ގާނޫނާ ޚިލާފަށް އުޅެނިކޮށް ޑިޕޯޓް ކުރި ނޯވޭގެ މީހާ |
މިދެދުވަހެއްގައި، ރާއްޖޭގައި އެންމެ ހިނގާ ހަބަރަކީ ފަރަންސޭސި ދެމަފިރިއަކާއި ދަރިން ޤާނޫނާ ޚިލާފަށް ދޮޅަހަކަށް އަހަރު ރާއްޖޭގައި އުޅޭ ވާހަކައެވެ. މިހާރު ނޫހުގައި ޝާއިރު ކުރި ރިޕޯޓާއިއެކު، މުޅި ގައުމުގެ ސަމާލުކަމަށް އައެއެވެ.
އާއްމު އުސޫލުން ދިވެހިންގެ ޚިޔާލު ދެކަފިވީއެވެ. އެއްބަޔަކު ގަބޫލުކުރާގޮތުން، ޤާނޫނާއި ޚިލާފަށް ރާއްޖޭގައި އުޅުމަށް ފުރުސަތުނުދީ ވަގުތުން ޑީޕޯޓް ކޮށްލަންވީއެވެ. އަނެއްބަޔަކު ގަބޫލު ކުރަނީ، އެމީހުންނަކީ މިހާރު އިސްލާމް ދީން ގަބޫލުކޮށްފައިވާ ބަޔަކަށްވާތީ އެމީހުންނަށް ރައްޔިތުކަން ނުވަތަ ރެސިޑެންސް ވިސާ ދީގެންވިޔަސް ރާއްޖޭގައި ތިބެވޭނެގޮތް ހަދަންވީއެވެ.
އަޅުގަނޑު ހިތައް އެރިއެވެ. މިހުރިހާ ދުވަހު އަޅުގަނޑުމެން ކިޔަމުން އައީ ބަންގަލްދޭޝް މީހުން ގާނޫނާއި ޚިލާފަށް އުޅޭ ވާހަކައެވެ. އެމީހުން ވިޔަފާރި ކުރާވާހަކައެވެ. އެހެން ނަމަވެސް މަލަމަތި ބަދަލުވަނީތާއެވެ. މި އަހަރު ޖުލައި 25 ގައި ނޯވޭ ގެ ރައްޔިތަކު ޑީޕޯޓް ކުރީ 20 ޑިސެމްބަރ 2023 ގައި ރާއްޖެ އެތެރެވި ގޮތަށް ވިސާ ހަމަވުމުން ނުފުރާ އުޅެނިކޮަށް އެނގިގެންނެވެ. މިފަހަރު މިއެނގުނީ 12 އަހަރު ފަހުންނެވެ. އެހެން ވިއްޔާ މި 200 ރަށުގައި މިކަހަލަ ކިތައް މީހުން އުޅޭނެބާއެވެ. އަމުދަކުން މިހާރު ލޯކަލް ޓޫރިޒަމް އާއެކު އެތައް ރަށަަކަށް ފަތުރުވެރިކަން ފުޅާވެފައިވެއެވެ. ހިތައް އެރިއެވެ. ދިވެހި ގައުމުގެ ދޮރޯށިތައް ނުބެލެހެއްޓުމުގައި ހައްދެއް އިމެއްވެސް ނެތީތާއެވެ.
އަނެއް ކަމަކަށް ފާހަގަވީ ބަޔަކު މީހުންނަށް ނޫހުގައި އެރިޕޯޓު ލިޔުން ގޯސްވިކަމެވެ. އަޖައިބަކީ، އެރިޕޯޓުގައި މީހަކަށް ބަދު ބަހެއް ބުނެފައި، އަބުރަށް އަރައިގެންފައި ނެތް، ހަގީގީ ރިޕޯޓެއް އެވަރަށް ގޯސްވިކަމެވެ. މީހަކީ ކުރިން މުސްލިމެއް ނޫްނޭ، އޭނާ ތިމަންނާއީ ކުރީގެ ގޭންގް މެމްބަރެކޭ މީހުންގާތު ބުނެފަހުރި ކަމާއި އެމީހާ ހުރީ ޤާނޫނާއި ޚިލާފަށް ކަމަށް ރިޕޯޓުކޮށް މުައްސަސާތަކުގެ ސަމާލުކަމަށް ގެނައިމީ ނޫސްވެރިޔާގެ ކުޅަދާނަކަމެވެ. ޚުދް އަޅުގަނޑުވެސް ގަބޫލުކުރާގޮތުން، ރާއްޖޭގެ ބައެއްނޫސްތަކާއި ނޫސްވެރިންގެ ރިޕޯޓު ކުރުމާއި، ބަސްމަގު ހުންނަނީ ހައްެދެއް އިމެއްނެތިއެވެ. އެހެނަސް މި ހާދިސާގެ ރިޕޯޓަކީ ސައްހަ އަދި ފެންވަރު ރަނގަޅު ރިޕޯޓެއްކަމަށް ފެނެއެވެ.
