ފަހުގެ ތާރީޚެއްގައި، ގުދުރަތީ ހާދިސާއަކުން ދިވެހިންނަށް އެންމެ ބޮޑު ގެއްލުންލިބި، ގިނަ ފުރާނަތަކެއް ވަކިވެދިޔަ، ސުނާމީގެ ހިތްދަތި ކާރިސާއަށް 20 އަހަރުވީއެވެ. އެހިތާމަވެރި ބިރުވެރި ދުވަހު، އަޅުގަނޑުމެންގެ ތެރެއިން ފުރާނަދިޔަ އަޚުންނާއި އުޚްތުންނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އެފަދަ ހިތްދަތި ބިރުވެރި ކަންކަންމުން މިދީބު އަބަދުމެ ހިމާޔަތްކުރައްވާށިއެވެ. އާމީން. ސުނާމީ ކާރިސާއާއެކު، ދިވެހިން، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި އަތުކުރި އޮޅާލިގޮތަކީ، އެތަކެއް ޒަމާނަކަށް ދެމިގެންދާނެ ފޮނި ޒިކުރާތަކެކެވެ.
ވިހި އަހަރު ފަހެވެ. މިއަދު އެކަމުން އަރައިގަނެވިއްޖެެވެ. ދިރިއުޅުން ހަމަމަޔަކަށް އެޅި، ސުނާމީގެ ހަނދާން މާޒީގެ ސަފުހާތަކަށް ދޫކުރެވިއްޖެއެވެ. މިއަދު ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރާއިރު، ހިތަށްއަރާފައިބާ އެއްކަމެއް އެބަޮއެތެވެ. ވިހި އަހަރު ފަހުން ދިވެހިން މިވަނީ އެދުވަހު ދެއްކި އެއްބައިވަންތަކަން އަލުންނެރެ، ފަސާދައިގެ ސުނާމީއަކާ ކުރިމަތިލާންޖެހިފައެވެ.
އާދެ ކޮރަޕްޝަނެވެ. މިއީ އިންސާނީނައުޢުގައި ހަރުލާފައިވާ ނޭއްގާނީ ސިފައެކެވެ. ޢީސާގެފާނުގެ 2400 އަހަރު ކުރީގެ މިސުރުގެ ވާހަކަތަކުގައި އެމީހުންގެ ގަވާއިދުތަކުގައި ފަސާދައިގެ ވާހަކަ ވާކަމަށްެވެއެވެ. އަދި އިހުގެ ސީނުކަރައިގެ ޤަދީމީ ގަބޫލުކުރުންތަކުގެ ތެރެއިން އެމީހުންގެ ކާނާގެ ކަލާނގެ ތަސްވީރު އަންދާލުމުގެ ކުރިން އެއަށް ފޮނި ކާއެއްޗެއްދެނީ، ކާނާގެ ކަލާނގެއަށް ނުސީދާކޮށް ރިޝްވަތު ދިނުމަށެވެ. އަންނަން އޮތް އަހަރަށް ރިޒުގު އިތުރުކޮށްދޭތޯއެވެ! އެވޭލާ ގްރީކްގެ އަލެކެމިއެނެޑަލް ދަރިކޮޅު މީހުން، ފާދިރީންނަށް ރިޝްވަތު ދިންވާހަކައަކީ، ގްރީކްގެ އެންމެ އިހުގެ ތާރީޚުގައި ކިޔާވާހަކައެކެެވެ. މިއަދަށް ބަލާނަމަވެސް، ރިޝްވަތާއި ފަސާދަނެތް ޤައުމެއްނެތެވެ. އެހެންކަމުން މިއީ ރާއްޖޭގައިވެސް ނެތިނުދާނެކަމެކެވެ. އެހެނަސް، މުޅި އިންސާނިއްޔަތު ހެކިވާކަމަކީ، ކޮރަޕްޝަނަކީ ގޯސް ނުރަނގަޅު ކަމެއް ކަމެެވެ.
މިއަދު އަޅުގަނޑުމެންގެ ރަށްތައް ބޮޑު ރާޅުގެ ލޮނުގަނޑުން ޢަރަގުވެފައިނެތަސް، ފަސާދައިގެ ބިޔަ ކަނޑެއްގައި މުޅި ގައުމު ވަނީ ޢަރަގުވެފައެވެ.
