ފަލަސްޠީނުގެ ޒަމާންވީ މައްސަލަ

އިސްލާމީ އުއްމަތް މި ފާއިތުވެގެން ދާ ފަހުގެ މާޒީގައި ކުރިމަތިލާން ޖެހިފައިވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ، ފަލަސްޠީނުގެ މައްސަލައެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލަ، އާދެ އަލް މަސްޖިދުލް އަޤްސާ އެބިމެއްގައިވާ، ޤުދުސް ޔަހޫދީންގެ އަތްދަށުގައި ވުމާއި، އެއިސްތިޢުމާރުގެ ސަބަބުން ފަލަސްޠީނުގެ އެތައް މިލިއަން ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި ރެފިއުޖީންނަށް ވެފައިތިބުމެވެ.   

މި ހިނގާ މޭއި 6 ވަނަ ދުވަހުން ފެށިގެން ފަަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޙަމާސް ޖަމާޢަތާއި އިޒްރޭލުގެ އަަސްކަރިިއްޔާގެ ކުރިމަތިލުން ފެށުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަމަށް މިމައްސަލަ އަނެއްކާމިވަނީ އައިސްފައެެވެ. ފަލަސްޠީނުގެ މައްސަލައަކީ ދިވެހިން އެ މައްސަލައަކަށް އަހަންމިއްޔަތުކަންދޭ، މައްސަލައެކެވެ. މުސްލިމުންގެ މުޤައްދަސް މިސްކިތް އަލް އަޤްސާއަށް ދިވެހިން ކުރާ ޤަދަރު ނުހަނު ބޮޑެވެ. މިއަދު ޢައްޒާ ގައި ހިނގަމުންދާ ކަންތަކަށް ބަލާލާކަށް ނެތީމެވެ.  ހުރިހާ މީޑީއަތަކުން އެމަންޒަރާއި ހަބަރު ކެނޑިނޭޅި ލިބެމުންދެެއެވެ. ބަދަލުގައި ކޮންމެވެސް މިންވަރަކަށް ޚުލާސާކޮށްނަމަވެސް އަލި އަޅުވާލާ ހިތް އޮތީ މިމައްސަލަައިގެ ތާރީޚަށެވެ.

މަސްޖިދުލް އަޤްސާ 

 (ނޯޓް: އަޅުގަނޑަކީ ތާރީޚް ދިރާސާ ކުރާ މީހެއްނޫނެވެ. އެހެން ކަމުން މި ޚުލާސާ ލިޔުމުގައި މަޢުލޫމާތު ހޯދުމަށް ބޭނުންކުރި ހުރިހާ މަސްދަރުތައް ލިޔުމުގެ ފަހަތުގައި ފާހަގަ ކޮށްފައިވާނެއެވެ.) 

 ތަޢާރަފު:

ދާދި ފަހަކާޖެހެންދެން، މިއަދު މިފެންނަ މެދުއިރުމަތީގެ މިނިވަން ގިނަ ޤައުމުތަކެއް އޮތް ނަމަވެސް ކުރިން އެއީ އެއް ސަރަހައްދެއް ނުވަތަ ބިޔަ ބައްރެއްގޮތަށް އޮތް ސަރަހައްދެކެވެ. ހިޖާޒް ކަރައަކާއި ޝާމް ކަރައެއްގެ ވާހަކަ ދިވެހިން އަޑުއަހާނެއެވެ. ފަލަސްޠީނަކީ މިބުނެވިދިޔަ ޝާމްކަރައެވެ. 

މުސްލިމުން ފަލަސްޠީނު ފަތަޙަ ކުރުން:

ފަލަސްޠީނު ސަރަހައްދު (މިހާރުގެ ފަލަސްޠީން، އިޒްރޭލް، ލުބުނާން، ސީރިޔާ ޖޯޑަން އަދި މިސްރު ސަރަހައްދު) އިސްލާމީ ފުތޫޙާތުގެ ދަށަށް ދިޔައީ މީލާދީ ގޮތުން ގާތްގަނޑަކަށް 637 ވަނަ އަހަރުއެވެ. ރޯމަނުންގެ އަތްދަށުން އިސްލާމީ ފުތޫޙާތުގެ ދަށަށް ޝާމްކަރަ އައުމުން، އޭރުގެ ޚަލީފާ ޢުމަރުގެ ފާނުގެ ވެރިކަމުގައި، އިސްތިރާޖީ 4 ބަޔަކަށް ( ފަލަސްޠީން، ދިމިޝްޤް، އުރުދުން އަދި ހިމްޝް) ބެއްސެވިއެވެ. އޭގެ ފަހުން އިސްލާމީ ތަފާތު ވެރިކަން ތަކުގައި މި ނަންތަކާއި، ތަންތަނަށް ތަފާތު ބަދަލު އައި ނަމަވެސް، މުސްލިމުންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ފަލަސްޠީނުއޮތެވެ. 

ސަލީބީ ހަރަކާތް: 

462 އަހަރު މުސްލިމުންގެ ފުތޫޙާތުގެ ދަށުގައި އޮތުމަށް ފަހު، މީލާދީން 1099 ގައި ސަލީބީންގެ އަތްދަށަށް ފަލަސްޠީނު ދިޔައެވެ. 88 އަހަރު ފަލަސްޠީނުގައި ސަލީބީންގެ ވެރިކަން އޮތުމަށްފަހު މުސްލިމުންގެ މަޝްހޫރު މުޖާހިދު، ސަލާޙުއްދީން އައްޔޫބީ އަލުން ފަލަސްޠީނު މިނިވަން ކުރައްވައި، ޤުދުސް އިސްލާމީ ވެރިކަމުގެ ދަށަށް ގެންނެވިއެވެ. އެއީ މިލާދީ ގޮތުން 1187 ވަނަ އަހަރުއެވެ. ރޯމުގެ (މިހާރުގެ އިޓަލީގެ) ސަލީބީންގެ ބޮޑެއް ކަމަށްވާ ކޮންރާޑްގެ މޭސްތިރިކަމުގައި، އޭރުގެ އިނގިރޭސި ރަސްގެފާނު ރިޗާރޑް 1 ގެ މަދަދު ލިބިގެން، ފަލަސްޠީނަށް އަތްގަދަ ކުރުމުގެ މަސައްކަތް 1192 ގައި ސަލާޙުއްދީންގެ ވެރިކަން ނުނިމެނީސް ފެށިގަތެވެ. އަދި 1229 ވަނަ އަހަރު، އާދެ، ސަލާޙޫއްދީން ފަލަސްޠީން މިނިވަން ކުރެއްވިތާ 42 އަހަރު ފަހުން އަނެއްކާވެސް ސަލީބީންގެ އަތްދަށަށް ޤުދުސް ދިޔައެވެ. މިއީ ސަލީބީން ޤުދުސަށްވެރިވެގަތް ދެވަނަ ފަހަރެވެ. ޖުމްލަކޮށް 1095 ވަނަ އަހަރުން ފެށިގެން 1291 ވަނަ އަހަރުގެ ނިޔަލަށް ސަލީބީންގެ ވަކިތައް އެކި މިންވަރުގައި ފަލަސްޠީނަށް ވެރިވެފައި އޮތެވެ. 

