ހަރުކަށި ވުމުގެ ވާހަކަ

ހަރުކަށި ވުމާއި، ހައްދު ފަހަނައަޅާ ދިއުމުގެ ވާހަކަ އަކީ މިދުވަސްކޮޅު އެއްމެ ބާރަށް މިމުޖުތަމަޢުގައި ދެކެވޭ އެއް ވާހަކަ އެވެ. ޚާއްސަކޮށް  6 މޭއި  2021 ގައި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ފަހުންނެވެ.

 

ބަހުގެ ގޮތުން "ހަރުކަށި"  ވުމަށް ބަލާލަމާތޯއެވެ؟ 1- އޮބައިލެވޭގޮތާއި ލަނބައިލެވޭގޮތް ނެތުން. 2- އެއްކަށިވުން. 3- ރަޙުމުކުޑަވުން. -4 ކަންތައްކުރުމުގައި ނިޔަނެތި ގޮތްނެތުން.  މި މޭރުމުން ބަލާއިރު މިހާލަތުގައި މިކިޔާ ހަރުކަށި އެންމެ ގާތް ކުރަނީ 3 އަދި 4 ވަނައިގައި އެވާ މާނަ ތަކާއެވެ.

ހައްދަފަހަނައެޅުން މާނަ ކުރެވެނީ މިހާލަތުގައި ވެސް ބޭނުން ކުރާ މާނައިގައެވެ. 1 - ދާންވީ ހިސާބަށްވުރެ މާ އިތުރަށް ދިއުން. 2- ނުބައިކަމުގެ ކޮޅެއްނެތުން.

 

އެހެން ކަމުން މި ލިޔުމުގައި ހަރުކަށިވުމާއި ހައްދު ފަހަނައަޅާ ދިއުން މާނަ ކުރަނީ މުޖުތަމަޢުގައިވާ ހަމަތަކާއި އުސޫލާއި ދޫކޮށް، ޢާންމު މިންގަނޑު ތަކުން ބޭރުވެ، އާދައިގެ ބަހުރުވައިން ބުނާ ހައްދުތަކާއި އިންތަކާއި މިންތައް ފަހަނައަޅާ ދާ ދިއުމަށެވެ. ދިވެހި އިސްލާމީ މުޖުތަމަޢަށް ނުފެތޭ އަދި އެއިން ތިމާ، ނުވަތަ އަނެކުން ނުވަތަ މުޖުތަމަޢަށް ނުރައްކާކުރުވަނިވި ފިކުރުތަކަށެވެ. އާދެ، އިނގިރޭސި ބަހުން ބުނާ އެކްސްޓްރީމިޒްމް ގެ މާނާގައެވެ.  ލިޔުމާއިގެން ދެން ކުރިއަށް ދާނީ، ހަރުކަށި ކަމާއި ހައްދު ފަހަނައެޅުން ދެ ލަފުޒުގެ ގޮތުގައި ތަކުރާރު ނުކޮށް ހަމައެކަނި "ހަރުކަށި ވުން" މި ގޮތަށެވެ.

ދިވެހި މުޖުތަމަޢުގައި ހަރުކަށިވުން އެބަ އޮތްތޯއެވެ؟

ހިތާއައި އެކު ދަންނަވަން ޖެހެނީ މިއަދު ދިވެހި ފަސްގަނޑުގައި މި ނޭއްގާނީ ސިފަ އިންތިހާއަށް އޮތްކަމުގައެވެ. މީގެ މޫ ދިވެހި ފަސްގަނޑުގައި ވަކި ހިއްޕާލާފައި ވަނީ ނުހަނު ވިސްނުންތެރިކަމާއެކު ހޯދާ ބަލާ، އެއަށް ފަރުވާ ނުދެވިއްޖެނަމަ އޭގެ އަސަރު އެތައް ޒަމާނަކުންވެސް މި މުޖުތަމަޢުން ފިލާ ނުދާނެ މިންވަރަކަށެވެ.

