ދެކަރައިގެ މެދުގައި ފިތިބާރުވުން

ދިވެހި ގައުމުގެ މިނިވަންކަމަށް 60 އަހަރު ފުރޭ 61 ވަނަ މިނިވަންދުވަހެވެ. ދުވަހުގެ ތަހާނީ ފޮނުވަމެވެ. 



މި ބިމަށް ފޫޅުކެނޑި، ދަރިއަކަށްވީތީ، މި ވަޠަނަށް ލޯތްބެއްހުރީތީ، މިނިވަންދުވަހު، އަހަރެންގެ ހިތުތެރޭ އުފެދޭ ޝުއޫރާއި ޚިޔާލުވެސް މަގޭ މިފޮތުގައި ލިޔެ ރައްކާކުރާންކަމަށެވެ. ދަންބެރަށްވުރެ ތަގުޑި ދިގުކުރާކަށްނެތީމެވެ. ރާއްޖެ ފޮތުން މިނިވަންވެފައި އޮތަކަސް، އަދަކު އެމިނިވަންކަމުގެ ފިނިކަމާއި ރާހަތަށްވުރެ، ބަޔަކު މީހުންގެ ތަޅާފޮޅުމެއްގައި ފިތިބާރު ވެއްޖެ ކަމުގެ ދިލަކަމާއި އުދާސްކަން ކުޑައެއްނޫނެވެ. 

ދިވެހި ރާއްޖެއަކީ، ޖިއޮގްރޭފީ ގޮތުން، ދުނިޔޭގެ "ބޮޑު މަގެއްގެ މެދުގައި" ވާ ގައުމެއްކަމުން،  ފެށުނީއްސުރެ، ރާއްޖެއަށް ދުނިޔޭގެ ލޯތައް އަމާޒުވެއެވެ. ފުރެތިކާލަކަސް، އިނގިރޭސިންނަކަސް، ރާއްޖޭއަށް އައިސް ތިބީއަކީ، މިތަނުގެ ވަސީލަތްތަކަށްވުރެ، މިތަން އޮތް ތަނުގެ ގޮތުން، އަސްކަރީ އަދި އިސްތިރާޖީ ގޮތުން މުހިއްމު ވީމައެވެ. މިހަގީގަތް 21 ވަނަ ގަރުނަކަސް ބަދަލެއްނުވެއެވެ. އެމުހިއްމުކަން ވީނަމަ އިހުނަށްވުރެ އިތުރުވީއެވެ. 

ހަގީގަތް ގަބޫލުކުރާށެވެ. ރާއްޖެމިއޮތް އޭޝިއާ ބައްރުގައި، ދުނިޔޭގެ ފެންވަރުގައިވެސް ވަރުގަދަ ދެބާރު، އެބައޮތެވެ. އިންޑިއާއާއި ޗައިނާއެވެ. ދިވެހިން ކިޔާ އުތުރުކަރައާއި ސީނުކަރައެވެ. މިދެކަރައިގެ ޚާއްސަކަމަކީ، މިއިން ކޮންމެ ގައުމަކީ ދުނިޔޭގެ އާބާދީގެ އަށްބައި ކުޅަ އެއްބައި ހިއްސާކުރާ ޤައުމެކެވެ. ބިމުގެ ގޮތުން އެހާމެ ބޮޑު، އިގްތިސާދީ އަދި އަސްކަރީ ދެބާރު، އެކަކު އަނެކަކާ ސީދާ ކުރިމަތިލުމަކަށްނުގޮސް، ބަލަނީ، ސަރަހައްދުގައި، ތިމާމެންގެ ނުފޫޒާއި ބާރުވެރިކަންފެތުރުމަށެވެ. 