މީލާދިން 1291 ވަނަ އަހަރު، އަނެއްކާވެސް މިސްރުގައި ވެރިކަން ކުރަމުން އައި މުސްލިމުންގެ އަތްދަށަށް ފަލަސްޠީން އައެވެ. އެހެން ކަމުން، މިފަހަރު ޤުދުސް ސަލީބީންގެ އަތްދަށުގައި އޮތީ 62 އަހަރު އެވެ. މިއަށްފަހު ދެން އައީ މުސްލިމުންގެ ވެރިކަން ފުޅާވެގެން ބާރު ގަދަވެގެން އައި ދުވަސްވަރެކެވެ. މިސްރުގެ ވެރިކަމުގެ ދަށުގައި މީލާދީން 1291 އިން 1516 ވަނަ އަހަރުގެ ނިޔަލަށް (225 އަހަރު) ފަލަސްޠީން އޮތުމަށްފަހު،  އުސްމާނީ ވެރިކަަމުގެ ދަށަށް 1516 ވަނައަހަރު ފަލަސްޠީނު ދިޔައެވެ. 401 އަހަރުގެ ދިގު ވެރިކަމަކަށްފަހު، 1917 ވަނަ އަހަރު އުސްމާނީ ޚިލާފަތުގެ ދަށުން ފަލަސްޠީނު ގެއްލި، އިނގިރޭސި އިސްތިޢުމާރުގެ ދަށަށް ދިޔައެވެ.

އުސްމާނީ ޚިލާފަތުގައި ފަލަސްޠީނުގައި ތިބި ޔަހޫދީންތަކެއް

 

{އުސްމާނީ ޚިލާފަތު ނެތިގެން ދިޔައީ އޭގެ 5 އަހަރު ފަހުން 1922 ގައެވެ. މަތީގައި ދެންނެވި ޙާދިޘާތަކާއި ތާރީޚް ތަކަކީ އޭގެ އަހައްމިއްޔަތުކަން ބޮޑު ކަމަށް ފާހަގަވާ، ސީދާ ފަސަލްޠީނާ ގުޅުންހުރި ހާދިސާތަކެވެ. ފުރަތަމަ އިސްލާމީ ފުތޫޙާތުން ފެށިގެން، 1917 ވަނަ އަހަރާއި ދެމެދު، މަތީގައި ފާހަގަ ކުރެވިފައިވާ މައިގަނޑު ބޮޑެތި ހާދިސާތަކުގެ އިތުރުންވެސް ތަކުރާރުކޮށް، ޤުދުސާއި ފަލަސްޠީން ސަލީބީންގެ އަތްދަށަށް ގެންދެވޭތޯ ގިނަ މަސައްކަތްތަކެއްކޮށް އަދި ހަނގުރާމައާއި ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. ހާއްސަކޮށް ފުރަތަމަ ބޮޑު ހަނގުރާމާއިގައި އުސްމާނީ ޚިލާފަތުން ބައިވެރިވުމާއި، އެ ހަނގުރާމަ 1918 ގައި ނިމުމަކީ ސީދާ ފަލަސްޠީނާއި ގުޅުން ނެތަސް ފާހަގަ ކުރެވޭ ދެ ތާރީޚެކެވެ. ހަމަ އެހެންމެ މިހާހިސާބަށް އައިއިރު، މެދު އިރުމަތީގައި އުސްމާނީ ބާރު ކެނޑި، އިނގިރޭސި އަދި ފަރަންސޭސި އިސްތިޢުމާރުގެ ހަރަކާތްވަނީ ގަދަޔަށް ހިނގަން ފަށާފައެވެ.}

އުސްމާނީ ޚިލާފަތު ނެތިދިއުން

20 ވަނަ ޤަރުނު ފެށިގެން އައީ މުސްލިމުންގެ އެންމެ ވަރުގަދަ ވެރިކަން ކުރަމުންއައި އުސްމާނީ ޚިލާފަތުގެ ނިމުމާއެކުއެވެ. ހަމަ މި ހިސާބުގައި  މިޒަމާނުގެ ޒަޔަނިޒަމް ގެ ޙަރަކާތްތަކުގެ ފެށުން މެދުތެރެ އަދި އުތުރު ޔޫރަޕުގައި އުފެދިގެންއައެވެ. މިހަރަކާތުގެ ފުރަތަމަ މަހާސިންތާ، ސުވިޒަލޭންޑްގެ ބަސެލް ގައި 1897 ގައި ބޭއްވިއެވެ. މި މަހާސިންތާގައި ނިންމި އެންމެ މުހިއްމި އެއް ނިންމުމަކީ، ފަލަސްޠީނުގެ ބިމުގައި ދައުލަތެއް އުދެއްދުމުގެ މަޤުސަދުގައި، ރޭވިގެން ހިންގޭ ހަރަކާތެއްގެ ގޮތުގައި ޔަހޫދީން ފަލަސްޠީނަށް ހިޖުރަ ކުރުވުމެވެ. މި ޙަރަކާތުގެ މަޤުސަދަކީ، ޝާމުގެ ސަރަހައްދުގައި ( ފަލަސްޠީނު ސަރަހައްދުގައި) ޔަހޫދީންގެ އަމިއްލަ ދައުލަތެއް އުފެއްދުމާއި އެކަމަށް މަސައްކަތްކޮށް ވާގިވެރިވުމެވެ. ޒަޔަނިޒަމް ގެ ހަރަކާތަކީ ފުޅާ އަދި ގިނަ ކަންތަކެއް އޭގައި އެކުލެވޭ ހަރަކާތެކެވެ. އެހުރިހާކަމެއްގެވެސް މަޤްސަދަކީ އިސްވެ ބުނެވުނު މަންޒިލެވެ. ފަލަސްޠީނު ބިމުގައި ޔަހޫދީ ދައުލަތެކެވެ. 