ހަރުކަށި ވުމުގެ ބާވަތްތައް:

އަޅުގަނޑަކީ ސަލާމަތީ ކަންތަކާއި ގުޅޭ، ނުވަތަ އަސްކަރީ ކަންތަކާއި ބެހޭ ޢިލްމެއްގެ ވެރިއެއް ނޫނެވެެ. އެހެނަސް، މުޖުތަމަޢުގައި ހިނގާ ކަންތަކާ މެދު ވިސްނާ ފިކުރުކުރާ އަދި ލަޔާޤަތު ތަންދިން މިންވަރަކުން ޚިޔާލު ފާޅު ކުރާހިތްވާ މީހަކަށްވާތީ، މިކަމުގައި ވިސްނާލީމެވެ. އަދި ކޮންމެވެސް މިންވަރަކަށް މިކަމާބެހޭ ގޮތުން ލިވެފައިވާ ލިޔުންތަކެއްވެސް ބަލާލެވުނެވެ.  މީގެ 7 އަހަރު ކުރިން، ދިވެހި މުޖުތަމަޢުގެ ހަރުކަށިވުން  އަޅުގަނޑަށް ބަހާލެވުނީ މައިގަނޑު 3 ބަޔަކަށެވެ. (އޭރުގެ ލިޔުން ކޮޅު) މިއަދު ފަސް އެނބުރި ބަލާ އިރު އެއަކަށް ބަދަލެއް އައިކަމަކަށް ނުފެނެއެވެ.

1-    ދީނީ ގޮތުން ހަރުކަށި ވުން- މިބައި ހިމެނެނީ  އިސްލާމީ މުޖުތަމަޢު ތަކުގައި ބަލައިގަންނަ މެދުމިން ކަމަށް ނުފެތޭ ފިކުރުތަކަށެވެ. މިގޮތުން ދީނީ ކަންކަމުގައި ތިމާ ދެކޭ ގޮތް ނޫން ކޮންމެ ފިކުރެއް ކާފިރުކޮށް، ލޭ ހުއްދަ ކުރާ މީހުން މި މުޖުތަމަޢުގައި އެބަ ތިއްބެވެ. އަނެއް ބަޔަކީ އިސްލާމް ދީނާއި ދުރު ދީނާއި ޚިލާފު ފިކުރުތައް އަދި ދީން ޤަބޫލު ނުކުރުން ފަދަ އިސްލާމް ދީނާއި ބީރައްޓެހި އަދި އެދީން ތަން ނުދޭ ފިކުރު ތަކެވެ.

2-    މިނިވަން ކަމުގައި ހަރުކަށިވުން-  ވަރަށް ކުރުކޮށް ދަންވަނާލެވޭތޯ ބަލާނަމެވެ. މިނިވަންކަމަކީ އަނބި ދަރިން ތަޢުލީމުނުދީ، މުޖުތަމައާއި  އެކަހެރިކޮށް "ކުޑަކޮށީގައި" ގެންގުޅޭ ފިކުރުނަމަ، އެއީ ހަރުކަށި ފިކުރެކެވެ. މިނިވަންކަމަކީ ރާބޮމުން ފަތްބޮމުން، ނުޙައްގުން މީހުންގެ އަބުރާއި، ފުރާނަޔާއި، މުދަލާއި، ކަރާމަތަށް އެރުންނަމަ، އެއީ ވެސް ހަރަކަށި ފިކުރެވެ.

3-    ސިޔާސީ ގޮތުން ހަރުކަށިވުން- ތިމާ ގެ ސިޔާސީ ފިކުރު ނޫން ކޮންމެ ފިކުރެއް ކަމުނުދެެއެވެ. ތިމާގެ ޕާޓީ އިން ކޮންމެ ފަދަ ނޭއްގާނީ ކަމެއް ކުރިޔަސް ތާއިދުކުރެވެއެވެ. ތިމާ ނޫން ސިޔާސީ ފިކުރުން ކިތައްމެ ރަނގަޅު އަދި މުޖުތަމަޢަށް މަންފާ ކުރާ ކަމެއް ކުރިޔަސް އެކަން ގޯސްވެއެވެ. ހިތާމައަކީ މި ހަރުކަށިކަން ފުދޭވަރަކަށް ވުރެ ބޮޑަށް ދިވެހި މުޖުތަމަޢުގައި ވަނީ އަށަގެންފައެވެ.

