގޮތުން ޤައުމެެއްގެ ކޮންސިއުލޭޓެއް އެހެން ޤައުމެއްގައި އުފައްދަން ނިންމާނީ އެޤައުގެ ކެބިނެޓުންނެވެ. ދެން އެކަން އަނެއް ޤައުމަށް ހުށަހެޅުމުން އެކަން ކުރިއަށް ދާނީ ހުށަހެޅުނު ޤައުމުގެ ރުހުން ލިބިގެންނެވެ. އެހެން ކަމުން ބައިނަލް އަޤްވާމީ ގުޅުންތަކުގަައި މިބުނެވުނު ނިންމުން ކެބިނެޓުން ނިންމާނީ ނުރަސްމީކޮށް އަނެއްޤައުމުގެ ރުހުން ލިބިގެންނެވެ. މިކަމަށް ބާރު ލިބެނީ އައްޑޫގެ މޭޔަރ މިކަމަށް ތާއިދުކުރުމާއި، އެއާއެކު ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މޭޔަރަށް ކުރެެއްވި ތަޢުރީފުންނެވެ. އަދި އައްޑުއަށް ނިސްބަތްވާ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން މިކަން ކުރުން ލަސްވެއްޖެ ކަމަށް ބުނެ ފާޅުކުރާ ޚިޔާލުތަކެވެ. އަދި ޚުދް ރައީސް ވެސް އެކަމާއި އިންކާރު ނުކުރައްވައެެެވެ. 

 މާލެއިން ބޭރުން ރާއްޖޭގެ އެންމެ ބޮޑު އާބާދީ އަކީ އައްޑުއެވެ. ޖެހިގެން އޮތީ ޒަމާނުއްސުރެ ގުޅިލާމެހިފައިވާ ހުވަދު އަތޮޅާއި ފުވައްމުލަކެވެ. އައްޑޫގަހުރި ކޮންސިއުލޭޓަކުން ލިބޭ ޚިދުމަތުގެ ފަސޭހަކަން އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ ދެބަޔަށް ކުރާނެއެވެ. ވިސާ ހޯދުމާއި، ވިޔަފާރި މުޢާމަލާތުގެ ފަސޭހަކަމާއި، ތަޢުލީމީ، ސިއްޙީ، އިގްތިސާދީ، ޓެކްނޮލޮޖީގެ ދާއިރާތަކުން ގުޅުން ބަދަހިވެ، އިންވެސްޓަރުން ސަރަހައްދަށް ޝައުޤުވެރި ކުރުވުމުގެ ބާރަކަށް ވާނެއެވެ. ގުޅުވައިދޭ ފާލަމަކަށް ވާނެއެވެ. އަދި މިދެމެދު  ވައިގެ ދަތުރުފަތުރު ހިނގައިގަތުމަށް ބާރަކަށް ވާނެއެވެ. 

2019 ވަނަ އަހަރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިބުނެވުނު ދެކުނުގެ 4 އަތޮޅު ސަރަހައްދުގައި 132 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެއެވެ. މީގެއިތުރުން ސިއްޙީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުގައި ވެސް އެޤައުމުގެ މީހުން އެބައުޅެއެވެ. ޖުމްލަކޮށް އިންޑީއާގެ 300 ވަރަކަށް މީހުން އައްޑޫގައި އުޅޭނެއެވެ. އިންޑިއާގެ އެސް.ބީ.އައި. ގެގޮތްޕެއް އައްޑޫ ސިޓީ ހިތަދޫ ގައި 2008 ގައި ހުޅުވި ހިނގަމުން ދަނީ މިދެންނެވި ކުޑަ އާބާދީއަށް ޚިދުމަތް ކުރުމުގައެވެ. އެހެންކަމަށް ވާނަމަ 4 އަތޮޅުގައި ތިބި އެޤައުމުގެ ރައްޔިތުންނަށް ކޮންސިއުލޭޓެއް ހުރުމަކީ އެއްމެ ރަނގަޅުކަމެކެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ދިގުދެމިގެންދާ ޕޮލިސް އެކަޑަމީގެ މަސައްކަތުގައި 300 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާކަމަށްވެއެވެ. އިންޑީއާއިން ރާއްޖެއަށް ހަދިޔާކުރި 2 ހެލިކޮޕްޓަރުން އެކަތި އައްޑޫގައި އޮތްއިރު އެކަމުގައި އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު އުޅެއެވެ. މީގެ އިތުރުން މިހާރު ހަވާލު ކުރެވިފައިވާ އައްޑޫ މަގުހެދުމާއި، ފަޅު ހިއްކުމުގެ މަޝްރޫޢުތަކަށް ގިނަ އަދަދަކަށް މީހުން އަންނާނެވެ. ވީއިރު ކޮންސިއުލޭޓެއްގެ ބޭނުންތެރިކަން ބޮޑެވެ. 

ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަކުން އައްޑޫ އަޅުވެތި ނުވާނެއެވެ. އަދި ކޮންސިއުލޭޓު އޮފީހަކީ އެމްބަސީ ތަކާއި ޚިލާފަށް  މާބޮޑެތި އިމްތިޔާޒުތަކެއް ނުވަތަ "އިމިއުނިޓީތަކެއް" ލިބޭ ބައެއް ނޫނެވެ. ކޮންސިއުލޭޓް ތަކުގެ އިމިއުނިޓީ އަކީ ސީދާ ކޮންސިއުލޭޓްގެ ކަންކަމާ ގުޅޭކަންކަމުގައި ލިބޭ އިނާޔަތެކެވެ.

 ސޯޝަލް މީޑީއާއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ ޕޮލިސް އެކަޑަމީ ( ނޭޝަނަލް ކޮލެޖް ފޯ ޕޮލީސް އެންޑެ ލޯ އެންފޯރސްމަންޓް ސްޓްޑީސް) ގެ ބިޔަ ސަރަހައްދު ކޮންސިއުލޭޓްގެ "ޑިޕްލޮމެޓިކް ކުޑައިގެ ދަށަށް" ގެންގޮސްފާނެކަމަށެވެ. ނަމަވެސް މަޖިލިސްގެ ފޭދޫ ދާއިރާގެ މެމްބަރ ވަނީ ފޭދޫގައި އެ އޮފީސް ޤާއިމު ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ކޮންސިއުލޭޓެއްގެ ބިން ކަނޑައަޅާނީ ހޮސްޓު ކުރާ ޤައުމުންނެވެ، މިހާލަތުގައި އިންޑިއާ ކޮންސިއުލޭޓް އަށް ބިން ކަނޑައަޅާނީ ދިވެހި ރާއްޖެއިންނެވެ. އަދި ކޮންސިއުލޭޓެއް ހުރުމުގެ މާނައަކީ އައްޑޫގައި އުޅޭ އިންޑިއާ މީހުން ކުރާ ކުށް ހިމާަޔަތް ކުރުމުގެ ބާރު އެއިދާރާއަށް އޮތުމެއްވެސް ނޫނެވެ. 


ނޫނެކެވެ!

އިންޑީއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަވަސް އަރުވާލައިގެން ހަދާކަށް ނުޖެހެއެވެ. ދުނިޔޭގެ ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި އިންޑީއާގެ އެމްބަސީން މެނޭޖު ނުކުރެވޭވަރުގެ ބިޔަ އާބާދީއެއް ނެތެވެ. އަމުދަކުން ދެކުނުގައި އުޅޭ 500 ނުވަތަ ގިނަވެގެން ހާހެއްހާ މީހުންގެ ކަންތަކުގައި ކޮންސިއުލޭޓެއްގެ ބޭނުން ނެތީއެވެ. މިއީ އިންޑިއާގެ އަސްކަރީ ބާރާއި ހަންފެތުރުމުގެ ކަމެއް ކަމުގައި މާނަ ކުރެވިދާނެއެވެ.

އިންޑިއާގެ ޕްރޮޖެކްޓްތަކެއް އައްޑޫގައި ހިނގަނީ އަކީ 20-50 އަހަރަކަށް ނޫނެވެ. 1200 ދުވަހަށެވެ. 3 އަހަރެވެ. އެއީ އަކީ ކޮންސިއުލޭޓެއްގެ ބޭނުން ޖެހޭވަރުގެ މުއްދަތެއް ނޫނެވެ. 

ރާއްޖެއަކީ ދުނިޔޭގެ ކަނޑުގެ މުހިއްމު ހިސާބެއްގައި ވާ ޤައުމަކަށް ވުމުން އިންޑިއާއިން ރާއްޖޭގެ އެންމެ ދެކުނުގައި އެމީހުންގެ "ހަބެއް" ޤާއިމު ކުރުމެވެ. އިންޑިއާގެ  ކޮންސިއުލޭޓެއް ޤާއިމުކޮށް މިގޮތަށް އައްޑޫގައި ފައި ހަރު ކުރުމަކީ ދާއިމީ ފައި ހަރުކުރުމެއްގެ ފެށުމަކަށް ވެދާނެއެވެ. 

ދެކުނުގެ 4 އަތޮޅަށް ބަލާއިރު، ދަތުރުގެ ފަސޭހަ މިހާރު އޮތް ގޮތުން އައްޑުއަށް އައުމަށްވުރެ އެ އަތޮޅުތަކުގެ މީހުންނަށް ފަސޭހައިން ދެވޭނީ މާލެއަށެެވެ، ވީއިރު ކޮންސިއުލޭޓުގެ ފައިދާ އަނެއް 3 އަތޮޅަށް ކުރާނެކަމަކަށް ނުފެނެއެވެ. 