އިނގިރޭސިންގެ އަތްދަށަށް ފަލަސްޠީނު ދިއުން: 

1918 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުއިރު، އުސްމާނީ ޚިލާފަތު ވަނީ ބަލިކަށިވެފައެވެ. އަދި އެތެރޭގެ ހަމަނެޖެހުންތައް ގިނަވެ، ނިކަމެތިވެފައެވެ. އެފުރުސަތުގެ ބޭނުންކޮށް 1918 ވަނަ އަހަރު ޑިސެމްބަރު މަހު އިނގިރޭސިންގެ އިސްތުޢުމާރުގެ ދަށަށް ފަލަސްޠީނުގެ ޤުދުސް ގެންދިޔައެވެ.  އިނގިރޭސި އަދި ފަރަންސޭސީންގެ ދަށަށް ދިޔަ ބިންތަކަށް ލީގް އޮފް ނޭޝަންސް އިން ދިން "މޭންޑޭޓަކީ"، އެތަންތަން މިނިވަންކަން ލިބެންދެން ބެލެހެއްޓުމެވެ. ނަމަވެސް މި މޭންޑޭޓަށް އިނގިރޭސިން އިތުރުކުރި ބޮޅަކީ، ފަލަސްޠީނުގައި ޒަޔަނިސްޓް ދައުލަތް އުފެއްދުމުގެ މޭންޑޭޓެވެ. 23 މޭއި 1939 ގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލިސް އިން "ވައިޓް ޕޭޕަރ" ޕޮލިސީއެއް ފާސް ކުރިއެވެ. އެއީ 5 އަހަރު ވަންދެން ކޮންމެ އަހަރަކު 15،000 ޔަހޫދީން ފަލަސްޠީނު ބިމުގައި ވަޒަންވެރި ކުރުމަށް ފުރުސަތު ދިނުމަށެވެ. މީގައި ދެން ފާހަގަކުރާ މުހިއްމު އަނެއް ކަމަކީ އަރަބިންނާއި ޔަހޫދީން ގުޅިގެން ހިންގާ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު 10 އަހަރު ތެރޭ އުފެއްދުމެވެ. 

އުސްމާނީ ޚިލާފަތުން އިނގިރޭސި އިސްތިއުމާރަށް ޤުދުސް ބީވި ދުވަސް

ބެލްފޯރ ޑެކްލެރޭޝަން

2 ނޮވެމްބަރ 1917 ވެގެން ގޮސްފައިވަނީ ފަލަސްޠީނުގެ މިހާރު މިފެންނަ މައްސަލައިގެ "ރަސްމީ ފެށުމަށް" ކަމުގައި ބުނެވިދާނެއެވެ. އެދުވަހު، އޭރުގެ އިނގިރޭސި ހާރިޖީ ވަޒީރު، އަރތާރ ބެލްފޯރ، އިނގިރޭސިވިލާތުގައި ހިނގަމުން އައި ޒަޔަނިސްޓް ހަރަކާތް ތަކުގެ ވެރިޔާ، ލޯރޑް ރޮޑްތްޗައިލްޑަށް ސިޓީއެއް ދިނެވެ. އެއީ އިނގިރޭސި ވެރިކަމާއި، ޝާހީ ޢާއިލާއިން، ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގައި މަދަދުދާރުވެ އެކަމަކަށް މަގުފަހިކޮށްދިނުމުގެ ޖާމިނުވުމެވެ. މަޝްހޫރު ބެލްފޯރ ޑެކްލަރޭޝަނެވެ. 

