އެއްކަމެއް
ޔަގީނެވެ. އުނގެނުމާއި ދަސްކުރުމަކީ ވަކި މީހަކަށް، ވަކި އުމުރަކަށް އަދި ވަކި
މަގާމަކަށްއޮތް ކަމެއްނޫނެވެ. ހަޔާތުގެ ކޮންމެ ހިސާބެއްގައިވެސް، އުނގެނުމާއި
އާމައުލޫމާތުން ސިކުނޑިއަށް ތާޒާކަން ގެނައުމަކީ ބޭނުންތެރިކަމެކެވެ. ވަގުތާއި
ހާލަތާއި އެއްހަމައިގަ ފައިތިލަ ސާބިތު ކުރުމަށް ލާޒިމުކަމެކެވެ. މަޖިލިސް
މެމްބަރުންގެތެރެއިން ކިޔަވާވިދާޅުވާންފެއްޓެވި ބޭފުޅުންނަށް ހަޖޫޖަހަންނުޖެހެވެ.
އިލްމަކީ ހައްގެއް އަދި ޒިއްމާއެކެވެ. މަޖިލިސް ގޮނޑިއަށް އައީ ނުކިޔަވާތިބެކަމަށް
ބުނާއިރު ރައްޔިތުން ވޯޓުލާނީވެސް އެވަރުބަލާފަތާއެވެ!
މަޖިލިސް
މެމްބަރުކަމަކީ އެކަމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ އަދި ވާދަވެސް
ކުރާކަމެކެކެވެ. މިހިނގާ 20 ވަނަ މަޖިލިސްގެ 93 ގޮނޑިއަށް 362 ކެންޑިޑޭޓުން އަދި 2019
ވަނަ އަހަރުގެ އިންތިޚާބުގައި 87 ގޮނޑިއަށް 378 ބޭފުޅުން ވާދަކުރެއްވިއެވެ.
ރާއްޖޭގައި
ގާނޫނު ހަދާ މަޖިލިސްގެ ނުވަތަ ރައްޔިތުންގެ މަޖިލިސްގެ ރޯލާއި ޒިއްމާ ވަރަށް ގިނަ
ފަހަރު އޮޅިފައިއޮންނަހެން ވެސް ހީވެއެވެ. އެހެނަސް އެއީ ކަޅާއި ހުދުން ލިޔެފައިވާ
އެއްޗެކެވެ. ކޮންމެ ފަހަރަކު މަޖިލިހަށް އިންތިޚާބުވުމުން ކޯސް ހަދަންވެސް
ދުއްވައި ނުގަނެވޭނެތާއެވެ. އެހެންކަމުން މިލިޔުމުގައި ބަލާލާނީ އެކަމަށް
ޝާއުގުހުރި ފަރާތްތަކުން އަށަގަންނަވަންވީ ބައެއް ހުނަރާއި ލިބިގަންނަންވީ
މައުލޫމާތާއި ދިރާސާކޮށް އަހުލުވެރިވެލަންވާ ބައެއް މައުޟޫއުތަކަށެވެ.
ޚުލާސާކޮށެވެ. މިއަށްވުރެ ފުޅާކޮށް އިތުރަށް ހޯދަންޖެހޭ މައުލޫމާތެއްނެތެކޭނޫނެވެ.
އަސާސީ
ހުނަރު:
ރައްޔިތުންގެ
މަޖިލިހުގެ ގޮނޑިއަށް ޝައުގުވެރިވާ ކޮންމެ މީހަކުވެސް އަސާސީ 2 ހުނަރެއް ހާސިލު
ކުރެވޭތޯ ބަލަން އަދި ދަސްކުރަންޖެހެއެވެ.
1- ވާހަކަ
ދެއްކުމާއި މުއާމަލާތުކުރުން- މަޖިލިސް ޗެމްބަރުގައި އަޑުގަދަކޮށް ތާޅަފިލިފުމޭ
ވާހަކައެއްނޫނެވެ. ހަމަޖެހޭ އުސްލޫބަކުން، އަނެކާއަށް މޭރުންވާނެހެން ތަރުތީބުން
އިލްމީ ބަހުސްކޮށް ޒިއްމާދާރުކޮށް ވާހަކަ ދެއްކުމެވެ. އަދި ޚިޔާލުތަފާތު މީހާގެ
އަޑުއެހުމުގެ ގާބިލުކަމާއި، އެމީހުންނާވެސް ރަނގަޅު ގޮތުގައި މުޢާމަލާތުކުރުމުގެ
ހުނަރެވެ.