މިއަދުގެ ހަގީގަތަކީ، އިންތިޚާބަކަށް ކުރިމަތިލާން ޖެހޭނީ، ވޯޓުލާން ތިބިމީހުންނަށް "ހަދިޔާ" ދެވޭވަރަށް ފައިސާ ހުރެގެންކަމަށް ގަބޫލުކުރާމީހުން ގިނައެވެ. ވަޒީފާއަކަށް އިއުލާން ކުރުމުން ،އެއީ އެވެނި މީހަކަށް ނުވަތަ މިވެނި މީހަކަށް "ފާހާފައޮތް ކޯޓެއް" ކަމަށް ބުނުމަކީ ޢާއްމުކަމެކެވެ. އަދި އެބުނާމީހާ ކޯޓު ލާފަހަރު ގިނަވެސްމެއެވެ. ވަޒީފާގެ ބަސްދީގަތުމަކަށް މީހަކަށް ފުރުސަތުދޭއިރު، އަސްލު ހޮވަން މިއުޅެނީ، އެވެނި މީހަކޭ ބުނަން ޖެހިލުންވާ މީހުން އަދަކު ވެރިއަކަށް ކުފޫހަމަވާކަމަކަށްވެސް ނުވެއެވެ. ސަރުކާރުގެ ބައެއް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ ކުރިން އެ އިދާރާގެ "ކުދި ބޭކަލުންނަށް ޚައިރާތުކޮށްނުލާ" އެކަމެއް އަވަސްވާކަމަަކަށް ނުވެއެެވެ. ކުޑަމިނުން ޑޮކްޓަރަށް ދައްކަންވެސް ނަންބަރު ހޯދަން ރައްޓެހި ނަރުހަކަށް ނުވަތަ ކައުންޓަރު ކުއްޖަކަށް އެހެންޏާ ވެރިއަކަށް ގުޅަންޖެހެއެވެ. ގާބޫލުކުރާށެވެ. ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ދަރިވަރުންގެ އިންތިޚާބުގެ ތެރެއިންވެސް އެކުދިން އަމިއްލައަށް ދޭނެ "ހަދިޔާ" ތަކާއި، މައިންބަފައިން މެދުވެރިކޮށް ކޮށްދޭނެ ކަންކަމުގެ ވާހަކަ އެކުދިންގެ ކޭމްޕޭންތަކުގައި ކިޔަން ފަށައިފިއެވެ.
މިބުނެވުނީ ކޮރަޕްޝަންގެ "ކުދި" ކަންކަމެވެ. މަޖިލިސް ތެރޭ އެކި ބިލުތަކަށް ވޯޓު ދިނުމާއި ނުދިނުމަށް، ސަރުކާރުގެ ޕްރޮޖެކްޓް ކާމިޔާބުކުރުމަށް، އެކި ބޭނުންތަކަށް ފަޅުރަށްތައް ހޯދުމަށް، ޙާކިމާގެ މޭޒު ވަކި ކޮަޅަކަށް އަނބުރާލުމަށް، ފެލްޓް ތިމާއަށް ލިބިގަތުމަށް، އެހެންޏާ، ބިމެއް ދަމައިގަތުމަށް، މިލިއަނުން ހަދިޔާ އެބަދެއެވެ. ދޭން އެބަޖައްސައެވެ. އަދި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، ނާޖާއިޒު ގޮތުގައި ނަންގަވާ ފައިސާއާއި އެހެންވެސް މަންފާތަކުގެ އަދަދު މިއަދު ގުނަންޖެހިފައިވަނީ ބިލިއަން ރުފިޔާއިންނެވެ. މިއަކީ އެސަރުކާރެއް މިސަރުކާރެއް، ކުރިއެއް ފަހެއްގެ ވާހަކަނޫނެވެ. މިހިނގާ 20-25 ވަރަކަށް އަހަރު މިކަން ބޮއްސުންލަމުންދާވާހަކައެވެ.