 

ކުރިން ދެންނެވުނު ފަދައިން މީގެ 7 އަހަރު ކުރިންވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރެވުނެވެ. އަވަސް ފިޔަވަޅު ތަކެއް ނޭޅިއްޖެނަމަ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވިއެވެ. އަދު މިޤައުމުގައި މިކަން އޮތް މިންވަރު ވިސްނާ ލުމުން ފިއްކަނޑައިގެން ދެެއެވެ.   

ދުނިޔެއާއި ރާއްޖޭގެ އެތަކެއް ޢީލްމުވެރިން ކެނޑިނޭޅި ދިން ނަސޭޙަތް ބޮލާލާޖަހާލާ، "ޖިހާދު ކުރުމަށް" އެތަކެއް ދިވެހިން ގޮސްފިއެވެ. އެތަކެއް ޢާއިލާ ހިތްދަތިކޮށްފިއެވެ. މިއަދު ދިވެހި ދަރިންތަކެއް ސީރިޔާ އާއި އަފްޢާން ގެ ބިމުގައި ތިބިކަމީ ޙަޤީގަތެވެ. އެއް ބަޔަކު އެތަނުގައި މަރުވެ ދިޔައީއެވެ. އަނެއްބަޔަކު އެނބުރި އައިއިރު އަދި އިތުރު ބަޔަކު އަައުމައް އެބަތިބި ކަމަށްވެއެވެ. މިއީ އިއްތިފާޤެއް ނޫނެވެ. ޤަސްތުގައި ރާވައިގެން ހިންގާފައިވާ ކަންތަކެވެ. ޚާއްސަކޮށް ކުދިރަށްތަކަުގެ ކުދި މުޖުތަމަޢުތަކަށް މިފިކުރު ފާއްދާލަން ސަމާލުކަން ދޭކަމަށްވެއެވެ.

މީގެ އަނެއް ކޮޅެވެ. އިސްލާމް ދީނަށް ، ކީރިތި ރަސޫލާއަށް މި ބިމުގައި ފުރައްސާރަ ކުރެވުނު ދުވަސް މާޒީ ނުވާކަަމަކަށް ދެން ނުވާނެެއެވެ. އަދި ބޭރުގައި ދިވެހި ދިދަ، އެއްޖިންސުން ގުޅުން ހިންގުމަށް ގޮވާލި ހިނގާލުމެއްގައި ވިހުރުވާލީވެސް މިބިމަށް ފޫޅުކެނޑި ދިވެހި ދަރިއެކެވެ. ދިވެހިން ދުވަހަކު ދެކެން ބޭނުން ނުވާ އަޑުތައް ދިވެހި ރާއްޖޭގައި ރިޕޯޓުގެ ސިފައިގައި ނެރުނުތަން ފެނިއްޖެއެވެ. ދީން ޤަބޫލު ނުކުރާކަމަށް ފާޅުގައި ވާހަކަ ދައްކާ، އެޝުޢޫރުތައް ފާޅުކުރާ ބަޔަކު މިއަދު އެބަތިބި ކަން ޤަބޫލުކުރަން ޖެހެއެވެ. 

 ސިޔާސީ ކަންތަކުގައި ވެސް އަމުދަކުން ތަންފުކެއްވެސް ދެރައެއް ނޫނެވެ. ހިނގައިގެން އުޅޭ ޙާދިޘާ އަށް ބައްލަވާށެވެ. ރައީސް ނަޝީދަށް ދެވުނީ ޝައްކެއްނެތް ގޮތުގައި ނުރައްކާތެރި ޙަމަލާއެކެވެ. ނިބުރުވެރި ޢަމަލެކެވެ. ހަމަ އެހެންމެ، 28 ސެޕްޓެމްބާރ 2015 ވީ ހޯމަ ދުވަހު އޭރުގެ ރައީސް ޔާމީން އަބްދުލްޤައްޔޫމު ހުންނެވި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމަކީ ވެސް ނުރައްކާތެރި ނިބުރުވެރި ހަރަކާތެކެވެ. މި ދެޙާދިސާ އަށް ބައްލަވާށެވެ. ކޮންމެ ޙާލަތެއްގައި ވެސް ޙާލަތު ދިމާވި ބޭފުޅާއާއި ނުރެހޭ ނުވަތަ ފިކުރާ ނުވާ އެތައް ބަޔަކު ޤަބޫލު ކުރީ އަދި ބުނަމުން އައި އެއީ "ޑްރާމާ" ކަމަށެވެ. ޙަޤީގަތާއި، ހަމަ ބުއްދި އާއި، ލޮލަށް ފެންނަ މަންޒަރުތަކަށްވުރެ، ސިޔާސީ ދެކޮޅުވެރިކަން އިސްކުރެވޭނަމަ އެއީ ސިޔާސީ ގޮތުން ހަރުކަށިވުން ނޫން ދެން ކޮންއެއްޗެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. 