ޔަހޫދީން ހިޖުރަކުރުން 

1917 އިން ފެށިގެން އޭރުގެ ލީގް އޮފް ނޭޝަންސް، (މިހާރުގެ ޔޫއެން ނުވަތަ އދ) އިން ވަނީ ފަލަސްޠީނުގެ ބެލެނިވެރިކަން އިނގިރޭސި ސަރުކާރާ މަތިކޮށްފައެވެ. މިފުރުސަތުގެ ބޭނުން ހިފާ، އިނގިރޭސިންގެ މަދަދުވެރިކަން ލިބި، ޒަޔަނިސްޓް ހަރަކާތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީން ފަލަސްޠީނަށް ޖަމާކުރަންފެށިއެވެ. އޭރުވެސް ޒަމާނުއްސުރެ މުސްލިމުންގެ ބެލުމުގެ ދަށުގައިވެސް ފަލސްޠީނުގައި އުޅެމުންދިޔަ ޔަހޫދީން އެގޮތުގައި ފަލަސްޠީނުގައި އުޅެމުންދިޔައެވެ. މިއީ ލީގް އޮފް ނޭޝަންސް އިން މަތިކުރި ބެލެނިވެރިކަމުގެ އުސޫލާ ތަޢާރަޒުވާކަމެކެވެ. ބޮޑު ހަނގުރާމަ ނިމުނު އިރު ފަލަސްޠީނުގައި ތިބި ޔަހޫދީންގެ އާބާދީ އަކީ ގާތްގަނޑަކަށް 60،000 ކަމަށް ލަފާކުރެވެއެވެ. މިތަނުގައި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، އުސްމާނީ ޚިލާފަތުގައި ދެ ފަހަރެއްގެ މަތިން (1882 އިން 1903 އަދި 1903އިން 1914) ޔަހޫދީންނަށް ފަލަސްޠީނުން ހިމާޔަތް ދީ، އެބިމުގައި ވަޒަންވެރި ވުމުގެ ފުރުސަތު ދިނެވެ. އެއީ އޭރު ފުޅާވަމުން އައި ރޫސީ ބާރުވެރިކަމުގައި އެއިއްތިހާދުގެ ހުޅަނގުން (މިހާރުގެ ޕޯލަންޑާއި ޔޫކްރޭން) އިން ޔަހޫދީންނަށް ކުރިމަތިވި ކަންތަކުން ހިމާޔަތް ދިނުމަށެވެ.  ލީގް އޮފް ނޭޝަންގެ ހުއްދަޔާއެކު އިނގިރޭސިން ފަލަސްޠީނުގެ ބެލެނިވެރިކަން ނެގިއިރު އެ ޤައުމުގައި ޔަހޫދީންގެ އާބާދީ އަކީ %9 ކަމަށްވިޔަސް،  އޭގެ 18 އަހަރު ފަހުން، 1935 ގައި ޔަހޫދީ އާބާދީ އަކީ ފަލަސްޠީނުގެ %27 އެވެ. ޔަހޫދީ އާބާދީ މިހާ ބޮޑަށް އިތުރު ކުރެވުމަކީ، އިނގިރޭސިންގެ ވައުދު ފުއްދާ ފަލަސްޠީނުގައި ޔަހޫދީ ދައުލަތް ޤާއިމު ކުރުމަށް އެމީހުން ނެރުނު ހުއްޖަތަކަށް ހެދިއެވެ. އަދި މައްސަލަ 1947 ގައި  އދ އަށް ހުށަހެޅިއެވެ. އޭރު ފަލަސްޠީނުގެ ރައްޔިތުންނާއި، އެބިމަށް ހިޖުރަ ކުރި ޔަހޫދީންގެ މެދުގައި ވަނީ ބިމާއި، މުދަލުގެ ތަޅާފޮޅުން ޤައުމިއްޔަތުގެ ހުޅުގަނޑަކަށް ބަދަލުވެފައެވެ. އިނގިރޭސި އަދި ހުޅަނގުގެ މަދަދާއެކު އދ އިން 29 ނޮވެމްބަރ 1947 ގައި ނިންމީ ފަލަސްޠީނު މައްސަލައަށް އޮތް ހައްލަކީ ވަކި ދެ ދައުލަތް އުފެއްދުން ކަމަށެވެ. އަދި މި ދެ ދައުލަތުންކުރެ ދައުލަތެއްގެ ބެލުމުގެ ދަށަށް ނުގޮސް ވަކިން އދ ގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބައިނަލް އަޤްވާމީ ސަރަހައްދެއްގެ ގޮތުގައި ޤުދުސް ބޭއްވުމެވެ. 

އިޒްރޭލު ދައުލަތް އުފެދުން

 1917 އިން 1947 އަށް އިނގިރޭސިންގެ އަތްދަށުގައި އޮތް ފަލަސްޠީނުން އެމީހުން ފޭބީ 15 މޭއި 1948 ގައެވެ. އޭރު ފަލަސްޠީނުގެ އެތެރޭގެ ހަމަ ނުޖެހުންތަކަށް ހައްލެއް ނުގެނެސް އަދި އދ އިން ނިންމި ދެ ދައުލަތުގެ ހުށަހެޅުންވެސް ތަންފީޒުކޮށްފައި ނުވެއެވެ. އެއީ ޔަހޫދީންވެސް އަދި ފަލަސްޠީނުގެ މީހުންވެސް ރުހޭ ހުށަހެޅުމެއްނޫނެވެ. އޭގެ 1 ދުވަސް ކުރިން 14 މޭއި 1948 ގައި މިހާރު މިފެންނަ އިޒްރޭލުން ފަލަސްޠީނާ ވަކިވެ މިނިވަން ދައުލަތެއް އިއުލާން ކުރިއެވެ.  އެއާއެކު، ޖެހިގެން އައި ދުވަހު، މިސްރާއި، ޢުރުދުން، ސޫރިޔާ ، ލުބުނާން އަދި އިރާޤް އިން ފަލަސްޠީނުގެ ބިންތަކުގެ ހިމާޔަތުގައި އިޒްރޭލާ ދެކޮޅަށް ތެދުވުނެވެ. ނަމަވެސް ހުޅަނގުގެ މަދަދާއެކު، އަރަބި އިޒްރޭލުގެ ފުރަތަމަ ހަނގުރާމަ ނިމިދިޔައީ އިޒްރޭލު ބޮޑު ކާމިޔާބެއް ހޯދައިގެންނެވެ. މިކަމުގެ ތެރޭ ފަލަސްޠީނުގެ އެތަށް އަވަށެއް ނައްތާލާ، 750،000 ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ އެމީހުންގެ ބިމުގައި ރެފިއުޖީންނަށް ހަދާލިއެވެ. މުޅި ފަލަސްޠީނުގެ %78 ބިން އިޒްރޭލުގެ އަތްދަށަށް ގެންދިޔައެވެ. ބާކީ އޮތް ބިންކޮޅު ދިޔައީ މިސްރާއި އުރުދުންގެ ބެލުމުގެ ދަށަށެވެ. ފުރަތަމަ ނަޤަބާ ނުވަތަ  ފުރަތަމަ"މުސީބާތް" ކަމަށް ފަލަސްޠީނާއި އަރަބިން މި ޙާދިޘާއަށް ކިޔައެވެ. މިކާމިޔާބީ އާއި އެކު އިޒްރޭލުން އަވަސްވެގަތީ ޔަހޫދީއާބާދީ އިތުރު ކުރުމަށެވެ. މިގޮތުން މިނިވަން ކަން އިއުލާން ކުރުމުން ފެށިގެން 1960 އާއި ދެމެދު ވީ އެއްމެ 12 އަހަރު ތެރޭ ދުނިޔޭގެ އެކި ކަންކޮޅު ތަކުން މިލިއަނެއްހާ ޔަހޫދީން އިޒްރޭލުގައި އާބާދު ކުރިއެވެ. އަދި 'ހޮލޮކޯސްޓް' އިން ސަލާމަތްވި 250،000 ޔަހޫދީންވެސް އިޒްރޭލުގައި ވަޒަންވެރި ކުރިއެވެ. 