ރާއްޖެއަކީ، ދަތްކޮއްޓާ އިލޮށިކޮޅުންފެށިގެން ބޭރުގައުމުތަކުން ގެންނަ ގައުމަކަށްވީއިރު، މިފަދަ އަރައިރުމެއްގައި ރާއްްޖޭ ޖެހި އެ އުދަބާނިތަކުގެ ތެރެއަށް ގެނބިގަތުމަކީ، ކުރާންހެޔޮ ކަމެއްނޫނަސް، ޖޯޝާއި ފޯރީގައި ދިވެހިންގެ ބަޔަކު އެކަން ކޮށްފިއެވެ. ނުވަތަ ކުރުވައިފިއެވެ. އޭގެ ރަހަ އަރުތެރޭނުލައެކޭ އަމުދަކުން ނުވެސް ބުނެވޭނެއެވެ. ދިވެހިންގެ ތެރެއިން ބަޔަކު، މިއަދު 60 އަހަރުގެ މިނިވަންކަން ފާހަގަ ކުރާއިރު، ޤައުމު މިނިވަންތޯ ސުވާލު އުފައްދާ ހިސާބަށް ދިއުމަކީ، ވަޠަނަށް ލޯބިހުރި ކޮންމެ ހިތަކަށް ތުރާވާނެ އަޑެކެވެ. ވީގޮތާއި ވަމުންދާގޮތް ދިރިތިބީން އެބަދެކެވެ. މިއަދު ދައްކާނީ އެހެން ވާހަކައެކެވެ. 

މި ލިޔުމުގައި ބަލާލާނީ، ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަން، އޭގެ ތަރަހައިން ގުޑިޔަނުދީ ހިފަހެއްޓުމަށް، މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރާންޖެހިއްޖެ ކަމަށް ފެންނަ 7 ކަމަކަށެވެ. 


1- އިގްތިސާދީ ބައިވެރިން ގިނަކުރުން-

ދުނިޔޭގައި އޮތީ އިންޑިއާއާއި ޗައިނާ އެކަންޏެއްނޫނެވެ. އެގައުމުތަކާއެކު ރަނގަޅު ގުޅުން ބޭއްވުމަށް މަސައްކަތްކުރާ ބީދައިން، ދެން ހުރި ގައުމަތަކާއެކުވެސް އޮންނަ ގުޅުން އިގްތިސާދީ ބައިވެރިވުން އެކުލެވޭ ގުޅުމަކަށް ހަދަން އެބަޖެހެއެވެ. މިއުޅެނީ އަކީ، ރައްޓެހިވެގެން އުޅޭ ކުއްޖާ ނުރުހިދާނެތީ، އެހެން ކުއްޖަކާ އެކުވެރިކަމުގެ ގޮތުންވެސް އަނގައިން ނުބުނާކަހަލަ ގޮތަކަށް އުޅެން ނަމަ، އެއީ އަކީ، ބައިނަލް އަގްވާމީ ގުޅުންތައް ހިނގާ އުސްލޫބެއްނޫނެވެ. އެކި ގައުމުތަކާއެކު ރަނގަޅު ހަރުދަނާ ގުޅުން އުފައްދާ، އެގުޅުންތަކުގެ މަންފާ ލިބިގަންނަންއެބަޖެހެއެވެ. ތައުލީމާއި، ވިޔަފާރިއާއި، ޓެކްނޮލޮޖީއާއި، ބޭސްފަރުވާގައި ގިނަ ގައުމުތަކާއެކު ގުޅިގެން ކުރިއަށް ދިއުމަކީ، ގައުމުގެ އިގްތިސާދީ ނިންމުންތައް ނިންމުމުގައި، ބުނާ ބަހުގެ އެކަތަވެރިކަން އިތުރުވާނެކަމެކެވެ. އެކިޔާއުޅޭ، ބާގެއިން ޕަވާރ އިތުރުވާނީ އޭރުންނެވެ. އާސިއާންގެ ގައުމުތަކާއި، ޔޫރަޕާއި މެދު އިރުމަތިންވެސް އިގްތިސާދީ ބައިވެރިން އިތުރުކުރަންޖެހެއެވެ. ސިޔާސީ ގުޅުން އުފެއްދުމާއި، އިގްތިސާދީ ގުޅުން އުފެއްދުމުގެ ފަރަގު ދަނެ އިކޮނޯމިކް ޕާޓްނާރސް އިތުރުކުރަންޖެހެއެވެ. މިކަން ކުރެވޭނީ، ހަރުދަނާ ހާރިޖީ ސިޔާސަތާކާއި، ސާފު ގައުމީ އިސްތިރާޖީ ޕެލޭނަކާއެކު ހިނގައިިގަތުމުންނެވެ. 


