އޮންލައިން ދުރޫސުލް އަޚްލާގެއް


ދުނިޔެ ބަދަލުވެ، ހުރިހާކަމެއް އޮންލައިން ވަނީއެވެ. ޒަމާނަށް އައި ބަދަލާއެކު، ހުރިހާ އުމުރެއްގެ މީހުން އިންޓަނެޓާއި މީސް މީޑިއާއަށް ދޯޅަވެއްޖެއެވެ. ޒުވާނުންނާއި ކުޑަކުދިންތޯއެވެ؟ އެވެރިން އުފަންވެ ބޮޑުވަނީ އެމަންސަތަކުތެރެއަށެވެ. 

އެކި އުމުރުފުރާގެ އެކި ފަންތީގެ ތަފާތު ފިކުރުގެ މީހުން އެއްތަންވާ މަންސައަކަށް މީސް މީޑީއާވެފައިވާއިރު، މިތަނުގެ "ދުރޫސުލް އަޚްލާޤެއް" ވެސް އޮންނަންވާނެތާއެވެ.  މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ ޒަމާނުގައި އޮބިއަޅާ، ވަކި ގޮތަކަށް ބަސްބުނެހަދާށެކޭ ކިޔަނީއެއްނޫނެވެ. އެހެނަސް މިކިޔާ ހަމަބުއްދިން ވިސްނާލަން ރަނގަޅުވެދާނެ ބައެއްކަންކަން އަމުނާލާން ހިތަށްއެރީއެވެ. 

1- ތިމާގެ ގަދަރު ހިފަހެއްޓުން- އަދަކު މީހާގެ ގޮތްފޮތް އިނގެނީއަކީ އެއްއޮޑިން ދަތުރުކުރީމައެއްނޫނެވެ. މީސް މީޑީއާއަކީ، ތިމާގެ ސޫރަ ދައްކައިދޭ ލޯގަނޑެކެވެ. ދާއިމީ ކުރެހުމެކެވެ.

އަމިއްލަ ދިރިއުޅުމުގައި ގެންގުޅޭ ރީތި ސިފަތައް މީސްމީޑިއާގައިވެސް ގެންގުޅެންޖެހެއެވެ. ގޯހެއް ވެއްޖެނަމަ މާފަަށް އެދުމާއި، ރަނގަޅުކަންކަމަށް ޝުކުރުވެރިވުމާއި، ގްރޫޕް ކޮންވަސޭޝަންފަދަ މަންސަތަކުގައި އަނެކުން ވާހަކަ ދައްކަންހުއްޓާ މެދުކަނޑާނުލުންފަދަ ކަންކަމެވެ. ހަގީގީ ދިރިއުޅުމުގެ ކުލައާއި އަސަރު މީސްމީޑިއާއަށް ވަނުމަކުން ތިމާގެ ފުށުން ގެއްލޭކަށް ނުޖެހެއެވެ. 

މިސާލަކަށް މީހަކު ކަމަކާ ދެރަވެގެން އެއްޗެއް ލިޔުމުން، އެކަމަށް ހަމްދަރުދީވާކަން ބުނެލުމާއި، އިތުރު އެހީއެއް ބޭނުންނަމަ އަންގާލަދޭން ބުނެލުމަކީ، އޯގާތެރިކަމާއި ލޯބި އިތުރުވެގެންދާނެކަމެކެވެ.


2- ރާގާއި މިއުޒިކް- ތިމާ ބުނާބަހުން އަނެކާއަށް ކުރާނެ އަސަރު އަބަދުވެސް ފަރުވާތެރިވާންވާނެއެވެ. މީހަކަށް ދެރަކަމެއް ވުމުން އެކަން ހިއްސާކުރާނީ އިތުބާރެއްކޮށްފައެވެ. އޭގެ ރައްދުގައި 😂"ހައްހައް" ރިއެކްޓް ކުރާއިރު ވިސްނަންވީ އޭނާ ދެރަވެފައި ނުވަތަ ހިތުޖެހިފައިހުރިވަރު ނޭނގޭކަމެވެ. މިއީ ބައެއްފަހަރު، ކުދިން ކުދިންނަށް ކުރެވޭ މުވާސަލާތުގައި ބޮޑުކަމަކަމަށް ނުވިޔަސް ކުދިންނާއި ދޮށީމީހުންގެ މުއާމަލާތުން، ހިތްނުތަނަވަސްކަން އުފެދިދާނެކަމެކެވެ. 

މިފަދަ ހާލަތު ދޮށީމީހުންގެ ފަރާތުން ޒުވާނުންނަށްވެސް ދިމާވެދާނެއެވެ. މިސާލަކަށް ޓީނޭޖާއެއްގެ ޕޯސްޓަށް މަންމަ ކޮމެންޓް ކުރަނީ "ކޯލް މީ" ނަމަ ޓީނޭޖާ އަށް، މަންމަ ތިމަންނާ ލަދުގަންނުވާލީކަމަށް އިހުސާސް ވެދާނެއެވެ. ދެންހަދާނީ ކިހިނެއްހެއްޔެވެ؟ "ކޯލް މީ😊" މިހާރު ތަފާތުވެއްޖެތާއެވެ! ތިމާގެ ރާގު އަނެކާއަށް އުނދަގޫނުވާނެހެން ބެހެއްޓޭތޯ ބަލަންޖެހެއެވެ. ޅަކުދިންނާ ވާހަކަ ދެއްކޭނީ އެކުދިންގެ އުސްލޫބަށެވެ. އެކުދިން ވިސްނަންވީ ބޮޑެތިމީހުންނާއި ވާހަކަ ދައްކަންވާނީވެސް އެވެރިންވެސް ރުހޭ ޓޯނަކަށްކަމެވެ. 