ސުއެސް ހަނގުރާމަ

ސުއެސް ކެނަލަކީ ދުނިޔޭގެ އިޤްތިސާދަށް ކިހާ މުހިއްމު ތަނެއްކަން ދިވެހިންނަށް މިހާރު ވަރަށް ރަނގަޅަށް އިނގޭނެއެވެ. އެއީ ދާދި ފަހުން ސުއެސް ކެނަލަށް ބިޔަ އާގުބޯޓެއް ހުރަސްވެ ދުނިޔޭގެ މުދަލުގެ ބާޒާރަށް އެނގުންވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށްވާތީއެވެ. ހަމަ މި މިހުއްމުކަން މިސްރުގެ ރައީސް ޖަމާލް އަބްދުއް ނާސިރަށް ވިސްނިވަޑައިގެން، އިސްތިޢުމާރީ ވަކިތަކުން މިންޖު ކުރެއްވުމަށް، ސުއެސް ކެނަލް ސަރުކާރަށް ނެންގެވީ 26 ޖުލައި 1956 ގައެވެ. މިކަން އިނގިރޭސިންނާއި ފަރަންސޭސިންނަކަށް ހަޖަމެއް ނުކުރެވުނެވެ. އެއާއެކު އިޒްރޭލަށް ވާގިވެރިވެގެން މި ތިން ޤައުމުން މިސްރަށް އެރީއެވެ. އެހެން ނަމަވެސް އެމެރިކާ، ރޫސީން އަދި އދ ގެ ފިއްތުންތަކާހުރެ ޖެހުނީ މިސްރުން ފައިބާށެވެ. މިކަމުގައި މިސްރަށް ލިބުނު އެއްމެ ބޮޑު ފުރުސަތަކީ ތެލުގެ މުއްސަނދި މެދުއިރުމަތީގެ ޤައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ރޫސީންނާއި އެމެރިކާވެސް ބޭނުންވެފައި ވުމެވެ.  މިކަން ވެގެން ދިޔައީ އިނގިރޭސިން ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި އޮތް އޮތުމުގެ ސިއްކަޖެހުން ކަމަށެވެ. އަދި ޖަމާލް އަބްދުއްނާސިރަށް ކާމިޔާބަކަށް ވިއިރު، އިޒްރޭލުން މިސްރުގެ ސަންޢާ އެމީހުންގެ އަތްދަށުގައި އަހަރު ދުވަހު ގެންގުޅެނެވެ. އަދި ޠިރަންގެ ކަނޑުއޮޅި 7 އަހަރަށް ފަހު އިޒްރޭލް ބޭނުންވާގޮތަށް ހުޅުވިގެންދިއެވެ. 


ހަދުވަހުގެ ހަނގުރާމަ

ޠިރަންގެ ކަނޑުއޮޅި އިޒްރޭލަށް ބޭނުން ނުކުރެވޭނެ ކަމަށް މިސްރުގެ ރައީސް ޖަމާލް އަބްދުއްނާސިރު އިއުލާން ކުރެއްވިއެވެ. އެއާއެކު ދެން އައީ 5 ޖޫން އިން 10 ޖޫން 1967 އަށް ކުރެވުނު އަރަބި އިޒްރޭލުގެ މަޝްހޫރު 6 ދުވަހުގެ ހަނގުރާމައެވެ. ހަނގުރާމަ ނިމިގެން ދިޔައީ، އިޒްރޭލުން ޤުދުސް ގެ ބާކީ އޮތް ސަރަހައްދާއި (މަސްޖިދުލް އަޤްސާ ހިމެނޭ އުތުރު ޤުދުސް)، ހުޅަނގު އައްސޭރި، ޢައްޒާ، މިސްރުގެ ސަންޢާ، އަދި ސޫރިޔާގެ ގޯލާންގެ ބިންތަކަށް ވެރިވެގަނެގެންނެވެ. މި ހަނގުރާމައިގެ ތެރޭ، އަރަބި ޤައުމުތަކުގެ، ޚާއްސަކޮށް މިސްރުގެ ސަންޢާގަ ތިބި ޔަހޫދީން އިޒްރޭލަށް ރެފިއުޖީންގެ ގޮތުގައި ދިޔައެވެ. އަދި ފަލަސްޠީނުގެ 350000 އަށް ވުރެ ގިނަ މީހުން ރެފިއުޖީންނަށްވެ، ފަލަސްޠީނުގެ ހަޤީގީ ވަޒަންވެރިންގެ އެމީހުންގެ ބިމުގައި ރެފިއުޖީވެނިމުނެވެ.. ދެވަނަ ނަޤަބާ ނުވަތަ  ދެވަނަ "މުސީބާތް" ކަމަށް ފަލަސްޠީނާއި އަރަބިން މި ޙާދިޘާއަށް ކިޔައެވެ.

ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިންތަކުން ނެރެލުމުން ރެފިޖީންގެ ގޮތުގައި ދިއުން


އިތުރު ހަމަ ނުޖެހުންތައް

އިސްވެ ބުނެވުނު ހަމަނުޖެހުންތަކާއި ހަނގުރާމަ ތަކުގެ އިތުރުންވެސް، އަރަބި އިޒްރޭލުގެ ކުރިމަތިލުންތައް ހިނގާފައިވެއެވެ. މުސްލިން ޤައުމަކަށް އެއްމެ ފުރަތަމަ އިޒްރޭލު ބަލައިގަތް މުސްލިމް ޤައުމަކީ ތުރުކީ އެވެ. އެއީ އިޒްރޭލް އުފެދުނުތާ 1 އަހަރު ފަހުން 1949 ގައެވެ. 26 މާރޗް 1979 ގައި ސަންޢާގެ ބިންތަކުން ފޭބުން ޝަރުތުކޮށް މިސްރުން އިޒްރޭލް ޤައުމެއްގެ ގޮތުގައި ބަލައިގަތެވެ. މިހިސާބުން އަރަބިން އިޒްރޭލުގެ ހަމަނުޖެހުން ހިނގިކަމުގައިވިޔަސް، ކުރިޔާ ޚިލާފަށް ޖަމަޢުކޮށް ގުޅިގެން ފަލަސްޠީނުގެ މިނިވަން ކަމަށްވުރެ، އިޒްރޭލުގެ ވަށައިގެން ތިބި ޤައުމުތައް، މިސްރު، ސޫރިޔާ، ޖޯޑަން އަދި ލުބުނާން ބެލީ އެބައެއްގެ ބިންކޮޅުގެ ހިމާޔަތުގައި ކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ. 