2- އިގްތިސާދު ސިންދިފާތު-

 މިއަކީ އަދަކު އިއްޔެއަކު ދެއްކާ އަދި ދައްކާ ވާހަކައެއްނޫނެވެ. ރާއްޖޭގެ މުޅި އިގްތިސާދު ބަރޯސާވެފަައިވަނީ ފަތުރުވެރިކަމަށެވެ. ރަންބިސް އަޅާ ކުކުޅު ފެނި، މަސްވެރިކަމާއި ދެންވެސް ހުރި އިގްތިސާދީ ފުރުސަތުތަކާއި މެދު ވަނީ އަޅާނުލާ ދޫކުރެވިފައެވެ. މިކަން ބަދަލުވާންޖެހެއެވެ. ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގައުމީ ކުންފުނި އަބަދު ކަރުތާފެނުން ސަލާމަތް ނުވަނީ ކީއްވެތޯ، 2 މިލިއަން ފަތުރުވެރިން 7 މިލިއަނަށް ބަދަލުކުރަން ހިފާއިރުވެސް، ގައުމީ އެއާލާއިން އަބަދު ނެބިއުލައިޒް ކުރަން މިޖެހެނީ ކީއްވެތޯ، ސަބަބުވެރިކޮށް ފިކުރު ކުރަންޖެހެއެވެ. 1200 ވަރަކަށް ރަށް އޮވެ، 200 ރަށުގައި މީހުން އުޅެ، އަނެއް 300 ވަރަކަށްރަށް ފަތުރުވެރިކަމާއި އެހެން އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރާއިރު، މިރުހާއި ދޮންކޭލާއި، ކާށި ވެސް ބޭރުން ގެންނަން ޖެހޭނަމަ، މިހިނގެނީ އަދި މާހެޔޮ މަގަކުން ނޫންކަން ގަބޫލުކުރަންވީއެެވެ. ޤައުމުގެ %99 ކަނޑު އޮވެ، އަވަށްޓެރިންނާއި ދުރުތާ މީހުން، ކަނޑުގެ މަންފާ، މެރިކަލްޗާ، އަކުއާ ކަލްޗަރ، ޓްރާންޝިޕްމަންޓް، އޯފްޝޯ ރިނިވަބަލް އެނާރޖީ، މެރިން އިންފްރާސްޓަރަކްޗަރ ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ނަގަމުންދާއިރު، އަޅުގަނޑުމެންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ، ހުދު ދެންވެލި ގަނޑުގައި އޮއްސޭ އިރަށް "ދޮން މީހުން" ހިންގެވުން އެކަނިތޯ މިއަދު ވިސްނާލަންވެއްޖެއެވެ. ދުނިޔޭގެ މާކެޓަކީ، ޓަނުން ޓަނުން ކަންނެލި ކިރާލުން ނޫންކަމާއި، ވެލިއު އެޑް ކޮށް ނަފާހޯދުން އަވަސް ކުރަންޖެހެއެވެ. ގައުމެއްގެ މިނިވަންކަމުގެ އެންމެ އަސާސީ އެއް ބަހާއަކީ ކާނާގެ ރައްކާތެރިކަމެވެ. 1200 ރަށުން 40 ވަރަކަށް ރަށުގައި ފުޅާކޮށް ދަނޑުވެރިކަން ނުކުރެވެންޖެހޭ ސަބަބެއްނެތެވެ. އައިސީޓީ ޕާކޭ ބަޔަކު ކިޔަން ތިއްބާ، އެންމެންގެ މި "ސުވަރުގެ" ގައި އައިސީޓީ ހެވެން އެއް ގާއިމުނުރަންވޭނެ ސަބަބެއް ނެތެވެ. 


