މިކަތިލެވެނީ އެއްކަލަ އަސްދޫނިތަ؟

މި ހިިނގާ އޮގަސްޓް 25 އަކީ ދިވެހި ތާރިހުގެ ހަނދާންތަކަކާގުޅޭނެ ދުވަހެކެވެ. ދިވެހި ގައުމީ ބޭންކު، އާދެ ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ދިވެހިރުފިޔާގެ ހުރިޙާ ކާޑުތަކުން ބޭރުގެ މުއާމާލާތުކުރެވޭގޮތަށް އޮތްއޮތުން ވަގުުތުން ނިމުމަކަށް ގެންނެވީއެވެ. ދެންވީ ގޮތާއި ގައިން ހީބިހިނެގިވަރާއި، އައި ރުޅިއާއި، ސޯޝަލްމީޑިއާގައި ކެކުނުހާ ބިރިޔާނީއަކާއި،  ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ވާހަކަ އެންމެނަށް ފެނިއްޖެއެވެ. 

ނަތީޖާ އަކީ ކޮބައިބާއެވެ! 




އަސްލުވެގެން އުޅެނީ ކީއްބާއެވެ؟ އަސްލު ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ދިޔައީއެވެ. ބޭންކަށް ލިބޭވަރަށްވުރެ ބޭންކުން ބޭރުވާ ޑޮލަރު ގިނަވެ ބޭންކަށް އެމުއާމަލާތުކުުރުން ހުއްޓާލަންޖެހުނީއެވެ. 

ގަބޫލުކުރަންޖެހޭ ހަގީގަތްތަކެއްވެއެވެ. ބޭންކްއޮފް މޯލްޑިވްސް އަކީ، ރައްޔިތުންނަށް ހިއްސާވިއްކާފައިވާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކަސްޓަމަރުންގިނަ ބޭންކެވެ. ބޭންކުން ކުރާނީ ވިޔަފާރިއެވެ. އެއީ އަސާސީ  ޚިދުމަތްދޭ ދައުލަތުގެ އިދާރާއެއްނޫނެވެ. އެހެންކަމުން ބޭންކުގެ ނިންމުންނިންމާނީ، ވިޔަފާރި މަސްލަހަތާއި، ބޭންކުގެ ކަސްޓަމަރުންގެ މަސްލަހަތައް ބަލާފައެވެ. 

އެމްއެމް އޭ އަކީ، ގައުމުގެ ސެންޓްރަލް ބޭންކެވެ. އެއީ އަކީ ބޭންކުގެ އެތެރޭގެ ނިންމުތައް ބަދަލުކޮށް، ބޭންކުހިންގުމަށް އަތްބޭނުންމަށްވުރެ، ރެގިއުލޭޓަރީ ބޮޑީއެކެވެ. ބޭންކުތަކުގެ އެތެރޭގެ ނިންމުންތަކަށް ސެންޓްރަލް ބޭންކުން ވަނުމުން، ބޭންކުގެ ކަސްޓަމަރުންގެ އިތުބާރު ގެއްލޭނެއެވެ. މަށަށް ކުރާއިތުބާރަކުން މަގޭ ބޮޑުތިޖޫރީގަ ލާރި ބަހައްޓާމީހާއަށް، އަދި އިތުރުމީހެއްގެ އަތުގައި އެތިޖޫރީގެ ތަޅުދަނޑިއޮތްކަންއެނގުމުން ހިތަށް އުނދަގޫވާނެއެވެ. އެމްއެމްއޭގެ އެންގެވުމަށް ބަދަލުކުރީކަމަށް ބޭންކުން ބުނުމުން އެކަން ބަލައިގަންނަންދަތިވީ އެހެންވެއެވެ. ބޭންކުގެނިންމުން ބަދަލުކުރެއްވީ، ކެބިނެޓާއި ރައީސް ގެ މަސައްކަތްޕުޅުންކަމަށް އަޑުވިމުން އަމުދުން މަގޭ ބޮޑުތިޖޫރީގެ ތަޅުދަޑިތައް އެތަންމިތާހުރީތާއެވެ.


ޔަގީން ކަށަވަރު އެއްކަމެއް އެބައޮތެވެ. 25 ވަނަ ދުވަހު ބޭންކުން އެޅި ފިޔަވަޅަކުން، އެފިޔަވަޅު ބާތިލުުކުރުމަކުން،  އަދި އޭގެ ފަހުން އިސް ބޭބޭފުޅުންގެ ބަސްމަގަކުން ނުވަތަ ބޭންކާއިމެދު ކުރި ތުހުމަތަކުން، އާދެ މިއިން އެއްވެސް ކަމަކުން، ރާއްޖޭގެ ޑޮލަރުގެ ތާށިކަމަށް ތަސައްލީއެއްނުލިބެއެވެ. ބޭންކަށް ވަންނަ ޑޮލަރު އިތުރު ނުވެއެވެ. އެހެން ނަމަވެސް އެފިޔަވަޅު ދެމެހެއްޓިނަމަ، ބެންކުން ބޭރުވާ ޑޮލަރު މަދުވެ، ބެންކުގެ ތާށިކަންފިލާނެއެވެ. 



