ފެނުމުން އެލިސްޓު... އެމުނޭ މި ހާސަރު...

ދަންނަވަންތޯއެވެ؟ މިއުޅެނީ ސިޔާސީ ވާހަކަ ދައްކާކަށް ނޫނެވެ. ސިޔާސަ ވާކަށްވެސް ނޫނެވެ. މިއުޅެނީ، މި ބިމަށް ނިސްބަތްވާ، ދިވެހި ލޭހިނގާ ދިވެހި ދަރިއަކަށް ވީތީ، މިޤައުމަށް ހިތުގައި ކުލުނަކާއި ލޯތްބެއް އޮތަތީ، އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރު ތެދުވެރިކަމާއެކު ދަންނަވާލެވޭތޯއެވެ.

11 މޭއި 2021 ވެގެން މިދިޔައީ ދިވެހި ތާރީޚުގައި ފާހަގަ ކޮށްލެވޭނެ ދުވަހަކަށެވެ. މިފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ، އެމް.އެމް.ޕީ.އާރ.ސީ ގެ މަައްސަލާގައި ޚިޔާނާތްތެރިވި ކަމަށް ބެލެވޭ ދިގު ލިސްޓެއް ރައްޔިތުންނާއި ހަމަޔަށް ތިލަވި ދުވަހެވެ. މިއީ 27 އޮކްޓޯބަރ 2015 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ބައްލަވަން ފެށި ހިސާބުން ފެށިގެންވެސް އަދާ ހަމައަށް، ޢާއްމުންނާ ހިސާބަށް މި މައްސަލައިގެ ތަފްސީލުތައް މިހާ ތިލަކޮށް ފެންމަތިވި ފުރަތަމަ ފަހަރެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، މިމައްސަލަ ބެއްލެވި، ބައްލަވަމުންގެންދަވާ އަދި ރައްޔިތުންނާ ހިސާބަށް މިކަން ގެނެސްދިނުމުގައި ބައިވެރިވި ކޮންމެ މީހަކަށް ޝުކުރުވެރިވަމެވެ. 


ޚީޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 ފަރާތެއްގެ ނަމާ އެކު ރައްޔިތުންގެ މަޖިލިސް އިން މިއަދު ލިސްޓު ޢާންމު ކުރުމުން އުފެދޭ ސުވާލަކީ ދެން ވާންވީ ކިހިނެއްތޯއެވެ؟ ޖަވާބު ސާފެވެ. އެއްފަރާތް ވާންވީއެވެ! ނުވަތަ އިސްތިއުފާ ދޭން ވީއެވެ! 

މިއީ ފަސޭހަ އަދި ކުޑަ ކަމެއްގެ ވާހަކަ އެއް ނޫނެވެ. އެއްފަރާތްވެ އިސްތިއުފާ އޭ ދަންނަވާއިރު އެ 281 މީހުން ކުރެ އެކަކީވެސް ޝަރުޢީ ކޯޓަކުން މިމައްސަލާގައި ޙުކުމް އައިސްފައިވާ މީހެއް ނޫނެވެ. އެހެން ކަމަށްވާނަމަ، ކުށެއް ސާބިތު ނުވާހާ ހިނދަކު އޭނާ ކުއްވެރިއަކަށް ނުވާނެއެވެ، ތެދެކެވެ. އެއީ އެކަން އޮތް ގޮތެވެ. އަދި މީހަކު ތަނެއްގައި ހުރެފަ ތިޔައީ ވަގެކޭ ބުނާ އިރަށް އަޅުގަނޑު ވަގަކަށް ނުވާނެއެވެ. ވާން ނުވެސް ޖެހެއެވެ. 

އެހެން ކަމަށް ވާނަމަ، ދެން އުފެދޭ ސުވާލަކީ އެއްފަރާތްވުން ނުވަތަ އިސްތިއުފާ ދިނުމުގެ ވާހަކަ ދައްކަނީ ކީއްވެތޯއެވެ.