1964 ވަނަ އަހަރު ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތުް ކުރުމާއި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރުމަށް ޕީއެލްއޯ އުފެދުނެވެ. އަދި އެފަދަ އެހެން ޖަމާއާތްތައްވެސް އުފެދުނެވެ. 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން މިހާރު އެކުރަމުންދާ ބީދައިން ހިފާފައިވާ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށިއެވެ. މިހާހިސާބުން ފަލަސްޠީނުގެ މީހުންނަށް އެމީހުންގެ މިނިވަންކަމާއި ޤައުމިއްޔަތުގެ ހިމާޔަތުގައި ހަށި ފޮޅާލުން ނޫންގޮތެއް ނެތްކަން އެނގުނެވެ. އަދި 9 ޑިސެމްބަރ 1987 ވަނަ ދުވަހު ފަލަސްޠީނުގެ ފުރަތަމަ އިންތިފާޟާ ފެށިެގެންދިޔައެވެ. 270 އިޒްރޭލް މީހުންނާއި 2000 އާއި ގާތް ކުރާ އަދަދަކަށް ފަލަސްޠީނު ރައްޔިތުން މި ހަމަނުޖެހުންތަކުގައި މަރުވިއެވެ. އެ ހަމަނުޖެހުންތަކުގެ ރަސްމީ ނިމުމެއް އައީ 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމާ އެކުގައެވެ. 


އޮސްލޯ މުޢާހަދާ

ފަލަސްޠީނުގެ ސުލްހައިގެ ވާހަކަތައް ސިއްރިއްޔާތުގައި 1992 ވަނަ އަހަރު ފެށިގެން ދިޔައެވެ. އަދި ގިނަ ބައްދަލުވުންތަކަށް ފަހު 1993 ވަނަ އަހަރު ސެޕްޓެމްބަރ 13 ވަނަ ދުވަހު މަޝްހޫރު އޮސްލޯ އެއްބަސް ވުމުގައި ފަލަސްޠީނުގެ ރައީސް ޔާސިރު އަރަފާތާއި، އިޒްރޭލުގެ ބޮޑުވަޒީ ރޭބިން, އެެމެރިކާގެ ރައީސް ބިލްކްލިންޓަންގެ ހާޒިރުގައި ސޮއިކުރިއެވެ. މިހިސާބުން ފަލަސްޠީނުން އިޒްރޭލު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތީއެވެ. އަދި އިޒްރޭލުން، ޢައްޒާ އާއި ހުޅަނގު އައްސޭރިން ފައިބާ ފަލަސްޠީނުގެ ސަރުކާރާ 5 އަހަރު ތެރޭ ހާވާލުކޮށް ނިންމަންޖެހޭގޮތަށެވެ. އަދި 1995 ވަނަ އަހަރާއި 1998 ވަނަ އަހަރު އިތުރު އެއްބަސްވުންތަކެއްގައި ސޮއި ކުރެވުނެވެ. އެހެން ނަމަވެސް، 2000 ވަނަ އަހަރު ޖެހުނު އިރުވެސް،  (އޮސްލޯ އެއްބަސް ވުމަށް އަމަލުކުރި ނަމަ ޢައްޒާ އާއި ހުޅަނގު އައްސޭރިން ފައިބަންޖެހޭތާ އިތުރު 3 އަހަރު ފަހުން) އިޒްރޭލުން ޢައްޒާގެ %15 އަދި ހުޅަނގު އައްސޭރީގެ %70 އިން ނުފޭބިއެވެ. ބަދަލުގައި ދިޔައީ އިތުރު އާބާދީ ތައް އުފައްދަމުންވެ. އެހެން ކަމުން އޮސްލޯގެ އެއްބަސް ވުމުގެ މަންފާއެއް ފަލަސްޠީނަކަށް ނުކުރެއެވެ. 28 ސެޕްޓެމްބަރ 2000 ވެގެން ދިޔައީ ފަލަސްޠީނުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލިދުވަހަކަށެވެ. އިޒްރޭލުގެ އޭރުގެ އިދިކޮޅު ލީޑަރ އެރިއަލް ޝެރޯން ބޮޑު ފައުޖެއްގެ ހިމާޔަތުގައި ޤުދުސަށް ގޮސް މަސްޖިދުލް އަޤްސާ ގެ ޙުރުމަތް ކަނޑާލީއެވެ. އެއާއެކު ދެވަނަ އިންތިފާޟާ ފެށިގެންދިޔައެވެ. ފަލަސްޠީނުގެ 3100 އަށްވުރެ ގިނަ މީހުންނާއި އިޒްރޭލުގެ 420 ވަރަކަށް މީހުން މި ހަމަނުޖެހުންތަކުގައި މަރުވިއެވެ. 2004 ނޮވެމްބަރުގައި ފަލަސްޠީނުގެ ރައީސް ޔާސިރު އަރަފާތު ބަލިހާލަތު ބޮޑު ވުމާއި، އެއާއިއެކު ވެެރިކަމަށް ހިފުމުގައި ފަތަޙަ ޖަމާޢަތާއި ހަމާސްގެ ވާދަވެރިކަން ބޮޑުވިއެވެ. އަދި ޢައްޒާގެ ވަށައިގެން އިޒްރޭލުން ރޭނި ފާރުވެސް ފަލަސްޠީނުގެ ދެވަނަ އިންތިފާޟާގެ ސިއްކަޖެހުނު ސަބަބުތަކުގެތެރޭ ހިމެނެއެވެ. 