ދެން އޮތީ އޭއާއިލާ އާއި މެދު މީސް މީޑިއާއިން ފެނުނު ބައެއް ފިކުރެވެ. އެއްބަޔަކު ދެކެނީ އެމީހުންގެ ދަރިން ސްކޫލަށް ނުދެވުމަކީ ސަރުކާރުން އެމީހުންގެ އަސާސީ ހައްގަށް އަރައިގަތުމެވެ. އަނެއްބަޔަކު ދެކޭ ގޮތުން އެމީހާ ފަހުން އިސްލާމުވުމުން މިހާރު އެމީހާގެ ބަލަދު އަލުގަނޑުމެންގެ ބޮލުގައި ވަނީ އެޅިފައެވެ. އަނެއް ބަޔަކު ހަދީސުން ދަލީލުދައްކަނީ އެމީހާއަކީ، ދިވެހިންގެ ހިމާޔަތް ވާޖިބު މީހެއްކަމެވެ. ދެންތޯއެވެ. ދެންތިބި މީހުން ތިބޭ އެމީހާގެ ހިމާޔަތުގައި ހަޅުތާލުކޮށް، އެކަމާއި ދެކޮޅަށް ބަސްބުނާހާ ބަޔަކު ދީނާއި މިއްލަތުން ބޭރުކުރާ ހިސާބުގައެވެ. ހިތައް އެރިއެވެ. މިއީވެސް ގައުމެކެވެ. މިތަނުގައި ގާނޫނާިއ ގަވާއިދު ހުރެ، އެތަންފީޒުކުރާނެ އުސޫލު އޮއްވާ، ހަމަ އަޅުގަނޑުމެން އެކަކު އަނެކަކަށް ލަގަބު ދީ، ދީނީ ، ސިޔާސީ ކޯޅުންގަނޑަކަށް ނުވަދެ، ކަމާމެބޭހޭ ފަރާތްތަކުން އެކަމުގައި އެކަށޭނެ ފިޔަވަޅު އަޅަން ދޫކޮށްގެން ކަމުނުދަނީވާއެވެ.
ދެން އިވުނީ، އެމީހުންނާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ގޮވާލި ބޭފުޅަކަށް މަރުގެ އިންޒާރުގެ ހަބަރެވެ. ހިތައްއެރިއެވެ. އެ ދަރަޖައަށް ގޮސް މީހުންގެ ފުރާނަ ދުއްވާލާވަރުވާން ހަމަ ވެއްޖެބާއެވެ. ނޫނީ މިތަނުގައި ހަމަ އެއްކަމެއްގައިވެސް ހައްދެއް އިމެއް ނެތީތޯއެވެ.
މިތަނުގައި ފަރަންސޭސީ ދެމަފިރިންނާއި މެދު ކަންކުރަންވީގޮތް ހުކުމް ކުރާކަށް ނެތީމެވެ. އެކަމުގައި ދާންއޮތް މަގު ކަޅާއި ހުދުން ޤާނޫނުތަކުގައިވާނެއެވެ. އެކަން ތަންފީޒުކުރާން ހުރި މުއައްސަސާތަކުގެ "އަތްދަށުން" ކޮންމެވެސްގޮތަކަށް ގެއްލިދިޔަކަމަށްވިޔަސް މިއަދު އޮތީ ސަމާލުކަމަށް އައިސްފައިކަމަށް ވުމުން، އެކަން ދާންޖެހޭ މިސްރާބަށް ދާނެކަމަށް ފެންނާތީއެވެ.
ޔަގީނުންވެސް ވާންވީ ކަމަކީ، ދިވެހި ގައުމުގެ ދޮރޯގެ ފާރަވެރިކަން އަދިވެސް ހަރުދަނާވާންޖެހޭކަމެވެ. ނިޒާމުގެތެރެއަށް އިތުރު އެކަކުވެސް ގާނޫނާއި ޚިލާފަށް ވަދެނުގަންނަކަން ކަށަވަރުކުރަންވީއެވެ. އެހެން ވަދެހުރި މީހަކު ނަމަ، ގާނޫނީ އިމައްފެއްތޭނަމަ އެކަންކުރަންވީއެވެ. ނުވާނަަމަ ބޭރުކުރަންވިއެވެ. އެކަމުގައި ވަކި ގައުމެއް، ކުލައެއް، ދީނެއް، ފިކުރެއް، ނަސްލެއް ތަފާތުކުރާކަށް ނުޖެހެއެވެ. ގާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަވާންވާނެއެވެ. ބަންގާޅަކަށް ފަރަންޖީއަކަސް، ރޮހިންގޏާ މީިހަކަސް މެއެވެ. އެހެންނޫންނަމަ އެކަމުގައިވެސް ހައްދެއްނެތި ހިނގައިދާނެއެވެ.