މި ޖޮބުން ކެނޑެންވީ! މިއީ ވަރަށް ގިނަ ފަހަރު މަސައްކަތު މާހައުލުން އިވޭ އަޑެކެވެ. އަބަދުވެސް އޮފީހުގެ އެކަކު ދެމީހުން މިކަމާ ބަހުސްކުރާ އަޑުއިވެއެވެ. މިއީ ވަކި ދާއިރާއަކަށް ޚާއްސަކަމެއްނޫނެވެ. ވަރަށް ގިނަ އޮފީސް މާހައުލުގައި ހިނގާ އަދި ހިނގަމުންދާނެ ކަމެކެވެ.
ތިމާހުރި ވަޒީފާއިން ވަކިވުމުގެ ކުރިން، އެ އަޅަނީ ބޮޑު ފިޔަވަޅެއްކަންދަނެ، އޭގެ ވަށައިގެން ހިނގާ އަދި ހިނގާނެ ބައެއްކަންކަމާމެދު ފިކުރުކޮށްލަންޖެހެއެވެ. މިގޮތުން ވަޒީފާއިން ވަކިވުމުގެ ކުރިން، ނުވަތަ "އެހެން ޖޮބަކަށް ދާން" ފައި ނެގުމުގެ ކުރިން ފިކުރުކޮށްލަން ރަނގަޅު 4-5 ކަމަކަށް ކުރުކޮށް ބަލާލާނަމެވެ.
1- ޖޮބުން ކެނޑެނީ ކީއްވެ؟
ޔަގީން ޖަވާބެއް ހޯދަންޖެހެއެވެ. އަމިއްލަ ސަބަބުތަކަކުންތޯ ވަޒީފާގެ މާހައުލުގެ ސަބަބަކުންތޯ ހޯދާށެވެ. މިސާލަކަށް، މާވަރުބަލި ވާތީ، ފޫހިވާތީ، ގިނަވަގުތު މަސައްކަތް ކުރަންޖެހޭތީ، ނުވަތަ މަސައްކަތްކުރާހިތްނުވާތީނަމަ، އާ ވަޒީފާއަކުން ތަސައްލީއެއް ނުލިބޭނެއެވެ. ވަޒީފާއިން ކެނޑެން ބޭނުންވަނީ، ލިބޭ އާމްދަނީ ދައްކަމުން، ވަޒީފާގެ މާހައުލުގައި ޤަބޫލުނުކުރެވޭ ނުރަނގަޅު ކަންތަކެއް ހުރުމުން، ވަޒީފާގެ ކުރިއެރުން އިދާރާގަ ނެތުން ފަދަ ސަބަބަކުން ނަމަ، އާ ވަޒީފާއަކުން އެކަމަށް ހައްލުލިބޭ ފަހަރު ހުރެއެވެ.
2- އާ ވަޒީފާއިން ބޭނުންވަނީ ކޮންކަމެއް؟
ކުރީގެ ވަޒީފާ ދޫކޮށް އެހެން ވަޒީފާއަކަަށް ދާންއެދޭ ނަމަ، ހާސިލު ކުރަންއެދެނީ ކޮން ކަމެއްތޯ ބަލަންޖެހެއެވެ. އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށް ބަލާނަމަ، ވަޒީފާގެ ކުރިއެރުމަށް އެއްފަހަރު އަމިއްލަ ރަށުން ބޭރު ވަޒީފާއަކަށް ދާންޖެހުނެވެ. އަނެއްފަހަރު، ރަނގަޅު ވަޒީފާގެ މާހައުލެއް ދޫކޮށް މާކުޑަ އިދާރާއަކަށް ވަޒީފާ ބަދަލު ކުރަންބޭނުންވީ އާއިލާއާއި ގާތުގައި ހުރުމަށެވެ. މިގޮތަށް ކޮންމެ މީހެއްގެ ބޭނުންވާ މަގްސަދު ތަފާތުވާނެތީ އެކަން ވިސްނާ، ތިމާގެބޭނުމަށް ތަންދޭ ބަދަލަކަށްނޫނީ ފިޔަވަޅު ނެގުން ބުއްދިވެރިނުވާނެއެވެ. އެހެނަސް އެކަމުގެތެރެއިން، ދިގުރާސްތާގެ ހާސިލުކުރަންބޭނުން ލަނޑުދަނޑިއަށް ހުރަސް އެޅިގެންނުވާނެއެވެ.