ހައްލަކީ ކޮބައިތޯއެވެ؟

1-     ދީނީ ރަނގަޅު މަޢުލޫމާތު ފޯރުކޮށް ދިނުން- ހަޤީގަތުގައިވެސް މިއީ ރަނގަޅު ފަރުވާ އަކަށް ވާނެއެވެ. އެހެނަސް މިއަދު އެ ރަނގަޅު މަޢުލޫމާތު މިވަނީ ވަރަށް ބޮޑަށް އޮޅުން ބޮޅުންވެއެވެ. ދީނުގެ ކަންކަމުގައި ޢީލްމުވެރިންގެ މެދުގައި ހުރި ކުދި ޚިލާފުތައް މުޖުތަމަޢަށް ނެރެ، ތިމާ ނޫން ޢީލްމުވެރިން ގޯސް ކުރަމުންގޮސް، މިއަދު ކޮންމެވެސް "ޓެގެއް" ނެތް ޢިލްމުވެރިއަކު މަދެވެ. އަދި ދީނީ ކަންކަމުގައި އެއް ޢިލްމުވެރިޔަކު ދެއްވާ ރަޢުޔު ގޯސް ކުރައްވާ ހަ ޢިލްމުވެރިން އެބަފެނެއެވެ. އަދި ބައެއް ޢިލްމުވެރިންގެ ޢީލްމުވެރިކަމާއި މެދު ސުވާލު އުފައްދަވާފައި އެބަވެއެވެ. މިހުރިހާ އޮޅުން ބޮޅުންތަކުގެ ތެރެއަށް ތެޔޮއަޅާ، "އިންޓަނެޓް ޝައިޚުން" މަދު ނޫން ކަމަށްވެއެވެ. ދެންތޯއެވެ؟ ޢާއްމު މީހަކު އެގަހުކޭލެއް މިގަހުކޭލެއް ވަކިކުރާނީ ކިހިނެއްތޯއެވެ؟ އޭނާ "ހަރުކަށި ވިޔަސް، މަޑުކަށިވިޔަސް، ނޫކަށި ވިޔަސް" ޚުދު އޭނައަށްވެސް މިވާނުވާ އިނގޭނެތޯއެވެ؟  ދިވެހި މުޖުތަމަޢު ހަމަ މަގަށް އަޅުވަން އެދޭނަމަ، ޢިލްމުވެރިން އެއްބަސް ކިޔަން އެބަޖެހެއެވެ. އެބޭފުޅުންގެ މެދުގައި ވާ ޢީލްމީ ބަޙުޘްތަކާއި ޚިޔާލު ތަފާތުވުންތައް މުޖުތަމަޢުތެރެއަށް ފާއްދާލުން ހުއްޓެންވީއެވެ. އެބަޙުޘްތައް ޢިލްމީ މެހެފިލްތަކުގައި ކުރައްވާށެވެ. ޢިލްމުވެރިންގެ ޢިލްމީ "ހަނގުރާމަ" ފެނުންމުން މައްސަލަޖެހޭނެކަން ދިވެހި ތާރީޚްވެސް ހެކިދެއެވެ. ރައީސް އަމީންގެ ދުވަސްވަރު ބަޙުޘް ކުރެއްވުމަށް މާލޭ ހިކިފަސްތަނުން ފެއަށްޖެހުނުވާހަކަވެސް އެހީމެވެ. ރަނގަޅު ދީނީ މަޢުލޫމާތު ދެވޭނީ ޢިލްމުވެރިން ދުރަށް ވިސްނަވާ، ޙިކުމަތްތެރިކަން އިސްކޮށްގެންނެވެ. މީހުން ގެ އޮޅުންބޮޅުން ފިލާނީ އޭރުންނެވެ. 