2013 ވަނަ އަހަރު ރާއްޖެ ގެނައި 2 ހެލިކޮޕްޓަރުގެ ވާހަކައެވެ. 8 އަހަރު ފާއިތުވިއިރުވެސް ދިވެހި ސިފައިންނަކަށް އެ ދުއްވާކަށް ނޭނގުނެވެ. ވީއިރު ދެންވެސް ނޭނގޭނެތާއެވެ! އެހެންވެ، އިންޑިއާ ކޮންސިއުލޭޓް ގެ މަޤްސަދަކީ އެކި ނަންނަމުގައި ރާއްޖޭގައި އިންޑިއާ އަސްކަރީ ނުވަތަ ޖާސޫސީ މީހުން ބޭތިއްބުމާއި އެމީހުންގެ މަސްލަހަތު ރައްކާކުރުމެވެ.. ޚާއްސަކޮށް ސަރަހައްދުގެ ގޮތުން މުހިއްމު އައްޑު ސަރަހައްދުގައި އެމީހުންގެ ޕްރެސެންސް ކަށަވަރު ކުރުމެވެ. އެނޫން ބަޔަކަށް ފައި ހަރުލިޔަ ނުދިނުމުގެ ބޭނުމުގައެވެ.  


މަގޭ ހިޔާލު!

 މިކަމުގައި އަޅުގަނޑު ދެކޭގެތެވެ. މާ މޮޅު މީހަކަށް އަދި މާ މުހިއްމު މީހަކަށް ވެގެނެއްނޫނެވެ. މިފަސްގަނޑަށް ނިސްބަތްވާ ދިވެއްސަކަށް ވީތީއެވެ. އައްޑޫ މީހަކަށް ވީތީއެވެ. މިނިވަންކަމާއެކު ޚިޔާލު ފާޅު ކުރާހިތްވާ މީހަކަށްވީތީއެވެ.  

އައްޑޫ ގައި ކޮންސިއުލޭޓެއް ހެދުމަކީ މައްސަލައެއް ނޫނެވެ. އޭގެން މަންފާތަކެއް ވެސް ކުރާނެއެވެ. ޚާއްސަކޮށް ތަޢުލީމީ އަދި ސިއްޙީ ދާއިރާއަށް މަންފާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ވިޔަފާރި ފުރުސަތު ފަހިވާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާފުޅާކުރެވޭނެއެވެ. 

އުފެދޭ ސުވާލަކީ، ކޮންސިއުލޭޓެއް އުފައްދައި، އައްޑޫ އިން ނާޖާއިޒް ފައިދާ ނަގާނެތޯއެވެ. ބުނެލަން އޮތީ އެންމެ ވާހަކައެކެވެ.  ބޭރުބަޔަކު ދިވެހި ފަސްގަނޑުން ނާޖާއިޒު ފައިދާ ނަގާކަމަށް ވާނަމަ އެކަން ހުއްޓުވޭނީ ސީދާ ދައުލަތަށެވެ. ސަރުކާރަށެވެ. އެކަމުގައި އެމްބަސީތަކާއި ކޮންސިއުލޭޓް ތަކުގެ ހިޔަނި ބޭނުުން ކުރެވޭނަމަ ކުއްވެރި ކުރަންވީ އެތަން ތަނެއްނޫނެވެ. އެފުރުސަތު ދޭބައެކެވެ. އިސްލާހު ކުރަންވާނީ ދިވެހި ހާރިޖީ އިދާރާއާއި އެތަނުގެ ސިޔާސަތުތަކުގައި ހުރި ދޯހަޅިކަމެވެ. 

އަދަކު އީސްޓް އިންޑިއާ ކޮމްޕެނީ ހެން، ނުވަތަ ޔަހޫދީން ފަލަސްޠީނަށް ވެރިވިހެން ދުނިޔޭގައި ޤައުމުތައް އަޅުވެތި ނުކުރެއެވެ. ނުވެސް ކުރެވޭނެއެވެ. ސަރަހައްދީ ބާރުތަކުގެ ރާޑަރުތަކުގައި ރާއްޖެ އެބައޮތެވެ. ވީއިރު އެބާރުތަކުން ވަކިބަޔަކު ދިވެހި ޤައުމަށް ވެރިވާން ފުރުސަތު ނުދޭނެއެވެ. އެފަދަ ހާލަތުގައި ދިވެހިންނަށް މަދަދުވެރިވާނެއެވެ. އަދި ބަޔަކު އެފަދަ ނިޔަތެއްގައި އުޅެފާނެކަމަށް ބަލައިގެން މި 21 ވަނަ ޤަރުނުގައި ދުނިޔޭގައި ބޮނދައިގެން ނުތިބެވޭނެއެވެ.

 އެމްބަސީތައް ހުޅުވަން ވީއެވެ. ކޮންސިއުލޭޓްވެސް ހަދަންވީއެވެ. އެއާއެކު ދިވެހި ހާރިޖީ ސިޔާސަތު ވަރުގަދަވާންޖެހޭނެއެވެ. "އަހަރެން ގޮނޑީގަ ވަޑުވަދޭނަމަ" ހުރިހާ ކަމެއް އޯކޭ އުސޫލަކުންނޫނެވެ. އަދި ސިއްރު އެއްބަސްވުންތަކުގެ ތެރެއަކުންވެސް ނުމެނޫންމެއެވެ. ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު އަދި އަބުރާއި ކަރާމާތް ހިފަހައްޓާ، ނަގަހައްޓާނެ އުސޫލުތަކަކުންނެވެ. 



Photo: https://michaeljfite.com/2016/11/16/what-will-your-next-yes-or-no-mean-3-days-3-quotes-challenge-day-2/