ކުރިން ބުނިހެން، ކޮރަޕްޝަނަކީ އޭގެ ޒާތުން ސައްތައިން ސައްތަ ހުއްޓުވޭނެ ކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ގިނަފަހަރު ފަސާދައިގެ މި އަމަލު ހިނގަނީ ވަރަށް ސިއްރުން ފޮރުވިގެންކަމަށް ވާތީއެވެ. އެހެނަސް، އެކަން އެނގުމުން އެކަން ހުއްޓުވާ، ފަސާދައިގެ ގޮތުގައި ހޯދި ނުހައްގު މުދާ ދައުލަތަށް ނެގޭނެ ގޮތެއް ނެތުމަކީ، އާއްމުންގެ މަސްލަހަތަށް އަރައިގަތުމެވެ.
ރާއްޖޭގެވާހަކައެވެ. އާވާހަކަތަކެއް ނޫންނެވެ. ރައީސް މައުމޫނުގެ ދުވަސްވަރު މަޝްހޫރު އެފްޕީއައިޑީ ކޭސް، ރައީސް ވަހީދުގެ ދުވަސްވަރު ނެޓްބިޒް ގެ ޚިޔާނާތް، ރައީސް ޔާމީންގެ ދުވަސްވަރު އެމްއެމްޕީއާރު ސީ، ރައީސް ސޯލިހުގެ ދުވަސްވަރު ވެންޓިލޭޓާރ އަދި ރައީސް ޑރ މުއިއްޒުގެ ދުވަސްވަރު އެޗްޑީސީއެވެ.
މިހުރިހާ ކޭސްތަކުން ފެންނަ އެއް ހަގީގަތަކީ، އޭރަކު ހުންނެވިވެރިއަކު، އެކަމަކާއި ދެކޮޅަށް ފިޔަވަޅު އެޅުއްވިތަނެެވެ. އިދާރާތަކާއި މުއްސަސާތަކަށް ހުށަހެޅުއްވިކަމެވެ. ކަމުގެ ބޮޑުކަމާއި، ހިނގާފައިވަނީ މާފުނުކުރެވޭވަރުގެ ކުށްކަން ރައްޔިތުންނަށް ކިޔާދެއްވިކަމެވެ. އެތަހުގީގުތައް ކުުރެއެވެ. ދައުވާތައްވެސްމެއެވެ. އެހެނަސް މިއިން ކަމަކުން ދުވަހަކުވެސް ނުފެންނަ ނަތިޖާއަކީ، ރައްޔިތުންނާއި، ދައުލަތަށް ލިބުނު ގެއްލުން އިއާދަނުވުމެވެ. ޚިޔާނާތްތެރިވެ ގައުމަށް ޢައްދާރުވާ މީހާ ފަހުން އައިސް ވެރިކަމުގެ ކޮއިލުގައި ވުޒާރާތަކަށް ބަސްބުނުއްވުމުން، ސިޔާސީ ޕާޓީތައް ހެއްދެވުމުން އޭގައި ދެކޮޅު ނުޖެހޭކަންތަކެއް ހުރިކަން ގަބޫލުކުރަންޖެހެއެވެ. ގިނަފަހަރު މަތިފަޑިއަށް އަލުން އަރަންބޭނުންކުރަނީ ކުރިން ދައުލަތުން ފޭރިގަތް ފައިސާއާއި މުދަލެެވެ. އެކަމާ ތުރާވާނެބަޔަކު ދުވަސްކޮޅަކުން ނުތިބޭކަހަލައެވެ.
ބިލިއަންނެއްހާ ރުފިޔާ ވަގަށްނަގާ، ދޮޅު އަހަރެއްހާ ދުވަހު ޖަލުގަ އުޅެލާފަ މާ މިނިވަންކޮށް މާދަމާ އުޅެވޭނަމަ، މަޖިލިސްތެރޭ ފާޅުގައި އެވެނި މީހަކު މިވެނި އަދަދަކުން އެވެނި ދުވަހެއްގައި ރިޝްވަތު ހޯދި ވާހަކައިގެ ގޮވެލި ގޮވާލެލޭވެނަމަ، މިހަދާ ގާނޫނަކުން ކުރާނެކަމެއް ނެތްތާއެވެ. އަމުދުން އެފަދަ ބަޔަކު އަޅުގަނޑުންމެންގެ ވޯޓުން އަލުން މަގާމުތަކަށް ގެނެވޭނަމަ މިވަނީ ތަރައްގީއެއްނޫންތާއެވެ.