2-     ތަރުވަބީ މައިދާން ހަރުދަނާކުރުން- މިއަދު ދަރިފުޅު 3 އަހަރުން ފެށީގެން މަދުރަސީ ދައުރު އެބަފަށައެވެ. ވާދަވެރި ނަތީޖާގެ ރޭހަކަށް އެބަ އަރައެވެ. މޮޅު ނަތީޖާގެ ވާދަވެރިކަމުގައި، އަނެކުންގެ އިހުސާސް ތަކާއި،  ރިވެތި ގޮތުގައި މުޢާމަލާތުކުރުމާއި، ތަފާތުތައް ތަޙައްމަލު ކުރުންފަދަ އަސާސީ ހުނަރުތައް ހަރުނުލާދާތަން އެބަ އާދެއެވެ. ބެލެނީ ޑޮކްޓަރަކަށް ވޭތޯއެވެ. އިންޖިނޭރަކަށް ޕައިލެޓަކަށް ހެދޭތޯއެވެ. އޭގެ ކުރިން އިންސާނަކަށް ވީތީ، އިސްލާމަަކަށް ވީތީ، ދިވެއްސަކަށް ވީތީ ކުއްޖާގެގައިގާ ހަރުލައްވަންޖެހޭ ސިފަތަކާއި، ޤަބޫލުކުރުންތަކާއި، ހުނަރުތައް ހަރު ނުލެއްވުމުން، ކުއްޖާގެ ޝަޚުސު ބިނާ ނުކުރެވެނީއެވެ. އިނގިރޭސިބަހުން ކިޔާ އައިޑެންޓިޓީ ބިލްޑް ނުވަނީއެވެ. އެހެން ކަމުން ބަޔަކު ދައްކާހާ މަގަކަށް ފަހުން ސޮއްސާލުމަށް އޭނާއަށް ވަރިހަމަވާނެއެވެ. މިބަހާތައް ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ނެތެކޭ ނުދަންނަވަމެވެ. އެހެނަސް ފޮތެއް އޮތަސް އެދުރެއް ނުވެޔޭ ކިޔާ އަޑުވެސް އަހަމެވެ.

3-     މުޖުތަމަޢު ގެ ރޯލު- މިކަމަކީ ހަމަ އެކަނި ޢީލްމުވެރިންނާއި މައިންބަފައިންގެ ބޮލުގައި އަޅުވާލުމުން ފުދޭވަރު ކަމެއް ނޫނެވެ. މިއީ އެއަށްވުރެ ފުޅާ، އަދި މުހިއްމު ކަމެކެވެ. ޓީވީ އާއި ރޭޑީއޯ ތަކުން ފެންނަނީ ހެޔޮ ޖީލެއް ބިނާކުރަން ކަތާވަރުގެ ކޮންޓެންޓް ތޯ ވިސްނަން ޖެހެއެވެ. ދިވެހި ވަންތަކަން ހަރު ނުލާ ވާހަކަ ދައްކާއިރު، ދިވެހި ބަހުން ކިޔާލަން އޮތީ، އަދިވެސް ނުއުމާނު ވަމަރްޔަމްއާއި، ލޯރަތްބެ ވާހަކަ އެކަނި ނަމަ ގޯހެއް އެބަ އުޅެއެވެ. ( ވަކި ފޮތެއް ގޯސް ކުރާކަށް ނޫނެވެ. މުޖުތަމަޢާއި، ޙާލަތައި، ޒަމާނާ ގުޅޭ ފޮތް ނެތް ވާހަކައެވެ.)  އާމަންހަޖު ބާ މަންހަޖަކަށް ވާއިރުވެސް ސިވިކް އެޑިއުކޭޝަން އެކަށޭނެ ގޮތެއްގައި ފޯރުނުކުރެވޭނަމަ 21 ވަނަ ޤަރުނުގެ ޖީލެއްް ބަދަލުވަމުންދާ މުޖުތަމަޢުގައި ބިނާކުރެވޭނެތޯއެވެ؟ ބަދަލުވަމުން ބަވަނަ ވަމުންދާ ދުނިޔެއެއްގެ ވާހަކަ ހަމަ އެކަނި ކިޔަވާ ކުދިންގާތު ބުނެގެން ފުއްދާނުލެވޭނެކަން ޤަބޫލުކޮށް، މިބަދަލުތަކާއި އޭގެ ގޮންޖެހުންތަކަށް ބެލެނިވެރިންނާއި މުޅި މުޖުތަމަޢު ހޭލައްވާލަން އެބަޖެހެއެވެ. 

