މީހާ މީހަކަށްވެ, ހަގީގީ މިނިވަންކަން އިހުސާސް ކުރެވޭނީ، އޭނަގެ ފިކުރުގެ މިނިވަންކަމުންނެވެ. ފިކުރުގައި ކަސްތަޅު ނޭޅި ދޫވުމުންނެވެ. މިނިވަން ދުވަހު ބަލަންވީ، ތިމާ ތިމާގެ އަމިއްލަ ހަގީގަތާއި އެއްގޮތަށް އުޅުމަށެވެ. އަނެކާ ދެކެން ބޭނުންވާ، އެނެކާ ފިކުރާވާ ގޮތަށް އުޅެން ހަދައިގެން ތިމާ ހިޔަންޏަކަށް ނުވުމަށެވެ. ތިމާ ތާއިދު ކުރާ ކޮންމެ ބަޔަކު ކުރާ ހުރިހާ ކަމެއް، ބުނާ ހުރިހާ ބަހެއް، ރަނގަޅުވާކަށް ނުޖެހެއެވެ. އަދި ގޯސް ނަމަ ގޯހޭ ބުނުމަކީ ތިމާ ތާއިދު ކުރާ މީހުންނަށް ދެވޭ އަނިޔާއެއް އަދި ޢައްދާރުވުމެއްނޫނެވެ. އެއީ އެހީއެކެވެ. މަދަދެކެވެ. އެހެންކަމުން ތިމާގެ ފިކުރުގެ ކަސްތަޅުން މިންޖުވާންޖެހެއެވެ.
އަމިއްލަ ޝަހުސު ހިފަހައްޓާނީ ހަމަ އަމިއްލައަށް.
މާތް ރަސްކަލާނގެ ކޮންމެ އިންސާނަކުމެ ހެއްދެވީ ވަކި ޝަހުސެއްގެ ގޮތުގައެވެ. ކޮންމެ މީހަކަށް ވަކި އަޑެންޑިޓީ ކާޑެއް ހަދަނީވެސް އެހެންވެތާއެެވެ. ތިމާގެ އުޅުމާއި ގުޅުން ބަހައްޓަންޖެހެނީ ތިމާއަން އެންމެ ރަނގަޅު ހެޔޮ ގޮތުގައެވެ. ބަޔަކުމީހުން ރުހޭނެ ގޮތް ބަލައިގެންނޫނެވެ. "ކޮންމެ ނަފުސެއް، އެ ނަފުސެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ." (މުއްދައްސިރު 38ވަނަ އާޔަތް).
އަޅުގަނޑު މިނިވަންބާއެވެ؟ ތިޔަ ކޯސް ހަދަނީ، ތިޔަ ވަޒީފާ އަދާކުރަނީ، ތިޔަ ފޭސްބުކް ޕޯސްޓު ތިޔަ ކުރަނީ، ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރާއި ޤަބޫލުކުރުންތަކާއި ބޭނުންވާގޮތަށްތޯ، ނުވަތަ، ވަކި ބަޔަކު ރޫހޭގޮތަށް، ނުވަތަ ނުރުހިދާނެތީތޯ ވިސްނާއިގެންތޯ ބަލާށެވެ. އަމިއްލަ ގަބޫލުކުރުމާއި ވިސްނުމާއި ފިކުރު އަދި އެއާއި އެއްގޮތަށް އަމަލު ނުބެހެއްޓޭނަމަ، ފިކުރު ކަސްތަޅުއެޅުނީ ކަމަށް ބުނެވިދާނެއެވެ. ވާންވީ ފޮޓޯ ކޮޕީއަކަށް ނޫނެވެ. އޮރިޖިނަލަކަށެވެ.
ތިމާ އަކީ ކޮބާކަން ކަނޑައަޅަން އަނެކާއަށް ނުދޭށެވެ.