ޔާސިރު އަރަފާތު

ދޭތެރެއަކުން ހަމަލާ ބަދަލު ކުރެވި އަނެއްކާވެސް މަޑުޖެހިލާ ހަމަ ހިމޭން ކަމެއްގޮސް، މިފަދަ ގޮތަކަށް މަސްރަހު ހޫނުކޮށް އެހެނަސް ހަނގުރާމަ ނުކޮށް އޮތުމަށް ފަހު ޙަމާސް ޖަމާޢަތް ނެތިކޮށްލުމަށް 2014 ވަނަ އަހަރު އިޒްރޭލުން ހަނގުރާމަ އިއުލާނު ކުރިއެވެ. 7 ހަފުތާ އަށް ދެމިގެން ދިޔަ ހަމަލާ ތަކަށް ނިމުން އައިއިރު އިޒްރޭލުގެ 67 މީހުންނާއި ފަލަސްޠީނުގެ 2200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. 


އަރަތާފަތަށް ފަހު ފަަލަސްޠީނު

1959 ވަނަ އަހަރު ޔާސިރު އަރަފާތު ފަތަޙަ ޖަމާޢަތް އުފެއްދިއެވެ. ފަތަޙަ ފުރަތަމަ މަޝްހުރުވެގެން އައީ ފަރަންސޭސިން ބަލިކުރުމުގައި އަލްޖަޒާއިރު ގައި ބޭނުންކުރިފަދަ ގޮރިއްލާ ހަމަލާ ދިނުމުގެ އުކުޅުގައި އަރާހުރި، އިޒްރޭލަށް ނުރައްކާ ބޮޑު ޖަމާޢަތެއްގެ ގޮތުގައެވެ. އަދި މިގޮތަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެތަކެއް ޖަމާޢަތްތަކެއް ދިޔައީ އުފެދެމުންނެވެ. 1969 ވަނަ އަހަރު އަރަބި ލީގުގެ ނިންމުމާއެކު، މިސްރުން އިސް ދައުރެއް އަދާކޮށް ކުރިން ބުނެވި ދިޔަ ޕީއެލްއޯ ގެ ޗެއާރމަނަކަށް އަރަފާތު ވިއެވެ. އަދި 1973 ވަނަ އަހަރު ޕީއެލް އޯ އަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ފަލަސްޠީނު ރައްޔިތުންނާއި ފަލަސްޠީނު މައްސަލައިގެ މަންދޫބު ނުވަތަ ސަރުކާރު ކަމަށް ކަނޑައެޅިގެން ދިޔައެވެ. އެހިސާބުން ފެށިގެން 2004ވަނަ އަހަރު އަވަހާރަ ވުމާ ހަމަޔަށް ފަލަސްޠީނުގެ "މޫނުމަތި" ކަމަށް ވީ އަރަފާތެވެ. އަދި އޭނާގެ ހިތްވަރާއި ފަލަސްޠީނުގެ މައްސަލާގައި ހުޅަނގުންނާއި އެމެރިކާ އަދި އިޒްރޭލުން ހުށަހަޅާ ހުށަހެޅުންތަކުން ފަލަސްޠީނުގެ ޙައްޤެއް އުނިވިޔަ ނުދޭން ދޫނުދެއްވި ހަރުދަނާކަމެވެ. އަރަފާތަށް ފަހު 2006 ގައި ބޭއްވުނު އިންތިޚާބުގައި އަރަފާތުގެ ފަތަޙަ ޖަމާޢަތުގެ މައްޗަށް ހަމާސް ކުރިހޯދިއެވެ. މިކަމަކީ ޑިމޮކްރަސީއަށް ވަކާލާތު ކުރާ ހުޅަނގާއި އެމެރިކާ އަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ. އަމުދުން ހަމާސްގެ ޖާނުން ފިދާވުމުގެ ހަމަލާގެ ހިތިކަން ލިބިފައިވާ އިޒްރޭލަށް މިކަން އެއްގޮތަކަށްވެސް ކަމުނުދިޔައެވެ. ޚުދު ގިނަ އަރަބި ޤައުމުތަކުން ވެސް މިކަން ބަލައިގަނަން ބޭނުން ނުވިއެވެ. ނަތީޖާ އެއްގެ ގޮތުން އިންތިޚާބުވި މަޖިލިސްގެ ބޭނުން ކެނޑުނެވެ. ދުނިޔޭގެ ޤައުމުތަކުން ހަމާސް ސަރުކާރު ބަލައިނުގަނެ ހުރިހާ ކަމެއްގައި ޕީއެލްއޯ އާއެކު ކުރިއަށްދާން ނިންމި އެވެ.  

