![]() |
މީޒޮން ޕްލާސް- ކައްކަން ފެށުމުގެ ކުރިން، ކައްކަންބޭނުންވާ ހުރިހާ ސާމާނެއް ހުންނަޖެހޭ ތަނެއްގަ ބަހައްޓާ ތަރުތީބުކުރުން |
ފަރަންސޭސިން ބުނެމިދެނީ ވަރަށް ބޭނުންތެރިކަމެއްގެ ވާހަކައެކެވެ. ކޮންމެ އެއްޗެއްވެސް އޭގެހައްގު މަގާމަށް ރުޖޫއަވާންޖެހޭނެއެވެ. އެހެން ނުވެއްޖެނަަމަ، އެކުރެވެނީ ފަރުވާކުޑައެވެ. ނުވަތަ އިހުމާލެވެ. އެހެންޏާ އަނިޔާއެވެ. ނުހަނު ލޯބިވާ އުސްތާޒެކެވެ. ޝައިޚް އިބްރާހިމް ރުޝްދީއެވެ. އާދެ ރުޝްދީ ސާރ އާއެކު މަސައްކަތްކުރިދުވަސްތަކުގައި، ވަރަށް ގިނައިން އެސްމްބްލީގަ ވިދާޅުވާއަޑުއަހަމެވެ. "އަނިޔާއަކީ، އެއްޗެއް އޭގެ ހައްގު މަގާމުނޫން ކޮންމެ ތަނެއްގައި ބޭއްވުމެވެ." ހިތައް އެރިއެވެ. އެއީ ވާތެދެކެވެ. ކައްކަން ފަށާފަހުން ފޮނިތޮށިކޮޅެއްނެތްކަން އެނގޭވަގުތު ހިތައްލިބޭނީ ކުޑަވަރެއްގެ ވޭނެކެވެ. އަަނިޔާއެކެވެ.
މިފަދަ ކޮންމެ ކަމަކީ، ވަށައިގެން އެނބުރި ބަލާލުމުން ގިނަނަސޭހަތާއި އިރުޝާދު ލިބޭނެ ކަމެކެވެ. ވިސްނާ ފިކުރުކުރާނަމައެވެ.
ދަރިފުޅު ކުޅޭސާމާނުމުޅިގޭތެރެއަށް އުކާލާފައި ހުރުމުން، އެއިން އެއްޗަކަށް ފައިންއެރި ހަލާކުވުމުން އެކުއްޖާއަށް ލިބެނީ ހިތްދަތިކަމެވެ. އަމުދުން ލެގޯ އަކަށް ބޮޑުމީހަކު އެރުމުން އެއަންނަ ބަރުގޮނަކީވެސް އަނިޔާއެއްގެ އަސަރެއްތާއެވެ. ވީއިރު، ކުޑަކުދިންނަށް، މީޒޮން ޕްލާސް ގެއުސޫލަށް އުޅެންދަސްކޮށްލެވުމުން މާއަމާންވާނެތާއެވެ. ކޮންމެ އެއްޗެއްވެސް އޭގެ މަގާމަށް ރުޖޫއަވާންޖެހޭނެއެވެ. ކުޅެނިމުމުން ކުޅޭތަކެތި ހުންނާންވާގޮތަށް އަލުން ތަރުތީބުކުރުމެވެ.
މިއަކީ ކުދިންނަށް އެކަނިއޮތްކަމެއް ނޫނެވެ. ޖަލްސާގެ ކުރީ ސަފުގައި ނުވަތަ ފަހަތުގައިވިޔަސް، ހުރެގެން ކުރެވޭހާކަމަކީ، ފޯނު ކޮއްޓާލުންކަމަށްވާނަމަ، ޔަގީނުންވެސް މީހާގެ ސަމާލުކަން އެއޮތީ އޮންނަންވާތާކުނޫނެވެ. ކުރިމަތިން ތަމްސީލުވަމުންދާކަންކަން ދޫކޮށް، ފޯނަށް ހުސްވުމަކީ، ދައުވަތު ދިންބަޔަކަށް ގަދަރުކުޑަކޮށްލުންތާއެވެ. އަދި އޭނަގެ ނަފުސާއި މަގާމުގެ ހައިސިއްތައްވެސް ކުރެވޭ ކުޑައިމީސްކަމެވެ. އަދި އެއަކީ ތަރުތީބުމަގުން ހިނގާމީހަކު ކަންކުރާނެ އުސޫލެއް ނޫނެވެ. ހަމަޖެހޭ، ރީތިގޮތެއްވެސް ނޫނެވެ. މީޒޮން ޕްލާސް ގެއުސޫލަށް އުޅެންދަސްކޮށްލެވުމުން މާއަމާންވާނެތާއެވެ. ކޮންމެ އެއްޗެއްވެސް އޭގެ މަގާމަށް ރުޖޫއަވާންޖެހޭނެއެވެ. ފޯނުކުޅޭނީ އެހެން ވަގުތަކުއެވެ. ޖަލްސާއަށް ދާންވާނީ އެކަމަށް ތައްޔާރުވެގެނެވެ.