ތިމާއަކީ ކޮންކަހަލަ އުޅުމެއްގެ މިޒާޖެއްގެ، އުސޫލެއްގެ މީހެއްކަން، ސާފުކޮަށް ނުދެއްކޭނަމަ، އެސިފަތައް އެހެންބަޔަކު ކުރަހާނެއެވެ. ދެން ތިމާ ޖެހޭނީ އެމީހުން ކުރެހި މަންޒަރަށް ފެތޭށެވެ. ތައްގަނޑަށް ބަދަލުވާށެވެ. އައިޑެންޓިޓީ ޑިފިއުޝަނޭ ކިޔަނީ މިފަދަ ހާލަތަކަށެވެ. އޭރުން ތިމާގެ ގޮތަށްވުރެ، ތިމާއަށް ބެލޭނީ، އޭރު ތިމާގެ ވަށައިގެން ތިބި ބަޔަކު ބޭނުންވާ ނުވަތަ ރުހޭ، ގޮތަކަށް އުޅޭށެވެ. އަމިއްލަގޮތެއް ނޯވެއެވެ. ނުވަތަ ނުވެސް އިނގެއެެވެ. މިހެން ވުމުން ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ، ކަމެއް ދިމާވުމުން ގޮތްނިންމަން ނޭނގުމެވެ. ނުވަތަ ނުކެރުމެވެ. އެނެކުންނަށް ތިމާ ޑިފައިން ކުރަންޖެހޭނީ ތިމާ ބެނުންގޮތަށެވެ. އެއީ ތިމާ އަށް ވިސްނޭ ރަނގަޅު ގޮތަށް އުޅުމުން އެއުޅުމަށްބަލާ އެމީހުންކުރާ ސިފަކުރުމުުންނެވެ. މަޝްހޫރު ލިޔުންތެރިޔާ ބްރޮނީ ވެއާ އޭނާގެ ފޮތް " ޓޮޕް ފައިވް ރިގްރެޓްސް އޮފް ދަ ޑައިން" ގައި ބުނެފައިވަނީ، އެންމެ ގިނަބަޔަކު، މަރުމަތީގަ، އެމީހުންގެ ހަޔާތާއި މެދު ވިސްނާލުމުން ދެރަވަނީ، " އޭނާ، އޭނާ ބޭނުންވާ ގޮތަށް ދިރިއުޅުމުގެ ބަދަލުގައި، މީހުން ރުހޭހާގޮތް ބަލައިގެން ދިރިއުޅެވުނީތީ"އެވެ.
އަބަދު ހިނގާ މަގުން ހިނގާނެ މީހުން މަދުނުވާނެއެވެ.
ދިރިއުޅުމުގައި ބަލަނީ، އެހެން މީހުން ކަންކުރާގޮތަށް، އެވެރިންގެ ފިޔަވަޅު ފަހަތުން ހިނގުންނަމަ، ޔަގީން ކުރަންވީ، އެކަން ކުރާނެ މީހުން ބައިވަރެވެ. އަދުގެ ދުނިޔެ ބޭނުންވަނީ، ތަފާތު ދައްކާނެ މީހުންނެވެ. ހުރިހާ ކަމަކަށް އާދެ ލައްބަ ބުނާ، "ބަސްއަހާ މާސްކު" މޫނުގައި އެޅި މީހުން ވަރަށް ގިނައެވެ. މަދީ ތިމާގެ އަސްލު ވިސްނުމާއި އަޑު އިއްވާނެ މީހުންނެވެ. ވާންވީ މާސްކު އެޅި މީހަކަށް ނޫނެވެ. ވާންވީ ކެރިގެން ބަސްބުނާ، ތިމާގެ އަޑު އިއްވާ، އެހެން މީހުން ނުހިނގާ މަގުން ހިނގަންކެރޭމީހަކަށެވެ.
ބާކީވެދާނެތީ ނޫޅޭށެވެ.
ތިމާގެ ވިސްނުން ނުވަތަ ފިކުރުގެ ސަބަބުން ވަކި ބަޔަކު، ވަކި ގްރޫޕަކުން، ވަކި ޕާޓީއަކުން، ބާކީކޮށް އެކަހެރި ކުރުމުގެ ބިރުން ތިމާ ތިމާގެ ސިކުނޑީގައި ތަޅު އަޅުވައި ސައިޒަށް ކަނޑައިގެން ނުވާނެއެވެ. ހަމަބުއްދިން ވިސްނާ ހެޔޮ ރަނގަޅުމަގުން ހިނގީމާ، އެގޮތަށް ނުރުހޭ ބަޔަކު ކުސްތެޅިޔަސް ތުރާވާން ނުޖެހެއެވެ. މީހަކު ނުރުހިދާނެތީ، ހިނގާންއޮތް ރަނގަޅު ހެޔޮމަގު ކުރިމަތީއޮއްވާ، އެނބުރި ކަސިޔާރު ގޯޅީ އަޅާވަރަށްވުރެ ސާބިތުވާންޖެހެއެވެ. ފިކުރު ކަސްތަޅުން ނެއްޓެންޖެހެއެެވެ.
މިއީ މިނިވަން ޤައުމަކަށް ނޭވާލަމުން، މިނިވަން ދުވަހެއްގެ އިހުތިފާލަށް އަތަރުލަމުންދާއިރު ފިކުރުކޮށްލަން ރަނގަޅު ކަމެކެވެ. މަޑުމަޑުން އެކަހެރިވެލާ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. މަގޭ ފިކުރު، މަގޭ ވިސްނުން ހުރީ ކަސްތަޅުއެޅިފަހެއްޔެވެ؟
Photos:
https://www.newyorker.com/magazine/2024/04/08/so-you-think-youve-been-gaslit
https://www.quantamagazine.org/is-it-real-or-imagined-how-your-brain-tells-the-difference-20230524/