3- ވަކި ފަރާތަކަށް ނުޖެހުން- 

ތެދެކެވެ. ގައުމެއްގެ ގޮތުން، މިއަދުގެ ސަރަހައްދީ ބާރުތައް ބެހިފައިވާގޮތުން އެހާފަސޭހަކަަމަކަށް ނުވާނެއެވެ. ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު އޮތް ހާލަތަށްވަރު މިހާރު ސަރަހައްދީ ބާރުވެރިކަމާއި، ވާދަވެރިކަން އިންތިހާއަށް ބޮޑެވެ. އެހެނަސް، ބޮޑު ދެގެރި ތަޅަންޏާ ކައްގަލަށް ބާރުކުރާނެކަން ދަނެގެން އުޅެންޖެހެއެވެ. ގައުމުގެ ސަައިޒާއި، އިގްތިސާދީ ބާރުވެރިކަން ހުރި މިންވަރާއި، އިންސާނީ ވަސީލާތާއި، ސިއްހީ ނިޒާމާއި ތައުލީމީ ކަންކަމުގެ އެކަތަވެރިކަންދަނެ، މިދާ އުޅުނުހެން ނިދާން އޮތް ސިންގާގެ ގަޔަށް ބަޮލަށް އެރުމަކީ ކުރާންހެޔޮވަރު ކަންކަން ނޫންކަން ހަމަބުއްދިން ވިސްނާނަމަ، ކިތައްމެ ލަދަކުން މިންޖުވާނެއެވެ. ދުނިޔޭގައި މިހާރުވެސް، ވަކިފަރާތަކަށް ނުޖެހޭ ގައުމުތައް ގިނައެވެ. ތެދެކެވެ. ސީނުކަރައިގެ އުފެއްދުން ތެރިކަމުން ނަފާ ހޯދަންވީއެވެ. އެކަމަކު، އެނަފާހޯދާފަ، ފަހުދުވަހު ދެންއޮތް ކަރައަށް ފުރައްސާރަކުރަމުން ނާށިފަތި އަޅަން ދުވުމަކީ ކުރާންނުވާވަރުގެ ކަންކަމެވެ. ރާއްޖެ ވާންވީ ހުރިހާ ޤައުމަކާއި ގުޅުންއޮންނަ، ހުރިހާ ގައުމަކަށް ގަދަރުކުރާ ވަކި ކޮޅަކަށް ބުރަނުވާ ގައުމަކަށެވެ. 


4- މެރިޓައިމް އަދި ސައިބާރ ސެކިއުރިޓީ ގެ ގާބިލުކަން ހޯދުން-

ރާއްޖޭއަކީ ކުރިންވެސް ބުނިހެން ދުނިޔޭގޭ ބާރުތަކުން ކަޅިއަޅާ މަގެއްގެ މެދުގައި އޮތް ގައުމެކެވެ. އެހެން ކަމުން ރާއްޖެއަށް އޮތީ ސައިބާރ ސެކިއުރީ އާއި މެރިޓައިމް ސެކިއުރިޓީ ގާއިމުކުރުމެވެ. ނުވަތަ ބޮޑުތި ގައުމުތަކުގެ މަނާފުކަކަށްވެގެން އުޅުމެވެ. މިގޮތުން އިގްތިސާދު ތަންދޭ އެންމެ ރަނގަޅަކަށް ކޯސްޓްގާޑައި ވަށައިގެންމިވާ ބިޔަކަނޑު ބެލެހެއްޓޭނެ ނިޒާމު ޤާއުމުވާންޖެހެއެވެ. ދާދި ފަހުން ތުރުކީވިލާތުން ގެނެވުނު ޑްރޯމްތަކަކީ، މިމަގުގައި އެޅި ބޮޑު އަދި މުހިއްމު ފިޔަވަޅެކެވެ. އެއާއެކު ގައުމުހިންގުމާއި، ގައުމުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގައި ޓެކްނޮލޮޖީގެ ބޭނުން އިންތިހާއަށްކުރާއިރު، ސައިބާރ ސެކިއުރިޓީ ހަރުދަނާވާންޖެހެއެވެ. އެ ދާއިރާއިން އިންފްރާސަޓްރަކްޗަރ އާއި އިންސާނީ ވަސީލަތް ޤާއިމުކުރުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ފަށަންޖެހެއެވެ. އެމައްސަކަތަކީ، ޕާޓީ ތަކާއި ސަރުކާރުތަކާއެކު އެފުށް މިފުށަށް ނުޖެހޭ، ހަރުދަނާ ސާބިތު ޕްލޭނަކަށްވާންޖެހެއެވެ. ޤައުމައްޓަކައެވެ. ޤައުމުގެ މޮޅެތި ކިޔަވާުދިން މި ދާއިރާއިން ތަމްރީނުކުރަންޖެހެއެވެ. ތެދެކެވެ. މިކަންކަމުގައި ބޭރު ގައުމުތަކުގެ އެހީއާއި މަދަދު ބޭނުންކުރަންޖެހޭނެއެވެ. އެއީ މައްސަލައެއްނޫނެވެ. އެހެނަސް އެކަން ކުރަންޖެހޭނީ، ދިވެހި ޤައުމުގެ މެރިޓައިމް ސެކިއުރިޓީ އަދި ސައިބާރ ސެކިއުރިޓީގެ  ފުރިހަމަ ބާރުވެރިކަން ދިވެހިންގެ ފުރިހަމަ ބާރުދަށުން އެންމެ ހިނދުކޮޅަކަށްވެސް ނުގެއްލޭނެ ގޮތަކަށެވެ. 