އެހެން ނަޒަރެކެވެ. ގައުމެއްގައި ކުރެވޭ އެންމެ މުހިއްމު އެއް ބަހުސަކީ އެގައުމެއްގެ ގާނޫނު ހަދާ މަޖިލިސްގައި ކުރެވޭ ބަހުސެވެ. ސަބަބަކީ އެއީ އެކަމުން މުޅިގައުމާއި ގައުމުގެ ރައްޔިތުންނަށް އަސަރުކުރާނެކަމަކަށްވާތީއެވެ. ވަރަށްގިނަ ފަހަރު ހިތަށްއަރައެވެ. އެއީ މީހުންނަށް ބަވާ، މީހުންގެ އަބުރާއި ކަރާމާތްކުޑަކުރުމުގެ މުބާރާތްހިނގާތަނެއްބާވައެވެ. ނުވަތަ ތައުރީފުކުރުމާއި ހުޝާމަދު ކުރުމުގައި ހައްދެއް، މިންވަރެއްވެސް ނެތް މަންސައަކީތޯއެވެ. މިވަނީ ކީއްތޯއެވެ. އެއްކަލަ މީޒޮން ޕްލާސް ގެއުސޫލަށް އުޅެންދަސްކޮށްލެވިފައިނެތުމުން، ކޮންމެވެސް ފަތިވަރެއް އަމުނާލެވެނީއެވެ. އިލްމީ ބަހުސަކަށް ތައްޔާރުވެ، ފިޔާ، ލޮނުމިރުސް، ހިކނަދި ރާނބާފަތް އެއްތަންނުކޮށް ކައްކަން ފަށަނީއެވެ. ސިޔާސީ ބެވުމާއި ހުށާމަދު ކުރުން ސިޔާސީ ޖަގަހަތަކަށް ގެންގޮސް އަތުރާލަންވީއެވެ. ގާނޫނު ހަދާ މަޖިލިސްގައި ކުރަންވީ ގޭގައި ހޯމްވޯކް ހަދައިގެން ރިސާރޗްކޮށްގެން ކުރިމަތީ އޮތް ބިލަށް ލޯހުޅުވިހުރެކުރާ އިލްމީ ބަހުސެކެވެ.
![]() |
ފެށުމުގެ ކުރިން ތަކެއްޗާއި މީހާ އަދި ސިކުންޑި ތައްޔާރުވެލުމުން ފަސޭހަވެ ނަތީޖާނެރެވޭ |
މިގޮތަށް ކިތައްމެ ކަމެއްވެސް ކިޔާލެވިދާނެއެވެ. ރާއްޖޭގައި އެކި ދުވަސްވަރު ހިންގާ ކިތަައްމެ މަޝްރޫއެއްވެސް ބިންގާއަޅާ، އަތްޖަހާ އުފާ ފާޅުކޮށްނިމޭފަހުން، އަދި ފައިސާ ހަމަނުޖެހޭކަން ރޭކާލަނީ، އެއްކަލަ ހަވާދު ކުރިން އަތްގާތްނުކުރާތީއެެވެ. ކަންތައްތައް ކުރަންވާނީ ތަރުތީބުންނެވެ. އުޅުންތެރިންގެ ގޮތަކީ އެއީއެވެ. މިފާޑުގެ ކުދި ކުދި ކަންތަކާއިމެދު ވިސްނާ ފިކުރުކޮށް ތިމަތިމާ އަމިއްލަ ނަފުސުން އިސްލާހުގެ މަގަށް ދަތުރު ފަށައިފިނަމަ، މާގިނަ ދުވަސްތަކެއް ނުވެ ހާލަތު ބަދަލުވެދާނެއެވެ. އިސްލާހަކީ އަދި މުޖުތަމައެއްގެ ހަމައާއި ތަރުތީބަކީ، ގަދަކަމުން އަންނަ އެއްޗެއްނޫނެވެ. އެކަންވާނީ، އަމިއްލަ ނަފުސުން، ގޭތެރެއިން ފެށުމުންނެވެ. އޭރުން މިދެންނެވި މީޒޮން ޕްލާސް ގެއުސޫލަށް އުޅެންދަސްކޮށްލެވި، ހައްޓަށާއި ދެންތިބި ބަޔަކަށްވެސް ބޮލަށްފަސޭހަވާނެއެވެ.
ފޮޓޯ:
https://steemit.com/life/@honeydue/organized-vs-disorganized-the-sad-case-of-underachievers
https://chefscornerstore.com/blog/3-reasons-to-embrace-mise-en-place/