ވަކި މީހެއްގެ ވާހަކަ ދައްކާކަށްނެތީމެވެ. މިއީ އަދުގެ ހާލަތެވެ. މިއަދު ޤައުމު އެއްބައިވަންތަވާންވީ މިފަސާދައިން ގައުމު މިންޖުކުރެވޭތޯއެވެ. ރިޝްވަތާއި ނުރަނގަޅު ނުފޫޒުން ޤައުމު ޢަރަގުވިޔަނުދޭންވީއެވެ. ސުނާމީގައި ދިޔައީ ފުރާނައެވެ. ފަސާދައިގައި ނެތިދާނީ އެތަކެއް ބައެއްގެ އަބުރާއި ކަރާމަތާއި މުދަލާއި ހައްގެެވެ. ސުނާމީގައި ދޮވެވިގެން ދިޔައީ އަޅުގަނޑުމެން ހޯދާފައިވާ މުދަލާއި ގެދޮރެވެ. ފަސާދައިގައި އޮޔާދާނީ މިޤައުމުގެ ސިލްމާއި ސަލާމަތާއި މުސްތަގުބަލެވެ.
ސުވާލަކީ ހައްލަކީ ކޮބައިތޯއެވެ؟ ހައްލަކީ މަށެވެ. ތިބާއެވެ. ކޮންމެ މީހަކު ތިމާ، ފަސާދައިގެ ކުޑަމިންވަރެއްގައިވެސް ހިއްސާ ނުވުމެވެ. ހައްލަކީ، ސަރުކާރުތަކާއި މުވައްސަސާތަކުން، ދައުލަތަށް ވަފާތެރިވުމެވެ. ޚިޔާނާތުގެ ކޮންމެ ލާރިއެއް އަނބުރާ ހޯދާ، ދައުލަތަށް ވައްދާކަން ކަށަވަރުުކުރަންވީއެވެ. އެކަން ނުވާނަމަ، ހަމަ އެކަނި "ނޭމް އެންޑް ޝޭމް" ކުރުމަށް ޚަރަދު ބޮޑު މުއައްސަސާތަކެއް އަދި މަގާމުތަަކާއި ކަމިޝަނަރުންތަކެއްގެ ބޭނުމެއްނެތެވެ. ނޫސްވެރިންވެސް ނޭމް އެންޑް ޝޭމް ކޮށްދީފާނެއެވެ. އަމުދަކުން މިއޮަށް މީސްމީޑިއާގެ ޒަމާނުގައި އެއަކީ ފިސާރި ފަސޭހަކަމެއްތާއެވެ. ބޭނުންވަނީ ދައުލަތަށްދޭ ގެއްލުން އަނބުރާ އިއާދަކުރުމެވެ. ވަގަށް ނެގި ލާރި، މުދާ ، ބިން، ފެލެޓް، ނުހައްގު މަގާމު އެކަންކުރިމީހެއްގެ އަތުން އަތުލުމުވެ. ޕާޓީ އާއި އަމިއްލަ އެދުމާށްވުރެ މިދީބު އިސްކުރަންވީއެވެ. އެނޫންނަމަ، 24 ޑިސެމްބަރުގެ އިންޑިއަން އޯޝަން ސުނާމީގެ ރާޅަށްވުރެ، ބޯމަތިވެފައިވާ ފަސާދައިގެ ސުނާމީގެ ހިތިކަމާއި ގިތިކަން ދެމިގެންދާނީ ކިތައް ޖީލައްކަމެއްވެސް ނޭނގެއެވެ.
https://www.unodc.org/pdf/crime/corruption/UN_Guide.pdf
https://theconversation.com/from-our-ancestors-to-modern-leaders-all-do-it-the-story-of-corruption-102164
https://www.transparency.org/en/gcb/asia/asia-2020/results/mdv
https://maldivesvoice.com/2016/10/26/pity-the-nation-that-is-paralyzed-by-corruption/