5- އިންސާނީ ވަސީލަތާއި، އިސްތިރާޖީ ޕްލޭން ކުރުމުގެ ޤާބިލުކަން އިތުރުކުރުން- 

ޤައުމެއްް ޤައުމެއްގެ ގޮތުގައި ތެދުވެ ސާބިތުވެލާނީ އެތަނެއްގެ ހުރި ތައުލީމާއި ޤާބިލުކަމަކުންެނެވެ. އެހެންކަމުން، ރާއްޖޭގެ އެކި ދާއިރާތަކަށް ޚާއްސަ މީހުން ބިނާކުރުމުގެ ޤައުމީ މަސައްކަތެއްކުރަންޖެހެއެވެ. އެމީހުންނަކީ ހުނަރުވެރި، ޤާބިލު، އިޚުލާސްތެރިންތަކެކެވެ. ޕޮލިސީ އެކްސްޕާޓުން، އިގްތިސާދީ މާހިރުން، ވަރުގަދަ ޑިޕްލޮމެޓުން، އަދި ޤައުމީ ސަލާމާތާއި އިސްތިރާޖީ ކަންކަމުގެ މާހިރުން މިޤައުމަށް އެބަބޭނުންވެއެވެ. އިސްތިރާޖީ ޕްލޭނިން އާއި ޚާރިޖީ ގުޅުންތަކުގެ މަރުކަޒެއް ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ވިޔަސް ޤާއިމުކޮށް، އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްޤީކުރެވޭނެ މަގު ފަހިކޮަށް އެމަގުން އެބަ ހިނގަންޖެހެއެވެ. 


6- ޕަބްލިކް ޑިޕްލޮމަސީ- 

މިއީވެސް ޤައުމުގެ އިސްތިގުލާލަށް މުހިއްމު ކަމެކެވެ. ޤައުމުގެ އަގުތަކާއި، މުހިއްމު ބަހާތަކާއި، ގައުމީ މަސްލަހަތުތަކާއި، އެކަން ކަމަށް އޮތް ހިރާސް ތަކާއި ކޮންޖެހުންތައް ޤައުމުގެ އަފުރާދުން ހިތުގައި ފިސާރި ރަނގަޅަށް ހަރުލާންޖެހެއެވެ. އެކަންކަމަށް ބޮޑެތިވަމުން އަންނަ ޖީލުތައް އަހުލުވެރިވެ ފަރިތަވާންޖެހެއެވެ. އެކަމުގެ މުހިއްމުކަން ހިތުގައި ނެތް ޖީލެއް އުފެދިއްޖެ ނަމަ، އެކަންކަމަށް އިހުމާލުވެދާނެތީއެވެ. އަދި ބައިނަލް އަޤުވާމީ މަސްރަހުގައި، ދިވެހިންނަކީ ވަކި ކޮޅަކަށް ނުޖެހޭ ޤައުމެއްކަން ހުރިހާ ޕްލެޓްފޯމެއްގައި ހާމަކޮށް ބުނެދޭން ޖެހެއެވެ. ދިވެހި ހާރިޖީ ސިޔާސަތާއި ދިވެހި ގައުމުގެ ސްޓޭންޑް ދުނިޔެއަށް ކިޔާދޭނީ، ބާރުގަދަ ގައުމުތަކުގެ ހާރިޖީ އިދާރާތަކާއި މީޑިއާތަކުންނެއް ނޫނެވެ. ދިވެހި ޑިޕްލޮމަސީގެ ރޮނގުތަކާއި އުސްލޫބުތައް އެހެންމީހުންނަށް ކިޔާދޭނީ ދިވެހިންނެވެ. 