ޢައްޒާ އައި ހުޅަނގު އައްސޭރި ވަކިވެދިއުން

 ފަލަސްޠީނުގެ އެތެރޭގެ ހަމަނުޖެހުން ވެގެން ދިޔައީ އަރަބިންނަށް ވެސް ބޮޑު ނުރައްކަލަކަށެވެ. 2007 ވަނަ އަހަރު ފަތަޙަ އަދި ހަމާސްގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނީ ސައުދީއަރަބިއްޔާ އިން މައްކާގައި ބޭއްވި ވާހަކަ ތަކަށް ފަހުއެވެ. އެހެނަ ނަމަވެސް އޭގެ ފަހުންވެސް ހަމަ ނުޖެހުން ހިނގިއެވެ. ޖޫން 2007 ވެގެން ދިޔައީ ފަލަސްޠީނުގެ އެތެރޭގެ ބައިބައިވުން ރޮނގުދަމާލެވުނު ދުވަސްކޮޅަށެވެ. ލޭއޮހޮރުންތަކާއެކު މައްސަލަ ނިމި ދިޔައީ ހަމާސް އިން ޢައްޒާގެ ކޮންޓްރޯލު ނަގާ، އައި ރައީސް އައްބާސް ހުޅަނގު އައްސޭރީގައި ވަގުތީ ސަރުކާރެއް އުފަދަވައިގެންނެވެ. ދުނިޔެ ބަލައިގަތީ މިދެންނެވި ވަގުތީ ސަރުކާރެވެ. ޢައްޒާގައިވާ ހަމާސް ނެތިކޮށްލުމަށް އިޒްރޭލުން ވަރަށް ބޮޑަށް ބޭނުންވެއެވެ. 2008، 2012 އަދި 2014 ގައި އިޒްރޭލާ ހަމާސް އާއި ދެމެދު ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގިއެވެ. އަދި މިމުއްދަތުތެރޭ ހިނގި ހަމަނުޖެހުންތަކުގައި 4000 ވަރަކަށް ފަލަސްޠީނު މީހުންނާއި، 100 އާއި ގާތް ކުރާ އަދަދަކަށް އިޒްރޭލު މީހުން މަރުވިއެވެ.  ދެން އައީ ދޭތެރެއަކުން ހަމަލާ ތަކެއް ބަދަލު ކުރެވުނު ނަމަވެސް ފުދޭވަރަކަށް ހަމަހިމޭންކޮށް ދިޔަ 7 އަހަރެވެ. އެހެން ނަމަވެސް މި 7 އަހަރު އިޒްރޭލުން ވަނީ ޢައްޒާ އަކީ ޖަލަކަށް ބަދަލުކޮށްފައެވެ. މުޅި ދުނިޔެއާއި ގުޅުން ކަނޑުވާފައެވެ. ނަތީޖާއެއްގެ ގޮތުން އިޤްތިސާދު ހަލާކުވެ، ޢައްޒާ ވަނީ ނިކަމެތި ވެފައެވެ. މިހާރު ކުރެވެމުން އެދާ ހަނގުރާމައަކީ، މިބުނެވުނު ޢައްޒާ އައި އެތަނުގައި ވެރިކަންކުރާ ޙަމާސް އާއި ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. 

މުސްލިމް، ނަސާރާ، އަދި ޔަހޫދީ ދީންގެ ބަޔަކު އެއްބައިވަންތަކަން ދައްކާ، ކޮވިޑް އިން ސަލާމަތް ވުމަށް އެދި ޤުދުސްގައި ދުޢާ ކުރަނީ


ފަލަސްޠީނުގެ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. އެތަކެއް ޒަމާންޔަކެއްގެ ތާރީޚެއް އޮތް މަައްސަލައެކެވެ. ޤުދުސަކީ މުސްލިމުންގެ އިތުރުން ޔަހޫދީންނާއި ނަސާރާއިންގެވެސް އަޤީދާ އާއި ގުޅިފައިވާ ބިމެކެވެ. މައްސަލަ މިހާ ދިގު ދެމިގެންދާ މައިގަނޑު ސަބަބަކީ ވެސް މިއެވެ. ފަލަސްޠީނާއި އިޒްރޭލުގެ ހަމަނުޖެހުން ހިނގާ ކޮންމެ ފަހަރަކު، ދެންމެ ދެންމެ މިކަން ކޮޅެއްގައި ޖެހެނީހެން ހީވެއެވެ. އެހެން ނަމަވެސް މަސްރަޙަށް ބަލާއިރު މިއަކީ އަދި އެހާ ފަސޭހަ ކަމެއްހެން ވެސް ހީނުވެއެވެ. ކަށަވަރުވާ ކަމަކީ މިމައްސަލައަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމެވެ. 



މަަސްދަރުތައް: 

https://www.palestineremembered.com/Acre/Palestine-Remembered/Story564.html

https://www.un.org/unispal/history/

https://www.arij.org/atlas40/intro.html

https://brewminate.com/crusader-states-in-the-medieval-levant/

https://www.dailysabah.com/feature/2018/05/18/400-years-of-peace-palestine-under-ottoman-rule

https://books.google.mv/books?id=AnJIfuDAtp4C&pg=PA13&redir_esc=y#v=onepage&q&f=false

https://www.history.com/topics/middle-east/zionism

https://history.state.gov/milestones/1945-1952/arab-israeli-war#:~:text=The%20Arab%2DIsraeli%20War%20of%201948%20broke%20out%20when%20five,Israel%20on%20May%2014%2C%201948.&text=The%20United%20Nations%20resolution%20sparked,and%20Arab%20groups%20within%20Palestine.

https://www.lancaster.ac.uk/normanedge/All%20other%20stuff/Andrew%20Jotischky,%20%27Franks%20and%20Natives%20in%20the%20Crusader%20States%27.pdf

https://frenchofoutremer.ace.fordham.edu/index-of-sources/sources-by-local/levant/

https://www.aljazeera.com/features/2018/6/4/the-naksa-how-israel-occupied-the-whole-of-palestine-in-1967

https://www.jewishvirtuallibrary.org/british-white-paper-of-1939

https://www.theguardian.com/world/2006/jan/26/israel1

https://www.metmuseum.org/toah/hd/crus/hd_crus.htm

https://en.wikipedia.org/wiki/Bilad_al-Sham#Muslim_conquest_of_Syria

https://en.wikipedia.org/wiki/Timeline_of_the_Kingdom_of_Jerusalem

https://en.wikipedia.org/wiki/Aliyah

https://en.wikipedia.org/wiki/Mamluk_Sultanate_(Cairo)

https://en.wikipedia.org/wiki/United_Nations_Partition_Plan_for_Palestine

Photo:  

Arafat: https://www.latimes.com/world/worldnow/la-fg-wn-arafat-poisoned-test-results-20131015-story.html

Agsa mosque: https://small-khadem.blogspot.com/2009/10/dont-confuse-with-al-aqsa-mosque.html

Ottaman : https://www.palestinechronicle.com/remembering-the-ottoman-empire-in-palestine/

https://orientxxi.info/l-orient-dans-la-guerre-1914-1918/the-jewish-yishuv-in-ottoman-palestine,0733

https://www.thejc.com/comment/opinion/empathy-in-the-israel-palestine-conflict-a-new-approach-to-peace-1.62406

https://www.archyde.com/jews-muslims-and-christians-pray-together-for-the-first-time-in-jerusalem-to-end-the-coronavirus/