1-  މިއީ މިފަހުން ރާއްޖޭގައި ހިނގި އެންމެ ބޮޑު އަދި އެންމެ ފުޅާ އެއް ކޮރަޕްޝަންގެ ޢަމަލެވެ. 30 ވަރަކަށް ބިލިއަން ރުފިޔާގެ ބަޖެޓެއް އޮތް ޤައުމެއްގައި 1.4 ބިލިއަން ރުފިޔާ ލޯމަތިން ގެއްލުވާލުމަކީ ކުޑަކަމެއް ނޫނެވެ. އެހެން ކަމަށް ވާނަމަ މިކަމުގައި ހިއްސާވިކަމަށް ތުހުމަތު ކުރެވުމަކީ ކުޑަ ކަމެއްނޫނެވެ. އެފަދަ ބަޔަކު އެއްފަރާތް ނުވާންވީ ކީއްވެތޯއެވެ. 

2- ސާބިތު ނުވުމުގެ ވާހަކައެވެ. މައްސަލައެއްނެތެވެ. ސާބިތު ނުވަނީސް އިސްތިއުފާ ނުދެއްވިޔަސް، މަޤާމުތަކުގެ މަސްއޫލިއްޔަތުން ބަރީއަވާށެވެ. ރިވެތިގޮތަކީ އެއީއެވެ. އަދި ފަސްބައި ކިލަނބުކަމާއި ދުރީވެސް އެގޮތެވެ. އެއްފަރާތް ވާންވީ މި 281 ނަން ނިސްބަތްވާ މީހުން "ވަގުންނަށް" ވީތީ ނޫނެވެ. ވަގުންނަށް ނުވީތީއެވެ!!! ތިމާގެ އިޚުލާސްތެރިކަމާއި، އިންޓެގްރިޓީ ހިފަހައްޓަން ރައްޔިތުން ކުރިމަތީ މިވަގުތު އޮތް ހަމަ އެކަނި ފުރުސަތަކީ އެއީ ކަމަށްވީތީއެވެ. ސިއްރެއް ދަންނަވަންތޯއެވެ؟ މީހެއް ނަމަ އެކިޔާ އުޅޭ، "ސެލްފް ރެސްޕެކްޓް"އް ވެސް އޮންނަންވާނެތާއެވެ. 

3- އަނެއް ސަބަބަކީ މި ލިސްޓް އައި މަސްދަރެވެ. މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނުން ލިބިދޭ ބާރުން އުފައްދަވާފައިވާ ކޮމިޝަނަކުން ހޯއްދެވި ހޯއްދެވުން ތަކެވެ. މަސައްކަތުގައި މަދަދުދާރުވީ ދިވެހި ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް އުފައްދާފައިވާ މުޢައްސަސާއިންނެވެ. ލިިސްޓް ޢާންމު ކުރީ ދިވެހި ރައްޔިތުންގެ މަންދޫބުންގެ ތެރެއިން ހޮވުނު ކޮމެޓީއަކުންނެވެ. އަދި އެކޮމެޓީގައި ރައްޔިތުންގެ މަޖިލިސްގައި އޮތް އެންމެ ބާރުގަދަ 241 ކޮމެޓީ ހިމެނިގެންނެވެ. ދެން މިއީ ތޯތޯ ލިސްޓެކޭ، ދައުލަތް ފޭލި ވަނީއޭ، މަގޭ ވެރިޔާ ތިލިސްޓަކު އޮންނަވަރުކަމެއް ނުކުރާނެޔޭ، ތިއުޅެނީ ބަދުނާމު ކުރާށޭ ގޮވިޔަސް އެކަން ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ނުވާނެއެވެ. މިހާލަތުގައި އެބަހުރުވަ އިސްކުރުންވެސް ވާނީ ކުރެވޭ ކޮސްކަމަކަށެވެ. 

4- މިދަންނަވަނީ ބޮޑު ޚިޔާނާތެއްގެ ވާހަކައެވެ. ދެން އޭގެން ބައި އެޅުނު ކަމަށް ބެލެވޭ ބަޔަކު، ރައްޔިތުންގެ ފައިސާއިން މަންފާ ލިބޭ މަޤާމެއްގައި ހުންނަންވާނީ، އެކަމުން ބަރީއަވެ ސާފުވުމަށް ފަހުއެވެ. މަޖިލިސްތަކާއި، ޕާޓީތަކުގެ މަޤާމުތަކާއި، ސިވިލް ސާވިސް މަޤާމުތަކާއި، އަދި އެނޫންވެސް ދައުލަތުގެ ނުވަތަ ދައުލަތުން ޚަރަދު ކުރާ މުޢައްސަސާއެއްގެ މަޤާމުގައި ހުރުމުން ދެ ކަމެއް އެބަ ގޯސްވެއެވެ. ފުރަތަމަ ކަމަކަށް އޭނާގެ ނަހަމަ ނުފޫޒެއް ފޯރުމުގެ ފުރުސަތު އޮވެއެވެ. އެފުރުސަތު ބޭނުން ކުރާނެއެކޭ ނޫނެވެ. 