2- ދިރާސާކޮށް
ބެލުމުގެ ހުނަރު- ޤާނޫނު ހަދަނީ މުޅިރައްޔިތުންގެ މައްޗަށެވެ. އެހެންކަމުން އެއަށް
ހުށަހަޅާ ބަދަލުތަކާއި ބިލުތައް އިލްމީ ނަޒަރަކުން ދިރާސާ ކުރަން އިނގެންޖެހެއެވެ.
ދުނިޔޭގެ ޤައުމުތަކުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސްތައް ހޯދާ
ދިރާސާކުރެވެންޖެހެއެވެ. ކަމާގުޅޭ ދިރާސީ އަދި އިލްމީ ލިޔުން
މުރާޖާކުރެވެންވާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި ފިކުރު އެކަމުގައި
ހުރިނެތް ގޮތް ބެލޭނެ ގާބިލުކަން ހުންނަންވާނެއެވެ. ވަަށައިގެން "އެމްޕީ
އެމްޕީ" ކިޔަން ތިބޭ 10-12 ކުދިންގެ ޚިޔާލުވާހަކައެއްނޫނެވެ. ދާއިރާގެ ރައްޔިތުންވާހަކައެވެ.
ދެން ބަލާލާނީ
މިއަދު ރާއްޖޭގެ ހާލަތާއި ޤައުމުގެ ކަންކަމަށް ބަލާއިރު، ކާމިޔާބު މަޖިލިސް
މެމްބަރަކަށްވުމަށް އެމީހާގެ ނަޒަރާއި، މައުލޫމާތުގެ މުއްސަނދިކަން
ލިބިގަންނަންޖެހޭ މައިގަނޑު 9 ބަހާއަކަށެވެ. މިބަހާތަކާ ގުޅޭ އިލްމީ ލިޔުންތަކާއި،
ދުނިޔޭގައި އެކަންކަމާގޮތުން ހެދިފައިވާ އުސޫލުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި،
އަހުދުނާމާފަދަ ކަންކަމަށް ހޭލުންތެރިވެ އަހުލުވެރިމުން، މީހުންގެ މަސް ކެއުމާއި،
ތާކުންތާކުނުޖެހޭ ކޮސްތެޅުމާއި ބަހުގެ ދެކޮޅަށް، "މަގޭ ޕާޓީ، މާގޭ ލީޑަރ،
ކުރީ ސަރުކާރު" ފަދަ ކަމާނުގުޅޭ ބޭކާރުވާހަަކައިން މިންޖުވާނެ ބަހާތަކެކެވެ.
1- ސަރުކާރާއި މަޖިލިސްގެ އުސޫލު
ތަކަށް އަހުލުވެރިވާންޖެހެއެވެ. ސިވިލސް ސާވިސް ގަވާއިދުތަކާއި، އިދާރާތަކުގެ
ހިންގުންގެންދާގޮތާއި، ގައުމުގެ މިނިވަން މުއައްސަސާތަކާއި އެތަންތަނުގެ މަސްއޫލިއްޔަތު
އިނގެންޖެހެއެވެ. ޤައުމުގެ ވެރިކަމުގެ ތިން ބާރު އަދި އެބާރުތަކުގެ ސްޓަރަކްޗާރއާއިއުސޫލުތަކަށް
އަހުލުވެރިވާންޖެހެއެވެ. އަދި މި ކަންކަމާއި ބޭރުގެ ޤައުމުތަކުގައި
މިކަންކަންހިނގާގޮތުގެ ފަރަގުކުރަން އިނގެންޖެހެއެވެ.
2- އިގްތިސާދޭ
މިކިޔާއެެއްޗަކީ މެމްބަރެއްގެ މަސައްކަތުގެ މުހިއްމު ނާރެހެކެވެ. ޓެކުހާއި،
ބޭރުފައިސާގެ މާރުކޭޓާއި، އިންފްލޭޝަނާއި، އިގްތިސާދީ ކުރިއެރުމުގެ އަސާސްތަކާއި،
ބަޖެޓާއި ޕަބްލިކް ފައިންނޭސަށް ބީރައްޓެހިވެގެން ރަނގަޅަކަށް އެޒިއްމާ
ނުއުފުލޭނެއެވެ.
3- ތައުލީމާއި
ސިއްހަތާއި، އިޖުތިމާއީ ރައްކާތެރިކަމަށް ދައުލަތުގަ ހެދިފައިވާ އުސޫލާއި
ގަވާއިދުތަކާއި،މުވައްޒަފުންނާއި ވަޒީފާދޭމީހުންގެ ހައްގާއި މުއާމަލާތު، އަދި އެކަންކަން އެތުރި ތަރުތީބުވެފައިވާގޮތް
ދަނެގެންނޫނީ ރައްޔިތުންގެ އަސާސީ މުހިއްމު ނިންމުންތަކުގައި ތާކުންތާކުޖެހޭ ވާހަކައެއް
އޮންނާނީ ނުދެއްކިފައެވެ.