7- ޤާނޫނީ ބެލެހެއްޓުންތެރިކަން ހަރުދަނާ ކުރުން-

ތެދެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލިސް ކޮމެޓީތައް ހުރެއެވެ. އިދާރާތައް އޮޑިޓުކޮށް ބަލަހައްޓާނެ އިދާރާތައްމެ އެބަހުއްޓެވެ. މިއަދު ބޭނުންވަނީ އެ އިދާރާތަކާއި އެތަންތަނުން ކުރާ މަސައްކަތް ހަރުދަނާކޮށް ޕްރޮފެޝަނަލް ކުރުމެވެ. އެތަންތަނަކީ ވަކި މީހަކަށް، ކުލައަކަށް ފިކުރަކަށް ގުޑުމުގެ ބަދަލުގައި ތާއަބަދުބެ ވަތަނުގެ ދުލުން ބަސްބުނާ އިދާރާތަކަކަށް ވުމެވެ. ބައިނަލް އަގުވާމީގޮތުން ކުރެވޭ މުއާހަދާތައް ރަނގަޅަށް ބެލޭނެ' އަދި އެއަށް ޕްރޮފެޝަނަލް ގޮތެއްގައި ބަސްބުނެވޭނެ ތަންތަނަށް ވާންއެބަޖެހެއެވެ. ގައުމުގެ ދަރަނިތަކާއި އެދަރިތައް އަދާކުރުމާއި، ރިސްޓްރަކްޗަރ ކުރުމަކީ، އިގްތިސާދީގޮތުން ހަމަޖެހޭ އުސޫލަކުން ކުރެވޭކަންކަންކަން ކަށަވަރުވާންޖެހެއެވެ. ދަރަނި ނަގަނީ ކޮންތަަކުން، ކޮން ޝަތުރުތަކާއެކުކަން ބަލާ، އޭގެ ހަމައާއި، ޤައުމީ އިސްތިރާޖީ ސިޔާސަތުތަކާ ފުށުނާރާކަން ކަށަވަރުކުރެވެންޖެހެއެވެ. ވަކި ސަރުކާރެއްވީމަނުނެވެ. މިޤައުމުގެ ހައްގުގައެވެ. މާދަމާގެ މުސްތަގުބަލައްޓަކައެވެ. އެކިޔާ ޗެކް އެންޑް ބެލެންސަކީ އެއީ އެވެ. ދެފުށްފެންނަ ޑިމޮކްރަސީ އަކީ އެއީއެވެ. ރައްޔިތުން ބާރުވެރިވުމަކީވެސް އެއީއެވެ. 


ތެދެކެވެ. ރާއްޖެއަކީ ކުޑަ ގައުމެކެވެ. އޭގެ މާނައަކީ އަބަދުމެ ޤައުމުތަކަށް ކުރުނީސް ކުރަންޖެހުމެއްނޫނެވެ. އަދި ދުވަހުގެ ކޮއްތަކީ އަނެއް ގައުމެއްގެ ދީލަތިކަމުން ލިބޭ ހައިރާތަކަށް ހަދައިގެން މުޅި އުމުރު ހޭދަކުރުމެއްނޫނެވެ. ރާއްޖެ އޮތީ އިސްތިރާޖީ މުހިއްމު ހިސާބެއްގައެވެ. ގާތުގައި އިގްތިސާދީ ވާދަވެރިދެކަރަ އޮތްއިރު ބަލަންވީ ދެކަރައިންވެސް ޤައުމަށް ލިބެންހުރި މަންފާ ހެޔޮގޮތުގައި ލިބިގަތުމަށެވެ. އަނެކުންނާއި ޖެހިނުގަނެއެވެ. ދެކަރައިގެ މެދުގައި ފިތިބާރުނުވެއެވެ. މުސްތަގުބަލަކީ އެއީއެވެ. މިހާރު ކުޑާކޮށް ފިތިބާރުވެފައިވާކަމުގެ ހާސްކަމާއި އުދާސްކަން އެބައޮތެވެ. 


މިދީބު އަބަދުމެ މިނިވަންކަންމަތީ ލަހައްޓަވާށި. އާމީން. 



Photo: https://samvadaworld.com/featured/maldives-strategic-importance-for-india-and-the-increasing-chinese-influence/