5- އެއްމެ މުހިއްމު ނުކުތާ އެންމެ ފަހަށް ބޭއްވީއެވެ. ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ 281 މީހުންގެ ތެރެެއިން ދައުލަތުގެ ނުވަތަ ދައުލަތުން ހަރަދު ކުރާ މުޢައްސަސާއެއްގެ އެއްވެސް މަޤާމެއްގައި މައްސަލަ ނިމެންދެން މި 281 މީހުންގެ ތެރެއިން އެކަކުވެސް ނުހުންނަން ޖެހޭ ސަބަބަކީ މި ދައުލަތުގެޙުރުމަތް ނުކެނޑުމެވެ.  ކަރާމަތް ރައްކާތެރި ކުރުމެވެ. މުޢައްސަސާތަކުގެ އަގު ހިފަހެއްޓުމެވެ. ރައްޔިތުންގެ ހިތުގައި މުޢައްސަސާތަކާއި ދައުލަތަށް އޮތް މަޤާމު ސަލާމަތުން ބޭއްވުމެވެ. 


ތެދެކެވެ. އަޅުގަނޑުގެ އަޑަށް ކިތައްމެ ބާރުލާ މިވާހަކަ ދެއްކިޔަސް ވާނެ ކަމެއް ނެތެވެ. އެހެނަސް، މި ދައުލަތުގެ ކަރާމާތް ރައްކާކުރެވެން ޖެހެއެވެ. ޤާނޫނުގެ ދިގު އަތް ކޮންމެވެސް ދިމާލަކުން ނިކުމެ، މި ލައްގަނޑުން މިޤައުމު ސަލާމަތް ކުރަން އެބަ ޖެހެއެވެ. މި ޝޯ ރައްޔިތުން ބަލާތާ 5 އަހަރު ވީއެވެ.  މިލިސްޓުގައި ވާ ކުށުން ބަރީއަވާ ބަޔަކު ނަމަ އެބަދުނާމުން ސަލާމަތް ކޮށްދޭންޖެހެއެވެ. ކުށްވެރިންނަމަ ޤާނޫން އެމީހުންނާއި ހަމަ ކުރަން ޖެހެއެވެ. މިއީ ޝަރަފުވެރި ފަޚުރުވެރި ޤައުމެއްކަން އެބަ ދައްކަން ޖެހެއެވެ. އިހު ފެނުން ސުމޯޓޯ އުސޫލެއް އަދަކު ފެންނަން ނެތޭ ކިޔާތީ އިވެއެވެ. އެކަމަކު، ދިވެހި ދަރިއަކަށް ވީތީ ދަންނަވަންތޯއެވެ؟ މިދިގު ލިސްޓު އިންސާފުގެ ތަރާދުން ކިރެންދެން ވެސް ދައުލަތުގެ ކަރާމާތް ހިފަހައްޓާ ނަގަހައްޓާނެ ފަރުވާއެއް ޤާނޫނުގެ އަތުން ހޯދަންޖެހެެއެވެ. އެކަން އެހެން ނުވެއްޖެ ނަމަ، އަދުގެ ޖީލުތަކަށް އެދެވެނީ ހާދަހާވާ ހުތުރު ފިލާވަޅެކެވެ. އަންނާންއޮތް ޖީލުތަކަށް އެދޫކޮށްލެވެނީ ހާދަހާވާ ލަދުވެތި މާޒީއެކެވެ. 

ދިވެހި ޤައުމު އަބަދުމެ އަބުރުވެރި، ޤަދަރުވެރި ޤައުމެއްގެ ގޮތުގައި ލަހައްޓަވާށި. އާމީން


ފޮޓޯ: 

https://devpolicy.org/bring-back-our-corruption-and-samuel-huntington-20180827/