4- އަސާސީ
ހައްގުތަކާއި އިންސާނީ ހައްގުތަކާއި، މަދަނީ އަދި ޖިނާއީ ގާނުނުތަކުގެ އިތުރުން،
ޤައުމަށް އަސަރުކުރާ ބައިނަލްއަގުވާމީ ގަވާއިދުތަކަށް ލޯހުޅުވަންޖެހެއެވެ.
5-
ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށީގެ، ރާއްޖެއާއި ބޭރުގެ
ގޮންޖެހުންތަކާއި،ގުދުރަތީ ވަސީލަތްތައް މެނޭޖު ކުރުމާއި ކާރިސާގެ ހާލަތްތައް
ފަހުމުވެ، އެނގިފައިއޮތުން ބޭނުންތެރިއެވެ.
6- ސައިބާރ
ސެކިއުރިޓީ، އޭއާއި، އަދި އީގަވަންމަންޓަށް ނުހަނު ލޯހުޅުވިގެންނޫނީ، ޓެކްނޮލޮޖީގެ
މިޒަމާނުގައި ޒިއްމާއުފުލޭނެ މެމްބަރަކަށް ކުފޫހަމަވާނެތޯ މީހުން
ސުވާލުކުރާނެއެވެ.
7- ޚާރިޖީ
ސިޔާސަތުތަކާއި، ދޭދޭ ގައުމުތަކުގެ ގުޅުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ،
ސިޔާސީ، އިގްތިސާދީ، ސަގާފީ ގުޅުންތަކަށް އަހުލުވެރިވާންނޭނގޭނަމަ، "ސަލާމް ކުރާންނުވާވަރު މީހަކާ ސަލާމްކޮށްގެން އުފުރާލާތަން" އަތުވެދާނެއެވެ.
8-
ގުޑްގަވަނަންސް، ޑީސެންޓްރަލައިޒޭޝަން(ލާމަރުކަޒީ ނިޒާމު)، ކޮމިއުނިޓީ ބޭސްޑް ޑިވެލޮޕްމަންޓް، ފަދަ
މަހުފޫމުތަކަކީ އަބަދުމެ ހިތުގައި ހަރުލާވަރަށް އަހުލުވެރިކަންކަމަށް
ވާންޖެެހެއެވެ. އެކަންކަަމަށް ޒިއްމާދާރުކަމާއި ތެދުވެރިކަމާއެކު ފާރަވެރިވާން
ދަސްކުރަންޖެހެއެވެ. ޖެއްސުންކުރާކަށްނޫނެވެ. ޒިއްމާދާރުކުރާށެވެ. ފާނާކުރުމުގެ
ބަދަލުގައި ބިނާކުރުމަށެވެ.
9- ތަފާތު
މައުޟޫއުތަކަށް ބަހުސްކުރެވޭ މައުލޫމާތު މިއްސަނދި، އަދި މިޒަމާނާއި ގުޅޭނެހެން
މީސްމީޑިއާއަށް އަހުލުވެރި، ތިމާގެ ޑިޖިޓަލް ފުޓްޕްރިންޓް ތާހިރުމީހަކަށް
ވުމަކީވެސް އަމުދަކުން މުހިއްމުކަން ކުޑަބަހާއެއްނޫނެވެ.
މިއީ އަކީ،
މަޖިލިސް މެމްބަރުންނަށް ހިންގާ ޑިގްރީ ކޯހުގެ ފަރުމާއެއްނޫނެވެ. މިއީ ރާއްޖޭގެ
ހާލަތަށްބަލާ، ކާމިޔާބު މަޖިލިސް މެމްބަރެއްގެ އިލްމާއި ހުނަރާއި ފިކުރު
ދާންޖެހޭނެކަމަށް މަގޭހިތް ބުނާ ކަންކަމެވެ. ހުންނާންޖެހޭ 2 ސިފައާއި، އުނގެނި
ދަސްކޮށް އަހުލުވެރިވާންވީ 9 ބަހާއެވެ.
ކަށަވަރުންވެސް،
މީހުންގެ އަބުރުކަތިލުމާއި، ބޭކާރު ވާހަކަ ދެއްކުމާއި، އެކެއް އަނެއްކެެގެ ގަޔަށް
ބޮލަށް އަރައިގަންނަ ޒާތުގެ މަޖިލިސް އަކަށްވުރެ، އިސްވެ ދެންނެވި ކަންކަމަށް
އަހުލުވެރި ބަޔަކު ތިބި މަޖިލިސްއެއް މާރަގަޅުވާނެއެވެ. އެފަދަ މަޖިލިސް އަކަށް
ޤައުމު އެދެއެވެ.
https://www.elections.gov.mv/