4-     ރިހެބިލިޓޭޓް ކުރުން- ވީކަމެއް ނުވާ ކަމަކަށް ނުވާނެއެވެ. ހަރުކަށި ފިކުރު އަށަގެންފިއެވެ. އެމީހުން މުޖުތަމަޢުން ބޭރު ކުރަން ހިފައިހި ނަމަ، މަސްތުވާތަކެތީގެ ހާލިތަކެއް ނުވަތަ "ކޮޮލޮނީ" ތަކެއް އުފެދި ބޮޑުވިހެން މިކަންވެސް ވެދާނެއެވެ. އެއީ ފިކުރެކެވެ. އިންޒާރާއި އަދަބާއި ބިރުދެއްކުމުން އަންނާނީ ޖޯށެވެ. ބަދަލު ހިފުމާއި ގޮތްދޫނުކުރުމުގެ ރޫހެވެ، މިކަމުގައި އިސްކުރަންވީ ޙިކުމަތްތެރިކަމެވެ. ކެތްތެރި ކަމެވެ. އެކަށައަޅަންވީ 10 ނުވަތަ 20 އަހަރުގެ އިސްތިރާޖީ ޕްލޭނެކެވެ. އަދި އެތަންފީޒު ކުރެވޭނެ ހަރުދަނާ، އިހުލާސްތެރި މެކޭނިޒަމެކެވެ. ބޭރު ޤައުމުތަކުގައި ތިބި ދިވެހިން "ބޮޑު ބުޅަލަށް" ދީފައި އަބަދަކު ނުތިބެވޭނެއެވެ. އެމީހުން ގެންނަންޖެހެއެވެ. އަދި ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމަކުން މުޖުތަމަޢަށް ނެރެން އެބަޖެހެވެ. ދިވެހިންނަކީ ހުނަރުވެރި ބައެކެވެ. ޒުވާނުން ޒިންމާދާރުކުރަންވީ އެވެ. ހަރަކަށި ފިކުރު ތަކުން ދުރުކުރަންވީ އެވެ. އޭރުން މިޤައުމުގެ އިންޖީނު ފިސާރި ބާރަށް ހިނގައިގަންނާނެއެވެ. އުއްމީދު ކަނޑާލުމަކީ ހައްލެއް ނޫނެވެ. 

 އަޅުގަނޑުގެ ކޮންމެ ވާހަކައެއް ތުނޑުން ތުނޑަށް ޤަބޫލު ނުކުރެވިދާނެއެވެ. އެހެނަސް އެއްކަމެއް ޤަބޫލު ކުރައްވާށެވެ. މިލިޔުންކޮޅު ލިޔެލީ، ހަޤީގަތުގައިވެސް މި މުޖުތަމަޢު މިދަނީ ކަސިޔާރު ދިމާލަކަށް ކަމަށް ޤަބޫލުކުރެވޭތީއެވެ. އެކަމާއި ހިިތްދަތިވާތީއެވެ. އެންމެ ފުރިހަމަ ޢީލްމީ ލިޔުމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހަރުކަށި ކަމާއި މެދު ކުރެވުނު ބައެއް ދިރާސާތަކާއި ހޯދުންތަކުގެ މައްޗަށް ލިޔެފައިވާ ލިޔުންތަކުގެ އެހީ ހޯދީމެވެ. 

މާތް ﷲ މިދީބު އަބަދުމެ އަމާންކަންމަތީ ލަހައްޓަވާށި. ހަރުކަށިކަމާއި ހައްދުފަހަނައެޅުމާއި ނިބުރުވެރިކަމުން މިންޖުކުރައްވާށި. އާމިން.

 

 

https://files.eric.ed.gov/fulltext/EJ1115522.pdf

https://core.ac.uk/download/pdf/232716015.pdf

https://journals.plos.org/plosone/article?id=10.1371/journal.pone.0166947

https://apo.org.au/sites/default/files/resource-files/2011-03/apo-nid101921.pdf

https://academic.oup.com/bjc/article/60/6/1585/5843316