3- މިނޫން ގޮތެއް ނެތީހެއްޔެވެ؟
ވަޒީފާ ބަދަލުކުރަން ވިސްނަންވާނީ އެންމެ ފަހު ފިޔަވަޅަކަށެވެ. ކޮންމެ ތަނެއްގައި ވަޒީފާ އަދާކުރިޔަސް، ނުރުހޭ ގަޔާނުވާ، ފިކުރާނުވާކަންކަން ހުންނާނެއެވެ. ހިތްނުތަނަވަސްވާ ކޮންމެ ވަގުތަކު އާ ވަޒީފާ ހޯދުމުގެ ބަދަލުގައި ތަނުގެވެރިންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާ ވާހަކަ ދައްކާ، އެކަމަށް ހައްލު ހޯދިއްޖެނަމަ މާ ހިތްގައިމުވާނެއެވެ. އާވަޒީފާއެކޭ ބުނާއިރު، އެތަނުގައި މަސައްކަތް ކުރަންފެށުމުންނޫނީ، އެތަނުގައި ހުރި މައްސަލަ ނޭނގޭނެކަން ގަބޫލުކުރަންވާނެއެވެ. އޮޑި ދޫކޮށް ދުރަށްފަތައިގަންނަންވާނީ، ދެން މި އޮޑި ސަލާމަތްނުކުރެވި ފެތެނީކަން ޔަގީންވީމަތާއެވެ.
4- ތި އުޅެނީ މިންޖުވާންތަ ހާސިލުކުރަންތަ؟
ވަޒީފާގެ މާހައުލުގެ ކަމަކުން މިންޖުވާން، މައްސަލައިން ރެެކެން، މައްސަލައާއި ކުރިމަތި ނުލަން އެހެން ދިމާލަކަށް އެނބުރެންވިސްނާނަމަ އެކުރެވެނީ މޮޔަކަމެކެވެ. މަައްސަލައާއި ގޮންޖެހުމާއި ނުތަނަވަސްކަން ކޮންމެ މާހައުލެއްގައި ހުންނާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އެކަމުން ނުރެކެވޭނެއެވެ. އެހެން ނަމަވެސް މިހާރުހުރި ވަޒީފާއިން ހާސިލުނުވާ ކުރިއެރުމަކަށް މިސްރާބުނަގާ، އާ ވަޒީފާއަކަށްދާނަމަ ކުރިއަށްދާންވީއެވެ. ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއް، ތިމާގެ ކާމިޔާބީއަށް ކުރެވޭ މަސައްކަތުގެ އިތުރު ފިޔަވަޅަކަށްވޭތޯ ބަލަންވާނެއެވެ.
5- ދެންވާނީ ކިހިނެއް؟
ވިސްނަންވީ މިކަހަލަގޮތަކަށެވެ. މިވަޒީފާގައި އަދި 5 އަހަރު ހުރެއްޖެނަމަ އަހަރެންގެ ކެރިއާ ހުންނާނީ ކިހާހިސާބެއްގަހެއްޔެވެ؟ މި ވަޒީފާދޫކޮށް އާވަޒީފާއަކަށް ދިއުމުން 5 އަހަރު ފަހުން ހާސިލުކުރެވޭނީ ކިހާމިންވަރެއްހެއްޔެވެ؟
އެކުގައި އުޅުނު މީހުންނާއި، ވަޒީފާ މާހައުލުގެ ދެނެފަރިތަކަމާއި ތަނުގައި ތިމާގެ ތަޖުރިބާއާއި އެކަމުން އިދާރާގައި ލިބިފައިވާ ލޯޔަލްޓީ ދޫކޮށް ބީރައްޓެހި މާހައުލަކަށް ދާއިރު، ތިމާ ވާނީ ތަނަށް އެންމެ ހަގު މުވައްޒަފަށްކަން ވިސްނަންވާނެއެވެ.
ކޮންމެ އަކަސް، ވަޒީފާ އަކުންވަކިވާންވާނީ ވިސްނާފައެވެ. އޭގެ ކުރުރާސްތާ އަދި ދިގު ރާސްތާގެ އަސަރާއި، ތިމާ ބޭނުންވާ ކެރިއާރޕާތަށް ދިިއުމާއި، ތިމާގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން މިނެކިރައިގެން ނޫނީ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ލަނޑު ލިބިދާނެއެވެ. ސަބަބުވެރިވިސްނުމެއްގައި، ނެގޭ ރަނގަޅު ފިޔަވަޅުން ހީވެސް ނުކުރާހާ އަވަހަށް ކުރިއެރުމާއި އަރުތަވެސް ހާސިލުވެވިދާނެއެވެ.
Photo: https://fortune.com/2023/01/27/college-educated-men-working-less-fewer-hours-quiet-quitting-great-resignation/