ދެންއޮތީ ހަގީގީ މައްސަލަ ހޯދުމުގެ ވާހަކައެވެ. 

ޑޮލަރު ވަންނަމިންވަރު އިތުރުކުރުމަށް ގާނޫނީ ބަދަލު ގެނައުމުގެ ވާހަކައެވެ. ކުރަންޖެހޭ މުހިއްމު ކަމެކެވެ. އެއްވެސް ވެރިއަކަށް، ބޮޑުމަހުޖަނުންގެ ކުނިމޫނާހުރެ ކުރަން ނުކެރުނުކަމެކެވެ. ކުރެވިއްޖެ ނަމަ މުޅިގައުމަށް ބޮޑުމަންފާކުރާނެކަމެކެވެ. އެކަމަކުތޯއެވެ؟ ދެން މާދަމާ ވިޔަފާރިވެރިންގާތު ބުނާނީ، މިއަދު ކަމުނުގޮސްގެން، ސިޔާސީ ކަންތަކަށްވަންނާތި އިތުބާރު ނުކުރެވިގެން އުޅޭ ބޭންކުގައި ފައިސާ ބަހައްޓަންތޯއެވެ؟ ގައުމުގެ އެންމެ އުހުން، ބޮޑު ބިޔަ ޖަރީމާއެއް ހިންގަންއުޅުނުކަމަށް ތުހުމަތުކުރާ ތަނަކަށް، މާދަމާ ފައިސާ ރައްކާކުރަންދާށޭ ބުނުމުން، އެމީހުންގެ ފައިސާވައްދަން އެވެރިން ރުހޭނެބާއެވެ. އަނެއްކާ މިކަތިލެވުނީ ރަންބިސްއަޅާ އަސްދޫނި ނޫންބާއެވެ؟


ވީކަމެއް ނުވާކަމަކަށް ނުވާނެއެވެ. ކުރިންވެެސް ރައްޔިތުންގެ އެތަކެއް ނުތަނަވަސްކަމުގެ އުދާސްކަމާއި ދިލަކަން ތަހައްމަލު ކުރަމުންއައި ގައުމީ ބޭންކު، މިއަދު މިވަނީ ޖެހުނު ޖަޒުބާތެއްގެ ހޫނުދިލައިން ފިހިފައެވެ. އެހެނަސް އެއީ އަދިވެސް ދިވެހިންގެ ގައުމީ ބޭންކެވެ. އެތައް ހާސްރައްޔިތުންގެ ބޭންކެވެ. އަވަހަށް އަނގުރަށް ފެންޖަހާ ނިއްވާލަންވިއެވެ. ފެނަކަށް ވަނީ ޑޮލަރުކަމަށްވާއިރު، ކަތިލެވުނު އަސްދޫނީގައި އިތުރަށް ކުޅިހަވާދުލާ އަނިޔާކުރުމުގެ ބަދަލުގައި ފެންހޯދޭނެގޮތް ބަލަންވީއެވެ. ހަގީގީ ހައްލަކީއެއެވެ. މައްސަލައިގެ ހައްލަކީ ބޭންކަށް އިނގިލި ދިއްކުރުމެއްނޫނެވެ. ޑޮލަރު ލިބޭނެހެން ޤާނޫނުތަކަށް ބަދަލުގެނައުމެވެ. ކަޅުބާޒާރު ހުއްޓުވަން ފިޔަވަޅު އެޅުމެވެ. މިކަންކަން ކުރާނީ ގައުމީ ބެންކަކުންނޫނެވެ. މިކަންކަން ފަހިވާނީ، ސެންތްރަލް ބޭންކް އެމްއެމްއޭ އާއި ގާނޫނާއި ގަވާއިދު ހެދުމުގެ ބާރު އޮތް ފަރާތްތަކަށެވެ. 

ފަހަރުގައި އަސްދޫނި މަރުން ސަލާމަތް ވެދާނެއެވެ. އެހެނަސް ލަކުނު ފިލާނުދާނެތާއެވެ. ގެއްލުނު އަބުރެއް އަލަކުން ނުލިބޭނެތާއެވެ.