3- ބުލީ ނުކުރުމާއި ބުލީކުރިޔަ ނުދިނުން

މުޅި މުޖުތަމައު ހޭލުންތެރިވެ ހުށިޔާރުވާންޖެހޭ ކަމެކެވެ. މީހަކަށް ތަކުރާރުކޮށް މީސްމީޑިއާގައި ފޮށި ޖެއްސުންކުރާއިރު، އޭނައަށް އެކުރެވެނީ އަނިޔާކަން އިހުސާސްވަނީ އޭނާ އަތުން ގޯހެއްހެދި ދުނިޔެއަޅާ ދައިމުންކަމަށްވާނަމަ އެއީ މައްސަލައެކެވެ. އަބަދުމެ ހަނދާންކުރަންވީ، ބަހުން، ދުލުން ކޮށްލާ ޒަހަމަކީ ވޭންހުރި އަދި ޒަމާނުންވެސް ރަނގަޅުނުވެދާނެ ޒަހަމެއްކަމެވެ. މީހަކަށް ތިމާ ފުރައްސާރަ ނުކުރާކަން ކަށަވަރުކުރަންވީއެވެ. ސައިބާރގެ މިޒަމާނުގައި އެވަރުން އަދި ނުވެއެވެ. އެނެކާއަށް ފުރައްސާރަކުރެވޭތަން ފެންނަނަމަ، ތިމާ އެމަންސައެއްގައި ހުރީތީ، އެކަމަށް އިންކާރުކޮށް ހުއްޓުވެތޯ ބަލަންޖެހެއެވެ. މިއަދު ތިމާ އަނެކާގެ ދިފާއުގައި ތެދުވާފަދައިން މާދަމާ ތިމާގެ ދިފާއުގައިވެސް ބަޔަކު ބޭނުންވާނެ ދުވަހެއް ފެނިދާނެއެވެ. 


4- އާއިލީ ގާނޫނު- އޮންލައިން ޕްލެޓް ފޯމުތަކާއި މީސްމީޑިއާއަށް ގޭތެރޭގައި ހެދިފައިހުންނަޖެހޭ 3 ގަވާއިދެއް އެބައޮތެެވެ. 

- ފުރަތަމަ ކަމަކީ މީސްމީޑީއަށް ކުރާކޮންމެ ޕޯސްޓަކީ ދާއިމީ އެއްޗެއްކަން ފިސާރި ހަނދާން ހުރުމެވެ. މިއަދު ގްރޭޑް 10 ގައި ހުރެ، ކުލާސް ޓެސްޓަކުން މަކަރުހެދިވާހަކަ މަޖަލަކަށް ޕޯސްޓުކޮށްލާއިރު، އެ ވާހަކަ، 5 އަހަރު ފަހުންއޮންނަ ވަޒީފާގެ އިންޓަވިއުއެއްގައި އައިސްދާނެއެވެ! 

- ދެވަނަ ކަމަކީ ހުއްދަ ހޯދުމެވެ. މީހެއްގެ ވާހަކައެއް، ފޮޓޯއެއް ވީޑިއޯއެއް، އެއީ އާއިލީ މީހަކަސް، ގާތް ރައްޓެއްސަކަސް މީސްމީޑިއާއަށް އޭނާގެ އިޒުނަނެތި ދުވަހަކު ދޫކޮށްނުލާށެވެ. އެއީ މީހެއްގެ ހައްގަކަށް ނޭނގި އަރައިގަނެވުމެވެ.

- ތިންވަނަ ކަމަކީ ހައްދެއް ކަނޑައެޅުމެވެ. މިސާލަކަށް މިއާއިލާގައި ކާގަޑީގައި ފޯނުކުޅުން، ނުވަތަ ރޭގަނޑު 9 ގެ ފަހުން ފޯނު ކުޅުން މަނާކަމަށް ކަނޑައެޅިދާނެއެވެ. ބޭނުމަކީ މީސްމީޑިއާއަށް ދޯޅަވެފައިވާ މިޒަމާނުގައި "މޫނުން ސްކްރީންނެއްޓޭނެ" ވަގުތެއް ކޮންމެ 24 ގަޑިއިރަކުވެސް އޮންނަކަން ކަށަވަރުކުރެމެވެ. 


އަހަރެމެންނީ އިންސާނުންނަށްވީތީ، ތަހުޒީބު އިންސާނާގެ ދިރިއުޅުމުގައި ހައްދުތަކާއި ހުދޫދުތަކެއް ހުންނަންޖެހެއެވެ. ކުރާކޮންމެ ކަމެއްގައި ރިވެތި ހުތުރު ފަރަގުވާންޖެހެއެވެ. މީސްމީޑިއާގައި އުޅެންވީއެވެ. އެކަމަކު ދެކަމެއް ހަނދާންކޮށްގެންނެވެ. އެތާބުނާ ކޮންމެ ބަހަކީ ތިމާ ސޫރަކޮށްދޭނެ ބަހެކެވެ. އެތާބުނާ ކޮންމެ ބަހަކީ، ދާއިމަށް ފެންނަންހުންނާނެ އެއްޗެކެވެ. 


Photo: https://www.montana.edu/stes/blog/social-media.html